އުރުގުއޭގެ ލުއިޒް ސުއަރޭޒް (ކ)، 2010ގެ ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގައި ގާނާއިން ޖެހި ބޯޅަ ގޯލަށް ވަންނަނިކޮށް އަތުން ޖަހާ ބޭރުކޮށްލަނީ

އުރުގުއޭއާ ދެކޮޅަށް މިރޭ ގާނާ، ބަދަލު ހިފުމުގެ މެޗެއް

ގާނާ މޮޅުވާނެ ލަނޑު އަތުން ޖަހާ ލުއިޒް ސުއަރޭޒް މަތަކުރިކުރުން ގާނާގެ ފުޓްބޯޅަ ސަޕޯޓަރުންގެ ހިތުން އަދިވެސް ފިލައިގެން ނުދޭ
2 ޑިސެމްބަރު 2022

ސައުތު އެފްރިކާގައި 2010ގައި އޮތް ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ގާނާއިން ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވާ އުރުގުއޭގެ ލުއިޒް ސުއަރޭޒް އަތުން ޖަހާ ބޭރުކުރި އެވެ. ރަތް ކާޑާ އެކު އޭނާ ދަނޑުން ބޭލި އެވެ.

ގާނާގެ އަސަމޮއާ ޖިޔާން ޖެހި ޕެނެލްޓީ މަތަވީ ދަނޑީގައި ޖެހިފަ އެވެ. އެހާ ހިސާބުން މެޗު ނިމި، ޕެނެލްޓީއާ ހަމައަށް ދިޔަ އެވެ. އަދި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދާނެ އެފްރިކާގެ ފުރަތަމަ ގައުމަށް ގާނާ ވުމުގެ ބަދަލުގައި، ޕެނެލްޓީ ޖަހައިގެން މޮޅުވެ ސެމީ ފައިނަލުން ޖާގަ ހޯދީ އުރުގުއޭ އެވެ.

އެ ކާމިޔާބު ސުއަރޭޒް ފާހަގަކުރި ގޮތް ގާނާ ރައްޔިތުންގެ ހިތުން ފިލައިގެންނެއް ނުދެ އެވެ.

އޭގެ 12 އަހަރު ފަހުން މިރޭ އުރުގުއޭއާ ދެކޮޅަށް ގާނާ ނުކުންނާނެ އެވެ. އަދި ސުއަރޭޒް ވެސް އުރުގުއޭ ޓީމުގައި ހިމެނެ އެވެ.

އިއްޔެ ގާނާގެ ނޫސްވެރިޔަކު އޭނާއާ ކުރި އެއް ސުވާލަކީ، އެ ދުވަހު އޭނާ އެ ކުރި އަމަލާ މެދު ގާނާގެ ކިބައިން މައާފަށް ނޭދޭނެތޯ އެވެ.

ސުއަރޭޒް ބުނީ މައާފަށް އެދެން ބޭނުން ނުވާ ކަމަށެވެ.

"އަހަރެން މައާފަށް އެދުނީސް ކުޅުންތެރިޔަކަށް އަނިޔާވި ނަމަ. ބޯޅާގައި އަތް ޖެއްސުމުން އަހަންނަށް ރަތް ކާޑެއް ދެއްކި،" ސުއަރޭޒް ބުންޏެވެ.

"ގާނާގެ ކުޅުންތެރިޔަކު ޕެނެލްޓީ ނަގާލީ، އަހަންނެއް ނޫން." 

ގަތަރުގެ ވޯލްޑް ކަޕްގައި ގާނާއަށް ސަޕޯޓްކުރަން ގޮސް ތިބި ސަޕޯޓަރުން: ސުއަރޭޒްއަކީ އެ މީހުން އެންމެ ނަފުރަތު ކުރާ ކުޅުންތެރިޔާ (ފޮޓޯ/ އޭއެފްޕީ)

ގްރޫޕް އެޗު މިހާރު އޮތް ގޮތް

  • 1-

    ޕޯޗުގަލް، ކުޅުނު 2 ފައިދާ ގޯލް 3، ޕޮއިންޓް 6

  • 2-

    ގާނާ، ކުޅުނު 2، ފައިދާ ގޯލް 0، ޕޮއިންޓް 3

  • 3-

    ސައުތު ކޮރެޔާ، ކުޅުނު 2، ގެއްލުން ގޯލް 1، ޕޮއިންޓް 1

  • 4-

    އުރުގުއޭ، ކުޅުނު 2، ގެއްލުން ގޯލް 2، ޕޮއިންޓް 1

ޖިޔާން ވަނީ ކުޅުން ހުއްޓާލައިފަ އެވެ. އެކަމަކު އޭނާ ގަބޫލުކުރާ ގޮތުގައި މިރޭ ގާނާއަށް އޮތީ އުރުގުއޭގެ ކިބައިން ބަދަލުހިފުމެވެ.

"މުޅި ދުނިޔެއަށް ފެންނާނެ ކަން ވީ ގޮތް. އެއީ މާޒީއެއް، އެކަމަކު އިންސާނަކަށް ވާތީ އަހަރެންގެ ސިކުނޑީގައި އަބަދުވެސް އެކަން އޮވޭ،" ޖިޔާން ބުންޏެވެ.

"ގުރުލުމާ އެކު އުރުގުއޭ ވެސް ގާނާ އޮތް ގްރޫޕަށް ދިއުމުން، ކޮންމެ މީހަކަށް ވެސް ފުރަތަމަ ވިސްނޭނީ ބަދަލުހިފުމެކޭ އެއީ. ގާނާ ބޭނުންވޭ ބަދަލުހިފަން. އެއީ ހިތްވަރެއް ވެސް މެ."

އޭނާ ބުނާ ގޮތުގައި މިރޭ އޮންނާނީ "ބަދަލުހިފުން، ބަދަލުހިފުން، ބަދަލުހިފުމެ"ވެ.

އޭނާގެ ޕެނެލްޓީ ނާކާމިޔާބުވި ވަގުތު ބެންޗުގައި އިނދެ ސުއަރޭޒް އުފާ ފާޅުކުރި ގޮތް ހަނދާނުން ފިލައިގެން ނުދަނީ ހަމައެކަނި ޖިޔާންގެއެއް ނޫނެވެ. މުޅި ގާނާގެ ރައްޔިތުންނެވެ.

ގާނާގެ ފުޓްބޯޅަ ސަޕޯޓަރުން އަދިވެސް އެންމެ ރުޅިއަންނަނީ ސުއަރޭޒް ދެކެ އެވެ. ގާނާގެ ކުޅިވަރު ނޫސްވެރިއެއް ކަމަށްވާ ޖޫލިއެޓް ބަވްއާ ބުނީ ލިވަޕޫލްއަށް ސުވަރޭޒް ކުޅުނު އިރު ވެސް އޭނާއަށް ނާކާމިޔާބީއެއްވާ ކޮންމެ ފަހަރަކު ގާނާގެ ސަޕޯޓަރުން އުފާކުރާ ކަމަށެވެ. އަނިޔާއެއް ވިޔަސް، ކާޑެއް ދެއްކިޔަސް، އެފްއޭއިން ފިޔަވަޅެއް އެޅިޔަސް، އެ މީހުން އުފާކުރާ ކަމަށް އޭނާ ބުންޏެވެ.

"އެއްވެސް މީހަކު ބޭނުމެއް ނުވޭ އޭނާގެ ނަން އަޑުއަހާކަށް،" ބަވްއާ ބުންޏެވެ.

މިރޭގެ މެޗުން އެއްވަރުވެގެން ވެސް ގަދަ 16އަށް ދިއުމުގެ ފުރުސަތު ގާނާއަށް އެބަ އޮތެވެ. އުރުގުއޭއަށް ޖެހޭނީ މޮޅުވެ، އަދި ޕޯޗުގަލް އާއި ސައުތު ކޮރެޔާގެ މެޗުގެ ނަތީޖާ ނުކުންނަ ގޮތެއް ބަލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް