މިިދިއަ އަހަރުގެ ވޯލްޑް ޖޫނިއަ ޗެމްޕިއަންޝިޕްގެ ރޭސް ފެށުމުގެ ކުރިން ހިމްނާ ދުއާކުރަނީ: ބާމިންހަމްގައި އިއްޔެ އޭނާ 100 މީޓަރުގައި ގައުމީ ރެކޯޑް ހެދި

މަސައްކަތްކޮށްފިއްޔާ ވާނެ، ހިމްނާ ބުނެދިނީ އެކަން

100 މީޓަރު ދުވުމުގައި ޝަމްހާގެ 21 އަހަރުގެ ގައުމީ ރެކޯޑް އިއްޔެ ހިމްނާ ވަނީ މުގުރާލައިފައި
3 އޯގަސްޓު 2022

މިދިއަ ޑިސެމްބަރު މަހު 'ދައުރު'އަށް ދިން އިންޓަވިއުއެއްގައި، ޝަމްހާ އަހުމަދުގެ ޒަމާންވީ ގައުމީ ރެކޯޑް 100 މީޓަރުގައި މުގުރާލެވިދާނެތޯ އެހުމުން އައިޝަތު ހިމްނާ ހަސަން ފުރަތަމަ ބުނީ 'ވަރަށް އުނދަގޫވާނެ" ކަމަށެވެ. ނަމަވެސް ހަމަ އެ ނޭވާގައި އޭނާ ބުނެލި އެވެ: "މަސައްކަތްކޮށްފިއްޔާ ވާނެ."

އިއްޔެ އިނގިރޭސި ވިލާތުގެ ބާލިންހަމްގައި އޮތް ކޮމަންވެލްތު ގޭމްސްގެ އަންހެނުންގެ 100 މީޓަރު ހީޓުގައި 19 އަހަރުގެ ހިމްނާ ވަނީ ޝަމްހާގެ 21 އަހަރު ވީ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. އެއް ވަނަ ހީޓުގައި ދުވެ، އެންމެ ފުލަށް ދިޔަ ނަމަވެސް އޭނާގެ 12:17 ސިކުންތުގެ ވަގުތަކީ ޝަމްހާގެ 12:27 އަށް ވުރެ އަވަސްވުމެކެވެ.

މިއީ ދުވުމުގައި ރާއްޖޭގައި މިހާތަނަށް މުގުރާނުލެވި އޮތް ގައުމީ ތިން ރެކޯޑްގެ ތެރެއިން އެއް ރެކޯޑެވެ. ކުރީގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ ޝަމްހާ، ކެނެޑާގެ އެޑްމޮންޓަންގައި 2001ގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ހެދި ރެކޯޑާ ހަމައަށް ދާނެ އެހެން ދުވުންތެރިޔަކު އުފެދެން 21 އަހަރު ނެގި އިރު، ފިރިހެނުންގެ 800 މީޓަރުގައި ނަސީރު އިސްމާއިލް ހެދި ރެކޯޑަށް މިހާރު 23 އަހަރު ވަނީ އެވެ. އަދި ބަންގްލަދޭޝްގެ ޑާކާގައި 1993 ގައި އޮތް ސާފް ގޭމްސްގެ ފިރިހެނުންގެ 1500 މީޓަރުގައި ހުސެއިން ރިޔާޒު (ބޭބެ ރިޔާޒު) ހެދި 4:00 މިނިޓްގެ ރެކޯޑަށް، 30 އަހަރު ވާން ދާއިރު ވެސް އަދި މުގުރައެއް ނުލެވެ އެވެ.

ހިމްނާގެ ހާއްސަ ދުވުމަކީ 400 މީޓަރެވެ. އެކަމަކު އޭގެ އިތުރުން 200 މީޓަރާއި 100 މީޓަރުގައި ވެސް އޭނާ އަންނަނީ ދުވަމުންނެވެ. އެގޮތުން މިދިއަ އަހަރު އޮތް ގައުމީ މުބާރާތުގެ އެ ތިން އިވެންޓުން ވެސް ރަން މެޑެލް ހޯދީ ހިމްނާ އެވެ. އެ މުބާރާތުގައި އެ ތިން އިވެންޓުން މިދިއަ އަހަރު އޭނާ ދުވެފައި ވަނީ މުބާރާތުގެ ރެކޯޑް ވަގުތުތަކެއްގަ އެވެ.

ހިމްނާއަކީ ރާއްޖޭގެ ތާރީހުގައި މިނިޓަކަށް ވުރެ އަަވަހަށް 400 މީޓަރު ދުވި ފުރަތަމަ އަންހެން ދުވުންތެރިޔާ އެވެ.

މި ފަހަކަށް އައިސް ކުރު ދުވުންތަކުގައި އުފެދޭ ތަރިންގެ އަދަދު މަދެވެ. ފިރިހެނުންގެ ތެރެއިން ހަސަން ސާއިދު ވަނީ ބައިނަލްއަގުވާމީ އެތައް މެޑެއްޔެއް ކާމިޔާބުކޮށްފަ އެވެ. އެކަމަކު މިހާރު އޭނާގެ ދުވުމުގެ ސްޕީޑް ދަނީ ދަށަށެވެ. އެގޮތުން ކޮމަންވެލްތު ގޭމްސްގައި އިއްޔެ އޮތް ފިރިހެނުންގެ 100 މީޓަރު ހީޓުގައި ވާދަކުރި އަށް ދުވުންތެރިންގެ ތެރެއިން ފަސް ވަނައަށް ދިޔައީ 10:75 ސިކުންތުން ދުވެގެންނެވެ.

އިތުރަށް ކިޔާލަން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް