ސިނގިރޭޓޫން ނަގާ ޑިއުޓީ 3ރ. އިން 8ރ. އަށް ބޮޑުކުރަން މަޖިލީހަށް ވަނީ ހުށަހަޅާފައި (އަބްދުﷲ އަނޫފް ޖުނައިދް)
ދުންފަތުގެ އާ ޑިއުޓީއާ އެކު ނަތީޖާ ހާސިލްވެދާނެތަ؟
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިކުރަން ބާރު އެޅުމުގެ ގޮތުން ސިނގިރެޓާއި ބިޑިން ނަގާ ޓެކްސް ބޮޑުކޮށް، އެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމާ އިއްޔެ ވަނީ ދިރާސާއަށް މުޅި މަޖިލީހުގެ ކޮމެޓީއަށް ވެސް ފޮނުވައިފަ އެވެ.
އެ ބިލުގައިވާ ގޮތުން:
-
ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު 3ރ. އިން 8ރ.އަށް މަތިކުރުން؛ މިއާ އެކު ކޮންމެ ސިނގިރޭޓަކުން 5ރ. ބޮޑުވާނެ
-
ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ އެޑްވަލޮރަމް ރޭޓު %50 އިން %100އަށް މަތިކުރުން
-
މި ބަދަލާ އެކު މިހާރު ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބޭ އަގަށް ވުރެ 100ރ. ބޮޑުވާނެ؛ މިހާރު ފޮއްޓެއް ވިއްކަނީ 100ރ.އަށް ވުރެ ބޮޑު އަގެއްގައި
އޭގެ އިތުރުން ދުންފަތާއި އެއިން އުފައްދާ ތަކެތިން ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމަރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ނިންމަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވައިފަ އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލުގެ އިބްތިދާއީ ބަހުސްގައި ބައެއް މެންބަރުން، ހާއްސަކޮށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ، ޑިއުޓީ ބޮޑުކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރެވިދާނެތޯ ސުވާލު އުފައްދާފަ އެވެ. އާންމުންގެ ބައެއް މީހުން ވެސް އަންނަނީ މި ސުވާލު އުފައްދަމުންނެވެ.
ބައެއް މީހުން ސިނގިރޭޓް ވިއްކާ ފިހާރަތައް ކުރިމަތީ ކިއު ހަދާލައިގެން ތިބެ ގިނަ އަދަދުން ސިނގިރޭޓް ގަންނަން ވެސް ފަށައިފި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެހެނިހެން ގޮތްގޮތަށް ދުންފަތް ބޭނުންކުރުން ހުއްޓުވޭނީ މިވަރަށް އަގުބޮޑުކޮށްގެން ހެއްޔެވެ؟
އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު (ފިއްޓޭ) އެއްސެވީ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް މުދަލެއްގެ އަގުބޮޑުކޮށްގެން އެއިން ނެރެން އުޅޭ ނަތީޖާ މިހާތަނަށް ނެރެވިފައިވޭތޯ އެވެ.
"އަޅުގަނޑު މި މަޖިލީހުގައި މި ތަމްސީލުކުރި ކުރު މުއްދަތުގައި އިމްޕޯޓް ޑިއުޓީ ބޮޑުކުރާ ދެވަނަ ފަހަރު. އިއްޒަތްތެރި ރައީސް، ސީރިއަސް ނޯޓެއްގައި މިކަމާ ވިސްނާއިރުގައި އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން، މުދަލެއްގެ އަގުބޮޑުކޮށްގެން އޭގެން ނެރެން މިއުޅޭ ނަތީޖާ ނުކުމޭތޯ ނޫންތޯ މިއީ ވިސްނައިލަން ޖެހޭ ކަމެއް،" ޒިޔާދު ވިދާޅުވި އެވެ.
"ޑިއުޓީ ބޮޑުކޮށްގެން މިއަދާ ހަމައަށް ރާއްޖެ އައިއިރު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް މިހާތަނަށް ކުރެވެން ހުރި ކަންތައްތަކުގެ ނަތީޖާއަކީ ކޮބައިތޯ؟"
ދެން އޭނާ ފާހަގަކުރެއްވީ އެންމެ ފަހުން ސިނގިރޭޓުން ނަގާ ޑިއުޓީ 1.25 އިން 3 ރުފިޔާއަށް ބަދަލުކުރުމުން ވެސް ސިނގިރޭޓް ރާއްޖެ އެތެރެކުރާ މިންވަރު މަދުވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ނުދައްކާ ވާހަކަ އެވެ.
"އަޅުގަނޑަށް ފެންނަން އޮތީ ކަސްޓަމްސްގެ ހިސާބުތަކުންނާއި މިހެން ނެރޭ ހިސާބުތަކުން ފެންނަނީ އަގަށް ގެންނަ ބަދަލަކުން މިއަކަށް [ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދަށް] އަދި ބަދަލެއް ނާންނަކަން،" ޒިޔާދު ވިދާޅުވި އެވެ.
އެއަށް ރައްދު ދެއްވަމުން ޕީއެންސީގެ މެންބަރުން ވިދާޅުވީ މިހާރު ސިނގިރޭޓް ވިއްކާ އަގަށް ވުރެ ބޮޑުކުރުމުން ސިނގިރޭޓް ބޯ މީހުންގެ އަދަދު މަދުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެގޮތަށް ކަން ހިނގާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން ވިދާޅުވީ ދުންފަތުގެ އަގު ބޮޑުކޮށްގެން ދުންފަތް ބޭނުންކުރާ މީހުންގެ އަދަދު މަދުވާކަން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ހަދާފައިވާ ދިރާސާތަކުން ފެންނަން އެބަހުރި ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން، އޮސްޓްރޭލިއާގައި ދުންފަތުގެ އަގުބޮޑުކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް %20 އިން %11އަށް ކުޑަވިކަން އޭނާ ފާހަގަކުރެއްވި އެވެ.
"... ދިވެހިރާއްޖޭގެ ގިނަ މީހުންނަކީ ވެސް ލޯ އިންކަމް ނުވަތަ މިޑުލް އިންކަމް ލިބޭ މީހުން. އެހެންވީމަ މި ތައާރަފްކުރެވޭ ޓެކްސްއާ އެކު ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުކުރެވޭނެކަން ޔަގީން،" އަޒާން ވިދާޅުވި އެވެ.
އޭނާ ވަނީ އެހެން ބައެއް ގައުމުތަކުގައި ގާނޫނަށް އިސްލާހު ގެނެސްފައިވާ ގޮތަށް ރާއްޖެއަށް ވެސް ގެނެވިދާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ވަކި އަހަރެއްގެ ފަހުން އުފަންވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ނުގަނެވޭ ފަދަ ގާނޫނެއް ގެނެވިދާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އޭރުން ފަހުން އަންނަން އޮތް ޖީލުތައް ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިނގިރޭޓް އަގުބޮޑުކުރުމުން ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައްވާނެ ކަމަށް މިއަދުގެ ޖަލްސާގައި ވިދާޅުވެފަ އެވެ.
"އަޅުގަނޑަކީ ދުވާލަކު ދެ ފޮށި ސިނގިރޭޓު މިހާރު ވެސް ބޯމީހެއް. ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން، މާތްﷲގެ ތަނަވަސް ރަހުމަތާ އެކު ސިނގިރޭޓު ބުއިން ހުއްޓާލަން އަޅުގަނޑު ނިންމައިފިން،" އޭނާ ވިދާޅުވި އެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކި މީހަކު، ނަން ނުޖަހާ ގޮތަށް، ބުނީ ޑިއުޓީ ބޮޑުކުރަން ފާސްކޮށް އެއަށް އަމަލުކުރަން ފެށުމުން ސިނގިރޭޓް ބުއިން ހުއްޓާލާނެ ކަމަށެވެ.
"މިހާރު ދުވާލަކު 100 ރުފިޔާ ހަރަދުކުރާތީ އެއީ ބޮޑު ހޭދައެއް ކަމެއް އިހުސާސް ނުވިޔަސް 200 އަށް ވުރެ މައްޗަށް ސިނގިރޭޓު ފޮއްޓެއް އަރައިގެން ދިޔައިމަ އެތަން ފެންނާނެ، އެހާ ބޮޑު ހަރަދެއް މިކަމަށް ކުރާކަށް ބޭނުމެއް ނޫން،" އޭނާ ބުންޏެވެ.
"ސިނގިރޭޓު ބޯ މިންވަރު މަދުވެދާނެ"
އުމުރުން 16 އަހަރުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރަމުން އަންނަ މިހާރު އުމުރުން 35 އަހަރުގެ މީހަކު ބުނީ ސިނގިރޭޓުގެ އަގު ކިތަންމެ ބޮޑުވި ނަމަވެސް މިހާރު އެޔާ ނުލާ ނޫޅެވޭނެ ކަމަށެވެ.
"ސިނގިރޭޓް ބުއިން ހުއްޓައެއް ނުލެވޭނެ، އެކަމަކު މިހާރަށްވުރެ ބޯ މިންވަރު މަދުކުރަން މަސައްކަތް ކުރާނަން. އެހެން ކަންނޭނގެ ގިނަ މީހުން ހަދާނީ، އެކަމަކު ސިނގިރޭޓް މިހެން ބޯ މީހުން ހޯދާނެ އެހެން ގޮތެއް. މިސާލަކަށް އިތުރު މަސައްކަތެއް ކޮށްގެން އެކަމަށް ބޭނުންވާ ފައިސާ ހޯދަ ވެސް ފާނެ. ކުއްލިއަކަށް މިހެން ހުއްޓާލުމަކީ ފަސޭހަ ކަމެއް ނޫން،" އޭނާ ބުންޏެވެ.
އޭނާ ދެން ބުނީ ސިނގިރޭޓް ނުގަނެވޭ ނަމަ އޭގެ އަލްޓަނޭޓިވްއެއް ގިނަ މީހުން ހޯދާނެ ކަމަށެވެ. ސިނގިރޭޓުގެ ބަދަލުގައި ގިނަ މީހުން މީގެ ކުރިން ވޭޕް ބޭނުންކުރަން ފެށިކަން ފާހަގަކޮށް އޭނާ ބުނި ގޮތުގައި މިހާރު ވޭޕް މަނާކުުރުމުން ދެން ހުއްޓާލާނެ މީހުން ވެސް އުޅޭނެ އެވެ.
އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ކުރުމާއި އެ ކަމަށް ބޭނުންވާ ތަކެތި އެތެރެކުރުން މަނާކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ 15 ޑިސެމްބަރުން ފެށިގެން މަނާވާނެ އެވެ.
ބައެއް އާންމުން އަޒާން ދެއްކެވި ވާހައަށް ތާއީދުކުރެ އެވެ. އެކަކު ބުނީ ރާއްޖޭގައި ދިރިއުޅުން މިހާ އަގުބޮޑުވެފައިވާ ދުވަސްވަރެއްގައި ސިނގިރޭޓަށް ކުރާ ހޭދަ ބޮޑުކުރެވެން ނޯންނާނެ ކަމަށެވެ.
"އަސްލު މިވާނެ ހުއްޓާލަން ބޭނުންވާ މީހުންނަށް ރަނގަޅު ފުރުސަތަކަށް،" އޭނާ ބުންޏެވެ.
"އަގުބޮޑު ކުރިޔަސް ތަންފީޒު ނުކުރެވޭ ނަމަ ނަތީޖާއެއް ނުނެރެވޭނެ"
"ޓެކްސް ބޮޑު ކުރުމުގެ ސަބަބުން، ދުންފަތާ މީހުން ދުރަަށް ގެންދިއުމަށްޓަކައި އޭގެ ފަހުން ވެސް ކުރަން ޖެހޭ ކަންތައްތައް ވެސް ކުރުން ވަރަށް މުހިންމު،" ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރަން ތާއީދުކުރާކަން ހާމަކުރައްވަން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިއްޔެ ވިދާޅުވި އެވެ.
އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، ދުންފަތާ ބެހޭ ގާނޫނުގެ ދަށުން ސަރުކާރުގެ އިދާރާތަކަށް ލިބިދީފައިވާ ބާރުގައި ހަދާފައިވާ ގަވައިދުތައް ރަނގަޅަށް ތަންފީޒު ކުރުމެވެ.
އޭގެ އެއް މިސާލަކީ އާންމު ތަންތަނުގައި ސިނގިރޭޓު ބުއިން މަނާކުރި ކުރުމާއި ވަކި ސިނގިރޭޓް ވިއްކުން މަނާކުރި ކުރުމެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ކަނޑައަޅައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ 500 ރުފިޔާއިން ޖޫރިމަނާކުރަން ވެސް ނިންމި އެވެ. އެގޮތަށް ތަންތަނުގައި ބޯޑު ހަރުކޮށްފައި ވެސް ހުރެ އެވެ.
ނަމަވެސް އެކަން ތަންފީޒުވީ ކުޑަ ދުވަސްކޮޅަކަށެވެ. މިހާރު ކަންމަތީ ފިހާރަތަކާއި ހޮޓާތަކުން ވަކި ސިނގިރޭޓް ވެސް ވިއްކަ އެވެ. ސިނގިރޭޓް ބުއިން މަނާ ތަންތަނުގައި، އެންމެންނަށް ފެންނަ ގޮތަށް، އެކަން ވެސް ކުރެ އެވެ.
"މިގޮތަށް މި ގަވައިދުތައް ތަންފީޒުކޮށްގެން ނުދާ ނަމަ، ސިނގިރޭޓު އަދި އަގު ބޮޑުވުމަކުން މި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނާޒިމް ވިދާޅުވި އެވެ.
އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ މީގެ ކުރިން ދުނިޔޭގެ ބައެއް ގައުމުތަކުގައި ސިނގިރޭޓްގެ އަގު ބޮޑުކުރުމުން ބެލެކް މާކެޓުގައި ސިނގިރޭޓު ދައުރުވުން ގިނަވެ، އަގު ހެޔޮ ބާވަތްތައް ބާޒާރަށް ނުކުތް ކަމަށެވެ. އެގޮތުން:
-
ރާއްޖޭގައި ވިއްކަމުންދާ ސިނގިރޭޓުގެ ގިނަ ބާވަތްތަކަކީ ފެންވަރު ރަނގަޅު އަދި އެންމެ ފުންނާބުއުސް ކުންފުނިތަކުގެ އުފެއްދުންތައް
-
ސިނގިރޭޓުގެ އަގު ބޮޑުވުމުން، އަގު ހެޔޮ ބާވަތްތަކުގެ ސިނގިރޭޓު ރާއްޖޭގެ މާކެޓަށް އައުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް
"ސަބަބަކީ، އެފަދަ ދަށް ކޮލިޓީގެ ސިނގިރެޓަކީ އޭގެ ސިއްހީ ހިރާސް މިހާރު މި ބޭނުން ކުރާ ސިނގިރޭޓަށް ވުރެ އަދި މާ ބޮޑު އެއްޗެއް. އެހެންކަމުން ގަވައިދުތައް ރަނގަޅަށް ތަންފީޒު ކުރެވި، ބްލެކް މާކެޓްގައި އެ އެއްޗެހި ނުގެނެވޭނެ ގޮތަށް ރާވާ އަދި ސްމަގުލް ނުކުރެވޭނެ ގޮތަށް ރާވަން ޖެހޭ،" މިފަހުން ވެސް ރާއްޖެއިން ފޭކް ސިނގިރޭޓު ކޮންޓެއިނަރެއް ހިފެހެއްޓިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ވޭޕް އެތެރެކުރުން މަނާކުރުމާއި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެންނަ ބަދަލުތައް އަކުރުން އަކުރަށް، ފިލިން ފިއްޔަށް ތަންފީޒުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، އެ ގާނޫނުގައި އޮންނަ އަކުރާއި ފިއްޔާ ދިމާވާ ވަރަށް ރައީސްގެ މި ޒައާމަތުގައި ލޯ އެންފޯސްމަންޓް އެޖެންސީތަކުން އެކަން ކުރައްވާނެ. ތިޔަ ބޭފުޅުންނަށް ތަފާތު މަންޒަރެއް ފެނިގެންދާނެ ދުންފަތް ކޮންޓްރޯލްކުރުމުގައި ވެސް އަޅުގަނޑުމެން ތަންފީޒީ އިދާރާތަކުން މަސައްކަތްކުރާ ގޮތުގައި،" އިހުސާން ވިދާޅުވި އެވެ.
"ވަރަށް ޔަގީންކަން އެބަ އޮތް އެންފޯސްމަންޓް ސައިޑުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ކޮންޓްރޯލްކުރެވޭނެކަން."
ހޭލުންތެރިކަން ވެސް ބޮޑުކުރަން ޖެހޭ
މަޖިލީހުގެ މެންބަރުންނާއި ގިނަ އާންމުން ވެސް ބުނަނީ ދުންފަތާ ދުރަށް ދާން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކަން ބޮޑުކުރުމުގެ ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށެވެ.
"އަހަރެން ކުޑައިރު އަންނާނެ ޓީވީން ވަރަށް ގިނައިން ލަވައެއް ދުމާއި ދުންފަތާ ދުރުވަމާހޭ ކިޔާފައި. އޭރު ވަރަށް ބިރުގަނޭ އެ ލަވަ އިވޭއިރު. އެކަހަލަ މީހުން ހޭލުންތެރިވާ ކަހަލަ ޕްރޮގްރާމްތަކާ އެއްޗެހި ކުރިއަށް ގެންދަން ޖެހޭ" އާންމުންގެ މީހަކު ބުންޏެވެ.
ސިނގިރޭޓާއި ބިޑިން ނަގާ ޓެކްސް ބޮޑުކުރަން ނިންމާފައިވާކަން އިއުލާނުކުރައްވަމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވާން ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ ވަށާޖެހޭ ބޮޑު ކެމްޕޭނެއް ފެށުމަށް ނިންމާފައިވާ ކަން ވެސް އިއުލާނުކުރައްވައިފަ އެވެ.
ކޮމެންޓް