ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން މީހެއްގެ ގައިގައި ޖެހުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި (ދައުރު ފޮޓޯ)

ހުރިހާ މޮޅެއް ނުގަވާއިދުން އުޅޭ މީހުންނަށް؛ ކިހާ ނުބައި މުސެޖެއް

ނުގަވާއިދުން އުޅެން ފުރުސަތު ލިބެނީ އަދަބުދީ ފިޔަވަޅު އެޅުމުގައި ސަރުކާރުތަކުން މިހާތަނަށް އަމަލުކޮށްފައިވާލެއް ދޯދިޔާ ކަމުން. ހަރުކަށިވެގެން ނޫނީ ހަމަޔަކަށް ނޭޅުވޭނެ

މުހިންމު ނުކުތާތައް

ގަވާއިދަކީ ދެލިގަނޑެއް ކަމަށް ވިސްނޭ އުސޫލުން ސަރުކާރުތަކުން އަމުލުތައް ބަހައްޓައި ނިންމުންތައް ނިންމާ ނަމަ އެއީ ދެވޭ ހިތްވަރެއް

ގަވާއިދުން ބޭރުން ކަމެއް ކޮށްފި ނަމަ އަދަބު އަންނާނެ ކަމުގެ ބިރު އެތަނެއްގައި ދިރިއުޅޭ މީހުންގެ ހިތުގައި އޮންނަން ޖެހޭނެ

ގަވާއިދާ ހިލާފުވެގެން ނުވަތަ ކުށެއް ކޮށްގެން މިއަދު ހައްޔަރުކުރިޔަސް މާދަމާ މިނިވަންވާނެ ކަމުގެ ޔަގީންކަން ގިނަ ބަޔަކަށް އޮވޭ

ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ޓްރެފިކް ވައިލޭޝަން ޖޫރިމަނާތައް މައާފްވެ އެވެ. ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ތަންތަނުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފްކޮށްފި އެެވެ. ފެނާއި ކަރަންޓް ބިލް ނުދައްކައިގެން ކުރާ ޖޫރިމަނާތައް ވެސް މައާފްކުރީ އެވެ. 

"ކެތްތެރިވެލައިގެން ތިބި ނަމަ. ތި ބޭކާރުކޮށްލީ 17،000ރ މައި ފްރެންޑް،" ގަވާއިދާ ހިލާފުވެގެން ޖަހާފައިވާ ސްޓިކާތަކުން ނުލިބި ހުރި ޖޫރިމަނާ ފައިސާ މައާފުކޮށްދޭން އާ ސަރުކާރުން ނިންމުމާ އެކު މީހަކު އޭނާގެ ރައްޓެއްސަކަށް ޓެގްކޮށް ކޮށްފައިވާ ޕޯސްޓެއްގައި ލިއުނެވެ.

ނަތީޖާއަކީ އުސޫލެއް ނެތި މާލޭގެ މަގުތަކުގައި އެއެއް މިއެއް ނުބަލައި ޕާކުކުރާ އުޅަނދުތަކާއި މަގުމަތީގެ ސަލާމަތަށް ބެލުމެއް ނެތި ދުއްވާ އުޅަނދުތައް ވެސް ގިނަވުމެވެ. އެކްސިޑެންޓެއްގައި މީހެއްގެ ފުރާނަ ގެއްލުނަސް، އުމުރަށް ނުކުޅެދުނަސް ފިޔަވަޅެއް ނާޅާ ދޫކޮށްލާތީ އެކްސިޑެންޓުތައް ގިނަވެ އެތައް ބައެއްގެ ފުރާނަ ގެއްލި އަނެއް ބަޔަކު ނުކުޅެދޭ ބަޔަކަށް ވެއްޖެ އެވެ. 

ހެޔޮފުޅުވުމުގެ ނިޔަތުގައި ހަރުލެއްވި ނުބައި އާދައެއް

އެންމެ މިސާލެކެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގެއްގެ އަރިމަތީގައި މީހަކު އޭނާގެ ސައިކަލުގައި މަޑުކޮށްލައިގެން އިންދާ ބާރު ސްޕީޑެއްގައި ދިޔަ ކާރަކުން ޖެހި މިދިޔަ ޖުލައި މަހު ހިނގި ހިތާމަވެރި ހާދިސާ އެވެ. ގަވައިދާ ހިލާފުވީ ބާރު ސްޕީޑުގައި ދިޔަ ކާރު ދުއްވި މީހުންނެވެ. އެކަމަކު އަނިޔާވީ ގަވާއިދާ އެއްގޮތަށް މަގެއްގެ އަރިމަތީގައި މަޑުކޮށްލި މީހާއަށެވެ.

މި ހާދިސާގައި ކާރު ދުއްވަން އިން މީހުންގެ ތެރޭގައި ހިމެނޭ ތިން މީހުންނަކީ ވެސް އެކިއެކި ކުށްތަކާ ގުޅިގެން ކުށުގެ ރެކޯޑު އޮތް މީހުންނެވެ. މުޅިން ވެސް އަދަބު ލުއިކޮށްދީ މައާފްދިނުމުން ދޫވެފައި ތިބި މީހުންނެވެ. ފަހުން އެނގުނު ގޮތުގައި މި އެކްސިޑެންޓުގައި އިހުމާލުވި މީހުން ދުއްވި ކާރަކީ ވެސް ނުގަވާއިދުން ރަޖިސްޓްރީކޮށްގެން ގެންގުޅޭ ކާރެކެވެ.

"މި ގައުމުގައި ހިނގާ މިކަހަލަ ކަންކަމުން ހަމައެކަނި ދާއިމީ ގެއްލުން އަބަދުވެސް ލިބޭނީ އަނިޔާވި މީހާއަށް. ކުށްވެރިވި މީހާއަކަށް ނުލިބޭނެ،" އެކްސިޑެންޓްގެ ހަބަރަށް ކިއުންތެރިޔަކު ލިއުނު ހިޔާލެއްގައި ވެއެވެ.

މި މައްސަލަ އޮތްތާ އޮއްވާ، ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ދެން ފެނުނީ މާލެ ސަރަހައްދުގައި ނުގަވާއިދުން މިގޮތަށް ހުރި ވެހިކަލްތައް ޕާކުކުރަން ވަގުތީ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖައްސައިދިން ތެނެވެ. މީގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީ ނުކޮށް ހުރި ވެހިކަލްތަކާއި ޒޯން އޮޅުވާލައިގެން ގެންގުޅޭ ވެހިކަލްތަކާއި ނުބައި ނަންބަރު ޕްލޭޓް އަޅުވައިގެން ގެންގުޅޭ ވެހިކަލްތަކެވެ.

މިދިޔަ އޮގަސްޓްމަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ނުގަވާއިދުން އުޅޭ މީހުންގެ އެފަދަ މައްސަލަތައް "ކުއްލިއަކަށް ހައްލުކުރުމަށް ގޮންޖެހުންތަކެއް އެބަހުރި" ކަމަށެވެ. އެކަމަކު ގާނޫނާ ހިލާފަށް މާލެ ސަރަހައްދުގައި ވެހިކަލްތައް ގިނަވެފައި އޮތީ ގާނޫނާ ހިލާފަށް ކަންތައް ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ފުރުސަތު ދީފައި އޮތުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ދާއިމީ ހައްލު އޮތީ ފިޔަވަޅު އެޅުމުގަ އެވެ. އެކަން ނުކޮށް ނުގަވާއިދުން އުޅޭ މީހުންނަށް ދޭ މިފަދަ ލުއިތަކުގެ ނަތީޖާ މިދިޔަ ހުކުރު ދުވަހު ހިނގި އެކްސިޑެންޓުން ވެސް އެ ފެނުނީ އެވެ. ބާރު ސްޕީޑުގައި ދުއްވި ރޭސް ކާރެއްގައި ޖެހި ޒުވާނަކު މަރުވީ އެވެ. 

މިދިޔަ ހަފްތާގައި ތަކުރާރުކޮށް ގިނަ އެކްސިޑެންޓުތަކެއް ހިނގައި ބަޔަކަށް ވަނީ ގެއްލުންތަކެއް ވެފަ އެވެ. ދާއިމީ ހައްލެއް ލިބޭނީ މިފަދަ ކިތައް ހާދިސާއަށް ފަހު ހެއްޔެވެ؟

ފިޔަވަޅެއް ނޭޅެންޏާ ބޯލަނބަންވީ ކީއްކުރަން؟

ޖޫރިމަނާތައް މައާފްކޮށްދެމުން ކޮންމެ ފަހަރަކު ސަރުކާރުތަކުން ބުނަނީ ދެން ގަވާއިދުން ފައިސާ ދައްކަމުން ދިއުމަށެވެ. އެކަމަކު ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ސިޔާސީ ބޭނުމެއް ފުއްދަން ހުދު ސަރުކާރުން ގަވާއިދު ބޮލާލައި ޖަހާފައި ދޭ މި 'މައާފް'އާ އެކު ރައްޔިތުންނަށް ލިބެނީ ނުބައި މެސެޖެކެވެ. ގިނަ ރައްޔިތުން މިހާރު ގަބޫލުކުރާ ގޮތުގައި ގަވާއިދާ އެއްގޮތަށް އުޅެން ޖެހޭ ސަބަބެއް ނެތެވެ.

"ކަމެއް ނުކޮށްގެން ވާ ގެއްލުމަށް ވުރެ އެކަމެއް ނުކުރުމުން ވާ ފައިދާ ބޮޑު ނަމަ އެކަން ކުރުމުގެ ބޭނުމަކީ ކޮބާ؟ ހުރިހާ މޮޅެއް އޮތީ ގަވާއިދަށް ނޫޅޭ މީހުންނަށް. ހުރިހާ ގެއްލުމެއް ވަނީ އަަހަރެމެން ގަވައިދާ އެއްގޮތަށް އެކަން ކުރި މީހުންނަށް. ޖޫރިމަނާތައް މައާފްކޮށްލަ ދޭއިރު ގަވާއިދާ އެއްގޮތަށް ފައިސާ ދެއްކި މީހުންނަށް ކުޑަމިނުން ރިފަންޑެއް ވެސް ނުލިބޭ،" ހިޔާ ފްލެޓުތަކުގެ ކުލީގެ ޖޫރިމަނާ މައާފްކޮށް ކުލި ކުޑަކުރަން ސަރުކާރުން ނިންމުމާ އެކު ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ލިއުނެވެ.

ތެދެކެވެ. ގަވާއިދަށް ބޯނުލަނބާ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭކަން ފެންނަން އޮތް އަނެއް މައްސަލަ ގުޅިފައި ވަނީ ވެސް ހިޔާ ފްލެޓުތަކާ އެވެ. އެޗްޑީސީން 2022ގައި ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުލި ދައުލަތަށް ނުދައްކާ 2،345 ފްލެޓެއް ހިމެނެ އެވެ. 

މިއީ ބޯހިޔާވަހިކަން ނެތް ބަޔަކަށް ދީފައި އޮތް ސޯޝަލް ހައުސިން ޔުނިޓުތަކެއް ނަމަވެސް ނުގަވާއިދުން ބޮޑު ފައިދާތަކެއް މި ތަންތަނުގެ ވެރިން ދަނީ ހޯދަމުންނެވެ. ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ހަލާސް ކުރުމަށް ފަހު އަމިއްލަ ކޮށްގެން ނޫން ގޮތަކަށް މިތަންތަން ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ. ނަމަވެސް ސަރުކާރުން ކުޑަ ކުއްޔަކަށް ދޫކޮށްފައި ހުރި މިތަންތަން، އެތަނުގެ ވެރިން އާންމުންނަށް ކުއްޔަށް ދީގެން އުޅެނީ 15،000ރ އިން މަތީގެ ކުލީގަ އެވެ. މިކަން ކުރާ މީހުންނާ މެދު މިހާތަނަށް އެއްވެސް ސަރުކާރަކުން ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

މިކަން މިހެން އޮއްވާ އާ ސަރުކާރު ހަވާލުވުމަށް ފަހު ވެސް ކުރިކަމަކީ ފްލެޓްތަކުގެ ކުލި 3،984ރ އަށް ކުޑަކުރުމެވެ. މިކަން މިގޮތަށް ކުރީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް، އެތަންތަން ލިބުނު މީހުން ހަރަދުކުރި 200،000ރ އަނބުރާ ދިނުމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވައުދުވެވިފައި އޮތުމުންނެވެ.

"ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން %60 މީހުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ މަހުން މަހަށް ދައްކަމުން ނުދާކަމަށް އެޗްޑީސީން ބުނާއިރު، ހިޔާ ފްލެޓްގެ ގިނަ ބައެއް ހުރީ ފަގީރުންނަށް 12،000 އާއި 15،000 އާއި ދެމެދުގެ އަދަދުތަކުގައި ކުއްޔަށް ދީފައި. އެހެންވީމާ ފްލެޓްގެ ވެރިޔާއަށް މަހަކު 12،000 އާއި 15،000އާ ދެމެދުގެ ފައިދާއެއް އެބަ ލިބޭ،" ކުލި ކުޑަކުރުމާ ގުޅޭ ގޮތުން ލިޔެފައިވާ އާޓިކަލަކަށް އާންމު މީހަކު ހިޔާލު ފާޅުކުރި އެވެ.

"ސަރުކާރަށް ފައިސާ ނުދައްކާއިރު ފަގީރުން ފެލަނީ. މިއީ ދައުލަތުން ލޯނު ނަގައިގެން ހަދާފައި ހުރި ސޯޝަލް ހައުސިން ފްލެޓްތަކެއް. މިއީ ބަޔަކަށް ސަރުކާރަށް ފައިސާ ނުދައްކާ ވިޔަފާރިކުރަން ފުރުސަތު ދޭން ޖެހޭ ކަމެއް ނޫން. އެޗްޑީސީ ބަނގުރޫޓުވީމާ ގެއްލުންވާނީ ވެސް ދިވެހި ރައްޔިތުންނަށް،" އެހެން މީހަކު ލިއުނެވެ.

ނުގަވާއިދުން އުޅޭ މީހުން ގިނަވަމުން ދަނީ އެއިރެއްގައި އޮންނަ ސަރުކާރުން އަމިއްލަ  މަސްލަހަތަށް ކަންކުރާތީ އެވެ. ގަވާއިދާ ހިލާފުވެގެން ނުވަތަ ކުށެއް ކޮށްގެން މިއަދު ހައްޔަރުކުރިޔަސް މާދަމާ މިނިވަންވާނެ ކަމުގެ ޔަގީންކަން ގިނަ ބަޔަކަށް އޮވެ އެވެެ. އޭނާގެ މައްޗަށް އެކުށެއް ސާބިތުނުވާނެކަމުގެ ޔަގީންކަން ވެސް އޮވެ އެވެ. ސާބިތުވެގެން އަދަބެއް ދިނަސް، އެ އަދަބު ވެސް މައާފްވެދާނެކަން އެނގެ އެވެ.

އެކި ކުށްތަކާ ގުޅިގެން ކުރާ ޖޫރިމަނާތަކުގައި ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި އޮތީ ވެސް މި ޔަގީންކަން ރައްޔިތުންނަށް ސަރުކާރުތަކުން ދީފައިވާލެއް ބޮޑުކަމުންނެވެ. އެ ޔަގީންކަން ސަރުކާރުން ދެނީ އަދަބުދީ ފިޔަވަޅު އެޅުމުގައި ސަރުކާރުތަކުން މިވީހާ ތަަނަށް އަމަލުކޮށްފައިވާލެއް ދޯދިޔާ ކަމުގެ ސަބަބުންނެވެ.  ގާނޫނެއްގައި ކަނޑައަޅާފައިވާ އަދަބެއް އައިސްދާނެ ކަމާ މެދު ބިރުގަންނަ މީހަކު މިހާރު މި ކުޑަ މުޖުތަމައުގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ރިޔާސީ އިންތިހާބަށް ވުމުން ލުއިދެނީ އެވެ. ސިޔާސީ އެކުވެރިއެއްގެ ދަރިއަކަށް ނުވަތަ އާއިލާ މީހަކަށް ވުމުން ދޫދެނީ އެވެ. އަމިއްލަ މަސްލަހަތުގައި ގަވާއިދުތައް ބޮލާލައި ޖަހަން ރައްޔިތުން އާދަކުރުވީ ވެސް ސަރުކާރުތަކުންނެވެ.  

ސިނަމާލެ ބްރިޖުން ހުޅުލެ އާއި ހުޅުމާލެއަށް ދެވޭ ހަތަރު އަނގޮޅީގައި ހިނގި އެކްސިޑެންޓެއް: މި ހާދިސާގައި މަރުވެފައި ވަނީ ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ)

ގަވާއިދުތަކެއްގެ ބޭނުމެއް ނެތް؛ ހަރުކަށި ވާން ޖެހޭ

ގަވާއިދާ ހިލާފަށް ވަކި ކަމެއް ކޮށްގެން މީހަކާ މެދު އަޅާ ފިޔަވަޅު ނުވަތަ ޖޫރިމަނާ ވިޔަސް ސަރުކާރުން މައާފްކޮށްދޭ ނަމަ ތަންފީޒީ އިދާރާތަކުގެ ބޭނުމެއް، ގަވާއިދެއްގެ ބޭނުމެއް ވެސް ނެތެވެ. އޭގެން ބުނެދެނީ ނުގަވާއިދުން އުޅުމަކީ ސަރުކާރުން ހިތްވަރުދޭ ކަމެކޭ އެވެ. 

ގަވާއިދެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ލިޔަނީ އެތަނެއްގައި ދިރިއުޅޭ ބައެއްގެ މެދުގައި ވަކި އުސޫލުތަކެއްގެ ތެރެއިން ކަންކަން ބައްޓަންވެފައި އޮތުން މުހިންމުވާތީ އެވެ. އުސޫލެއް ހަމައެއްނެތި ކަންކަން ކުރަންވެއްޖެ ނަމަ މުޖުތަމައުގައި ވަރަށް ގިނަ ކަންކަން ބޮއްސުންލާދާނެތީ އެވެ. އެ ގަވާއިދުތަކާ ހިލާފުވުމުން އަޅާނެ ފިޔަވަޅުތައް ލިޔެފައި އޮންނަނީ ވަކި ކަމެއް ވަކި ގޮތަކަށް ކުރުން ހުއްޓުވުމުގެ ގޮތުންނެވެ. ކޮށްފި ނަމަ އަދަބެއް ލިބޭނެކަން ދެއްކުމުގެ ގޮތުންނެވެ. 

އެހެންކަމުން ގަވާއިދުން ބޭރުން ކަމެއް ކޮށްފި ނަމަ އަދަބު އަންނާނެ ކަމުގެ ބިރު އެތަނެއްގައި ދިރިއުޅޭ މީހުންގެ ހިތުގައި އޮންނަން ޖެހޭނެ އެވެ. އެ ބިރު ބޭއްވޭނީ ގަވާއިދުގައި ލިޔެފައި އޮންނަ އެއްޗެއް ތަންފީޒު ކުރެވިގެންނެވެ. ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން އެބަޔަކު އާދަކުރުވައިގެންނެވެ.

އެކަމަށްޓަކައި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ގަވާއިދާ ހިލާފުވުމަކީ ކުށެއްކަން އާމުންނަށް ވިސްނޭވަރަށް ސަރުކާރުން ހަރުކަށިވުމެވެ. ފެށުނީންސުރެ ގަވާއިދުތައް ބޮލާލައި ޖަހަން އާދަވެފައިވާ ރާއްޖެ ފަދަ ތަނެއްގައި ގަވާއިދެއްގައި އަދަބެއް ހަމައެކަނި ލިޔެވިފައި އޮތުމަކުން ނުވަތަ ވަކި ކަމެއް ނުކުރަން އެންގުމަކުން ނުފެދޭނެ އެވެ. ސީދާ ސަރުކާރުތަކުން އިސްވެ އޮވެ، އެކަންކަން ތަންފީޒުކުރަން ތިބޭ މީހުން އެ ޒިންމާތައް އަދާކޮށް، ގަވާއިދުގެ ތެރެއަށް އެފަދަ މީހުން ޖެހޭނީ ވައްދާށެވެ.

ގަވާއިދަކީ ހަމައެކަނި ކަރުދާސް ގަނޑެއްގައި ލިޔެފައި އޮންނަ ދެލިގަނޑެއް ކަމަށް އާންމުންނަށް ވިސްނޭ މޭރުމުން ސަރުކާރުތަކުން އަަމަލުތައް ބަހައްޓައި، ނިންމުންތައް ނިންމާ ނަމަ އެއީ ދެވޭ ހިތްވަރެކެވެ. ގަވާއިދަށް ބޯލަނބާ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ވެސް މެއެވެ. އޭރުން އެކަކު ވެސް ގަވާއިދާ އެއްގޮތަކަށް ނޫޅޭނެ އެވެ. އެތަނެއްގައި އޮންނާނީ ވަލު ޖަނަވާރުންގެ އުސޫލެވެ.



ކޮމެންޓް (3)

ސަލާމް އަހްމަދު

11 ސެޕްޓެމްބަރު 2024
މި ލިޔުމުގައި މިވާ ކަންކަަމާ އަދި މިފަދަ އެތައް ކަމެއް ފެނި ރާއްޖޭގައި އިހްލާސްތެރިންނަށް އަދި ރަނގަޅު މީހުންނަށް ފުރުސަތެއް ނެތްކަން އެނގިގެން އަހަރެން އާއިލާ ގޮވައިގެން ރާއްޖެއިން ބޭރަށް ބަދަލުވީ. މިފަދަ ސަބަބުތަކާ ހެދި ބޭރަށް ބަދަލުވި އެތައް ބަޔަކާ ދިމާވެއްޖެ ބޭރުން. ކުޅަދާނަ، އިހްލާސްތެރި މީހުން. އެފަދަ މީސް މީހުންނަށް ކެތްނުވެގެން ފުރުސަތެއް އޮތް ނަމަ ރާއްޖެއިން ބަދަލުވާނެ. މިވަރު ނުވިސްނޭނެ ސިޔާސީ ކުޅިވަރު ކުޅޭ މީހުންނަކަށް. އެތަށް އަހަރެއްގެ ނަތީޖާ މިހިރަ ދަނީ ފެންނަމުން.
1 0

ާއެކްސް

9 ސެޕްޓެމްބަރު 2024
ފުލުހުން ވަރަށް ބިޒީ..އުސޫލް ތަކާ އުއްގޮތަށް މަޑުމަޑުން ދުއްވާ އާދައިގެ މީހާ ހުއްޓުވައި،ޗެކްކޮށް،ލައިސަންސް އަތުލައި،ޖުރުމަނާ ކޮށް ޢާންމުން ފެލުމުގަ...
5 0

ސިކުނޑި

9 ސެޕްޓެމްބަރު 2024
އެއްވެސް ހަމައެއް ލަމައެއް ނެތް ތަނެއްމީ! ވެހިކަލްތައް އެތެރެ ކުރުމުގައި ހައްދެއްނެތް! 1 ރުފިޔާއަށް ސައިކަލު ލިބޭ! ވަގަށް ލައިސަންސް ގަނެވޭ، ޓްރެފިކް ޖޫރިމަނާތައް މައާފު ކުރުމުގެ ސަގާފަތެއް އޮވޭ! ދެން ކޮންމެ ފަހަރަކު މީހަކު މަރުވީމާ ކޮންހާ ކަންބޮޑުވުންތަކެއް؟ ހައްތާވެސް ދެއްކޭޕާޓީ!!
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް