ޖަލުން ގައިދީއަކު ނެރެނީ: ޖަލުގައި މަސައްކަތް ކުރުމުން ހުކުމުން ދުވަހެއް އުނިވާ ޕްރޮގްރާމެއްގެ މަސައްކަތް އަންނަނީ ކުރަމުން
މަސައްކަތްކޮށްގެން ހުކުމުން ދުވަހެއް އުނިކުރުން، ގައިދީންނަށް އާ ފުރުސަތެއް
ހުކުމް ތަންފީޒުކޮށް ނިމިގެން ޖަލުން ނުކުންނަ މީހުން އެއަށް ވުރެ ބޮޑެތި ކުށްތަކަށް އެބަ އަރައިގަނެ އެވެ. މުޖުތަމައު ބިރުން ފިތްކަނޑުވާލާ ފަދަ ކުށްތަކަށް ވެސް މެ އެވެ. އެތައް އަހަރެއް ވާންދެން ޖަލުގައި ބަންދުވެގެން ހުރުމަށް ފަހު މިނިވަންވީ ނަމަވެސް އެމީހުން އިސްލާހުނުވާ ފަހަރުތައް ގިނަ އެވެ. އިސްލާހުވެގެންނޭ އެމީހުން ބުނި ނަމަވެސް އެކަން ގަބޫލުކުރަން އުނދަގޫވެ އެވެ.
ނަތީޖާއަކަށް ވަނީ މުޖުތަމައުން ބާކީވުމެވެ. އަދާކުރާނެ ވަޒީފާއެއް، ކުރާނެ މަސައްކަތެއް ނުލިބެ އެވެ. އާއިލާގެ އެއްބާރުލުމެއް ނުލިބެ އެވެ. އެމީހުން މުޖުތަމައުއަށް އަނބުރާ އައީ އިސްލާހުވެގެންކަން ސާބިތުކޮށްދެވޭނެ ގޮތެއް ވެސް ނެތީމަ އެވެ.
އުއްމީދަކަށް ވެދާނެ ޕްރޮގްރާމެއް
މީގެ ހަފްތާއެއް ކުރިން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނު އިއުލާންކުރެއްވީ ޖަލުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ހުކުމުން ދުވަހެއް އުނިކުރާ ގޮތަށް ހާއްސަ ޕްރޮގްރާމެއް ތައާރަފްކުރަން ނިންމާފައިވާ ވާހަކަ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ޖަލުތަކުގައި އެފަދަ ޕްރޮގްރާމްތައް ކާމިޔާބުކަމާ އެކު ހިންގާފައި އެބަ ހުއްޓެވެ. އެ ޕްރޮގްރާމް ފުރިހަމަކޮށްގެން މުޖުތަމައަށް ނުކުންނަ މީހުން ބޭނުންތެރި މީހުންނަށްވެ އެހެން މީހުންނަށް ނަމޫނާއަކަށް ވެސް ވެ އެވެ.
"ޖަލަށްލާ އެ މުއްދަތުގައި އޭނާ ޖަލުގެ ތެރޭގައި އެއްވެސް ކަމެއް ނުކޮށް އެ މުއްދަތު ހަމަކޮށްފައި އައިމަ އޭނާ ވަކި ރަނގަޅު މީހަކަށް ވަނީއެއް ނޫނެއް ނޫންތޯ. އަޅުގަނޑުމެން މިބަލަނީ އެތަނުގައި [ޖަލުގައި] މި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމް ތްރޫކޮށް މި ހިންގަން، މި މުއްދަތެއްގައި ބައިވެރިވިކަމަށްވާ ނަމަ މިހާރަށް ވުރެ އެތައް ގުނައެއް ރަނގަޅު މީހަކަށް އޭނާ ވުމުގެ ފުރުސަތު ބޮޑުވާނެ. އެހެންވީމަ ޖަލުތެރޭގައި ކަމަކާނުލާ މީހުން ތިބުމުގެ ބަދަލުގައި އެމީހުންނަކީ ޕްރޮޑަކްޓިވް މީހުންނަށް ހެދުން މިއީ ޕޮއިންޓަކީ،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ތައްޔާރުކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އެގޭ މަސައްކަތް ނިންމާ ޕްރޮގްރާމްގެ އެކި ބައިތައް ފެށޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރަސްމީކޮށް އެ ޕްރޮގްރާމް ފުރިހަމައަށް ފެށޭނީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެންނެވެ.
"މި ޕްރޮގްރާމްގައި މަސައްކަތް ކުރާ ދުވަހަށް އިތުުރު ދުވަހެއް މި ކަނޑަނީ. ދެ އަހަރުގެ ޖަލު ހުކުމެއް އިންނަ މީހާ އެ ޕްރޮގްރާމްގައި މަސައްކަތް ކުރީމަ އެއް އަަހަރު މި އުނިވަނީ. އޭގައި ވަކި މުއްދަތެއް އިސްތިސްނާއެއް ނެތް، 20 އަހަރު އޮންނަ މީހާ ވެސް 10 އަހަރު އެ ޕްރޮގްރާމްގައި މަސައްކަތްކުރީމާ އެމީހާ މިނިވަންވާނެ. ރިހެބިލިޓޭޝަންގައި މިބަލަނީ އެމީހާ އެކުރާ ކުށެއްގެ ބާވަތުން އޭނާ މުޖުތަމައުއަށް ރަނގަޅުކޮށްފައި އަނބުރާ ނެރުމަށް،" އިހުސާން ވިދާޅުވި އެވެ.
"މިއީ ތޮއްޖެހުން ކުޑަކުރުމަށް ވުރެ ބޮޑަށް ގިނަ ދުވަސް ވަންދެން މީހުން ޖަލުތަކުގެ ތޭރިތަކުގައި ބޭތިއްބުމުގެ ބަދަލުގައި އަވަހަށް ރިހެބިލިޓޭޓްކޮށްފައި އެމީހުންނަކީ މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ހަދަން. ޖަލުން އެމީހުން ރިލީޒްކުރެވޭނެ ގޮތްތަކެއް ހެދުން."
އިސްލާހުވާން ގައިދީންނަށް ލިބޭ ހިތްވަރަކަށް ވެދާނެ
މިހާރުވެސް ޖަލުގައި ތަފާތު މަސައްކަތްތައް ކުރުމުގެ ފުރުސަތު ގައިދީންނަށް އޮވެ އެވެ. އެ މަސައްކަތްތައް ކުރުމުން އާމްދަނީއެއް ވެސް ލިބެ އެވެ. ނަމަވެސް އެ ޕްރޮގްރާމްގައި ބައިވެރިވެ މަސައްކަތްކުރަން ބޭނުންވާ ގައިދީން މަދުވެ ކުރިއަށް ނުގެންދެވެ އެވެ. އެންމެ އެކަށީގެންވާ އެއްބާރުލުމެއް ނުުލިބެ އެވެ. އިހުސާން ވެސް އެކަން ފާހަގަކުރެއްވި އެވެ.
އާ ޕްރޮގްރާމްގައި ބައިވެރިވި ނަމަވެސް މިހާރުވެސް ޖަލުގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ގައިދީންނަށް ބައިވެރިވެވޭނެ އެވެ. ޕެރޯލާއި އެހެނިހެން އިނާޔަތްތަކުގެ ފުރުސަތު ވެސް ތަފާތެއް ނެތި ލިބޭނެ އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވެސް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ރާވައި ކުރިއަށް ގެންދަން ފެށިއްޖެ ނަމަ އެއީ ގައިދީންނަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ.
"މިވާނެ ރިހިބިލިޓޭޓް ޕްރޮގްރާމްތަކަށް ގައިދީން އެންރޯލްވާން ވަރަށް ބޮޑު ހިތްވަރަކަށް. މިހާރުވެސް ދިމާވާ މައްސަލައެއް އެއީ ޖަލުގައި ހިންގާ ބައެއް ޕްރޮގްރާމްގައި ގައިދީންގެ އެއްބާރުލުން ނުލިބިގެން ކުރިއަށް ނުގެންދެވި ނޫނީ ފެށުން ލަސްވެފައި. އެހެންވީމަ އެކަހަލަ ކަންކަމަށް ވަރަށް ބޮޑު އެންކަރޭޖްމަންޓަކަށް ވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އަހްމަދު ވިދާޅުވި އެވެ.
"ހުކުމުން ދުވަހެއް އުނިކުރުމަކީ ޖަލުގައި ހުންނަ މީހަކަށް އެންކަރޭޖްމަންޓެއް ރިހެބިލިޓޭޓްވާން، އެކަމަކު އެކަން ކުރާނެ ރަނގަޅު މެކޭނިޒަމެއް އޮންނަން ޖެހޭނެ."
އެކަމާ ގުޅޭ ގޮތުން އިހުސާން ވިދާޅުވީ ޕްރޮގްރާމްގައި ބައިވެރިވެ އޭނާގެ ފަރާތުން އުޅުމަށް އިސްލާހީ ބަދަލުތަކެއް ނާންނަ ނަމަ ޕްރޮގްރާމުން ވަކިކުރާނެ ކަމަށެވެ.
"އޭނާގެ ބިހޭވިއާ ތްރޫއައުޓް ދަ ޕްރޮގްރާމް މޮނީޓާކުރާނެ. ބިހޭވިއާއަށް ބަދަލުނާންނަ ނަމަ ޕްރޮގްރާމްގައި ނުބަހައްޓާނަން. އޭނާގެ އަހުލާގާއި، އުޅުމާއި ޖެނެރަލް ވެލްބީންއަށް ބަލާނެ. ތަފާތެއް ނާންނަންޏާ ރިހެބިލިޓޭޓް ޕްރޮގްރާމެއްގެ ބޭނުމެއް ނެތެއް ނޫންތޯ، ޓާމިިނޭޓް ކުރާނަން ޕްރޮގްރާމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ބައިވެރިވެވޭނީ ކޮން ބަޔަކަށް؟
ޖަލުގައި ހުކުމް ތަންފީޒްކުރަމުންދާ ކޮންމެ ގައިދީއަކަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވެ ހުކުމް ކުޑަކުރުމުގެ ފުރުސަތު ދިނުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ނުވެދާނެ އެވެ. އެއްކޮށް އަދި ނުނިމި އޮތް މި ޕްރޮގްރާމްގެ ކޮންސެޕްޓްގައި ނިންމަނީ ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ގާނޫނުގައި ބުނާ ކުށްތަކަށް އަރައިގަނެގެން ހުކުމްކޮށްފައިވާ މީހުންނަށް މި ޕްރޮގްރާމްގައި ބައިވެރިނުވެވޭނެ ގޮތަށް ކަމަށް އިހުސާން ވިދާޅުވި އެވެ.
"މީގައި ބައިވެރިނުވެވޭ ކުށްތަކުގެ ތެރޭގައި މިހިމެނެނީ މާޑާ، ކުޑަކުދިންނަށް ކުރާ އަނިޔާ، ރޭޕް ފަދަ މައްސަލަތައް ކަހަލަ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކަންކަން. މުޅި ކޮންސެޕްޓާއި އުސޫލު އަދި ހަދާ ނުނިމޭ،" އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމް މެދުވެރިކޮށް ޖަލުން ނުކުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދޭން ސަރުކާރުން މަސައްކަތްކުރާނެ އެވެ.
މުޖުތަމައަށް ނުރައްކަލަކަށް ނުވާނެ
ޖަލުގައި މަސައްކަތްކުރާ ކޮންމެ ދުވަހަަކަށް ހުކުމުން ދުވަހެއް އުނިކުރާ ހަބަރާ އެކު ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ ޖަލުގައި ހޭދަކުރަން ޖެހޭ މުއްދަތު ދެބައިކޮށްފައި އެއްބައި ކުޑަކޮށްގެން ޖަލުން ނުކުންނަ މީހުން އަނެއްކާ ކުށްތަކަށް އަރައިގަތުމެވެ. މުޖުތަމައު ނުރައްކަލަށް ވައްޓާލާފާނެ ކަމުގެ ބިރެވެ. ނަމަވެސް ހޯމް މިނިސްޓަރު ވިދާޅުވީ މިހާރު ނެތް އިތުރު ބިރުވެރިކަމެއް އެކަމުގައި ނެތް ކަމަށެވެ.
"ކުށެއް ކޮށްގެން ޖަލަށްލާފައި ހުންނަ މީހަކު ޒިންމާދާރު މީހަކަށް ހެދިއްޖެއްޔާ އަނބުރާ ކުށުގެ މާހައުލަށް ނުކުތުން ވަރަށް ދުރު. މުއްދަތު ޖަހާފައި ބާއްވާފައި ނެރުމަކުން އެއިން އަސަރެއް ނުކުރާނެ. އެކަމަކު ރަނގަޅު ރިހިބިލިޓޭޓް ޕްރޮގްރާމަކުން އޭނާގެ ބިހޭވިއާ މޮޑިފައިކުރެވިއްޖެޔާ ރަނގަޅު ބަދަލެއް އަންނާނެ،" އިހުސާން ވިދާޅުވި އެވެ.
"މިހާރު ނެތް ނުރައްކަލެއް އެމީހުން ފަރާތަކުން އަންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ. މިހާރުވެސް ޖަލުން މީހުން ނުކުމެގެން އައިމަ އޮންނަ ރިސްކު އޮންނާނީ."
އަހްމަދު މުހައްމަދުފުޅު ވެސް އެކަމަށް އެއްބަސްވެވަޑައިގަތެވެ. އޭނާ ވެސް ވިދާޅުވީ ގައިދީންނަކީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް މިފަދަ ޕްރޮގްރާމެއްގެ ތެރެއިން ހެދިދާނެ ކަމަށެވެ.
މި ޕްރޮގްރާމްގައި ގައިދީން އެމީހުން ބޭނުންވާ ދާއިރާއެއްގައި މަސައްކަތްކޮށް އަދި ޝައުގުވެރިކަން ހުރި ދާއިރާއަކުން ހުނަރު ތަރައްގީކުރަން ފުރުސަތު ލިބެ އެވެ. އެއާ އެކު ވޮކޭޝަނަލް ތަމްރީނުގެ ބައިތައް ވެސް ހިމެނެ އެވެ.
ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ވެސް ކުޑަކުރެވިދާނެ
ޖަލުތަކުގައި ތިބޭ ގައިދީންނަށް މިހާރުވެސް ދައުލަތުން ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ. މި ޕްރޮގްރާމާ އެކު ގައިދީންގެ އެ ހަރަދު އިތުރަށް ބޮޑުވެދާނެ ހެއްޔެވެ؟ އެ ސުވާލަށް ހޯމް މިނިސްޓަރު ޖަވާބުދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް މެދުވެރިކޮށް ދައުލަތުން ޕްރޮޖެކްޓްތަކަށް ކުރާ ހަރަދު ކުޑަ ކުރެވިދާނެ އެވެ.
"މިކަމަށް ހަރަދުވާނީ ސީދާ ކިހާ ވަރެއްކަމެއް އަދި ނޭނގޭ. ކޮންސެޕްޓް އެއްކޮށް ނުނިމޭތީ އެހުރިހާ ތަފްސީލެއް އަދި ދޭކަށް ނޭނގޭ. އެކަމަކު ސިގްނިފިކޭންޓްލީ ބޮޑު ހަރަދެއް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު ގަބޫލުކުރަނީ ހަރަދުތައް ސަރުކާރަށް ކުޑަކުރެވޭނެ މޮޑެލްތަކެއް ގެނެވިދާނެ ކަމަށް،" އިހުސާން ވިދާޅުވި އެވެ.
"މިސާލަކަށް ސަރުކާރުން ކުރަން ހުރި ބައެެއް ޕްރޮޖެކްޓްސްތަކަށް ގާ އެޅުމާއި، ޖަލުގައި ކާންދިނުމުގެ މަސައްކަތާއި، މިހާެރު ޖަލުތެރޭގައި ކުރަން ހުންނަ މެއިންޓެނެންސް މަސައްކަތްތައް ނުވަތަ ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަން އެ ޕްރޮގްރާމްގެ ތެރެއިން ގައިދީން ބޭނުންކުރަންޏާ ހަރަދު ކުޑަވާނީ."
އޭގެ އިތުރުން މި ޕްރޮގްރާމްގައި ގައިދީން ކުރަން ޖެހޭނީ ވެސް އެފަދަ މަސައްކަތްތަކެވެ. ސަގާފީ މަސައްކަތްތައް ދަސްކުރުމާއި، އަތްތެރި މަސައްކަތް ދަސްކުރުމާއި ޖަލުގައި ކައްކާ ކާން ދިނުމުގެ މަސައްކަތުގައި ބައިވެރިވުމާއި މެއިންޓަނަންސް މަސައްކަތް ކުރުމާއި ރާނާ ސިމެންތި ޖެހުމާއި ފެން ވަޔަރިން އާއި އެއާ ކޮންޑިޝަނިން އަދި ކަރަންޓްގެ މަސައްކަތް ހިމެނެ އެވެ.
އެހެންކަމުން މިއީ ޖަލުގައި މާޔޫސްވެފައި ތިބި ގައިދީންނަށާއި އެމީހުންގެ އާއިލާއަށް އަދި މުޖުތަމައުއަށް ވެސް ފައިދާ ހުރި ޕްރޮގްރާމަކަށް ވެދާނެ އެވެ.
ކޮމެންޓް (2)
ސަމަދު ބެ
އެކަންބާ