މާލޭ މާރުކޭޓް ސަރަހައްދުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
'ގަވާއިދަށް އުޅޭ ނަމަ 500،000 ބިދޭސީންނަކީ ވެސް މައްސަލައެއް ނޫން'
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެގެން އުޅޭތާ އެތައް އަހަރެކެވެ. ކުރީގެ ސަރުކާރުތަކުން ވެސް މިކަން ހައްލުކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް ހައްލެއް ނުލިބުނެވެ. މިދިޔަ 10 މަސް ތެރޭ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ހައްލު ކުރަން އުޅޭ މައްސަލަތަކުގެ ތެރޭގައި ވެސް މިކަން ހިމެނެ އެވެ. އޭގެ ބައެއްގެ ގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް މި ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ.
މި މަހު އެއް ވަނަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކޮށް، މިހާރު އަމަލު ކުރަން ފަށާފައިވާ މި އިސްލާހުގެ ބޮޑު އެއް ބަދަލަކަށް މިއޮތީ، ކުރިން ގާނޫނުގައި އޮތް އެއް ގައުމަކުން ގިނަވެގެން ގެނެވޭ ބިދޭސީންގެ އަދަދު އުވާލުމެވެ. ނުވަތަ ގާނޫނުގައި އޮތް ލިމިޓް ފުހެލުމެވެ. އޭގެ ބަދަލުގައި ދެން މި އަދަދުތައް ކަނޑައެޅުން މަތިކޮށްފައި މި އޮތީ، ބިދޭސީންގެ ކަންކަން ބަލަހައްޓަމުން އަންނަ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހަދާ ގަވައިދަށެވެ.
މިއީ ރަނގަޅު ބަދަލެއް ހެއްޔެވެ؟ މި ބަދަލާ އެކު މި މައްސަލަ ހައްލުވާނެ ހެއްޔެވެ؟ ނުނީ ހިފެހެއްޓުމެއް ނެތި ބިދޭސީން ރާއްޖެ އައިސް، މުޅި ނިޒާމް މިހާރަށް ވުރެ ބޮޑަށް ބޮއްސުންލައިގެން ދާނީ ހެއްޔެވެ؟
ގާނޫނުގައި ލިމިޓް އޮތުން މުހިންމު ވަނީ ކީއްވެ؟
ކުރިން ގާނޫނު އޮތް ގޮތުން އެންމެ ގިނަވެގެން އެއް ގައުމަކުން ބިދޭސީން ގެނެވޭނެ އަދަދަކީ 100،000 އެވެ. މި ބަދަލު ގާނޫނަށް ގެނައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން 22 ސެޕްޓެމްބަރު 2020ގަ އެވެ.
އެމްޑީޕީގެ ސަރުކާރުގެ މި ސިޔާސަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެ ސަރުކާރުގައި ބިދޭސީންގެ ކަންކަން ބެލެހެއްޓެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި ވަކި ގައުމަކަށް ވަކި ލިމިޓެއް ކަނޑައެޅުމަކީ ގޮންޖެހުމެކެވެ. އޭގެ ބަދަލުގައި ހުރިހާ ގައުމަކަށް ވެސް ހަމަހަމަ ލިމިޓެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެން އޭރު އެކަން ކުރީ، އަޅުގަނޑުމެންނާ ރިލޭޝަންސްތައް [އެހެން ގައުމުުތަކުގެ ގުޅުންތައް] މި އޮންނަ ގޮތުން، ވަރަށް އުނދަގޫވާނެ ވަކި ގައުމަކަށް ވަކި ލިމިޓެއް ކަނޑައަޅަން. އެހެންވެ ގާނޫނަކުން ހުރިހާ ގައުމަކަށް [ހަމަހަމަ ލިމިޓެއް] އަޅުގަނޑުމެން ކަނޑައެޅީ،" އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ވަކި ގައުމަކަށް ވަކި ލިމިޓެއް ކަނޑައަޅައިފި ނަމަ އަވައްޓެރި ގައުމުތަކުގެ ގުޅުމަށް ވެސް ބުރޫއަރާނެ އެވެ. އަދި އެއް ގައުމަކުން މާ ގިނަ އަދަކަށް ބިދޭސީން އައުމަކީ ވެސް އިޖްތިމާއީ މައްސަލަތައް އިތުރުވާން އޮތް ޖާގައެއްގެ ގޮތުގައި އޭނާ ގަބޫލުކުރައްވަ އެވެ.
"ގާނޫނެއްގައި އޮންނަ ބާރަކާ ވަރަށް ތަފާތުވާނެ ދެއްތޯ، މިނިސްޓަރަކަށް ނުވަތަ ކެބިނެޓަކަށް އޮންނަ ބާރަކާ. [މި ބަދަލުގެ ސަބަބުން] މުޅި އެތީގެ ހަރުދަނާ ކަމަށް އެބަ އަސަރުކުރޭ. ދެން އެހެން ނަމަވެސް، ގައުމުގެ ހިންގުމާ ގުޅުން ހުރި ކަމެއް ވީމަ، އެއްކޮޅުން ބަލާއިރު ސަރުކާރަށް އެބާރު އޮތުން ވެސް ރަނގަޅު،" މިހާރު ގެނައި އިސްލާހާ އޭނާ ދެކޮޅު ނޫންކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވި އެވެ.
ލިމިޓް ދެން ކަނޑައަޅާނީ ކިހިނެއް؟
މިހާރު ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި މި އިސްލާހުގައި ގާނޫނުގައި ކުރިން އޮތް ލިމިޓް އުވާލުމަށް ފަހު، ދެން މި ލިމިޓް ގަވައިދުގެ ދަށުން ކަނޑައަޅާނެ ގޮތްތައް ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން:
-
އަހަރެއްގެ ތެރޭ ރާއްޖެއަށް ވަޒީފާ އަދާކުރަން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅަން ޖެހޭ؛ އެއީ އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަރަށް ބިނާކޮށް، ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތަކެއް ކަނޑައެޅުން
-
އެ އަދަދުތައް ކޮންމެ ދެ އަހަރަކުން މުރާޖާކުރަން ޖެހޭ
މި އަދަދުތައް ކަނޑައެޅުމުގެ ކުރިން، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރުތައް ދެނެގަތުމަށް އެސެސްމެންޓެއް ހަދަން ޖެހެ އެވެ. އޭގައި ބަލަން ޖެހޭ ކަންކަމުގެ ތެރޭގައި، މިވަގުތު ރާއްޖޭގައި ގަވައިދާ އެއްގޮތަށް/ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދާއި މުހިންމު ދާއިރާތަކަށް ބިދޭސީން ބޭނުންވާ މިންވަރު ބެލުން ހިމެނެ އެވެ.
އެސެސްމެންޓަަށް ފަހު، އަދަދުތައް ކަނޑައެޅުމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާ ވެސް ހޯދަން ޖެހެ އެވެ. އެހެންކަމުން މިއީ ސީދާ އެންމެ މިނިސްޓަރަކަށް އެކަނި ދޫކޮށްލާފައި އޮތް ބާރެއް ވެސް ނޫނެވެ.
އޭގެ އިތުރުން ލިމިޓްތައް ކަނޑައެޅުމުގައި ރިއާޔަތްކުރަން ޖެހޭ އެހެން ބައެއް ކަންކަން ވެސް ގާނޫނުގައި ލިޔެފައިވެ އެވެ. އޭގެ ތެރޭގައި ފަސް ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. އެއީ:
-
ގައުމުގެ އިގްތިސާދީ/އިޖްތިމާއީ މުހިންމު ސިނާއަތެއް/ވިޔަފާރިއެއް/ފަންނެއް ކުރިއަރުވަން ކޮންމެހެން މުހިންމު ވަޒީފާތަކަށް އެކަށީގެންވާ އަދަދަކަށް ކަމުގެ ހުނަރު ލިބިފައިވާ މަސައްކަތްތެރިން ރާއްޖެއިން ލިބެން ނެތުން ނުވަތަ ލިބޭ މިންވަރު މަދުވުން
-
ވަކި ދާއިރާއެއްގެ ވަޒީފާއަށް ބިދޭސީން ނެގުމުގެ ސަބަބުން އެ ދާއިރާއެއްގައި އިލްމާއި ހުނަރު އިތުރުވުމުގެ ފުރުސަތު އޮތް މިންވަރު
-
ވަކި ދާއިރާއެއްގައި ބިދޭސީން މަސައްކަތްތެރިން ހިމެނުމުގެ ސަބަބުން ނުވަތަ އެފަދަ މަސައްކަތްތެރިންގެ އަދަދު އިތުރުވުމުގެ ސަބަބުން ދާހިލީ އަދި ގައުމީ ސަލާމަތަށް އަސަރުކޮށްފާނެ މިންވަރު
މައްސަލައަކީ ބިދޭސީން ގިނަވުމެއް ނޫން، ގަވައިދާ ހިލާފަށް އުޅުން
ފައްޔާޒު އާއި މިހާރުގެ ބިދޭސީންގެ ކަންކަން ބަލަހައްޓަމުން އަންނަ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވެސް އެއްބަސްވާ އެއް ކަމެއް އެބަ އޮތެވެ. -- ރާއްޖޭގެ އިގްތިސާދު ފުޅާކުރަން ބިދޭސީ މަސައްކަތްތެރިން ބޭނުންވާ ކަމެވެ. އެހެންކަމުން މައްސަލައަކީ ބިދޭސީން ގިނަވުމެއް ނޫނެވެ. މައްސަލައަކީ، ބިދޭސީން ގަވައިދާ ހިލާފަށް އުޅުމެވެ.
"ބޭރު ގައުމުތަކުގައި ވެސް، މިސާލަކަށް ގަތަރު، ޔޫއޭއީ ތަންތަނުގައި ވެސް އާބާދީއަށް ވުރެ ބިދޭސީންގެ ޕޮޕިއުލޭޝަން ބޮޑު އިރު ވެސް [ބިދޭސީ] މީހުންގެ އަދަދު އިތުރުވުމެއް ނޫން މައްސަލައަކީ. މީހުން މެނޭޖްނުވެ، އެމީހުން ގަވައިދާ ހިލާފަށް އުޅެ، އެމީހުން ޝޯޝަލް އަދި ކްރިމިނަލް މައްސަލަތަކުގެ ތެރޭގައި ބޮޑުވީމާ މައްސަލައަކަށް މި ވަނީ،" އިހުސާން ވިދާޅުވި އެވެ.
[ބިދޭސީން ގިނަވެގެން] ސެކިއުރިޓީ ސައިޑުން އެޓެންޑު ކުރެވޭނެ. ނުކުރެވޭނެ ކަމަކީ، ކަލްޗާއަށް ކުރާ އަސަރު ނުހުއްޓުވޭނެ. އެމީހުންގެ ފަރާތުން ގަވައިދާ ހިލާފަށް އުޅެންޏާ ދިމާވާ އެހެނިހެން ޝޯޝަލް މައްސަލަތަކަށް ހައްލު ނުލިބޭނެ
އެމްޑީޕީގެ ސިޔާސަތާއި މި ސަރުކާރުގެ ސިޔާސަތު ތަފާތުވަނީ ކޮންމެ ގައުމަކަށް 100،000ގެ ލިމިޓެއް ކަނޑައެޅުމެވެ. އިހުސާން ވިދާޅުވި ގޮތުގައި ސަލާމަތީ ސަބަބެއްގެ ގޮތުގައި އެ ފިޔަވަޅު އަޅާފައި އޮތް ނަމަވެސް، ގަވައިދުތައް ރަނގަޅަށް ތަންފީޒުވާ ނަމަ، އެއީ މައްސަލައަކަށް ނުވާނެ އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ލޭބާ ކެޕް އަޅައިގެން އެއް ގައުމަކުން މި އޮންނަ އެތި ލިމިޓް ކުރާ ހަމައެކަނި ސަބަބަކަށް މި ވަނީ ސެކިއުރިޓީ ސަބަބު. އެއީ ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ މީހުން އިތުރުވެ، އެމީހުންގެ ފަރާތުން ދައުލަތާ ހަމައަށް އައިސްދާނެ ނުރައްކަލަކަށްޓަކައި. އޭތި ހަމަ އަންނާނެ ދޯ އެހެން ގައުމެއްގެ ބަޔަކު ގާނޫނާ ހިލާފަށް އުޅުނަސް،" މި ސަރުކާރުގެ އެންމެ މެންޑޭޓު ބޮޑު ވުޒާރާގެ ވަޒީރު ކަމުގައި ހުންނެވި އިހުސާން ވިދާޅުވި އެވެ.
"މީގައި އަސްލު މައްސަލައަށް އެޑްރެސް ކުރަން ޖެހެނީ. އަޅުގަނޑުމެން މި އެޑްރެސް ކުރަނީ އަސްލު މައްސަލައަށް. އެއީ، 50 މީހުން ތިބިޔަސް އެ 50 މީހުން ތިބީ ގަވައިދާ އެއްގޮތަށް ކަމުގައިވާ ނަމަ އަޅުގަނޑުމެންނަށް އޯކޭ. 500،000 މީހުން ތިބިޔަސް އެ 500،000 މީހުން ތިބީ ގަވައިދާ އެއްގޮތަށް ނަމަ، އަޅުގަނޑުމެންނަށް އޯކޭ."
އޭރު އެމްޑީޕީގެ ސަރުކާރުން ބަންގަލްދޭޝް މީހުންގެ 100،000 މީހުންގެ ލިމިޓް ހަމަވެގެން އެ ގައުމުން އަންސިކްލްޑް ލޭބަރުން ގެނައުން ހުއްޓާލި އެވެ. އެއާ އެކު އެ މަސައްކަތްތައް ކުރުމަށް ދެން ގެނައީ އަވައްޓެރި އެހެން ގައުމުތަކުގެ މީހުންނެވެ.
އިހްސާން ދެކެވަޑައިގަންނަވާ ގޮތުގައި އިގްތިސާދީ ވިސްނުމަކުން ވެސް އަދި އިޖްތިމާއީ ވިސްނުމަކުން ބެލި ނަމަވެސް އެ ފިޔަވަޅުގެ ގެއްލުން އެބަ ހުއްޓެވެ. ސަބަބުތަކެއްގެ ގޮތުގައި އޭނާ ދެއްކެވީ:
-
ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ މަސައްކަތުގެ އަހުލާގު ރަނގަޅުވުމުން ވަޒީފާ ދޭ ފަރާތުން ވެސް ބޮޑަށް ބޭނުންވަނީ އެގައުމުގެ ލޭބަރުން ގެނައުމަށް
-
ވަޒީފާ ދޭ ފަރާތުން ވެސް ގަބޫލުކުރާ ގޮތުގައި ދޭ މުސާރައާ ބައްދަލު މަސައްކަތް ކުރަނީ ވެސް ބަންގްލަދޭޝް މަސައްކަތްތެރިން
-
މުސްލިމުންގެ ބޮޑު މެޖޯރިޓީއެއް އޮންނަ ބަންގްލަދޭޝް މީހުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ސަބަބުން ދިވެހިންގެ ދީނާއި ސަގާފަތަށް އޭގެ އަސަރެއް ނުކުރޭ. ބައެއް ފަހަރަށް ދީނީ ކަންކަމުގައި ބޮޑަށް ބައިވެރިވޭ
-
މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ހުކުރު ދުވަހު ގިނަ އަދަދަކަށް ބަންގްލަދޭޝް މީހުން ހުކުރު ނަމާދަށް ދިޔުން؛ އެހެން ދީނެއްގެ ބަޔަކު އުޅޭ ނަމަ، ހުކުރު ގަޑީގައި ތިބޭނީ މަގުމަތީގައި ނޫނީ ކޮންމެވެސް އެހެން ކަމެއްގައި. އެއީ، އަހަރެމެން 'ތުއްތު ކުދިންނަށް ވެސް ދެވޭ ނުބައި މެސެޖެއް'
"ކަލްޗަރަލީ އަހަރެމެންނާ އެލައިންވާ ބަޔަކު މިތާ ތެރޭގައި ލޭބާ ސަޕްލައިގައި އެތެެރެވާއިރު އެތެރެވުމަކީ ކަލްޗާއަށް އަންނަ ކުޑަ ޝޮކެއް. އެހެންވީމާ ކަލްޗަރަލީ ވެސް ބޮޑު ޝޮކެއް އަންނާނީ ދިވެހިންގެ ދީނާއި ސަގާފަތާ ނުގުޅޭ ގައުމެއްގެ ބަޔަކު ގިނަވާން ފަށައިފިއްޔާ،" އިހުސާން ވިދާޅުވި އެވެ.
"[ބިދޭސީން ގިނަވެގެން] ސެކިއުރިޓީ ސައިޑުން އެޓެންޑް ކުރެވޭނެ. ނުކުރެވޭނެ ކަމަކީ، ކަލްޗާއަށް ކުރާ އަސަރު ނުހުއްޓުވޭނެ. އެމީހުންގެ ފަރާތުން ގަވައިދާ ހިލާފަށް އުޅެންޏާ ދިމާވާ އެހެނިހެން ޝޯޝަލް މައްސަލަތަކަށް ހައްލު ނުލިބޭނެ."
'ބްލެކް ލިސްޓު' އަދި 'ވައިޓް ލިސްޓު'އާ އެކު މައްސަލައިގެ ހައްލު އެބަ އޮތް
އިސްލާހަށް އަމަލު ކުރަން ފެށުމާ އެކު ލިމިޓެއް ނެތި މިހާރު ބަންގްލަދޭޝްއިން ވެސް އަދި އެހެން ގައުމަކުން ވެސް މަސައްކަތެރިން ގެނައުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް އަދި މިވަގުތަށް އޮތީ ބަންގްލަދޭޝް ބޯޑަރު ބަންދުކޮށްފަ އެވެ.
އިހުސާން ވިދާޅުވީ މިހާރު ގާނޫނުން ލިބުނު ބާރާ އެކު ސަރުކާރު ޕްރޮޖެކްޓްތައް ފިޔަވައި، އާންމު އުސޫލުން ހުރިހާ ކަމަކަށް މީހުން ގެނައުމުގެ ފުރުސަތު ދިނުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. އެކަން ކުރާނީ އޭގެ ކުރިން ކުރަން ޖެހޭ ކަންކަން ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އޭނާ ވިދާޅުވީ:
-
އާންމު ފަރުދުން ހިމެނޭ ގޮތަށް ރާއްޖޭގައި ވަޒީފާ ދޭ 45،000 މީހުން އެބަ އުޅޭ
-
އެ މީހުންގެ ތެރެއިން ސަރުކާރަށް ގަވައިދުން ފީ ދައްކާ މީހުންނާއި ގެންނަ ބިދޭސީންނާ ދޭތެރޭ ވެސް ބަރާބަރަށް އެ އޮންނަ އުސޫލުތަކުގެ ތެރެއިން އަމަލުކޮށްގެން އުޅެނީ ކޮން ބައެއްތޯ ބަލާނެ؛ އެ މީހުން ވާނީ 'ވައިޓް ލިސްޓު'ގައި ތިބޭ މީހުންނަށް
-
ބާކީ ހުރި އެންމެން ދެން ކުރާނީ 'ބްލެކް ލިސްޓު' އަދި 'ވައިޓް ލިސްޓަ'ށް އަރަން އެ ހުރިހާ އެންމެންނަށް ފުރުސަތު ދޭނެ
-
އެއާ އެކު ވައިޓް ލިސްޓުގައި ތިބޭ މީހުންނަށް އިތުރަށް ކޯޓާ ދޫކުރަމުން ގެންދާނެ
"މީގެ ޓާގެޓަކީ، މިސާލަކަށް 100،000ގެ އިންނަ އެތި [ބިދޭސީންގެ އަދަދު] ޖެހިގެން އަންނަ ހަފްތާގައި 200،000އަށް އަރުވާލުމެއް ނޫން. ޓާގެޓަކީ 100،000 މީހުންނަކީ ކޮބާކަން އައިޑެންޓިފައިކޮށްފައި، ސިސްޓަމްގެ ތެރެއިން އޭގެ ތެރެއިން މެޖޯރިޓީ މީހުން ގަވައިދާ އެއްގޮތަށް ބަދަލުކުރުވާފައި، ބާކީ ތިބި ކްރިމިނަލް އެލަމެންޓްތަކާއި ކޮންޓްރޯލް ނުވާ ވަައްތަރުގެ މީހުންނާއި ގަވައިދާ ހިލާފަށް އަމިއްލަ ވިޔަފާރިކުރާ މީހުންނާ މި އެންމެން ރާއްޖެއިން ބޭރުކޮށްލުން،" އިހުސާން ވިދާޅުވި އެވެ.
އެ ފިޔަވަޅުތަކާ އެކު މިނިސްޓަރުގެ އަމާޒަކީ ތިން އަހަރު ތެރޭ މުޅި މައްސަލަ ހައްލުކުރުމެވެ. އެއާ އެކު ދެން ކިތަންމެ ގިނަ އަދަދަކަށް ބިދޭސީން އެތެރެވިޔަސް މިނިސްޓަރުގެ މައްސަލައެއް ނެތެވެ. އެމީހުން ގަވައިދާ އެއްގޮތަށް އުޅެ، ދައްކަން ޖެހޭ ފީތައް ދައްކައި ރަނގަޅު އެކޮމަޑޭޝަންތަކުގައި ތިބެ ރަނގަޅު ގޮތުގައި އުޅޭހާ ހިނދަކު ސަރުކާރަށް މިކަމުގައި ނުތަނަވަސްކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ގުޅުން ހުރި ބައެއް ލިޔުންތައް
އިސްލާހުތަކުގެ ދަށުން ހަދަން ޖެހޭ އެސެސްމެންޓްތައް މިހާރު އަންނަނީ ހަދަމުންނެވެ. ކުރިއަށް އޮތް ތިން މަސް ތެރޭ ގަވައިދުތައް ހަދާ ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާގެ މެސެޖަކީ، މިއީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން 'އެންމެން އެއްވާނެއްގައި' އެހީތެރިކަން ދިނުމެވެ.
"އޭރަށް ދެން އަންނަ ސަރުކާރަކުން ވެސް، އަނެއް ސަރުކާރަކުން ވެސް އައިސް މި މައްސަލައައިގެން އުޅޭކަށް ދެން ނުޖެހޭނެ. ގައުމުގެ ހުރި އެހެން ކަންކަން ރަނގަޅު ކުރަން އުޅެވޭނެތާ އޭރުން،" ފަހު ބަހަކަށް އިހުސާން ވިދާޅުވި އެވެ.
ކޮމެންޓް