
ބެލްޖިއަމް ކޮޅަށް ކެނެޑާގެ އަލްފޮންސޯ ޑެވީސް ޖެހި ޕެނެލްޓީ ނުވަނުވުމުން އޭނާ ދެރަވެފައި
މޮޅުވީ ބެލްޖިއަމް، ކުޅުނީ ވޯލްޑް ކަޕަށް އާ ކެނެޑާ
ފީފާގެ ރޭންކިންގައި ދުނިޔޭގެ ދެ ވަނާގައި އޮތް ބެލްޖިއަމްއަށް ބައެއް ފަހަރަށް ބޯޅަ އަތުވާވަރު ވެސް ނުވި އެވެ. އެކަމަކު ކުރާނެ ކަމެއް ނެތެވެ. ކުޅުނީ ކެނެޑާ އެވެ. މޮޅުވީ ބެލްޖިއަމް އެވެ.
ފުޓްބޯޅައިގައި އޮންނާނީ މި ގޮތެވެ. ވޯލްޑް ކަޕްގެ ތާރީހުގައި ދެ ވަނަ ފަހަރަށް ވާދަކުރަން ނުކުތް ކެނެޑާއަށް ޔޫރަޕް ވެސް އަދި ދުނިޔެއަށް ބެލި ނަމަވެސް މޮޅު ބެލްޖިއަމް ކައިރީގައި ނުކުރެވުނު ކަމަކީ ގޯލަށް ބޯޅަ ވައްދާލުމެވެ. އެކަން 11 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީން ވެސް ކެނެޑާއަކަށް ނުވި އެވެ.
ރެއާލް މެޑްރިޑްގެ ވެސް ކީޕަރު ތިބައޫ ކޯޓުއާ އެ ޕެނެލްޓީ މަތަކުރުމުގެ އިތުރުން ކެނެޑާގެ ނުރައްކާތެރި އިތުރު ހަމަލާއެއް ވެސް ސަލާމަތްކުރި އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެލްޖިއަމް ލީޑު ނަގައި، 1-0ގައި މެޗު ނިންމި އެވެ. އެކަމަކު ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވެސް ގަބޫލުކުރަނީ ކެނެޑާ މޮޅު ކަމަށެވެ.
"ކެނެޑާ ކުޅުނު ގޮތަށް ބަލާ ނަމަ އަހަރެމެންނަށް ވުރެ ބޮޑު އެއްޗެއް އެމީހުންނަށް ހައްގު،" މެޗަށް ފަހު ވާހަކަ ދައްކަމުން މާޓިނޭޒް ބުންޏެވެ.
އޭނާ ބުނީ ބެލްޖިއަމުން އެއަށް ވުރެ ރަނގަޅަށް ކުޅެން ޖެހޭނެ ކަމަށެވެ. އަދި މުބާރާތް ކުރިއަށް ދާ ވަރަކަށް ކުޅުންތެރިން ރަނގަޅުވެ، ހުރިހާ ގޮތަކުން ވެސް ބޮޑުވާނެ ކަމަށް އޭނާ ބުންޏެވެ.
ސައުދީ އަރަބިއްޔާގެ އަތުން އާޖެންޓީނާ އަދި ޖަޕާން އަތުން ޖަރުމަނަށް ވީ ގޮތް ބެލްޖިއަމްއަށް ނުވީ ނަސީބު ރަނގަޅުކަމުންނެވެ. އެކަމަކު 1986ގެ ވޯލްޑް ކަޕަށް ފަހު އަލަށް މުބާރާތަށް ކޮލިފައިވި ކެނެޑާއަށް ވަރަށް ގިނަ ބައެއްގެ ލޯބި ލިބުނެވެ.
ގްރޫޕް އެފްގައި ދެން ހިމެނެނީ މޮރޮކޯ އާއި އެންމެ ފަހު ވޯލްޑް ކަޕްގެ ދެ ވަނަ ޓީމު ކްރޮއޭޝިއާ އެވެ. މި ދެ ޓީމު އިއްޔެ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.