އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރެއްވުމަށް ފަހު ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު (ކ) އާއި ވެން އޫޑް ކުންފުނީގެ ޑިރެކްޓާ ޑްރެޖިން ކޮނީލިއަސް އެޑްރިއާން ޑި ބްރުއިން ސަލާމްކުރައްވަނީ (ފޮޓޯ/ޕްލޭނިން)

ތިމާވެށި

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު: އީއައިއޭ ހެދުމުގެ މާނައެއް ނެތް ކަމުގެ އިތުރު މިސާލެއް

އޮންނަ އުސޫލުގެ ތެރެއިން ތިމާވެށީގެ ހުއްދަ ލިބުމުގެ ކުރިން މަޝްރޫއުތައް ހިންގަން ސަރުކާރުން ނިންމާ

ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ގަލޮޅު ދަނޑުގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވި އެއް ކަމަކީ އެމަނިކުފާނުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ތިމާވެއްޓަށް ބަލައިގެން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ރާއްޖެއަށް އަޅުގަނޑުމެން ގެންނަ ތަރައްގީ ވެގެންދާނީ ތިމާވެއްޓާ އެއްކީލިކޮށް ގެންނަ ތަރައްގީއަކަށް،" ރައީސް ސޯލިހު އެ ދުވަހު ވިދާޅުވި އެވެ.

އާ ރައީސް އެ ވައުދު ވެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިންގަމުންދިޔަ މަޝްރޫއުތަކާ ދެކޮޅަށް، ރިޔާސީ ކެމްޕޭނުގައި ވެސް ވާހަކަ ދެއްކެވުމަށް ފަހު އެވެ. ޔާމީންގެ މަޝްރޫއުތަކަކީ މިހާރު ވެރިކަމުގައި އޮތް އޭރުގެ އިދިކޮޅުން ވަރަށް ބޮޑަށް ފާޑުކީ ކަމެކެވެ.

މި ސަރުކާރުގެ އިސް ވެރިން އިންތިިހާބުގެ ކެމްޕެއިން ތެރެއިން ތިމާވެށީގެ އެކްޓިވިސްޓުންނާއި ޖަމިއްޔާތަކާ ބައްދަލުކޮށް، ކަންކަން ބަދަލުވާނެ ކަމުގެ އިޝާރާތްތައް ވެސް ދިނެވެ. އެކަމަކު އެ މީހުން ބުނަނީ ތިން އަހަރު ފަހުން ޖެހުނީ އެއްތާކު ކަމަށެވެ. ތިމާވެއްޓާ "އެއްކީލިކޮށް" މަޝްރޫއުތައް ހިންގާނެ ކަމަށް ވައުދުވިޔަސް، ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އީއައިއޭ ރިޕޯޓުތަކުން އެނގެން އޮއްވާ ވެސް ބިން ހިއްކުން ފަދަ ބޮޑެތި މަޝްރޫއުތައް މި ސަރުކާރުން ވެސް ދަނީ ހިންގަމުންނެވެ.

އައްޑޫގައި ހިންގަން ސަރުކާރުން ރާވާފައިވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުން އެ އަތޮޅުގެ އެތެރެވަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުން އެނގެ އެވެ. އެހެންވެ، އެކަން ނުކުރަން ރާއްޖޭގެ ބޮޑު ހަ ޖަމިއްޔާއަކުން ވަނީ ގޮވާލައިފަ އެވެ.

އައްޑޫ ހިތަދޫ: އައްޑު އަތޮޅުގެ ބޮޑު ސަރަހައްދެއް ހިއްކަން ސަރުކާރުން މަސައްކަތް ހަވާލުކޮށްފައިވާ އިރު، އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ވަނީ މަޝްރޫއުން އަތޮޅުގެ އެތެރެވަރިއަށް ގެއްލުންވާނެ ކަމަށް

އެކަމަކު، ސަރުކާރުން ދެކޭ ގޮތުގައި މިއީ އައްޑޫގެ ތަރައްގީއަށް ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއެކެވެ. ސަރުކާރުން އިއްޔެ ވަނީ އެ މަޝްރޫއު ނެދަލެންޑްސްގެ ވެން އޫޑް ކުންފުންޏާ ހަވާލުކޮށްފަ އެވެ. މަޝްރޫއު ރާވައި، ހިންގަން ނިންމައި، ހަވާލުކުރި އިރު، އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހުއްދަ ދިނުމުގެ މަރުހަލާ ވެސް ނުނިމެ އެވެ.

ހުރިހާ ބާރެއް ސަރުކާރުގައި

ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ބަލަން އީއައިއޭ ހެދުމުގެ ބޭނުމަކީ ތިމާވެއްޓަށް ލިބޭނެ ބޮޑެތި ގެއްލުންތަކަށް އީޕީއޭއިން ބެލުމަށް ފަހު މަޝްރޫއުތައް ހިންގަން ހުއްދަ ދިނުމާއި ނުދިނުމާ މެދު ގޮތެއް ނިންމުމެވެ.

އީއައިއޭ ރިޕޯޓު ހަދަނީ މަޝްރޫއެއް ހިންގަން ފެށުމުގެ ކުރިން، އެކަމުން ތިމާވެއްޓަށް އަސަރު ކުރާނެ ގޮތް ބަލަން އެ މަޝްރޫއެއް ހިންގާ މިނިސްޓްރީއަކުން ތިންވަނަ ފަރާތަކާ ހަވާލުކޮށްގެންނެވެ. އެ އީއައިއޭ ރިޕޯޓު އީޕީއޭއަށް ހުށަހެޅުމުން، އެ މަޝްރޫއުން ލިބޭނެ ގެއްލުންތަކުގެ ކުޑަބޮޑުމިން، މިނިވަން ބަޔަކާ ހަވާލުކޮށްގެން ބަލައި މަޝްރޫއު ހިންގަން ހުއްދަ ދޭނެތޯ ނުވަތަ ނޫންތޯ އީޕީއޭއިން ނިންމާނެ އެވެ. ގެއްލުން ކުޑަ ކުރަން ފިޔަވަޅުތައް އަޅައިގެން ވެސް މަޝްރޫއުތައް ހިންގަން އީޕީއޭއަށް ހުއްދަ ދެވިދާނެ އެވެ.

އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ. (ފޮޓޯ/ރައީސް އޮފީސް)

ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވާނެތީ މަޝްރޫއުތައް ހިންގަން ހުއްދަ ނުދޭން ވެސް އީޕީއޭއިން ނިންމާފައި އެބަ ހުއްޓެވެ. އެކަމަކު، މަޝްރޫއު ހިންގަން ބޭނުންވާ މިނިސްޓްރީން އީޕީއޭގެ ނިންމުން އިސްތިއުނާފު ކުރަން ޖެހެނީ އީޕީއޭ އެ މިނިސްޓަރެއްގެ ދަށުގައި އޮންނަ އެންވަޔަރްމެންޓް މިނިސްޓަރަށެވެ. ސަރުކާރުން ސަރުކާރުގައި އިސްތިއުނާފު ކުރަނީ އެވެ.

އެގޮތަށް އުސޫލު އޮންނާތީ ސަރުކާރުން ބޭނުން ނަމަ ކޮންމެ ފަދަ މަޝްރޫއެއް ވެސް ހިންގިދާނެ އެވެ. އެކަމުގެ ބޭނުން ހިފާފައި ވެސް އެބަ ހުއްޓެވެ. ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީ އެއާޕޯޓު އަޅަން ކުޅުދުއްފުށި ކުޅި ހިއްކަން އީޕީއޭއިން ހުއްދަ ނުދިނުމުން އެ ނިންމުން ބަދަލުކުރެއްވީ އޭރުގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ. އަދި މި ސަރުކާރުގައި، 2019 ވަނަ އަހަރު، މާފަރު އެއާޕޯޓު ދުނިޔޭގެ ފެންވަރުގެ މަތިންދާބޯޓު ޖެއްސޭ ވަރަށް ބޮޑު ކުރަން އީޕީއޭއިން ހުއްދަ ނުދިނުމުން އޭރުގެ އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެ ނިންމުން ބަދަލުކުރެއްވި އެވެ.

މިހާރު، ގާނޫނީ ގޮތުން ބަނދަވޭ އެއްބަސްވުމެއް ބޭރުގެ ކުންފުންޏަކާއެކު ހަދާފައިވާއިރު، ކުރިން ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރެއްވި މިހާރުގެ ވަޒީރު އާމިނަތު ޝައުނާ ވެސް ހުންނެވީ މަޝްރޫއަށް ހުރަސްއަޅުއްވާ ގޮތަކަށެއް ނޫނެވެ. އީޕީއޭއިން ގޮތެއް ނުނިންމަނީސް، ރައްޔިތުންގެ މަޖިލީހުގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން މި މަހު 7ގައި ޝައުނާ ވަނީ އެ މަޝްރޫއު ނުހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ. އައްޑޫގެ ތަރައްގީއަށް ހުރަހަކަށް ނުވާނެ ކަމަށާއި މަޝްރޫއު ހިންގާނީ ވީހާވެސް ގެއްލުން ކުޑަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އީއައިއޭ ހެދުމުގެ ކުރިން މަޝްރޫއު ހިންގަން ނިންމާފައި

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުން އެނގޭ ގޮތުގައި ބިން ހިއްކަން އައްޑު އަތޮޅުގެ އެތެރެވަރީގެ ބޮޑު ސަރަހައްދަކުން ވެލި ނެގުމުގެ ސަބަބުން އުފެދޭ ކިސަޑުގެ އަސަރު އެ ކުޑަ އަތޮޅުގެ އެތެރެވަރީގެ ދިރުންތަކަށް ވަރަށް ބޮޑަށް ކުރާނެ އެވެ. އައްޑު އަތޮޅުގެ ކަނޑުއޮޅިތައް މަދުވެފައި އޮއި ދައުރުވުން ކުޑަވުމަކީ ކިސަޑުގެ އަސަރު ބޮޑުވާނެ އެއް ސަބަބެވެ. އޭގެ ސަބަބުން އަޑީގެ ދިރުންތައް މަރުވެ، މާހައުލުތައް ނެތިދާނެ އެވެ.

އައްޑޫން ހިއްކަން ނިންމާފައިވާ ސަރަހައްދުތަކާއި ވެލި ނަގަން ހަމެޖެހިފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތައް (ދައުރު އިންފޮގްރެފިކްސް/ތުހުފާ އާތިފް)

މި މަޝްރޫއު ހުއްޓުވަން އައްޑޫ މީދޫ ކޯޓަށް އައްޑޫގެ އާންމު ރައްޔިތެއްގެ ފަރާތުން ހުށަހެޅި މައްސަލައިގައި ވަކާލާތު ކުރާ ގާނޫނީ ވަކީލު ހުސެއިން ރިޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި އޮންނަ އުސޫލުގެ ތެރެއިން އީޕީއޭއިން ހުއްދަ ނުދެނީސް މަޝްރޫއު ހިންގަން ބަޔަކާ ހަވާލު ކުރުމަކީ ބޮޑު ގޯހެކެވެ. މަޝްރޫއެއް ހިންގަން ފަށާއިރު، އެ މަޝްރޫއެއްގެ ތެރެއިން ކުރާނެ މަސައްކަތާއި އަޅާނެ ގެއްލުން ކުޑަކުރުމުގެ ފިޔަވަޅުތައް އެނގޭނީ އެ ރިޕޯޓުން ކަމަށްވާއިރު، އީއައިއޭ ހަދައި ހުއްދަ ނުލިބެނީސް، އެ މަސައްކަތް ކުރާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"އެ މީހުން (މަސައްކަތް ކުރާ ކުންފުނިން) މަސައްކަތުގެ ސްކޯޕް ފުރަތަމަ ކަނޑައަޅާނީ ކިހިނެއް؟ މަސައްކަތް ކުރަން ހަވާލު ކުރާނީ މަސައްކަތުގެ ސްކޯޕް ކަނޑައަޅާފައި. އެ ސްކޯޕް މުޅިން ވެސް ބިނާވެގެން އަންނާނީ އީއައިއޭ ރިޕޯޓަށް،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ ޑްރެޖަރު މަހާޖައްރާފު: ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް މި ޑްރެޖަރު ބޭނުން ކުރޭ (ފޮޓޯ/އެމްޓީސީސީ)

އީޕީއޭ މިނިވަން ކުރާނެ ކަމަށް ސަރުކާރުން ވައުދުވެ، މިއަދާ ހަމައަށް އެކަން ނުކޮށް އޮތްކަން ވެސް ރިޔާޒު ފާހަގަ ކުރެއްވި އެވެ. ސަރުކާރަށް ތިން އަހަރުވެފައިވާއިރު، އީޕީއޭ އަދިވެސް އޮތީ އެންވަޔަރްމެންޓް މިނިސްޓްރީގެ ބާރުގެ ދަށުގައި އޮންނަ އެޖެންސީއެއްގެ ގޮތަށެވެ. އެއްގޮތަކަށް ވެސް މިނިވަނެއް ނޫނެވެ.

އައްޑޫ މަރަދޫ މަތިން. (ދައުރު ފޮޓޯ/އަލީ ރަފީގް)

އީޕީއޭއަކީ މިނިވަން ތަނަކަށް ހަދާނެ ކަމަށް މި ސަރުކާރުގެ އިސް އޮފިޝަލުން އޭރު ބުނަމުން ދިޔައީ ކުރީގެ ސަރުކާރުން އަމަލުކުރި ގޮތް ގޯސް ކަމަށް ދެކިގެންނެވެ. އެކަމަކު، މި ސަރުކާރުން ވެސް އީޕީއޭ މިނިވަން ނުކޮށް، ހިންގަމުން ގެންދާ މަޝްރޫއުތަކުން ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ތިމާވެށީގެ އެކްޓިވިސްޓުން ބުނެ އެވެ. 

ބިން ހިއްކުމުގެ މަޝްރޫއުތަކަކީ އެ އިރެއްގައި ވެރިކަމުގައި ތިބޭ ބަޔަކަށް އާންމު ރައްޔިތުންގެ ތާއީދާއި ވޯޓު ހޯދަން ވަރަށް މުހިންމު ކަމެކެވެ. ޔާމީން މިދިޔަ ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގައި ބިން ހިއްކައިގެން ހިންގި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަޝްރޫއު އާއި ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓު ހެދުން ފަދަ މަޝްރޫއުތަކެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާ ދިމާކޮށް، މި ސަރުކާރުން ވެސް އެ ދާއިރާގައި ބިން ހިއްކުމުގެ ބިޔަ މަޝްރޫއެއް ފެށި އެވެ. އިންތިހާބު ކާމިޔާބު ކުރީ ސަރުކާރު ހިންގާ އެމްޑީޕީގެ ކެންޑިޑޭޓެވެ.

އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ލިބުމުގެ ކުރިން ވެސް ސަރުކާރުތަކުން އޮންނަނީ މަޝްރޫއުތައް ހިންގަން ނިންމާފައިކަން ރިޔާޒު ފާހަގަކުރެއްވި އެވެ. މަތިކޮމަންޑޫގެ ބިން ހިއްކުމާއި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ ފަހުގެ ދެ މިސާލެވެ. އެހެންވެ، ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ބަލަނީ ވެސް ކީއްކުރަންތޯ ރިޔާޒު ސުވާލު އުފެއްދެވި އެވެ.

"އެހެންވީމަ ހަގީގަތުގައި އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓެއް ހެދުމުގެ އެއްވެސް މާނައެއް ނެތް،" ރިޔާޒު ވިދާޅުވި އެވެ.

ކޮމެންޓް (1)

ޙަސަނާ

28 މާރިޗު 2022
ވެރިކަމަށް އައިމަ މި އެނގެނީ މީ އެހާ ފަސޭހަ ކަމެއް ނޫންކަން ވޯޓު ހޯދަންޏާ ލޯ މަރާފަ ބައެއް ކަންކަން ކުރަން ޖެހޭކަން. ޢިހުލާސްތެރިވެގެންނެއް ނޫނޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް