މުދަލުގެ އަގު މައްޗަށް، އާންމު މީހާގެ ޖީބަށް އެނގުންވޭތަ؟
"މިހާރު އެއްޗެހީގެ އަގު ހާދަ ބޮޑޭ،" އާންމު ދިރިއުޅުމާ ގުޅޭ ގޮތުން ރައްޓެއްސަކާ ވާހަކަ ދެއްކި އިރު އެންމެ ފުރަތަމަ ވެސް އޭނާ ބުނި ވާހަކަ އަކީ މި އެވެ.
އަހަރެމެންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ އަގު އުފުލިފައިވާކަން އިހުސާސް ކުރެވެނީ ކޮންމެ މަހަކު ވެސް މުސާރަ ލިބުމުން ވިޔަފާރި ކުރަން ނުކުތުމުންނެވެ.
މީގެ ކުރިން އެންމެ މީހަކަށް މުޅި މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ރީތިވާ ސާމާނު ގަންނަން ކުރަމުން އައި 2،500 އެއްހާ ރުފިޔާގެ ހޭދަ މިހާރު 3،000 ރުފިޔާ ނޫނީ 3،500 ރުފިޔާއަށް އަރަ އެވެ. ބައެއް ފަހަރު އެ އަދަދު އެއަށް ވުރެ އިތުރު ވެސް ވެ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު:
-
ޖޫން މަސް ނިމުނު އިރު ރާއްޖޭގެ އިންފްލޭޝަން ހުރީ %1.4ގައި
-
އޭގެ ކުރީ މެއި މަހު އިންފްލޭޝަން ހުރީ %0.8ގައި
އިންފްލޭޝަން އަކީ ކޮބާ؟
އިންފްލޭޝަން އަކީ މުދަލާއި ހިދުމަތްތަކުގެ އަގު ވަކި މުއްދަތެއްގެ ތެރޭ އުފުލޭ މިންވަރެވެ. މުދަލާއި ހިދުމަތް ހޯދަން ކުރަން ޖެހޭ ހޭދަ ބޮޑުވާ ނަމަ އެއީ އިންފްލޭޝަންގެ އަސަރޭ ބުނެވިދާނެ އެވެ. އެގޮތުން:
-
ޖުމްލަ އަގުތަކަށް އަންނަ ބަދަލުގެ ޕަސެންޓޭޖު ބޭނުންކޮށްގެން އިގްތިސޯދަށް އަންނަ ބަދަލު ބަލަން އިންފްލޭޝަން ހިސާބު ކުރޭ
-
އާންމުކޮށް ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ 'ބާސްކެޓެއް' ހަދައި ބޭސް އަހަރެއް ހިޔާރުކޮށް އެ އަހަރަކާ އަޅާބަލާ
-
މިއީ ކޮންސިއުމާ ޕްރައިސް އިންޑެކްސް ނުވަތަ ސީޕީއައި ހިސާބުކުރާ ގޮތް. އާންމުކޮށް އިންފްލޭޝަން ހިސާބުކުރަން ބޭނުންކުރަނީ ސީޕީއައި
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމުން ރާއްޖޭގެ އިގްތިސޯދުގައި އެންމެ މުހިއްމު އެއް ރޯލު ކުޅެނީ ބޭރު ފައިސާ އެވެ. ބޭރުން އެތެރެކުރާ މުދާ ގަންނަން ލިބޭ އަގު ބޮޑުވުމުން އެތެރޭގެ ބާޒާރުގައި މުދަލުގެ އަގު ބޮޑުވެ، އިގްތިސޯދަށް ކުރާ އަސަރަށް ކިޔަނީ އިމްޕޯޓެޑް އިންފްލޭޝަން އެވެ.
ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމުން ވިޔަފާރިވެރިން މުދާ އެތެރެކުރަން ކުރަން ޖެހޭ ހޭދަ ބޮޑުވުމުގެ އަސަރު ވެސް މުދަލުގެ އަގަށް އައިސްފައިވާ ބަދަލުތަކުން ފެނެ އެވެ.
ހާއްސަކޮށް މިދިޔަ މެއި މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖުކޮށް ދަށަށް ދިއުމުން ޑޮލަރުގެ ތާށިކަން ބޮޑުވެ ވިޔަފާރިވެރިންނަށް ވެސް އޭގެ ދަތިކަން ކުރިމަތިވި އެވެ. ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކާ ބައެއް ވިޔަފާރިވެރިން މި ކަން ފާހަގަކުރި އެވެ.
ބާޒާރުގެ އަގުތަކަށް ބަލާއިރު އާންމުކޮށް ބޭނުންކުރާ ތަރުކާރީ އާއި މޭވާގެ އަގު ފާއިތުވި ދެތިން މަހުގެ ތެރޭ ވަނީ އުފުލިފަ އެވެ.
ރާއްޖެއަށް ފުޅާ ދާއިރާއެއްގެ ކާބޯތަކެތި އެތެރެކޮށް ވިއްކާ ކުންފުންޏެއްގެ ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދިޔުމަކީ މުދަލުގެ އަގު މައްޗަށް ދާ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.
"ފްރައިޓާ އެއްޗެހި ދުނިޔޭގައި އަގު އުފުލިގެން ދަނީ. ރަތް ކަނޑު މައްސަލާގައި ބޯޓުތަކުގެ ދަތުރު ދިގުވުމަކީ ވެސް ސަބަބެއް،" އޭނާ ވިދާޅުވި އެވެ.
ބޯޓުން މުދާ އަރުވައި ބޭލުމުގެ ފީއެއްގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނަގާ ސްޓީވްޑޯރިން ޗާޖު ޑޮލަރުން ނަގަން ފެށުމަކީ ވެސް މުދަލުގެ އަގު އުފުލެން ދިމާވާ ސަބަބެއް ކަމަށް އެ ވިޔަފާރިވެރިޔާ ފާހަގަކުރެއްވި އެވެ.
"އަދިވެސް ކުރިއަށް އޮތް ތަނުގައި މުދަލުގެ އަގު އުފުލޭނެ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ސީޒަނާ އެކު ޑޮލަރު ލިބުން ފަސޭހަވުމުންް ފަހަރުގައި ބައެއް މުދަލުގެ އަގު ދަށްވި ނަމަވެސް ބާޒާރުގައި އާންމު ގޮތެއްގައި މުދަލުގެ އަގު ދަށްވުމަކީ ދުރުކަމެއް ކަމަށް އެ ވިޔަފާރިިވެރިޔާ ލަފާކުރެއްވި އެވެ.
"ވަރަށް ބޮޑު ތަން ދުނިޔޭގެ ބާޒާރުގައި އަގު ހެޔޮވެއްޖެއްޔާ އަގުހެޔޮ ވެދާނެ. އެހެން ނޫނީ ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު ކުރިއަށް އޮތް ތަނުގައި ދަށެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ނެޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން އާންމުކޮށްފައިިވާ ހިސާބުތަކަށް ބަލާއިރު ޖޫން މަހު ކާބޯތަކެތީގެ އަގު ވަނީ %0.75 އުފުލިފަ އެވެ.
ޖޫން 2023އާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު ކާބޯތަކެތީގެ އަގު %6.45 ވަނީ އުފުލިފަ އެވެ. އެގޮތުން:
-
ޖޫން މަހު ތަރުކާރީގެ އަގު %4.32 އުފުލިފައިވޭ
-
ބިހާއި ކިރުގެ ބާވަތްތަކުގެ އަގު %1.58 އުފުލިފައިވޭ
-
ޖޭމު، ޗޮކްލެޓް އަދި މާމުއި ފަދަ ބާވަތްތަކުން %0.97 އުފުލިފައިވޭ
މުދަލުގެ އަގު އުފުލުމަކީ ކޮންސިއުމަރުންގެ ހޭދަކުރުމުގެ ގާބިލްކަން ދަށްވާނެ ކަމެކެވެ. މިސާލަކަށް މީގެ ކުރިން 1،000ރ އަށް ގަންނަ މުދާ ގަތުމަށް އެއަށް ވުރެ ބޮޑު ހޭދައެއް ކުރަން ޖެހުން ނުވަތަ އެ އަގުގައި އެ މުދާ ނުލިބުމަކީ ކޮންސިއުމަރުންނަށް އުނދަގުލެކެވެ. މިއީ އިގްތިސޯދެއްގައި މުދަލުގެ އަގު އުފުލޭކަން އެންމެ ރަނގަޅަށް ސާފުވާނެ އެއް ގޮތެވެ.
"މިހާރު އިހުސާސް ކުރެވޭ ތަކެތީގެ އަގު އުފުލޭކަން. ބޭރުން ކެއުމަކީ ވެސް ވަރަށް ހަރަދު ބޮޑު ކަމަކަށް ވެއްޖެ. ވީހާވެސް ބޮޑަކަށް އެކަން މަދުކުރެވޭތޯ މިހާރު ބަލަނީ. އޮފީސް ގަޑީގައި ވެސް ކިރިޔާ ވެސް ވަންޏާ ބޭރުން ނުކައި ގެއަށް ދެވޭތޯ،" މާލޭގައި އާއިލާއާ އެކު ކުއްޔަށް އުޅޭ ޒުވާނަކު ބުންޏެެވެ.
އޭނާ ފާހަގަކުރި ގޮތުން ތަކެތީގެ އަގު އުފުލޭކަން ފާހަގަވީ އެއް މަހު ގެއަށް ބޭނުންވާ ތަކެތި ގަތުމަށް އަތުން ދާ ހަރަދު ޖެހިގެން އަންނަ މަހު އިތުރުވާކަން އިހުސާސްވި ހިސާބުންނެވެ.
އިގްތިސޯދު މިހާރު އޮތް ހާލަތަށް ބަލާއިރު ހަރަދު ކުޑަކޮށް އުޅެވޭނީ ކިހިނެއްތޯ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ފްރެއިޓު އަގު ވެސް ދެ ގުނަ ވެއްޖެ
ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅޭ ގޮތުން 'ދައުރު' އާ ވާހަކަ ދައްކަވަމުން ރާއްޖެ އަށް ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް އެތެރެކޮށް ވިއްކާ އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޮފްވާން ވިދާޅުވީ ރާއްޖެއިން ބޭރުން މުދާ ގެންނަން ވިޔަފާރިތަކުން ކުރާ ހޭދަ ވެސް އިތުރުވެފަައިވާ ކަމަށެވެ.
"ޑޮލަރަކީ އެއް ކަންތައް [ތަކެތީގެ އަގު ބޮޑުވާ]. ޑޮލަރު މިހާރު އުޅެނީ 18.45ރ އަށް. އެއަށް ވުރެ މާ ބޮޑު ފްރައިޓަށް އަންނަ ބަދަލު،" އޭނާ ވިދާޅުވި އެވެ.
ސޮފްވާން ފާހަގަކުރެއްވި ގޮތުގައި އާންމުކޮށް ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ މެލޭޝިއާ، ސިންގަޕޫރު ފަދަ ގައުމުތަކުން އެތެރެކުރާ މުދަލުގެ ފްރެއިޓު ވަނީ ދެ ގުނަ އުފުލިފަ އެވެ.
"ކޮރެއާ ތިން ގުނަ އިތުރުވެއްޖެ. ޗައިނާ އިން ދެ ގުނަ ވެއްޖެ. ކުރިން 1،500 ޑޮލަރަށް ލިބުނު ކޮންޓެއިނަރު މިހާރު 3،500 އަށް ލިބެނީ. 4،000 ޑޮލަރަށް ވެސް އަރައިގެން އެބަ ދޭ. އިންޑިއާ އިން 3،000 ޑޮލަރަށް ގެނައި ކޮންޓެއިނަަރު މިހާރު އަރައިގެން އެބަ ދޭ ބައެއް ފަހަރު 7،000 ޑޮލަރަށް ވެސް،" ސޮފްވާން ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު އަންނަ ޝިޕްމެންޓުތަކަކީ ބޮޑު އަގުގައި ވިޔަފާރިވެރިން ޑޮލަރު ގަނެގެން ގެންނަ ޝިޕްމެންޓުތަކަށް ވުމުން އަދިވެސް ބާޒާރުގައި މުދަލުގެ އަގު އުފުލުމުގެ ފުރުސަތު އެބަ އޮތެވެ.
"ރަތް ކަނޑުގެ މައްސަލައަކީ ވެސް މުދާ ލިބުން ލަސްވެ، އަގުތައް އުފުލޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ހަނގުރާމަތަކާ އެކު ސަޕްލައި ޗެއިންއަށް އަންނަ ލޮޅުންތަކުން ވެސް ރާއްޖޭގެ މާކެޓަށް އޭގެ ސީދާ އަސަރުކޮށް މުދަލުގެ އަގު އުފުލޭނެ އެވެ. މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައިގެ ބައެއް އަސަރުތަކެވެ. ދެން ހުރީ ރާއްޖޭގެ އިގުތިސާދުގައި ހުރި މައްސަލަތަކެވެ.
ކޮމެންޓް (2)
ޙަސަނާ
ކޮއެރު އަލީ