ދައުރު ގްރެފިކްސް
50 އަހަރު، އެއް ބަނދިވަރެއް؛ އައްޑޫ ފަތުރުވެރިކަމަށް ވީ ކޮން ފައިދާއެއް؟
މުހިންމު ނުކުތާތައް
އެކި ސަބަބުތަކާ ހުރެ އައްޑޫގެ ފަތުރުވެރިކަން އޮތީ ކުރިނާރައި ހުއްޓިފައި. ބައެއް މީހުންގެ ނަޒަރުގައި އެއީ ސަރުކާރުގެ އަޅާލުން ކުޑަވުން
ފަތުރުވެރިކަމުގައި ތަޖުރިބާހުރި ޖަމްޝީދުގެ ނަޒަރުގައި 'ސަރުކާރޭ، ސަރުކާރޭ' ކިޔުމަކީ ދޫކޮށްލަން ޖެހޭ ބޯދާ ވިސްނުމެއް
ފަތުރުވެރިކަން ކުރިއެރުވޭނީ އަމިއްލަ މަސައްކަތުން؛ ހެއްކަކަށް ދެއްކީ އިންޓަނޭޝަނަލް އެއާޕޯޓަކާ ނުލައި ފުވައްމުލަކުގައި ފަތުރުވެރިކަން ފައްކާކުރި ގޮތް
"ސަރުކާރު، ސަރުކާރު، ސަރުކާރު. އިންޓަނޭޝަނަލް ފްލައިޓް، އިންޓަނޭޝަނަލް ފްލައިޓް، އިންޓަނޭޝަނަލް ފްލައިޓް. މި ބަނދިވަރު 1976އިން ފެށިގެން މި ކިޔަނީ އައްޑޫ މީހުން. ކޮން ކަމެއް ވީ؟ އެއްވެސް ކަމެއް ނެތް."
އައްޑޫ ފަތުރުވެރިކަން ކުރިއަރުވަން އަމިއްލައަށް މަސައްކަތްކުރާ އަބްދުﷲ ޖަމްޝީދުގެ މި ވާހަކައަކީ ބައެއް މީހުންނަށް 'އަންޕޮޕިއުލާ އޮޕީނިއަން' އެކެވެ. ނަމަވެސް އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލައި، ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއަށް ކޮމެންޓުކުރި ގިނަ މީހުންނަށް އެއީ ހަމަ ސަތޭކައިގެ ވާހަކައެކެވެ. އިންސާފުކުރާނީ އާންމުންނެވެ. ރުޅިއަޔަސް، ނަޔަސް ޖަމްޝީދަށް މައްސަލައެއް ނެތެވެ.
އައްޑޫ މީދުއަށް ނިސްބަތްވާ ޖަމްޝީދަކީ ދިވެހި ފަތުރުވެރިކަމަށް އާ މީހެކޭ ބުނެވޭކަށް ނެތެވެ. މި ސިނާއަތުގެ އެކި ދިމަދިމާލުގައި ވަޒީފާ އަދާކުރާތާ 25 އަހަރު ވެއްޖެ އެވެ. މިހާރު އުޅެނީ ކުލަބް މެޑް ކަނީގައި ރެސްޓޯރެންޓް މެނޭޖަރަކަށެވެ. ފޭސްބުކްގައި 'އައްޑޫ އެޓޯލް ޓޫރިޒަމް ވިޒިޓް އައްޑޫ'ގެ ނަމުގައި ޕަބްލިކް ގްރޫޕެއް ހަދައިގެން އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވަން އަމިއްލަ ހައިސިއްޔަތުން މަސައްކަތްކުރަނީ އެ ވަޒީފާ ވެސް އަދާކުރަމުންނެވެ.
ޖަމްޝީދު ކުރާ މަސައްކަތުން އެއް ކަމެއް ޔަގީންވި އެވެ. އެއީ 'އައްޑޫ މީހުން އަސްލު މިކަން ކުރަން ނޫޅޭ' ކަމެވެ. ހުރިހާ ވެސް މައްސަލައަކީ އައްޑޫ މީހުން މިކަމުގައި ގެންގުޅޭ ބޯދާ ވިސްނުމެވެ.
ސަރުކާރު، ސަރުކާރު؛ މި ބަނދިވަރު ގޮވައިގެން ވީ ކޮން ކަމެއް؟
ޖަމްޝީދު ބުނާ ގޮތުގައި އައްޑޫ މީހުން ފަތުރުވެރިކަން ކުރިއަރުވަން އަމިއްލައަށް ކުރާ މާ ބޮޑު މަސައްކަތެއް ނޯވެ އެވެ. އަބަދު ސަރުކާރު، ސަރުކާރު ކިޔާލަކިޔާލަ ތިބެނީ އެވެ.
"އެހެން ސަރުކާރު ކިޔަކިޔާ ތިއްބާ ކައިރީގައި އޮތް ފުވައްމުލަކު މީހުން ޓޫރިޒަމް ތައާރަފްކޮށްގެން ގޮސް، ސީޒަން ތެރޭގައި ފުވައްމުލައް ފުރާ ގެސްޓުން އެބަ އަޅާ،" އެ ވީޑިއޯގައި ޖަމްޝީދު ބުންޏެވެ.
ކަން މިހެން އޮތްއިރު ފުވައްމުލަކުގައި އޮތީ ޑޮމެސްޓިކް އެއާޕޯޓެކެވެ. އައްޑޫގައި އޮތީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. ހަމައެކަނި ނަން ބޯޑުން އިންޓަނޭޝަނަލް ވުމާއި ނުވުން އެއީ އަދި އެހެން މައުލޫއެކެވެ. ފުވައްމުލަކުން އެ ސާބިތުކޮށްދެނީ އިންޓަނޭޝަނަލް އެއާޕޯޓެއް ނެތަސް ފަތުރުވެރިން ގެނެވޭނެ ކަމެވެ. އެ މީހުން އެކަން ކުރާ ގޮތް ވެސް ޖަމްޝީދު ކިޔައިދިނެވެ.
"ކޮން ތަނަކުން މި މީހުން [ފުވައްމުލަކަށް ފަތުރުވެރިން] މި ގެންނަނީ؟ ކޮން އިންޓަނޭޝަނަލް ފްލައިޓަކުން؟ ގެންނަނީ މޯލްޑިވިއަން ކިޔާ ޑޮމެސްޓިކް ފްލައިޓަކުން. އިންޓަނޭޝަނަލް ފްލައިޓަކުން ނޫން ގެންނަނީ. 300، 400 ގެސްޓުން ފުވައްމުލަކަށް ގެންނަނީ އިންޓަނޭޝަނަލް ފްލައިޓަކުން ނޫން،" ޖަމްޝީދު ބުންޏެވެ.
ފުވައްމުލަކުގައި ފަތުރުވެރިކަން ކުރިއަރައިގެންދިޔައީ، ޖަމްޝީދު ބުނާ ގޮތުގައި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށްގެންނެވެ. އެންމެން އެކީގައި ފަތުރުވެރިކަން ރަނގަޅުކުރަން މަސައްކަތްކުރީ އެވެ.
"އަހަރެމެން [އައްޑޫ މީހުން] އެހެނެއް ނޫން. އަހަރެމެން މި ކިޔަނީ ސަރުކާރު، ސަރުކާރު، ސަރުކާރު. އިންޓަނޭޝަނަލް ފްލައިޓް، އިންޓަނޭޝަނަލް ފްލައިޓް، އިންޓަނޭޝަނަލް ފްލައިޓް. މި ބަނދިވަރު 1976އިން ފެށިގެން މި ކިޔަނީ އައްޑޫ މީހުން. ކޮން ކަމެއް ވީ؟ އެއްވެސް ކަމެއް ނެތް،" ޝަކުވާތައް ބަންޑުން ކުރަމުން ޖަމްޝީދު ބުންޏެވެ.
@jambe80 addu tourism ragalha niveyhe thassbeehaa keleka sarukaaru sarukaaru keygen
♬ original sound - user113732643743
އަމިއްލަ ހޮޓާ ވެސް ޕްރޮމޯޓު ނުކުރެވޭ؛ އެކަން ވެސް ކޮށްދޭންވީ ސަރުކާރުން؟
ޖަމްޝީދުގެ ވާހަކަތަކުން ހަނދާނަށް އައީ މީގެ އަހަރެއްހާ ދުވަސް ކުރިން މާލެ އަތޮޅު ރަށަކުން ދިމާވި އައްޑޫ މީހަކު ބުނި ވާހަކަތަކެކެވެ. ހަމަ އެއް ޝަކުވާއެކެވެ. ރާއްޖޭގައި ފަތުރުވެރިކަން ކުރަން ފެށީއްސުރެ އެކަމުގައި އުޅެ، ތަޖުރިބާ ލިބިފައި ހުރި މީހެއްގެ ހައިސިއްޔަތުން އޭނާ ވެސް ބުނީ އައްޑޫގައި ފަތުރުވެރިކަން ކުރިނާރައި އޮތީ އައްޑޫ ބައެއް މީހުންގެ 'ކަންނެތް' ކަމުން ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުގައި އޭނާގެ ތަޖުރިބާއެއް ވެސް ހިއްސާކުރި އެވެ. އައްޑޫ ގެސްޓުހައުސްއަކަށް ފަތުރުވެރިންގެ ގްރޫޕެއް ހޯދައިދީ، ދަތުރުފަތުރުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދީފައި އެ ގްރޫޕު ފޮނުވުމުން ވެސް ހިދުމަތް ދިނުމުގައި އެ ތަން ފެއިލްވީ އެވެ. ފަތުރުވެރިން ބޭނުންވީ ޑައިވިންއަށް ދިއުމަށެވެ. އެކަން ކުރާނެ ސާމާނެއް އެ ތަނުގައި ނެތެވެ. އެންމެ ފަހުން މާލޭގައި ހުރެފައި ހުރިހާ ސާމާނެއް ގަނެގެން ގޮސް ގެސްޓުހައުސްއާ ހަވާލުކުރުމުން ވެސް އެކަން ކުރެވޭ ވަރެއް ނުވި އެވެ. ދެއްކީ އިތުރު ބަހަނާތަކެކެވެ. ހަމަ އެއްވެސް ކަމެއް އަމިއްލައަށް ކުރެވޭ ކަމަކަށް ނުވި އެވެ.
ޖަމްޝީދުގެ ވާހަކަތަކުން ވެސް މިފަދަ ކަންކަމަށް ބާރު ލިބެ އެވެ. އޭނާ ބުނި ގޮތުގައި އެންމެ ފުރަތަމަ ކަމަކަށް އައްޑޫގައި ހުރި ހޮޓާ، ގެސްޓުހައުސް އަދި ރިސޯޓުތައް ބޭރު ދުނިޔެއަށް އިޝްތިހާރުކުރަން ވެސް މަސައްކަތެއް ނުކުރެ އެވެ. ސޯޝަލް މީޑިއާގެ ބޭނުން ވެސް އެ މީހުން ނުހިފާ ކަމަށް އޭނާ ބުންޏެވެ.
"ކިތައް ފޮޓޯ ރެ އާއި ދުވާލަކު، އެ މީހުންގެ އެކްޓިވިޓީސްގެ ނަގާފައި އެބަ އަޕްލޯޑު ކުރޭ؟ އެމީހުންގެ އަމިއްލަ ވެބްސައިޓެއްގައި ނުވަތަ އަމިއްލަ ފޭސްބުކް ޕޭޖެއްގައި؟ ނުވަތަ އެހެން ޕްލެޓްފޯމެއްގައި؟ ނުވަތަ އިންސްޓަގްރާމްގައި؟ ނުކުރޭ، [އަހަރެން] ބަލައިފީމޭ،" އޭނާ ބުންޏެވެ.
"ދެން އެ ވެސް ކުރަންވީ ސަރުކާރުން. ސަރުކާރުން ގޮސް އެ ވެސް ފޮޓޯ ނަގާނެ."
ޖަމްޝީދު ބުނީ އައްޑޫ ފަތުރުވެރިކަން ކުރިއަރުވަން ކައުންސިލުން ވެބްސައިޓެއް ހަދަންވެގެން ފޮޓޯ ދޭން އެދުމުން އެކަމަށް ވެސް ގިނަ ތަންތަނުން އިޖާބަ ނުދިން ކަމަށެވެ.
"އައްޑޫ ސިޓީ ކައުންސިލުން ވެބްސައިޓެއް ހަދަންވެގެން ފޮޓޯ ހޯދަން މަސައްކަތް ކުރަނީ، އެ މީހުންގެ ވިޔަފާރިއަކަށް ނޫން. ތި މީހުންގެ ވިޔަފާރި ކުރިއަރުވަންވެގެން އެ މީހުން ގޮސް މި ބުނަނީ ދޭށޭ ތި ހޮޓަލުގެ ފޮޓޯތައް ހުރިއްޔާ. [ބުނީމަ ބުނަނީ] ނޫން، އެ ނުލިބޭނޭ. އެ ދޭ ގޮތަކަށް ނޫން މި ތިބީ. ވިޔަފާރި ކުރަން ތި އުޅެނީ ކިހިނެއް؟" ޖަމްޝީދު ބުންޏެވެ.
މިކަމާ ބެހޭ ގޮތުން އިތުރަށް ސުވާލުކޮށްލަން ފޯނުން ގުޅުމުން ޖަމްޝީދުގެ ވާހަކަތައް އިތުރަށް ތަފްސީލުކޮށްދިނެވެ. އޭނާ ބުނީ އިޝްތިހާރު ކުރަން ނޫޅޭއިރު ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ވެސް ބައެއް ތަންތަނުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
"ވަރަށް ވަރުގަދަ ނަން ކިޔާ ތަންތަން މި ހުންނަނީ. އެކަމަކު އެތެރެއަށް ވަނީމަ އަސްލު ހާލަތު އެނގޭނީ،" އޭނާ ބުންޏެވެ.
އޭގެ މިސާލެއް ވެސް ޖަމްޝީދު ކިޔައިދިނެވެ. ރިޒަވޭޝަން ހަދަން ގުޅާލާއިރު ބައެއް ތަންތަނުގައި އިނގިރޭސި ބަސް ނުދަންނަ ބިދޭސީން ވެސް އެބަ ތިބެ އެވެ. ނުވަތަ މި ސިނާއަތުގެ އެއްވެސް ތަޖުރިބާއެއް ނެތް މީހުން ވެސް މިކަމުގައި އެބަ އުޅެ އެވެ. ބައެއް ތަންތަނުން ދީފައި ހުންނަ ނަންބަރަށް ގުޅުމުން އެހެން ނަންބަރަކަށް ގުޅަން އެބަ ބުނެ އެވެ.
"ގުޅީމާ އެބަހުރި ބުނެފައި، ތިމަންނަ މިހިރީ މަހަށް އައިހޭ، ދަރިފުޅަށް ގުޅާލާށެ. ދަރިފުޅަށް ގުޅީމަ އެބަ ބުނޭ ކުޑަ ކަމެއްގައި ބޭރުގައޭ މަންމައަށް ގުޅާށޭ. ދެން ކިހިނެއް މިވަރުން ރިޒަވޭޝަނެއް ނަގާނީ؟" ޖަމްޝީދު ބުންޏެވެ.
އަނެއް މައްސަލައަކީ ހިދުމަތުގެ ފެންވަރާއި ފަތުރުވެރިކަން އެހާ ދަށްކޮށް އުޅޭއިރު ވެސް ޗާޖުކުރާ ބޮޑު އަގެވެ. އަމުދުން ފަށައިގަނެގެން އުޅޭއިރު ރެއަކަށް 60 ޑޮލަރު، 70 ޑޮލަރަކީ، އޭނާ ދެކޭ ގޮތުގައި، ބޮޑު އަގެކެވެ.
މާލެ ކައިރި ރަށްތަކުގައި ހިންގާ ގެސްޓުހައުސްތަކަށް ބަލާއިރު އަގުތައް އުޅެނީ ރެއަކަށް 30 ޑޮލަރުން ފެށިގެން މަތިންނެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާ ބޮޑު ދަތުރެއް ނުކޮށް ދެވޭ ހިސާބުގައި ހުރި ރަށްތަކެވެ. އައްޑުއާ ހިލާފަށް ފަތުރުވެރިން ކުރާނެ ބައިވަރު ކަންކަން އޮވެ އެވެ. ފަތުރުވެރިން ދެކެން ބޭނުންވާ އަދި އައްޑޫން ނުފެންނަ 'ހުދު ދޮންވެލީގެ ގޮނޑުދޮށްތައް' އޮވެ އެވެ. މިއީ އައްޑުއަށް ބުނާ ބަދު ބަހެއް ނޫނެވެ. މިއީ އައްޑޫ އޮންނަ ގޮތުގެ ވާހަކަ އެވެ.
ސިޔާސީ ބައެއް ބޭފުޅުންގެ ވިސްނުމުގައި އައްޑޫގެ ފަތުރުވެރިކަމަށް އޮތް ފަރުވާއަކީ ތަފާތު ކޮންސެޕްޓެއް އުފެއްދުމެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ބޮޑުކުރަން ޖެހެނީ އެއާޕޯޓެވެ. މުޅި އަތޮޅުގެ ގުދުރަތީ ވެށި ގުރުބާންކޮށް، ބިން ހިއްކައިގެން ރިސޯޓު ހެދުމުގެ ވިސްނުން ގެންގުޅޭ ބޭފުޅުން ވެސް އެބަތިއްބެވެ.
އިތުރަށް ކިޔާލަން
'ދޫކޮށްލަންވީ ހަސަދަވެރިކަން؛ މައިންޑްސެޓު ބަދަލުކޮށްލަންވީ 2024އަށް'
އައްޑޫ ފަތުރުވެރިކަން ކުރިއަރުވަން ބޭނުންވާ ނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ޖަމްޝީދު ދެކޭ ގޮތުގައި، ބޯދާ ވިސްނުން ދޫކޮށްލުމެވެ. އެކަކު އަނެކަކަށް ހަސަދަވެރި ނުވާންވީ އެވެ. މިހާރު ކުރާ ގޮތަށް ކޮށްގެން ވީ ކޮން ކަމެއްތޯ އަމިއްލައަށް ސުވާލުކޮށްލަންވީ އެވެ. ކުރިއެރުމެއް ނުލިބި މި 'ހަސަދައިގެ މޮޑެލް' ވާރުތަވީ ކިތައް ޖީލަށް ހެއްޔެވެ؟
"މަ ގެސްޓުހައުސްއެއް ހަދައިފިއްޔާ މަށާ ޖެހިގެން ހުންނަ މީހާ ގެސްޓުހައުސްއެއް ހަދައިގެންނުވޭ... އެއީ ބޮޑު މައްސަލައެއް. ދެން މި ވިސްނުން ވިސްނައިގެން އަހަރެމެން ކިހިނެއް ކުރިއަރާނީ؟" ޖަމްޝީދު ބުންޏެވެ.
"މި ބޯދާ ވިސްނުން ދޫކޮށްލަން އެބަ ޖެހެޔޭ، މިކަން ދޫނުކޮށް ކަލޭމެންނަށް އައްޑޫ އަތޮޅު ޓޫރިޒަމް ރަނގަޅެއް ނުކުރެވޭނެ. ތި ހުރި މައިންޑް އެބަ ޖެހޭ ބަދަލުކޮށްލަން 2024އަށް."
"ބޯދާ ވިސްނުން ވިސްނައިގެން ސަރުކާރަށް ޑިޕެންޑު ވެގެން އައްޑޫ ޓޫރިޒަމް ރަނގަޅެއް ނުކުރެވޭނެ ކަމަށް މަ ހުވާ ވެސް ކޮށްފާނަން. އެނގޭތީ މި ބުނަނީ. މިކަމުގެ ތެރޭގައި އުޅޭތީ މި ބުނަނީ. ނުވާނެ، މިކަމެއް ނުވާނެ. މިކަން ވާނީ އިހުލާސްތެރިކަމާ އެކީ ގުޅިގެން."
މިފަދަ ވާހަކަތައް ގިނަ މީހުންނަށް ގަބޫލުކުރަން ނުވަތަ ބަލައިގަންނަން އުނދަގުލެވެ. ބައެއް ފަހަރު ބައެއް މީހުންގެ ބަދުބަހާއި މަލާމާތް ރައްދުވެ އެވެ. މިއީ ޖަމްޝީދަށް ވެސް އާ ކަމެއް ނޫނެވެ. އޭނާގެ ވާހަކަތަކާއި ކުރާ މަސައްކަތްތަކަށް ވެސް "އެއީ ކާކު ހެއްޔޭ" ނުވަތަ "އެއީ ކޯއްޗެއް އެނގޭ މީހެއް ހެއްޔޭ" ފަދަ ބަސްބަސް މީހުން ބުނެ އެވެ.
ޖަމްޝީދު ދައްކާ ވާހަކަ އަޑުނޭހިޔަސް މައްސަލައެއް ނެތެވެ. އޭނާ އުފައްދަނީ ސަތޭކައިގެ ސުވާލެކެވެ:
"މިއޮތް ގޮތަށް އޮވެގެން ވީ ކޮން ކަމެއް؟"
ފެންނަން އޮތް ހަގީގަތަކީ ރާއްޖޭގެ އެހެން ތަންތަނާއި އައްޑުއާ ތަފާތު ކަމެވެ. ފަތުރުވެރިކަމުގައި އައްޑޫ ގާވެފައި އޮތް ކަމެވެ. އެކަން ބަދަލުކުރާ ނަމަ އެހެން މޮޑެލްއަކަށް ދާން ޖެހޭ ކަމެވެ. ވިސްނުމުގެ މޮޑެލްއަށް ތަފާތެއް ގެންނަން ޖެހޭ ކަމެވެ.
"ރުޅި އަޔަސް، ރުޅިނަޔަސް އައްޑޫގެ ޓޫރިޒަމް ރަނގަޅެއް ނުވާނެ ސަރުކާރަށް ޑިޕެންޑު ވެގެން. ސަރުކާރަށް ޑިޕެންޑު ވެގެން އަހަރެމެން ކުރަން އުޅޭ އެއްވެސް ކަމެއް ނުވާނެ،" ވީޑިއޯ ނިންމާލަމުން ޖަމްޝީދު ބުންޏެވެ.
ކޮމެންޓް (1)
އައްޑޫ މީހެއް