ހަސީނާ (ވ) އަކީ އެކަމަނާގެ 15 އަހަރުގެ ވެރިކަމުގައި އިންޑިއާއަށް އިތުބާރުކުރެވޭ އެކުވެރިއެއް. (ފޮޓޯ/ބީބީސީ)

އިންޑިއާ

އިންޑިއާ-ބަންގްލަދޭޝްގެ މައްސަލަ: ހަސީނާއާ ދޭތެރޭ އަމަލު ކުރާނީ ކިހިނެއް؟

3 ސެޕްޓެމްބަރު 2024

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ގައުމު ހަލަބޮލިކޮށްލެއްވުމަށް ފަހު އަވަސް އަރުވާލައިގެން އިންޑިއާގެ ދިއްލީ ކައިރީގައި ހުންނަ އަސްކަރީ މަރުކަޒަކަށް ފިއްލެވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެއްޖެ އެވެ.

މިދިޔަ މަހުގެ 5 ވަނަ ދުވަހު ހަސީނާ މަގާމު ދޫކުރައްވައި ފިއްލަވަން މަޖުބޫރުވީ ދަރިވަރުން އިސްނަގައިގެން އެތައް ހަފުތާތަކެއް ވަންދެން ކުރި މުޒާހަރާތަކާ ކުރިމަތިނުލެއްވުމުންނެވެ. ފުރަތަމަ ބެލެވުނީ ހަސީނާ އިންޑިއާގައި މަޑުކުރައްވާނީ ވަރަށް ކުޑަ ދުވަސްކޮޅަކު ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތާއި އެމެރިކާ އަދި ޔޫއޭއީއިން ހިމާޔަތް ހޯއްދެވުމަށް އެކަމަނާ ކުރެއްވި މަސައްކަތް މިހާތަނަށް ކާމިޔާބު ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަސީނާ އިންޑިއާގައި ދެމިހުންނެވުމުގެ ސަބަބުން ޑާކާގެ އާ އިންތިގާލީ ސަރުކާރާ އެކު ހަރުދަނާ ގުޅުމެއް އުފައްދަން ދިއްލީއަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

އިންޑިއާއަށް ބަންގްލަދޭޝްއަކީ ހަމައެކަނި އަވަށްޓެރި ގައުމެއް ނޫނެވެ. މިއީ ސްޓްރެޓެޖިކް ޕާޓްނަރެއްގެ އިތުރުން އިންޑިއާގެ ބޯޑަރު ސެކިއުރިޓީއަށް، ހާއްސަކޮށް އުތުރު އިރުމަތީގެ ސްޓޭޓްތަކުގައި ވަރަށް މުހިންމު އެކުވެރިއެކެވެ.

އިންޑިއާ އާއި ބަންގްލަދޭޝް އިން 2،545 މޭލު ދިގު ބޯޑަރު އޮންނައިރު، އިންޑިއާގެ އުތުރު އިރުމަތީގެ ސްޓޭޓްތަކުން ހަތިޔާރު އެޅި ހަނގުރާމަވެރި ޖަމާއަތްތަކަށް ރައްކާތެރި ތަނެއް ހޯދުމަށް ބަންގްލަދޭޝްއަށް އެތެރެވުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

މީގެ 15 އަހަރު ކުރިން، 2009 ވަނަ އަހަރު ހަސީނާގެ އަވާމީ ލީގު ޕާޓީ ވެރިކަމަށް އައުމާ އެކު އެ ޕާޓީން ވަނީ އެފަދަ ބައެއް ނަސްލީ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ. ހަސީނާ ވަނީ އިންޑިއާއާ އެކު ބޯޑަރުގައި އުފެދިފައިވާ ގިނަ މައްސަލަތަކެއް ސުލްހަވެރިކަމާ އެކު ހައްލުކުރައްވައިފަ އެވެ.

ބޯޑަރު ސެކިއުރިޓީއަކީ އެ ދެ ގައުމުގެ އެ ގުޅުމުގެ މައިގަނޑު އަސާސް އެވެ. އޭގެ އިތުރަށް މާލީ ކަންކަން ވެސް ހިމެނެ އެވެ. ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި ވިޔަފާރީގެ ގުޅުންތަކާއި ދެ ގައުމުގެ އެ ނޫން ވެސް ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ އެވެ. އިންޑިއާގެ އުތުރު އިރުމަތީގެ ސްޓޭޓްތަކަށް މުދާ އުފުލުމަށް ބަންގްލަދޭޝްގެ މަގުތަކާއި ކޯރުތަކާއި ރޭލުތައް ވަނުމުގެ ފުރުސަތު އިންޑިއާއަށް ލިބުނެވެ.

އަދި 2010 ވަނަ އަހަރުން ފެށިގެން އުމްރާނީ އަދި ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން ވަނީ ބަންގްލަދޭޝްއަށް ލައިން އޮފް ކްރެޑިޓްގެ ގޮތުގައި 7 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދީފަ އެވެ. 

ހަސީނާ ކުއްލި ގޮތަކަށް ވަކިވެވަޑައިގަތުމުގެ މާނައަކީ އެ ފައިދާތައް ނުގެއްލި ކުރިއަށް ދިއުމަށް ދިއްލީން ގަދައަޅައި މަސައްކަތް ކުރަން ޖެހުމެވެ. 

"އަޅުގަނޑުމެން ދެ ގައުމު ދެމެދު އުފެދޭ ކޮންމެ ނުތަނަވަސްކަމަކީ އަބަދު ވެސް ބޭނުން ނުވާ ކަމެއް. އަދި މިއީ ފަހަތަށް ޖެހުމެއް،" ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިން ހުންނެވި އިންޑިއާގެ ކުރީގެ ހައި ކޮމިޝަނަރު ޕިނަކް ރަންޖަން ޗަކްރަވަތީ ވިދާޅުވި އެވެ.

ނަމަވެސް ކުރީގެ ޑިޕްލޮމެޓް ވިދާޅުވަނީ ޑާކާގެ އިންތިގާލީ ސަރުކާރާ އެކު ދިއްލީން މަސައްކަތް ކުރާނީ "އިތުރު ގޮތެއް ނެތުމުން" އަދި "އެމީހުން އެތެރޭން ކުރާ ކަންކަން ޑިކްޓޭޓް ނުކުރެވޭނެތީ" ކަމަށެވެ. 

ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރާ ގުޅުމަށް އިންޑިއާ ސަރުކާރުން އެއްވެސް ވަގުތެއް ބޭކާރުކޮށްފައެއް ނުވެ އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވަގުތީ ލީޑަރު މުހައްމަދު ޔޫނުސްއާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވައިފަ އެވެ.

ނަމަވެސް ފާއިތުވި 15 އަހަރު ހަސީނާ އާއި އޭނާގެ އަވާމީ ލީގަށް އިންޑިއާއިން ހިފެހެއްޓުމެއް ނެތް ތާއީދުކޮށްފައިވާތީ ބަންގްލަދޭޝް މީހުންގެ ރުޅިވެރިކަން މައިތިރިކުރުމަށް ދިއްލީއަށް ވަގުތު ނަގާނެ އެވެ.  

ބަންގްލަދޭޝްގެ ގިނަ ބަޔަކު އިންޑިއާއާ ދެކޮޅަށް ނުރުހުން ފާޅުކުރަނީ ހަސީނާގެ ޕާޓީން ވޯޓު އޮޅުވާލި ކަމުގެ ތުހުމަތާ އެކު، ވިދިވިދިގެން ތިން އިންތިހާބު ހަސީނާ ކާމިޔާބު ކުރުމުން ދިއްލީން ވަގުތުކޮޅެއް ވެސް ނެގުމަކާ ނުލައި ތާއީދު ކުރުމުންނެވެ.

ހަސީނާގެ ވެރިކަން ވެއްޓުމާ އެކު ދިއްލީގެ "އަވަށްޓެރިން ފުރަތަމަ" ސިޔާސަތަށް އަނެއްކާ ވެސް ބޮޑު ޝޮކެއް ވަނީ ލިބިފަ އެވެ. އެއީ ރާއްޖެ ވެސް ހިމެނޭ ގޮތަށް، ބަންގްލަދޭޝް އާއި ނޭޕާލުން ވެސް، އިންޑިއާ އިން ސަރަހައްދީ ބާރު ގަދަކުރަން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅު ހެދުމުންނެވެ. 

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ ސަރަހައްދީ ބާރެއްގެ ހައިސިއްޔަތު އިންޑިއާ ހިމާޔަތްކުރަން ބޭނުން ނަމަ، އަވަށްޓެރި އިތުރު ގައުމެއްގައި އޮންނަ ދިއްލީގެ ނުފޫޒު ގެއްލުވާލުމަށް އެ ގައުމަށް ފަރުނުޖެއްސޭނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ވާދަވެރި ޗައިނާ އިން ވެސް މި ސަރަހައްދުގައި ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު މިދިޔަ އަހަރު ރާއްޖޭގެ ވެރިކަން ކާމިޔާބު ކުރެއްވީ އިންޑިއާއާ ދެކޮޅަށް ފާޅުގައި ގެންގުޅުއްވި ސިޔާސަތުގެ ސަބަބުންނެވެ. 

"މިއީ އިންޑިއާގެ ސަރަހައްދީ ސިޔާސަތާ ގުޅޭ ގޮތުން އަމިއްލައަށް ވިސްނަންވީ ވަގުތު،" ޑާކާގެ ސެންޓާ ފޯ ޕޮލިސީ ޑައިލޮގްގެ ސީނިއާ އިކޮނޮމިސްޓް ޑެބަޕްރިޔާ ބަޓަޗަރިޔާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ދިއްލީން ބަލަން ޖެހޭނީ ސަރަހައްދީ ބައިވެރިންގެ ވިސްނުން އެކަށީގެންވާ ގޮތެއްގައި ހިމާޔަތް ކުރެވިފައިވޭތޯ އެވެ.

"އަޅުގަނޑު މި ދައްކަނީ ހަމައެކަނި ބަންގްލަދޭޝްގެ ވާހަކައެއް ނޫން [އަދި] މި ސަރަހައްދުގެ ގާތްގަނޑަކަށް އެހެން ހުރިހާ ގައުމެއްގެ ވާހަކަ،" ބަންގްލަދޭޝްގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ކަރުދާހެއް އެކުލަވާލުމަށް އިންތިގާލީ ސަރުކާރުން އެކުލަވާލި ކޮމެޓީގެ މުގައްރިރު ބަޓަޗަރިޔާ ވިދާޅުވި އެވެ.

މިސާލަކަށް ބަންގްލަދޭޝް ނަގަމާ ހިނގާށެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އިދިކޮޅު އެހެން ޕާޓީތަކާ، ހާއްސަކޮށް ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)އާ ގުޅުން ބަދަހިކުރުމުގައި އިންޑިއާގައި ފަހުން އައި ސަރުކާރުތައް ވަނީ ފެއިލްވެފަ އެވެ.

"އިންޑިއާ އިން ކޮންމެވެސް ވަރަކަށް ހީކުރީ އަވާމީ ލީގާއި އެ ޕާޓީގެ ސަރުކާރަކީ ބަންގްލަދޭޝްގެ އެތެރޭގައި އޮތް ހަމައެކަނި ބައިވެރިން ކަމަށް. އެއީ ސްޓްރެޓެޖިކް ގޯހެއް،" ބީއެންޕީގެ އިސް ލީޑަރެއް ކަމަށްވާ އަބްދުލް މުއީން ހާން ވިދާޅުވި އެވެ.

ކުރިއަށް އޮތް މަސްތަކުގައި ބަންގްލަދޭޝްގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިފި ނަމަ ބީއެންޕީގެ ލީޑަރުންނަށް ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

އެކަމުގެ ސަބަބުން ދިއްލީއަށް ހާރިޖީ ގޮތުން ގޮންޖެހުމެއް ކުރިމަތިވާނެ އެވެ. މީގެ ކުރިން ދެ ދައުރަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭގަމް ހާލިދާ ޒިޔާ އިސްކޮށް ހުންނަވާ ބީއެންޕީ އާއި އިންޑިއާއާ ދެމެދު ވަނީ އިތުބާރު ގެއްލިފައި ކަމަށް ބެލެވެ އެވެ. 

މީގެ ހަ އަހަރު ކުރިން، 2018 ވަނަ އަހަރުން ފެށިގެން ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ހާލިދާ ޒިޔާ އަކީ އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އަބަދު ވެސް އިންކާރު ކުރައްވާ އަދި ހަސީނާ އޭނާގެ މައްޗަށް ސިޔާސީ ބަދަލު ހިފުމުގެ ތުހުމަތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަނާ މިހާރު ވަނީ ޖަލުން މިނިވަންވެ އަދި ބަލިން ވެސް އަންނަނީ ރަނގަޅުވަމުންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ދިއްލީ އާއި ބީއެންޕީގެ ލީޑަރުންގެ ހިޔާލު ތަފާތުވުންތައް ނައްތާލާނެ ގޮތެއް ހޯދަން ޖެހޭނެ އެވެ.

ބަންގްލަދޭޝްގައި 2001 އިން 2006އަށް އޮތް ބީއެންޕީގެ ކޯލިޝަން ސަރުކާރާ އިންޑިއާގެ ގުޅުން ހީނަރުވެގެން ދިޔައީ ޑާކާއިން އިންޑިއާގެ އުތުރު އިރުމަތީގެ ހަނގުރާމަވެރިންނަށް ހިމާޔަތް ދޭ ކަމަށް ބުނެ ދިއްލީން ކުރާ ތުހުމަތަކާ ގުޅިގެންނެވެ.

ހާލިދާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ހިންދޫ ލީޑަރުން ވިދާޅުވެފައިވަނީ 2001 ވަނަ އަހަރުގެ އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމާ އެކު އިސްލާމް ދީނުގެ ޕާޓީތަކާއި ބީއެންޕީން އެމީހުންނާ ދެކޮޅަށް ސިލްސިލާ ހަމަލާތަކެއް ދޭން ފެށި ކަމަށެވެ. އޭގެ ތެރޭގައި މީހުން މެރުމާއި ފޭރުމާއި ރޭޕް ކުރުން ހިމެނެ އެވެ.

ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މަގާމުގެ ހުވާ ނޮބެލް އިނާމު ހާސިލްކުރެއްވި މުހައްމަދު ޔޫނުސް (މ) ކުރައްވަނީ. (ފޮޓޯ/އޭއެފްޕީ)

ބީއެންޕީން ވަނީ އިންޑިއާއާ ދެކޮޅު ހަނގުރާމަވެރިންނަށް ހިޔާވަހިކަން ދިނުމުގެ އިތުރުން 2001 ވަނަ އަހަރު މައިނޯރިޓީ ހިންދޫންނަށް ހަމަލާދިން ކަމުގެ ތުހުމަތު ވެސް ދޮގުކޮށްފަ އެވެ.

އިމްރާން ވެސް ހިމެނޭ ގޮތަށް ބީއެންޕީގެ ލީޑަރުން ވިދާޅުވާ ގޮތުގައި އިންޑިއާއިން އެ މީހުންނާ އެކު މަޝްވަރާ ކުރަން ކުރިއަށް ނުދާ ކަމަށާއި "މިހާރު މިއޮތީ ދިއްލީން ސިޔާސަތު ބަދަލުކުރަންވީ ވަގުތު" ކަމަށެވެ. 

އިންޑިއާގެ ގާތްކަމާއި ސައިޒާއި އިގްތިސާދީ އަދި އަސްކަރީ ބާރު އިތުރުވަމުންދާތީ، އިންޑިއާއާ ދެކޮޅު އެއްވެސް ހަނގުރާމަވެރި ބަޔަކަށް ހިމާޔަތްދިނުމުގެ ގޯސް އޭނާގެ ޕާޓީން ނުހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާއާ މެދު ރުޅިވެރިކަން އުފެދުމުގެ ފަހަތުގައި އެހެން ވެސް ސަބަބުތަކެއް އެބަހުއްޓެވެ. އިންޑިއާ އާއި ބަންގްލަދޭޝްގައި 54 ކޯރު ހިއްސާކުރާ އިރު ފެނުގެ ވަސީލަތްތައް ހިއްސާކުރުމަކީ ދެބަސްވުމެކެވެ.

ދާދި ފަހުން ބަންގްލަދޭޝްގެ އިރުމަތީ ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވި ހާދިސާގެ ދޮގު މައުލޫމާތު ފެތުރުނު ގޮތުން ދެ ގައުމުގެ މެދުގައި ޝައްކު އުފެދޭ މިންވަރު އެކަމުން އެކަނި ވެސް ދައްކުވައިދިން މިސާލެކެވެ. 

ދާދި ފަހުން ބަންގްލަދޭޝްގައި ފެންބޮޑުވުމުގެ ސަބަބުން އެތައް މިލިއަން ބަޔަކު ހާލުގައި ޖެހުނު. (ފޮޓޯ/ރޮއިޓާސް)

އިންޑިއާގެ ތުރިޕޫރާ ސްޓޭޓަށް ކުއްލިއަކަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުމްޓީ ކޯރަށް އިތުރު ފެން ވަދެ، އެ ސްޓޭޓްގެ އެތެރޭގެ ބޮޑު ސަރަހައްދުތަކަށާއި އަވަށްޓެރި ބަންގްލަދޭޝްގެ ތިރި ސަރަހައްދުތަކުގައި ފެންބޮޑުވި އެވެ. 

އެތައް ބައެއްގެ ގެދޮރާއި މުދަލާއި ދަނޑުބިންތައް ގެއްލި، އެތައް މިލިއަން ބަޔަކަށް ވަނީ އަސަރުކޮށްފަ އެވެ. ރަށްވެހިންނާއި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އިންޑިއާއިން ރޭގަނޑު ދަންވަރު ޑޭމަކުން ފެން ދޫކުރުމުން ފެންބޮޑުވީ އެވެ.

އެކަން ދޮގުކޮށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ބަޔާނެއް ނެރެން މަޖުބޫރުވީ ގުމްޓީ ކޯރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަމަށް ބުނެ އެވެ. 

ދެން އޮތީ އަނެއް ސަބަބެވެ. އެއީ ޗައިނާ އެވެ. އިންޑިއާއާ އެކު ސަރަހައްދީ ބާރުވެރިކަން ހޯދުމަށް ބަންގްލަދޭޝް އިން ހަނގުރާމަ ކުރަމުންދާ އިރު، ބެއިޖިންއިން ބޭނުންވަނީ ބަންގްލަދޭޝްގައި އެގައުމުގެ ފައިތިލަ ވަރުގަދަ ކުރުމަށެވެ.

ރާއްޖޭގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅަށް ޗައިނާ އިހްތިޔާރު ކުރެއްވުމުން ރައީސް މުއިއްޒަށް ޗައިނާ އިން ރަތް  ދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ.

ދިއްލީން ބޭނުންވަނީ ބަންގްލަދޭޝް އެފަދަ ކަންކަމުން ސަލާމަތް ވުމަށެވެ. އަދި ބަންގްލަދޭޝްއިން އިންޑިއާގެ މުދަލާއި ވިޔަފާރީގެ މައްޗަށް ބަރޯސާވުމުގެ ސަބަބުން ޑިޕްލޮމެޓިކް ސްޓްރެޓެޖީ އެކުލަވާލައި އެ ގައުމުގެ ތަސައްވުރު ބަދަލުކުރުމަށް ވަގުތު ކޮޅެއް ލިބޭނެ ކަމަށް އުއްމީދު ކުރާނެ އެވެ.

އެހެންވީމާ ހަސީނާ އިންޑިއާގައި ހުންނެވުމާ މެދު، ވަކިން ހާއްސަކޮށް، އާ ސަރުކާރުން ރަސްމީކޮށް ހަސީނާ އަނބުރާ ގައުމަށް ފޮނުވާލުމަށް އެދިއްޖެ ނަމަ، ދިއްލީއަށް ޖެހޭނީ ވަރަށް ފަރުވާތެރިކަމާ އެކު އެކަމަށް އެޑްރެސް ކުރާށެވެ.

ހަސީނާގެ ފަރާތުން މިދިޔަ މަހު އޭނާގެ ދަރިފުޅު ސަޖީބު ވަޒީދު ޖޯއީ ނެރުއްވި ބަޔާނެއްގެ ސަބަބުން ބަންގްލަދޭޝްގައި މިހާރު ވެސް ވަނީ ރުޅިވެރިކަން އުފެދިފަ އެވެ.

ނަމަވެސް ހަސީނާގެ މުސްތަގުބަލް އަދިވެސް ނޭނގޭ ދަނޑިވަޅެއްގައި އަދި ކުރީގެ ވަރުގަދަ އެކުވެރިއެއް ހާލުގައި ޖެހިފައިވާ ދަނޑިވަޅެއްގައި ހަސީނާ ގައުމު ދޫކޮށް ދިއުމަށް އިންޑިއާއިން އެދޭކަށް ބޭނުމެއް ނުވާނެ އެވެ. 

"އިންޑިއާގައި އެކަމަނާއަށް މެހެމާންދާރީ ދެވެނީ ކިހިނެއްކަން އެއީ މައްސަލައެއް ނޫން. އެކަމަކު އެތަނުގައި ހުރެގެން ބަންގްލަދޭޝްގެ ދާހިލީ ކަންކަމުގައި އޭނާ ނުފޫޒު ފޯރުވަނީ ކީއްވެގެންތޯ އެއީ ބަންގްލަދޭޝް މީހުންނަށް މުހިންމު ކަމެއް. ހަސީނާ މިހާރުގެ އިންތިގާލީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވައިފި ނަމަ އެއީ ދެކޮޅުވެރިކަމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ،" ބަޓަޗަރިޔާ އިންޒާރު ދެއްވި އެވެ. 

ދިއްލީގައި ތިއްބަވާ ހާރިޖީ ބޭފުޅުން އުއްމީދު ކުރާނީ ހަސީނާއަށް އިންޑިއާއިން މަޖުބޫރު ކުރުމެއް ނެތި އަމިއްލައަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް