ސްޓެލްކޯގައި އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރާ މަޒްޔޫނާ. (ފޮޓޯ/ސްޓެލްކޯ)
ޑޮކްޓަރު ކޯޓު ނުލީ އާކިޓެކްޓް ތޮފި އަޅަން
ޑޮކްޓަރަކަށް ވުމަކީ އާމިނަތު މަޒްޔޫނާ (މަޒޫ) ކުޑައިރު ދުށް ހުވަފެނެކެވެ. މަދުރަސަތުލް އަރަބިއްޔާގައި ސައިންސް ސްޓްރީމް ނަގައި، ކްލާހުން އެންމެ މަތިން ނަތީޖާ ހޯދާ އެއް ދަރިވަރަކަށް އޭނާ ވުމަކީ އެކަމަށް ލިބުނު އިތުރު ހިތްވަރެކެވެ. ނަމަވެސް ގްރޭޑް 11ގައި އުޅެނިކޮށް، ޑޮކްޓަރުގެ ކޯޓު ލުމުގެ ވިސްނުން ބަދަލުވި އެވެ. ހޮސްޕިޓަލަކީ އޭނާއަށް ހުރި ތަން ނޫންކަން އެނގުނީ އޭރު ދެވުނު ކެރިއާ ޕްރޮގްރާމަކުންނެވެ. ޑިޒައިން ކުރުމާއި ހިސާބު ފަދަ އޭނާ ޝައުގުވެރިވާ ކަންކަން ހިމެނޭ ކަމެއްގެ ގޮތުގައި އާކިޓެކްޗާ ލޮލުގައި އަޅައިގަތީ އެތަނުންނެވެ.
މިއަދު މަޒްޔޫނާ އުޅެނީ އާކިޓެކްޓެއްގެ ތޮފި އަޅައިގެން، ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި، ސްޓެލްކޯގަ އެވެ. ޑޮކްޓަރަކަށް ވާން ދުށް ހުވަފެނަށް ފަސް އެނބުރި ބެލުމެއް ނެތެވެ.
މަޒްޔޫނާ އޭ'ލެވެލް ނިންމީ އަރަބިއްޔާގައި އޭނާ ނިސްބަތްވި ބެޗުގެ ސައިންސް ސްޓްރީމުން އެއްވަނަ ހޯދައިގެންނެވެ. ކުޅިވަރާއި އަދަބިއްޔާތު ފަދަ، ސްކޫލްގެ ހުރިހާ އިތުރު ހަރަކާތްތަކުގައި ކަހަލަ ގޮތަކަށް ބައިވެރި ވެސް ވެގެންނެވެ. ފަހުރުވެރި އެއްވަނައިގެ ޝަރަފާ އެކު، ބޭނުން ރޮނގަކުން ކިޔަވަން ސްކޮލަޝިޕްގެ ފުރުސަތެއް ލިބުނެވެ. ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އުދުހިގަންނަންވީ އެވެ. ސެޓްފިކެޓުގައި ދިމާވި ގޮންޖެހުންތަކާ ހުރެ އެ ފުރުސަތު ހަމައެކަނި މެލޭޝިއާއަށް ހަނިވި ނަމަވެސް، އެއީ މައްސަލައެއް ނޫނެވެ.
މެލޭޝިއާގެ އިންފްރާސްޓްރަކްޗާ ޔުނިވާސިޓީއިން ބެޗެލާ އޮފް ސައިންސް އިން އާކިޓެކްޗަރަލް ސްޓަޑީޒް ހާސިލުކުރަން މަޒްޔޫނާ ފުރައިގެން ދިޔައީ މީގެ 10 އަހަރު ކުރިންނެވެ. އެ ދަތުރުގައި އެންމެ ބޮޑު އެހީތެރިކަމަކަށް ވީ، ގްރޭޑް 3ގައި ކަބް ސްކައުޓެއްގެ ގޮތުގައި ފެށި ދަތުރުން ދަސްވި ކަންކަމެވެ. ސީނިއާ ސްކައުޓެއްގެ ގޮތުގައި ސްކޫލް ނިންމުމަށް ފަހު ދެ އަހަރެއްހާ ދުވަހު ރޯވަ ސްކައުޓެއްގެ ގޮތުގައި އުޅުނު ނަމަވެސް، އެކަމުގައި އިތުރަށް ނޫޅެވުނު އެއް ސަބަބަކީ ވެސް ކިޔަވަން ބޭރަށް ފުރައިގެން ދާން ޖެހުމެވެ. ނަމަވެސް ފުރައިގެން ދިޔައިރު މަޒްޔޫނާ ދިޔައީ ސްކައުޓެއްގެ ގޮތުގައި ދަސްވި ކަންކަން ވެސް ފޮއްޓަށް އަޅައި، ހިފައިގެންނެވެ.
"ސްކައުޓިންގައި އޭރު ނޭނގޭ، މުސްތަގްބަލުގައި ހަޔާތަށް ކިހާ މުހިންމު ކަމެއްކަން މި ކުރެވެނީ. އެކަމަކު ބެޗެލާސްއަށް ގޮސް އަމިއްލައަށް އެކަނި ދިރިއުޅެން ފެށީމަ އެނގުނީ ބައިވަރު ލައިފް ސްކިލްސް ބޭނުންވާކަން،" ބީރައްޓެހި ގައުމެއްގައި ޑިގްރީއަށް ކިޔަވަން އެކަނި ގޮސް އުޅުމުގައި ސްކައުޓިންގެ ތަޖުރިބާ އަދާކުރި މުހިންމު ދައުރު ކިޔައިދެމުން މަޒްޔޫނާ ބުންޏެވެ.
މެލޭޝިއާގައި އެކަނި އުޅުނު ދުވަސްވަރުގެ ތަޖުރިބާ ލުއިކޮށްދިނީ ކިޔެވުމުގެ އިތުރުން، ސްކޫލްގައި އުޅުނުއިރު ޓީޗަރުންގެ ފަރާތުން ދަސްވި ކަންކަމާއި ބެހެއްޓި ގާތް ގުޅުމެވެ. އިތުރު ހަރަކާތްތަކުގައި ދަސްވި ކަންކަމެވެ. ޝުކުރުން ފުރިގެންވާ ހާލުގައި މަޒްޔޫނާ ވަކިން ހާއްސަކޮށް ފާހަގަކުރީ ހެޑް ސްކައުޓް ސައިފް އަޒުހަރުގެ ނަމެވެ.
ޑިގްރީ ހާސިލުކުރުމަށް ފަހު އެނބުރި އައި ބާރުމިނުގައި މަޒްޔޫނާ ވަޒީފާއަށް ވަނީ އިމާރާތްކުރުމުގެ ސިނާއަތުގައި އެންމެ ދުވަސްވީ އެއް އަމިއްލަ ކުންފުންޏަށެވެ. އެ ތަނުގައި ތިން އަހަރެއްހާ ދުވަސް ހޭދަކުރުމަށް ފަހު 2021ގައި ސްޓެލްކޯގެ ވަޒީފާއަކަށް ވަނެވެ. އަދި މާސްޓާސް ހަދަން އެނބުރި މެލޭޝިއާއަށް ފުރައިގެންދިޔައީ އެ ތަނުން ނުކެނޑި އެވެ.
މާސްޓާ އޮފް އާކިޓެކްޗާގައި މަޒްޔޫނާގެ:
ސްޓެލްކޯ: މުޅިން ތަފާތު ތަޖުރިބާއެއް
އަމިއްލަ ކުންފުންޏަކުން ސްޓެލްކޯއަށް ބަދަލުވުމާ އެކު މަޒްޔޫނާއަށް ކުރިމަތިވީ މުޅިން ތަފާތު ތަޖުރިބާތަކެކެވެ. އެ ދެ ކުންފުނި މަސައްކަތް ކުރަނީ މުޅިން ތަފާތު ދެ ވައްޓަފާޅިއަކަށެވެ. ކުރިން އުޅުނީ އެކި ކަހަލަ އިމާރާތްތަކުގެ މަސައްކަތްތަކާއި އިންޓީރިއާ ޑިޒައިނިން މަސައްކަތުގަ އެވެ. ސްޓެލްކޯގައި ޑިޒައިނިންގެ އިތުރަށް ޕްރޮޖެކްޓު މެނޭޖްމަންޓުގެ ފުރުސަތު ވެސް ތަނަވަސްވި އެވެ. މަސައްކަތުގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދިއުމުގައި މަދުވާ ބައެއް ބައިތައް ފުރިހަމަވާން ފެށި އެވެ.
"ސްޓެލްކޯއަށް އޭރު މުވައްޒަފުން ނެގީ ވެސް ޕަވާހައުސް ބިލްޑިން މަޝްރޫއުތަކަކާ އެއްކޮށް. ހަ ޕަވާހައުސް އެއްކޮށް، މުޅިން އަލަށް ޑިޒައިންކޮށްފައި ފަށައިގެން އުޅުނީ. އެހެންވެ ހުރިހާ ޕަވާހައުސްތަކެއްގައި ވެސް މަސައްކަތް ކުރެވިފައި ހުންނާނެ،" މަޒްޔޫނާ ބުންޏެވެ.
"އެކަމަކު ވަކިން ހާއްސަކޮށް އެއް ރަށެއްގެ ޕަވާހައުސް ނަގައިގެން ޕްރޮޖެކްޓް މެނޭޖު ކުރަމުން ގެންދިޔައީ، (މާސްޓާސްއަށް) ކިޔަވަން ދިއުމާ ހަމައަށް. އެއީ އދ. މަހިބަދޫ."
ސްޓެލްކޯގައި ކުރާ މަސައްކަތް ތަފާތުވާ މައިގަނޑު އެއް ސަބަބަކީ ދެ މަޝްރޫއުއެއް އެއްގޮތް ނުވުމެވެ. ކޮންމެ މަޝްރޫއުއެއްގައި ވެސް އެ މަޝްރޫއުއަކަށް ހާއްސަ ސިފަތަކެއް ހުރުމެވެ. އަނެއްކޮޅުން ޕްރޮޖެކްޓް މެނޭޖްމަންޓަކީ މަޒްޔޫނާއަށް ވަރަށް އާ ކަމެކެވެ. އެހެންވެ ފަށައިގެން އުޅޭއިރު ބައެއް ފަހަރު ކުރިއަށްދެވެނީ ގޯސް ހެދިގެން، އެ ގޯސްތަކުން ދަސްކޮށްގެންނެވެ.
"އެހެންވެ ދަސްކުރުމަކީ ޗެލެންޖެއް، އެކަމަކު އެއީ ރަނގަޅު ޗެލެންޖެއް،" އޭނާ ބުންޏެވެ.
"ސްޓެލްކޯއިން ވަރަށް ސަޕޯޓު ލިބޭ، ސުޕަވައިޒަރުންނާއި ޑިޕާޓްމަންޓުގެ ވެރިންނާއި އެންމެންގެ ފަރާތުން ވެސް."
ޕްރޮޖެކްޓް މެނޭޖްމަންޓާއި ޑިޒައިނިންއާ ހިސާބުން ސްޓެލްކޯގައި މަޒްޔޫނާ ކުރާ މަސައްކަތްތައް އަދި ނުނިމެ އެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ލިސްޓެއް އަމުނާލި އެވެ. ރެންޑަރިން އާއި އެނިމޭޝަން ހެދުމާއި ކަސްޓަމާ ސާވިސް އަދި ސްޓާފް އެކޮމޮޑޭޝަން ބިލްޑިންތަކުން ފެށިގެން ގޮސް އިންޓީރިއާ ޑިޒައިނިން އެވެ. ރަށްރަށުގައި ޕާކާއި މަގު ހެދުމާއި ކުންފުނީގެ ސީއެސްއާރު އެކި މަޝްރޫއުތަކުގައި ވެސް މަޒްޔޫނާ އަންނަނީ މަސައްކަތް ކުރަމުންނެވެ. ކުރިއަށް ނުގޮސް ހުއްޓިފައި ހުރި މަޝްރޫއުތަކަށް ވެސް ވަގުތު ދެމުންނެވެ.
ސްޓެލްކޯއިން ގްރޭޓާ މާލެ ސަރަހައްދުގެ އިތުރުން 30 ރަށަކަށް ހިދުމަތްދެ އެވެ. ކަރަންޓު ދިނުމުގެ އިތުރަށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ދެމެހެއްޓުމަށްޓަކައި އަބަދުވެސް ކޮންމެވެސް ކަހަލަ މަސައްކަތެއް އެ ރަށްރަށުގައި ކުރަން އޮވެ އެވެ. އިމާރާތްތައް އެޅުމާއި އެ ނޫނަސް އުމްރާނީ ތަރައްގީގެ މަސައްކަތްތަކެވެ.
"ސްޓެލްކޯއިން ލިބެނީ ތަފާތު ތަޖުރިބާއެއް. ލައިފްގެ ކޮންމެވެސް ހިސާބެއްގައި ތަޖުރިބާކޮށްލަން ރަނގަޅު. މި ތަނުން ލިބޭ ފުރުސަތުތަކަށް ހުއްޓުމެއް ނެތް. އަބަދުވެސް ހަމަ ކޮންމެވެސް މަސައްކަތެއް އޮވޭ، އާކިޓެކްޓުންނަށް ވެސް،" ސްޓެލްކޯގައި ވަޒީފާ އަދާކުރުމާ މެދު ދެކޭ ގޮތް މަޒްޔޫނާ ކިޔައިދިނެވެ.
"އެއްވެސް މީހަކު މިކަމަށް ޝައުގުވެރިވާ ނަމަ މިއީ ޕާފެކްޓް ޗޮއިސްއެއް."
'ކައިބޮއި އުޅެނީ ވެސް' އާކިޓެކްޗާ
އާކިޓެކްޓެއްގެ ގޮތުގައި މަޒްޔޫނާ ރާސްލާފައި އަރައިގެން އަންނަ އިތުރު އެއް ސަބަބު އެބައޮތެވެ. އެއީ އޭނާގެ މުޅި ދުވަހުގެ ބޮޑު ބައި އާކިޓެކްޗާއާ ގުޅުންހުރި ކަންކަމުގައި ހޭދަކުރާތީ އެވެ. ސްޓެލްކޯގެ ސިސްޓަމް ނިއްވާލުމަށް ފަހު ގެއަށް ގޮސް އަމިއްލަ ސިސްޓަމް އޮން ކޮށްލަނީ ފްރީލާންސް މަސައްކަތަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ ކެއުމަކީ ވެސް ބުއިމަކީ ވެސް އެއީ އެވެ.
އާކިޓެކްޓް އެސޯސިއޭޝަންގެ ހަޒާންދާރަކީ ވެސް މަޒްޔޫނާ އެވެ. ޕާޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައި ގައުމީ ޔުނިވާސިޓީ އާއި ޕޮލިޓެކްނިކަށް ވެސް ވަގުތު ދެ އެވެ. ދުޅަހެޔޮ ސިއްހަތަކަށް އިސްކަން ދޭތީ، ވަގުތު ހުސްކޮށްގެން ބަރާބަރަށް ޖިމަށް ވެސް ދެ އެވެ.
"ނޭނގޭ ކިހިނެއް ކަމެއް (ހުރިހާ ކަމެއް ކުރެވެނީ). ހެނދުނު 8އިން ފެށިގެން ރޭގަނޑު 12 ޖަހަންދެން ކޮންމެ ދުވަހަކު ވެސް މަސައްކަތުގައި، އެކި ކަހަލަ ކަންތައްތަކުގައި އުޅެނީ. ކޮންމެ ދުވަހަކުވެސް ކޮންމެ ކަމަކަށް ވެސް ވަކި ވަރަކަށް ވަގުތު ދެވޭތޯ ބަލަނީ. އެހެން ނޫނީ އެއްޗެހި ފުނި ޖެހޭނީ، ކެޗްއަޕް ނުކުރެވޭނީ،" ވަގުތު މެނޭޖުކުރާ ގޮތް ކިޔައިދެމުން މަޒްޔޫނާ ބުންޏެވެ.
"ފްރީލާންސް އެއްޗެހީގެ ފުލް ކޮންޓްރޯލް އޮންނާތީ، މާ ބައިވަރެއް ނުނަގަން. ލިމިޓެޑްކޮށް ނަގަނީ. ކުޑަކޮށް އެކްސްޓެންޑް ކޮށްލައިގެން ވިޔަސް ނިންމޭ ވަރަށް."
ފިރިމީހާއަކީ ވެސް އާކިޓެކްޓަކަށް ވުމަކީ މަޒްޔޫނާއަށް ލިބޭ އިތުރު ހިތްވަރެކެވެ. އެއް މަސައްކަތެއް ކުރާތީ ދެ މީހުންނަށް ވެސް މަސައްކަތްތައް ބަހާލައިގެން ކުރެވެ އެވެ.
ފްރީލާންސް މަސައްކަތުގައި މަޒްޔޫނާއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކްލަޔަންޓުންނަށް އެކި ކަންކަން ވިސްނައިދިނުމެވެ. ގިނަ މީހުންގެ ވިސްނުމުގައި ކަންކަން ކުރަން ވަކި ގޮތަކަށް ހަރުލާފައި ހުރުމެވެ. އަމިއްލަ ލަފައެއް ދީފި ނަމަ ގިނަ މީހުންނަށް އެކަމަކަށް މަރުހަބާ ކިޔުމަކީ މާ ފަސޭހަ ކަމަކަށް ނުވެ އެވެ.
މި ކަންތައްތަކާ އެކު ފްރީލާންސް މަސައްކަތްތައް ނެގުމުގައި އޭނާ އެންމެ ބޮޑަށް ބަލަނީ ވީހާ ވެސް މިނިވަންކޮށް ކުރެވޭ މަސައްކަތްތައް ނެގުމަށެވެ.
"އެކަހަލަ އެއްޗެހީގައި ބޭނުންވަނީ ވީހާ ވެސް އޯޕަން ސްޕޭސަސް ކްރިއޭޓް ކޮށްގެން ކުރެވޭތޯ. އެއީ ވަރަށް ގަޔާވާ ކަމެއް، ސަންލައިޓް އަކީ،" މަޒްޔޫނާ ބުންޏެވެ.
'އަހަރެންނަކީ އަހަރެންގެ އަމިއްލަ ބޮސް'
މަޒްޔޫނާ ޑޮކްޓަރެއްގެ ހުވަފެން ދޫކޮށްލައި އާކިޓެކްޓަކަށް ވި ހަމައެކަނި ސަބަބަކީ މިކަމުގައި ހިސާބު އިލްމާއި ޑިޒައިނިން ހިމެނުމެއް ނޫނެވެ.
"މިސާލަކަށް އެއްވެސް މީހަކު ވަޒީފާއެއް ނުދިނަސް، ވަޒީފާއެއް އޮންނާނެ. އަހަރެންނަކީ އަހަރެންގެ އަމިއްލަ ބޮސް،" މަޒްޔޫނާ ބުންޏެވެ.
"މި ފީލްޑު މިހާރު ރާއްޖޭގައި އޮތީ ވެސް އެކަހަލަ ގޮތަކަށް. ބޭނުންވާ މީހަކަށް ހަމަ ކުރިއަށްދާން ފުރުސަތު އެބަހުރި... މީހުން ދިރިއުޅޭހާ ހިނދަކު އިމާރާތްތައް ހަދާނެ. މަސައްކަތް ހުސްނުވާ ފީލްޑެއް މިއީ."
މުޅި ދުވަސް މަސައްކަތަށް ހުސްކުރުމަށްޓަކައި މަޒްޔޫނާ ދައްކަން ޖެހޭ އަގެއް ނުވަތަ ވާންޖެހޭ ގުރުބާނީއެއް ވެސް އޮވެ އެވެ. އެއީ މިހާރު އެއްގޮތަކަށް ވެސް އެކަމަކަށް ވަގުތު ނުދެވޭ އޭނާގެ ސޯޝަލް ލައިފް އެވެ.
މިހާރު ސޯޝަލް ލައިފް ނުވެސް ނެތް ކަމަށާއި "ސޯޝަލް ލައިފްއަކީ ވެސް މިއީ" ކަމަށް ބުނެ ދައްކާލީ އިންޓަވިއު ހިނގަމުންދިޔަ ސްޓެލްކޯގެ އޮފީހެވެ. އެ ތަނުގައި ތިބި މުވައްޒަފުންނާއި ޕްރިންޓަރުތަކާއި ފައިލުތަކަކީ ވެސް މިއަދު މަޒްޔޫނާގެ ރަހުމަތްތެރިންނެވެ.
"މި ހުރިހާ ކަމެއް ވެސް ކުރެވެނީ ރަނގަޅު ސިއްހަތެއްގައި ހުރީމަ. އެކަން ތަނަވަސްކޮށްދެއްވާތީ ﷲއަށް ޝުކުރުވެރިވަން. ދެން އާއިލާ އާއި ޓީޗަރުންނާއި ފިރިމީހާ. އޭގެ ފަހުން ރަހުމަތްތެރިންނާއި ކުރި އާއި މިހާރުގެ ކޮލީގުން،" ޝުކުރުގެ ދިގު ލިސްޓު ވަރަށް ކުރުކޮށް ކިޔައިދެމުން މަޒްޔޫނާ ބުންޏެވެ.
މަޒްޔޫނާގެ ހުރިހާ ކާމިޔާބީއެއްގެ މޭސްތިރިންނަކީ، އެބަޔަކަށް ޝުކުރުކޮށް ހުސްނުވާ އޭނާގެ މަންމަ އާއި ބައްޕަ އެވެ. ގްރޭޑް 12 ނިމެންދެން އެންމެ ދުވަހެއް ވެސް ވައްޓާނުލައި، ހިނގާފައި ސްކޫލަށް ގެންގޮސްދިނީ މަންމަ އެވެ. ބައްޕައަކީ ބޯޓު ދަތުރުކުރާ މީހަކަށް ވުމުން މާލޭގައި ހުރެވެނީ މަހަކު ދެ ތިން ދުވަހު އެވެ. އެކަމަކު ކައިރީގައި ނުހުންނަކަން ދުވަހަކު ވެސް އިހުސާސެއް ނުކޮށްދެ އެވެ. އެ ލިބޭ ދެ ތިން ދުވަހު ދުއްވާލަން ގޮސް ސްކޫލާއި ހަޔާތުގެ ކަންކަން އޮޅުންފިލުވަ އެވެ. އެންމެ ހަނދާން ހުންނަނީ ކޮއްކޮއާ ދެ މީހުންނަށް ނިދާ ގަޑީގައި ވާހަކަ ކިޔައިދޭ ހަނދާނެވެ.
"ބެޗެލާސް ހަދާ، މެރީކޮށް، މާސްޓާސް ނިމުނަސް މިހާރު ވެސް މަންމަ އާއި ބައްޕަ އަކީ ލައިފްގެ އެއްބައި. މަންމައަކީ ސަމުގާ، ބައްޕައަކީ ހީރޯ."