އިއްޔެ ކޮމަންވެލްތު ގޭމްސްގެ އަންހެނުންގެ 100 މީޓަރު ރިލޭއިން ގައުމީ ރެކޯޑް ހެދި ޓީމު: (ވާތުން ކަނާތަށް) އައިޝަތު ހިމްނާ ހަސަން، މަރިޔަމް އަޅާ ހުސެއިން، އައިމިނަތު ލަޔާނާ މުހައްމަދު އަދި ރިފާ މުހައްމަދު
އަންހެން 100 މީޓަރު ރިލޭގައި ގައުމީ ރެކޯޑް އާކޮށްފި
އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ކުރިއަށް ދާ ކޮމަންވެލްތު ގޭމްސްގެ އަންހެނުންގެ 100 މީޓަރު ރިލޭގައި ރާއްޖޭގެ ގައުމީ ރެކޯޑް އިއްޔެ އާކޮށްފި އެވެ.
ހީޓް އެކެއްގައި ޖެމެއިކާގެ ޓީމު ވެސް ހިމެނޭ ގޮތަށް ދުވި ދިވެހި ޓީމު ރޭސް ނިންމީ 49.19 ސިކުންތުންނެވެ. ސާފް ގޭމްސްގައި 2019 ގައި އަންހެން ރިލޭ ޓީމު ދުވެ ރެކޯޑް ހެދީ 50.16 ސިކުންތުން ނިންމައިގެންނެވެ.
އާ ރެކޯޑް ހެދި ޓީމުގައި 2019ގެ ސާފް ގޭމްސްގައި ދުވި ތިން ދުވުންތެރިޔަކު ވެސް ހިމެނެ އެވެ. އެއީ ރާއްޖޭގައި މި ވަގުތު ހުރި ކުރު ދުވުންތަކުގެ އެންމެ ބާރު ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އާއި މަރިޔަމް އަޅާ ހުސެއިން އަދި ރިފާ މުހައްމަދެވެ. މި ތިން ދުވުންތެރިންނާ އެކު އިއްޔެ ދިވެހި ޓީމުގައި ހިމެނުނީ އައިމިނަތު ލަޔާނާ މުހައްމަދެވެ.
ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ހިމެނުނު ހީޓުން އެއް ވަނަ ހޯދި ޖެމެއިކާ ޓީމު ރޭސް ނިންމީ 43.66 ސިކުންތުންނެވެ. އިންޑިއާ ދެވަނަ ހޯދީ 44.45 ސިކުންތުން ނިންމައިގެންނެވެ. ރާއްޖެ ދިޔައީ ހަ ޓީމުގެ ތެރެއިން ފުލަށެވެ.
މިއަދު އޮތް ފައިނަލްގައި ރަން މެޑެލް ހޯދީ ނައިޖީރިޔާ އެވެ. ރިހި މެޑެލް އިންގްލެންޑް ކާމިޔާބު ކުރި ޖެމެއިކާ ނިންމާލީ ތިން ވަނާގައި، ލޯ މެޑެލްއަކުންނެވެ. އިންޑިއާ ޓީމު ވެސް ފައިނަލްގައި ދުވި އެވެ. އެކަމަކު ދިޔައީ ފަސް ވަނައަށެވެ.
މި މުބާރާތުގައި އެތުލެޓިކްސް އިން ހިމްނާ ވަނީ 100 މީޓަރުގެ 21 އަހަރު ވީ ރެކޯޑް މުގުރާލައިފަ އެވެ.
ރާއްޖޭގެ ކުރީގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު 2001ގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ހެދި 12.27 ސިކުންތުގެ ރެކޯޑް ހިމްނާ މުގުރާލީ 12.17 ސިކުންތުން ދުވެގެންނެވެ.
އިތުރަށް ކިޔާލަން