މަރިޔަމް ވަހީދާ: ދިވެހި އަންހެނުންނަށްޓަކައި ކުރީ ބޮޑެތި އުއްމީދުތަކެއް
މުހިންމު ނުކުތާތައް
އަދިވެސް އޮތް ހިތާމައަކީ އޭރުގެ އިސް އަންހެނުން ކުރި ބައެއް އުއްމީދުތައް ފުރިހަމަނުވުން
ރާއްޖޭގައި ވަރި ގިނަވުމަކީ 1980ގެ އަހަރުތަކުގައި ލަފާކުރެއްވި ގޮތާ މުޅިން ތަފާތުކޮށް ފެންނަ މަންޒަރެއް
އާމްދަނީ ލިބޭނެ ކޮންމެވެސް މަސައްކަތެއް ކޮންމެ އަންހެނަކު ވެސް ކުރަން އޭނާ ބާރު އަޅުއްވާ
މީގެ 40 އަހަރު ކުރިން ބައެއް އަންހެނުންނަށް ހީވެފައި އޮވެދާނެ އެވެ: ތައުލީމީ ޖީލަކާ އެކު ރާއްޖޭގައި ވަރި މަދުވާނެ އެވެ. އަންހެނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުން ސަލާމަތްވާނެ އެވެ. އާމްދަނީ ހޯދުމުގައި އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލެވޭނެ އެވެ.
އެކަމަކު ތައުލީމީ ޖީލަކާ އެކު ރާއްޖެ ކުރިއަށް ދާއިރު ވެސް، އޭރުގެ ހޭލުންތެރި ބައެއް އަންހެނުންގެ އެ އުއްމީދުތައް، ހާސިލެއް ނުވެ އެވެ. މިސާލަކަށް މިއަދު ވެސް ވަރިއަކީ ރާއްޖޭގެ އިޖުތިމާއީ އެންމެ ބޮޑު މައްސަލަ އެވެ. އަންހެނުންނަށް ހުރި ގޮންޖެހުންތައް ގިނަ އެވެ. އަނިޔާ ލިބުނަސް އެތައް އަންހެނުން ހިމޭނުންނެވެ. އެތައް މަޔަކު އެ އުޅެނީ ދައުލަތުން ދޭ އެއްޗަކާއި އެހެން މީހުން ދިއްކޮށްލާ އެހީތެރިކަމަށް ބަރޯސާވެގެންނެވެ.
މަރިޔަމް ވަހީދާއަށް އެއީ ބަލަން އުނދަގޫ އެކަމަކު ދިވެހިންގެ ފަރާތުން ފެންނަ ހަގީގަތްތަކެވެ. އަންހެނުންގެ ތަރައްގީ އާއި ހޭލުންތެރިކަމަށް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި އަންހެން ބޭފުޅުންގެ ތެރެއިން މަރިޔަމް ވަހީދާއަކީ އެކެކެވެ. އޭނާގެ ހިތްހެޔޮ ބަސްތަކާއި ލިއުންތަކުން އެތައް ބަޔަކަށް އާ ވިސްނުންތަކާއި ހޭލުންތެރިކަން ގެނެސްދިނެވެ.
ބޭނުންވާ ކުރިއެރުމެއް އަދިވެސް ނުލިބޭ
އޭރު ރާއްޖޭގައި ޖީސީއީ އޯ ލެވެލް ވެސް ނުހަދަ އެވެ. އިނގިރޭސި ތައުލީމެއް ނުފެށެ އެވެ. ސަރުކާރުގެ ހަރަދުގައި ފިރިހެން ކުދިން ސްރީ ލަންކާއަށް ފޮނުވައިގެން ކިޔަވައިދެ އެވެ. މަރިޔަމް ވަހީދާއަކީ އަމިއްލަ ގޮތުން ސްރީ ލަންކާއަށް ފޮނުވި ފުރަތަމަ އަންހެން ބޭފުޅުންގެ ތެރެއިން އެކެކެވެ. އޭރު އުމުރުން 10 އަހަރު ވެސް ނުވެ އެވެ.
އެފަހަރު އެ ފޮނުވި އަންހެން ބޭފުޅުންނަކީ ގައުމުން ބޭރުން ތައުލީމު ހާސިލްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ދިވެހި ފުރަތަމަ އަންހެނުންނެވެ. އެ ބޭފުޅުން ފާހަގަކުރެވުނީ ހޭލުންތެރިކަން ކުޑަ މުޖުތަމައުއަކަށް ޒަމާނީ ވިސްނުން ފަތުރާލުމުގެ އިސް ބޭފުޅުންގެ ގޮތުގަ އެވެ. އެއީ ހަރަކާތްތެރި ނަމޫނާ ދިވެހި އަންހެނުންނެވެ.
ލިބުނު ތައުލީމާއި ހިލްމެއްގެ ބޭނުމަކީ އެހެން މީހުންނަށް އޭގެ ފައިދާ ފޯރުކޮށްދިނުމެވެ. އަމިއްލަ ދިރިއުޅުމަށް ހިތްވަރު ހޯދުމެވެ. މާޔޫސްނުވެ ކުރިއަށް ދިއުމެވެ. މަރިޔަމް ވަހީދާގެ މާޒީގައި ފެންނާނީ އެ ސިފަތަކެވެ. އޭނާއަކީ ކުރިމަތިވާ ކަމަކުން ހިތް މަރުވެ، ފަހަތަށް ސޮއްސާލި ބޭފުޅެއް ނޫނެވެ.
"ތިމަންނާއަކީ އެކަނިވެރިއެކޭ، މިސާލަކަށް އަޅުގަނޑު ވެސް އެހެން ހިތަށްއަރާފައި އަޅުގަނޑު އެއްވެސް މަސައްކަތެއްނުކޮށް ހުރި ނަމަ ހަގީގަތުގައި އަޅުގަނޑަށް ވެސް [ދަރިން] ރަނގަޅަކަށް ނުބެލޭނެ ދެއްތޯ،" އަޅުގަނޑުގެ އެއް ސުވާލަށް ވަރަށް ތަފުސީލުކޮށް ޖަވާބު ދެއްވަމުން މަރިޔަމް ވިދާޅުވި އެވެ.
އޭނާގެ މި ވާހަކަ އައީ އަންހެނުން ބާރުވެރިކުރުވުމާއި އެހެން މީހުންނަށް ބަރޯސާވުން ކުޑަކުރުމުގެ މައުލޫއުގެ ތެރެއިންނެވެ. އޭގެ މާނައަކީ އެއްގޮތަކަށް ވެސް މީހަކަށް ބަރޯސާނުވެ އުޅުމެއް ނޫނެވެ. އެކަމަކު އަންހެނުން ވެސް ވަޒީފާ އަދާކުރެވޭ ނަމަ ނުވަތަ ކޮންމެވެސް ކަމެއް ކޮށްގެން އާމްދަނީއެއް ލިބެން އޮތް ނަމަ އެކަމަށް ފަސްނުޖެހި ކުރިމަތިލުމެވެ.
ދިވެހި އަންހެނުންގެ ހޭލުންތެރިކަމަށް އޭރު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ވެސް އާމްދަނީ ހޯދުމުގެ ބައި ހިމެނުނެވެ. ވަޒީފާ އަދާކުރުމަކީ ދަރިން ދޫކޮށްލުން ކަމަކަށް ނުބެލެވެ އެވެ. އެއީ އާއިލާގެ ކަންކަން ވެސް ފުރިހަމަކުރަމުން މާލީ ގޮތުން ކޮންމެވެސް މިނިވަންކަމެއް އަންހެނުން ހޯދުމެވެ.
މިއީ އޭރު ވެސް އެންމެ ބޮޑަށް ވާހަކަ ދެކެވުނު އެކަމަކު އަދިވެސް އެންމެންނަށް ހައްލެއް ފެންނަން ނެތް މައްސަލައެކެވެ. ނަތީޖާއަކީ މަތީ ތައުލީމު ހޯދި ނަމަވެސް ވަޒީފާއިން ވަކިވާ އަންހެނުން ގިނަވުމެވެ.
މަރިޔަމް ވިދާޅުވި ގޮތުގައި އޭގެ ސަބަބަކީ އަންހެނުންނަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ނުލިބުމެވެ. މިސާލަކަށް ފަސޭހައިން ކުދިން ބަލައިދޭނެ ނިޒާމެއް ނެތުމެވެ. މާލީ ތަނަވަސްކަން ކުޑަކަމުން ޑޭކެއާގެ ހިދުމަތް އެންމެންނަކަށް ނުހޯދެ އެވެ.
"ކޮންމެ ކޮލެޖެއްގައި ވެސް، ޔުނިވަސިޓީތަކުގައި ވެސް ކިޔަވާ އަންހެނުންގެ އަަދަދު ވަރަށް ގިނަވާނެ. ކިތައްމެ މައްޗަށް ކިޔެވި ކަމުގައި ވިޔަސް އަންހެނުންނަށް ވަޒީފާ އަދާކުރުމުގައި އެމީހުންނަށް ބޭނުންވާ އެހެން އެހީތެރިކަމުގެ ދާއިރާތައް އެއްވެސް ގޮތަކަށް ޑިވެލޮޕެއް ނުވޭ،" މަރިޔަމް ވިދާޅުވި އެވެ.
"އެހެންވީމާ ހަގީގަތުގައި އަންހެނުންގެ ތަރައްގީއަށް ލިބެންވާ ކުރިއެރުން އަދިވެސް އަންހެނުން ވެސް އުއްމީދުކުރާ ވަރަށް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ނުލިބޭ."
އޭނާ މިސާލެއް ދެއްކެވި އެވެ. ވެލާނާ އޮފީސް އިމާރާތް ހެދިއިރު އެތަނުގެ އެންމެ މަތީ ބުރި ހާއްސަކުރަން އޭރު ވާހަކަ ދެކެވުނީ އޮފީސްތަކުގައި އުޅޭ އަންހެނުންގެ ދަރިންގެ ކަންކަން ހަމަޖެއްސޭނެ ޑޭކެއާ ސެންޓަރަކަށެވެ. ނަމަވެސް ހުޅުވި އިރު އެތަނުގައި ހެދީ އޮފީހެކެވެ. ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ޑޭކެއާގެ ފަސޭހަ ހަމަޖައްސައިދިނުން ނުހިމެނެ އެވެ.
ބައެއް މީހުންގެ ވިސްނުން ގޯސް
މުވައްޒަފަކު ބަލިވެއިނުމަކީ ވެސް ތިމަންނަގެ އޮފީހުގެ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށް، ބައެއް މީހުންނަށް އަދިވެސް ވިސްނެ އެވެ. މަރިޔަމްގެ ވާހަކާގައި އޭނާ އެ މިސާލު ނެންގެވީ ފޭސްބުކް ޕޯސްޓަކަށް ނިސްބަތްކުރައްވަ އެވެ. އެ ޕޯސްޓްގައި އަންހެނަކު ވަނީ އޭނާއަށް ދިމާވި ކަމެއްގެ ވާހަކަ ހިއްސާކޮށްފަ އެވެ.
"ތިމަންނަ ބަނޑުބޮޑުވި ވާހަކަ ވެރިމީހާ ކައިރި ބުނީމޭ. ބުނީއްސުރެ ތިމަންނަގެ ދަށުގައި ހުރި ކުއްޖާއާ ހުރިހާ ކަމެއް ހަވާލުކުރަން ފަށައިފިއޭ،" މަރިޔަމް ވިދާޅުވި އެވެ.
އެގޮތަށް ކަންތައް ކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، މުވައްޒަފަކު ބަނޑުބޮޑުވުމަކީ ނުވަތަ ވިހެއުމަކީ އޮފީހަށް ނުވަތަ ކުންފުންޏަށް ހުރި ޑިސްއެޑްވާންޓޭޖެއް ކަމަށް ބައެއް މީހުންނަށް އަދިވެސް އިހުސާސްކުރެވޭތީ އެވެ.
"ވިޔަފާރިއެއް ކުރާ މީހެއް ނަމަ ހިތަށްއަރަނީ، ބަނޑުބޮޑުވި ވާހަކައޭ އެބުނީ، ދުވަސްކޮޅަކުން ވިހައިގެން ދާނިއްޔޭ، ތިމަންނަ ޖެހޭނޭ އެހެން މީހަކު ޓްރެއިންކުރަން. އެގޮތަށް ކަންނޭނގެ އެކަން އެވީ. އޭނާގެ ވިސްނުމުގައި ވަރަށް ރަނގަޅަށް ކަންތައްކުރީ. އެހެންނަމަވެސް ވަޒީފާގައި ހުރި މާބަނޑު އަންހެންމީހާ ދެރަވާނެ ދެއްތޯ އޭނާގެ މަސައްކަތް އެހެން މީހަކާ ހަވާލުކޮށްފައި މަސައްކަތެއް ނެތި އިންނަން ޖެހުނީމާ،" މަރިޔަމް ވިދާޅުވި އެވެ.
އެފަދަ ހާލަތެއްގައި ދެން އޮންނާނީ ފޫހިވެގެން ނުވަތަ ދެރަވެގެން ވަޒީފާއިން ވަކިވުމެވެ.
މަރިޔަމް ކަހަލަ އޭރުގެ ހިދުމަތްތެރިން ވިސްނީ އެފަދަ ކަންކަން މުޖުތަމައުން ނެތި، އަންހެނުންނަކީ ވެސް މަސައްކަތުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ފިރިހެނުން ވެސް ދެކޭނެ ކަމަށެވެ.
ރަނގަޅު ކަންކަން ވެސް ފެނެ އެވެ. މާލީ ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ހޯދަން ބަލާއިރު ކުރިއަށް ވުރެ ހިތްވަރު ގަދަ އަންހެނުންނެވެ. އެފަދަ އަންހެނުންނަށް ވަކި މަސައްކަތެއް މުހިންމެއް ނޫނެވެ. ލިބެން އޮތް ފުރުސަތެއްގެ ބޭނުން، ހިތްވަރާ އެކު ހިފަ އެވެ.
މަރިޔަމްގެ އާދައަކީ ފަތިސް ނަމާދަށް ފަހު ގެއިން ނުކުންނަވައި، ކަސްރަތެއްގައި އުޅުއްވުމެވެ. ފަތިހުގެ ހިތްފަސޭހަ ވަގުތު، އާ ދުވަހުގެ އާ އިރުގެ މަންޒަރުން އޭނާއަށް ފިނިކަން ލިބިވަޑައިގަނެ އެވެ. ހެނދު ހެނދުނާ މާލޭގެ މަގުތައް ސާފުކުރަން ނުކުމެ އުޅޭ ސިޓީ ކައުންސިލްގެ އަންހެން މުވައްޒަފުންނަކީ، އެ ހިނގުމުގެ ތެރޭގައި، އޭނާއަށް ވަރަށް މުހިންމު ބައެކެވެ. އެ މީހުންނާ ދިމާވާއިރަށް މަޑުކުރައްވައިގެން ވާހަކަ ދައްކަވަ އެވެ.
"އެމީހުން ހަމަ އުފަލާ އެކީގައޭ އެ މަސައްކަތްކުރަނީ،" މަރިޔަމް ވިދާޅުވި އެވެ.
އޭގެ ސަބަބުން އާމްދަނީއެއް ލިބެ އެވެ. އެއީ މީހެއް ކައިރީގައި އެއްޗެއް ދޭން ނުބުނެ ތިމާގެ އެކި ކަންކަން ހަމަޖައްސާލަން އޮތް ބާރެކެވެ. މަރިޔަމް ވިދާޅުވި ގޮތުގައި ރަނގަޅު ވަޒީފާއެއް ލިބިވަޑައިނުގެން ނަމަ މަގުމަތި ކުނިކަހައިގެން ނަމަވެސް އާމްދަނީއެއް ހޯއްދަވަން އޭނާ ޖެހިލުންވެވަޑައެއް ނުގަންނަވާނެ އެވެ.
އެކަމަކު ބައެއް އަންހެނުން ނުވަތަ އެކަނިވެރި ބައެއް މައިން ހަމައެކަނި ސަރުކާރުން ދޭ އެއްޗަކަށް ނުވަތަ މީހަކު ދޭ އެއްޗަކަށް ބަލަހައްޓައިގެން ތިބެ އެވެ. އެ ލިބޭ އެއްޗެއް ކުޑަވުމުގެ ޝަކުވާ ވެސް އޮވެ އެވެ. މަރިޔަމް ވިދާޅުވީ އެ ވިސްނުން ދޫކޮށްލައި، އާމްދަނީއެއް ލިބޭނެ މަސައްކަތެއް ގޭގައި ވެސް ކުރެވޭތޯ ބެލުން ރަނގަޅެވެ. އަންހެނުން ބާރުވެރިވުމަކީ އެއީ އެވެ.
ވަރި ގިނަވުން: ބަދަލެއް ނުފެނު މައްސަލައެއް
އަޅުގަނޑުގެ 'މޫސާ ލަތީފް' ޕޮޑްކޯސްޓަށް އެރުވި ދައުވަތުގައި ވަޑައިގަތުމުން މަރިޔަމް ވަހީދާއަށް ދެންނެވި އެއް ސުވާލަކީ 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގައި އޭނާ ކުރެއްވި އުއްމީދުތަކުގެ ތެރެއިން މިހާތަނަށް ހަގީގަތަކަށް ނުވި، އިޖުތިމާއީ މައްސަލައަކީ ކޮބައިތޯ އެވެ. ޖަވާބަކީ ވަރި އެވެ.
"[އޭރު] އަޅުގަނޑު އެންމެ ކަންބޮޑުވި ކަމަކީ ވަރި ގިނަކަން. އަޅުގަނޑު އުއްމީދުކުރީ... ތައުލީމީ ގޮތުން ރާއްޖެ ކުރިއަށް ދިޔަ ވަރަކަށް އެބައި ކުޑަވާނޭ،" މަރިޔަމް ވިދާޅުވި އެވެ.
"އެކަމަކު ތައުލީމީ ގޮތުން ކުރިއަށް ދިޔައިރު ވެސް ހައްތަހާ އެކަންތައް [ވަރީގެ ހާލަތު] ވީ ގޯސް."
ރާއްޖޭގައި އަހަރެއްގެ ތެރޭގައި ކުރާ ކައިވެންޏަށް ވުރެ، ބައެއް ފަހަރު، ވަރި ގިނަވެ އެވެ. ކިތައްމެ ބޮޑު، ރީތި ޕާޓީއެއް ބާއްވައިގެން ކައިވެނީގެ އުފާވެރިކަން ހާސިލްކުރިޔަސް ގިނަ ދެމަފިރިންނަށް އެ ދަތުރު ފުރިހަމައެއް ނުކުރެވެ އެވެ.
ރާއްޖޭގެ ހަގީގަތަށް ބަލާ ނަމަ އެއީ ތައުލީމާ ގުޅިފައި އޮތް މައްސަލައެއް ނޫނެވެ. އެއަށް ވުރެ ގިނަ ސަބަބުތައް ފަހަތުގައި އޮތް އިޖުތިމާއީ ދެރައެކެވެ. ބައެއް މީހުން ތިން ހަތަރު ކައިވެނި ވެސް ކުރެ އެވެ. އެކަނިވެރި މައިން ގިނަވެ، އާއިލާ ބަލަހައްޓަން އުނދަގޫވެ އެވެ.
މަރިޔަމް ވިދާޅުވި ގޮތުގައި ކޮންމެ ދެ މީހެއްގެ ކިބާގައި ވެސް ތަފާތު ހުންނާނެ އެވެ.
"ދެ އާއިލާއަކުން މުޅިން ތަފާތު ގޮތަކަށް ދިރިއުޅެމުން އައި ދެ މީހުން މި ކައިވެނިކުރަނީ. އެހެެންވީމާ ތަފާތު ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
އެ ތަފާތު ގަބޫލުކުރަން ގިނަ ދެމަފިރިންނަށް އުނދަގޫވަނީ އެވެ. ނުވަތަ އެކެއްގެ ފަރާތުން އަނެކަކު ބޭނުންވާ އެހީތެރިކަން ނުލިބެނީ އެވެ. ރާއްޖޭގައި ވަރީގެ މައްސަލަ އަބަދުވެސް އިޖުތިމާއީ ބޮޑު ބައްޔެއްގެ ގޮތުގައި ދެމިގެން ދާދިއުން ހުއްޓުވާނެ ގޮތެއް އަދިވެސް މި އުޅެނީ ނުފެނިގެންނެވެ.
ހިތްވަރަކީ އެންމެ މުހިންމު ސިފަ
މަރިޔަމް ވަހީދާއަކީ އޭނާ ދަންނަ ގިނަ މީހުންނަށް ވެސް ހިތްވަރެކެވެ. އޭނާ ނުދަންނަ މީހުންނަށް ވެސް އޭނާގެ އާދަތަކުން ނަމޫނާ ނެގިދާނެ އެވެ. އޭގެ ތެރެއިން ކަސްރަތަކީ އެއް އާދަ އެވެ. މީގެ ފަސް އަހަރު ކުރިން ޓީއެފްޖީގެ ދިގު ދިވުމުގައި މަރިޔަމް ވަނީ މެރެތަންއެއް ފުރިހަމަކުރައްވައިފަ އެވެ. އޭރު އުމުރުން 67 އަހަރެވެ. އެ އުމުރުގައި 41 ކިލޯމީޓަރުގެ ރާސްތާއެއް ކަނޑައްތުކުރި އެހެން ދިވެއްސަކު ނެތެވެ. އެއިން އެ ދައްކައިދެނީ ވެސް ހިތްވަރުގަދަކަމެވެ.
މިއަދުވެސް އޭނާގެ އެންމެ ހާއްސަ ސިފައަކީ ކަސްރަތެވެ. ފަސް ކުދިންގެ މަންމަ، ހަތަރު ކުދިންގެ މާމަގެ ނަމޫނާ އަނެއް ސިފައަކީ އަބަދުވެސް އާ ކަމެއް ދަސްކުރެއްވުމުގެ ޝައުގެވެ.
"އަޅުގަނޑުގެ ހެބިޓަކަށް ވީ ކޮންމެ ދުވަހަކު ވެސް ނޭނގޭ ކަމެއް ދަސްކުރުން. އެހެން މީހުން ޓިކްޓޮކްގައި ވެސް މި ބަލަނީ އެހެން އެއްޗެހިތާ. އަޅުގަނޑު މި ބަލަނީ ބޭސް ނުކައި ކުދިކުދި ބަލިތަކަށް ރަނގަޅުވާނެ ގޮތްތައް ހޯދަން،" މަރިޔަމް ވިދާޅުވި އެވެ.
"ނޫނީ ކަސްރަތުކުރީމާ ލިބޭ ގެއްލުމަކުން ރަނގަޅުވާނެ ގޮތް. އަބަދުވެސް ކޮންމެވެސް އާ ކަމެއް އެގޮތަށް ދަސްވީމާ ވާ ގޮތަކީ ކޫސަނިކަންކަމުން ދުރުހެލިވެވޭ."
ސަރުކާރަށް ހިދުމަތްކުރެއްވުމުގެ ދަތުރު އޭނާ ފެއްޓެވީ އަމީނިއްޔާގެ ޓީޗަރުކަމުންނެވެ. އޭގެ ފަހުން އެކި މިނިސްޓްރީތަކުގައި މަތީ މަގާމުތައް ފުރުއްވި އެވެ. ރިޓަޔަކުރައްވައިގެން މިހާރު ގޭގައި ހުންނަވާ އިރު އޭނާގެ ހިދުމަތްތައް ވާނީ އެހެން މީހުންނަށް ފިލާވަޅުތަކަކަަށެވެ. އޭރުގެ ތައުލީމީ ދިވެހި އަންހެނުންގެ ތެރެއިން އެއް ބޭފުޅަކަށް ވުމުން، އިޖުތިމާއީ އެތައް ކަމެއްގައި ވެެސް އަމަލީ ގޮތުން އުޅުއްވި އެވެ.
އެކަމަކު ދެކެން ބޭނުން ހުރިހާ ކަމެއް ނުވަތަ ހުރިހާ އުއްމީދުތަކެއް ހާސިލްވުމަކީ އެންމެންނަށް އޮތް ނަސީބެއް ނޫނެވެ. އެހެންކަމުން ދިވެހި އަންހެނުންގެ ހައްގުގައި އޭނާ ކުރެއްވި ބައެއް އުއްމީދުތައް އެ ހުރީ ފުރިހަމަނުވެ އެވެ. އޭނާގެ މައްސަލައަކުން ނޫނެވެ. ގައުމުގައި ހުރި ހުރަސްތަކަކާ ހެދި އެވެ.
ކޮމެންޓް (3)
ރޯނޭ
ޅަހުއްތު
ކޮސް