ރައީސް މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން (ފޮއޮފީސް)

ގާބިލް އަންހެނުން ބައިވަރު، އެކަމަކު މަގާމު ދޭއިރު ނުހިމަނާ

ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ އަންހެނުން މަދުވަނީ އޭގެ މުހިންމުކަން ސަރުކާރަށް ނޭނގޭތީ ކަމަށް ބައެއް ތަޖުރިބާކާރުން ބުނޭ
12 ޑިސެމްބަރު 2023
1

ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އައީ އަންހެނުންނަށް ފުރުސަތު ދެއްވާނެ ކަމުގެ ފޮނި ހުވަފެން ދައްކަވަމުންނެވެ. ތަކުރާރުކޮށް ޕޯޑިއަމްތަކުގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދަކީ އެމަނިކުފާނުގެ ސަރުކާރެއްގައި އަންހެނުން ބާކީ ނުވާނެ ކަމުގެ ވައުދެވެ. އަންހެނުން ބާރުވެރިކޮށް، އެންމެ މަތީ މަގާމުތަކުން ވެސް ފުރުސަތު ދެއްވާނެ ކަމުގެ ވައުދެވެ.

ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ސަރުކާރުގެ 22 މިނިސްޓްރީއަށް މިނިސްޓަރުން އައްޔަންކުރެއްވި އިރު އަންހެން ބޭފުޅުން މަދުވުމުގެ ފާޑުކިއުން ވެސް ރައީސަށް އަމާޒުވި އެވެ.

ފަހަތަށް އެޅޭ ފިޔަވަޅެއް؟

ރައީސް މުއިއްޒުގެ ސަރުކާރުގައި އަންހެނުންގެ ބައިވެރިވުން ހިމެނޭ މިންވަރު:

  • ކެބިނެޓް: 22 މިނިސްޓަރުންގެ ތެރޭގައި ތިން އަންހެނުން (%13)

  • ރައީސް އޮފީސް: 16 މަގާމުގެ ތެރޭގައި އެންމެ އަންހެނެއް (%6)

  • މިނިސްޓަރުން ފެންވަރުގެ ބޭފުޅުން: 17 މަގާމުގެ ތެރޭގައި އެއްވެސް އަންހެނަކު ނެތް (%0)

  • މިނިސްޓަރުންގެ ނައިބުން: 72 މަގާމުގެ ތެރޭގައި 23 އަންހެނުން (%32)

  • ސްޓޭޓް މިނިސްޓަރުން: 50 މަގާމުގެ ތެރޭގައި އަށް އަަންހެނުން (%16)

ސަރުކާރުގެ މަގާމުތަކަށް ބަލާއިރު، އަންހެނުންގެ ނިސްބަތް އެންމެ ބޮޑީ ޑެޕިއުޓީ މިނިސްޓަރުންގެ ތެރޭގަ އެވެ. އެއީ އާންމުންނާއި ސިޔާސީ ދާއިރާގައި ވެސް އުޅުއްވާ އެކި ފަރާތްތަކުގެ ފާޑުކިޔުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެންމެ ފަހުން އައްޔަން ކުރެއްވި މަގާމުތަކެވެ.

ރައީސް މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އަންހެނުންނަށް ހާއްސަ ބާބު ރަސްމީކޮށް އިފްތިތާހުކުރަން ބޭއްވި ކެމްޕޭން ޖަލްސާ (ފޮޓޯ/ ޕީޕީއެމް)

އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ނޫސްބަޔާނެއްގައި، ކެބިނެޓުގައި އަންހެނުންގެ އަދަދު %13އަށް ވެއްޓުން ސިފަކޮށްފައިވަނީ "އަންހެނުން ސިޔާސީ ދާއިރާގައި ބާރުވެރި ކުރުމަށް ކުރެވޭ މަސައްކަތުގައި ވަރަށް ބޮޑަށް ފަހަތަށް އެޅުނު ފިޔަވަޅެއް"ގެ ގޮތުގަ އެވެ.

"ރައްޔިތުންގެ މަޖިލީހަށް %20 އަންހެނުން ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާނެ ވާހަކަ ވިދާޅުވެފައިވާ އިރު، އިތުރު އެއްވެސް ފަރާތެއްގެ ބައިވެރިވުމަކާ ނުލާ، ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގެ އެންމެ މަތީ ބާރު ކަމުގައިވާ ކެބިނެޓަށް، ސީދާ އެމަނިކުފާނަށް އަންހެނުން އައްޔަން ކުރެއްވެން އޮތް ފުރުސަތުގައި އެކަން ނުކުރެއްވުމަކީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމުގެ ހެއްކެކެވެ،" އެ ނޫސް ބަޔާނުގައިވެ އެވެ.

ކެބިނެޓުގައި އަންހެނުން މަދުވުމުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ ސަރުކާރު ކުންފުނިތަކުގެ މަތީ މަގާމުތަކަށް އަންހެނުން އިތުރުކުރައްވާނެ ކަމަށެވެ. 

ނަމަވެސް ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ހަމަޖައްސަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ފުރަތަމަ ފޮނުވި 22 ނަމުގެ ތެރޭގައި ހިމެނެނީ އެންމެ ތިން އަންހެނުންނެވެ.

އެއާ އެކު އެއީ ވެސް ރައީސް 'ހެއްދެވި އިތުރުފުޅެއް' ކަމަށް އެއްބަޔަކު ދެކެ އެވެ.

ބައެއް މީހުން ބުނީ ސަރުކާރުން ދައްކާ ވާހަކަތަކަށް އިތުބާރު ނުކުރެވޭ ކަމަށެވެ. 

"އަންހެނުން ބާރުވެރި ކުރުވާނެ ކަމުގެ އެތައް ވައުދެއް ވެގެން އައިސް މި ސަރުކާރުން ފެނިގެންދަނީ އެ މަންޒަރެއް ނޫން. ފެނިގެންދަނީ އަންހެނުންނަށް އޮތް ފުރުސަތު ގެއްލުވާލަމުންދާ ސަރުކާރެއްގެ ގޮތުގައި،" އާންމުންގެ މީހަކު 'އެކްސް'ގައި ލިއުނެވެ.

"މިއީ ބޮޑު މައްސަލައެއް، ރައްޔިތުންގެ ދެބައިކުޅަ އެއްބައި ކަމުގައިވާ އަންހެނުންގެ ވަރަށް ގިނަ ބައެއްގެ ކެމްޕޭން ކުރުމާއި ވޯޓުން މުއިއްޒު ރައީސަކަށް ހޮވީ. އެކަމަކު މިވާ ގޮތަކީ އަދުރޭ ބުނާހާ ބަޔަކަށް މަގާމު ދެނީ. ދޭއިރު އަންހެނުންގެ އަދަދު އިސް މަގާމުތަކުގައި މާ މަދު. ބަދަލުކުރައްވާ،" އެހެން މީހަކު ހިޔާލު ފާޅުކުރި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް ރައީސް މުހައްމަދު މުއިއްޒު ލ.، ގއ.، ގދ.، އައްޑޫ އަދި ފުވައްމުލަކަށް ވަޑައިގަތް އިރު އަންހެނުންގެ ހަރަކާތްތެރިކަން ބޮޑު (ފޮޓޯ/ޕީޕީއެމް)

ގާބިލު އަންހެނުންތައް ކޮބާ؟

ރާއްޖޭގައި ތައުލީމީ، ތަޖުރިބާކާރު އަންހެނުން ތިބިކަމާ މެދު އެއްވެސް މީހަކު ދެބަހެއް ނުވެ އެވެ. ސްކޫލް ނިންމާ މަތީ ތައުލީމު ހޯދާ މީހުންގެ ތެރޭގައި ވެސް ފިރިހެނުންނަށް ވުރެ އަންހެނުން ގިނަ އެވެ. ސިވިލް ސާވިސް ވަޒީފާތަކުގައި ވެސް ގިނައީ އަންހެނުންނެވެ. ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ.

ގައުމުގެ އިސް މަގާމުތަކުން އަންހެނުން އެހާ މަދުން ފެންނަ ސަބަބަކީ ކޮބާ ހެއްޔެވެ؟

އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް، އަންހެނުން ބާރުވެރިކުރުމަށް އުފައްދާފައިވާ އުތެމަ ޖަމިއްޔާގެ ކޯ-ފައުންޑަރު ހުމައިދާ އަބްދުލް ގަފޫރު (ހުމޭ) ގަބޫލުކުރައްވާ ގޮތުގައި، އެކަމުގެ ފަހަތުގައި ބައިވަރު ސަބަބުތައް ހުރެދާނެ އެވެ.

އެއް ކަމަކަށް އޭނާ ފާހަގަކުރެއްވީ، ޕާޓީތަކުގެ ތެރޭގައި ވެސް ބަސްވިކޭ މަގާމުތަކުގައި ތިބި އަންހެނުން މަދުވުމެވެ. ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކުގައި އަންހެނުން ގިނަ ނަމަވެސް، ޕާޓީ ހިންގުމުގައި، ނުވަތަ ޕާޓީގެ ނިންމުންތައް ނިންމުމުގައި އަންހެނުން މަދީ އެވެ.

އެހެންކަމުން ވެރިކަން ލިބޭ ޕާޓީއަކުން ސިޔާސީ މަގާމުތައް ބަހާލާއިރު، ޕާޓީގެ އިސް ސަފުގައި ތިބޭ އަންހެނުން މަދުވުމުން އަންހެނުންނަށް ބައިއަޅާ ވަރު ވެސް ދަށްވަނީ ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ. އެކަން ދިމާވެފައި އޮތީ، ހުމައިދާ ގަބޫލުކުރައްވާ ގޮތުގައި، މި ސަރުކާރުގައި އެކަންޏެއް ނޫނެވެ.

"އަސްލު ޕްރޮޕޯޝަނޭޓްލީ ބަލާ ނަމަ، އެމްޑީޕީގެ ސަރުކާރެއްގައި އެމްޑީޕީގެ ސަޕޯޓުގައި ނުކުންނަ އަންހެނުންގެ ނިސްބަތަށް ބަލާއިރު، އެއެއް ނޫން މަގާމުތަކުން ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް: އެ ޕާޓީގެ މަތީ މަގާމުތަކުގައި ވެސް އަންހެނުން މަދު (ފޮޓޯ/ ހުސެއިން ސުނެއިން)

އަނެއް ކަމަކީ ރާއްޖޭގައި އެތައް ސިޔާސީ ޕާޓީއެއް ހިންގިޔަސް ޕާޓީތަކުގެ ފިކުރު ގަބޫލު ނުކުރެވޭތީ ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ އަންހެނުން މަދުވުމެވެ. އެކަމަކު މަލްޓި-ޕާޓީ ސިސްޓަމަކަށް މިހާ ބޮޑަށް ބަރޯސާވާ ގައުމެއްގައި ސިޔާސީ ޕާޓީއަކާ ނުލައި ކުރިއެރުން ހޯދުން ނާދިރެވެ.

ކަން އެހެން އޮތް ނަމަވެސް ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި ތިބި ގާބިލް މީހުންނަށް ފުރުސަތު ދިނުމުގެ އިހުތިޔާރު ރައީސްއަށް އޮންނާނެ އެވެ. އެކަން ހުމައިދާ ވެސް ފާހަގަކުރެއްވި އެވެ.

"[ރައީސް އަށް] ޗޫޒް ކުރެވޭނެ އެކަށީގެންވާ މީހުން. އެހެންވީމަ [ރައީސްއަށް] އެކަށީގެންވާ މީހުން ނޭނގުން ވެސް އެއީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީގެ ތެރޭގައި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ އެތައް ބަޔަކު ވެސް ކެބިނެޓުގައި ތިބި ކަން ފާހަގަކުރައްވަމުން ހުމައިދާ ސުވާލު އުފެއްދެވީ މަތީ މަގާމުތަކުގައި އަންހެނުންގެ ނިސްބަތް ދަށްވުމުގެ ބަހަނާއަކީ ކޮބާތޯ އެވެ؟

"ރާއްޖޭގައި މީހުން ނެތީތޯ، އެ ސުވާލު އުފެދޭ. ހުމޭއަށް ބުނެވެން އޮތް އެއްޗަކީ، މުއިއްޒުއަށް އަސްލު [އެނގިވަޑައިނުގަންނަވަނީއޭ] އެންމެ އެކަށީގެންވާ މީހުންނަކީ [ކޮބައި ކަން]،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ކިތައްމެ މުހިއްމު ވަޒީފާއެއް ވެސް ހިނގައިދާނެ އެކަށީގެންނުވާ މީހަކަށް ވެސް އަދި އެޕްރޮޕްރިއޭޓް ނޫން ސްކިލް ސެޓަކަށް ވެސް. އެހެންވީމަ އޭގެ މާނައަކީ އެ ވަޒީފާ އަދައެއް ނުކުރެވޭނޭ، އެ މަގާމަށް ނަގާ މީހަކަށް. އެއީ އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް."

ކަމަށް އެކަށީގެން ނުވާ މީހުންނަށް މަގާމު ދިނުމަކީ، ހުމައިދާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އާ ވާހަކައެއް ނޫނެވެ. އެއީ ސަރުކާރަށް މީހުން އައްޔަންކުރުމުގައި އެންމެ ފާޑުކިޔުން ގިނަވާ މައްސަލަ ވެސްމެ އެވެ.

"ވަރަށް ގިނަ ސަރުކާރުތަކުގައި މަސައްކަތް ނުކުރާ މީހުންނަށް މަގާމު ދީފައި މުސާރަ ދީފައި ބަހައްޓާ ވާހަކަ މިއީ ރާއްޖޭގައި ވަރަށް އާންމު ވާހަކައެއް. މިއީ ވަރަށް ދެރަ ވާހަކައެއް، އެކަމު މިއީ ވަރަށް އާންމު ވާހަކައެއް."

ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

'އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނީ އެކަމުގެ މުހިއްމު ކަން އެނގިގެން'

މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން ސަރުކާރަށް ވެސް މުހިންމުވާން ޖެހެ އެވެ. އިންތިހާބުގެ ތެރޭގައި އެ މައުލޫއު ހިމެނޭ ވައުދުތައް ވީ އެހެންވެ އެވެ. 

"ވަރަށް ބޮޑެތި މައްސަލަތައް ނުދަންނަ، ނުވަތަ އެ މައްސަލަތަކަށް އެހާ ބޮޑަށް އަހުލުވެރި ނޫން އެޑްމިނިސްޓްރޭޝަނެއް ކަމަށް ވަންޏާ، ދެން އެ މައްސަލަތަކަށް އެޑްރެސްއެއް ނުކުރެވޭނެ،" ހުމައިދާ ވިދާޅުވި އެވެ.

"އަންހެނުންގެ ބައިވެރިވުން އޮތުމަކީ ކިހާ މުހިއްމު ކަމެއް ކަން ނޭނގޭ އެޑްމިނިސްޓްރޭޝަނަކަށް އަންހެނުންގެ ބައިވެރިވުން އިސްކުރާކަށް ވެސް ނޭނގޭނެ."

ކުޑަކުދިން ބޮޑެތިވެގެން ސިޔާސީ މައިދާނަށާއި މުޖުތަމައަށް ނުކުންނަ އިރު އަންހެނުންނާއި ފިރިހެނުންގެ ތަޖުރިބާތައް ތަފާތުވުމުން، ދެ ޖިންސުގެ މީހުންނަށް ވެސް އެންމެ އެކަށޭނަ ސިޔާސަތުތައް ކަނޑައަޅާ، ތަންފީޒުކޮށް، އެންމެނަށް ފައިދާ ހުރި ގޮތަށް ގައުމެއްގެ ހިންގުން ބައްޓަންކުރަން ދެ ޖިންސުގެ ބައިވެރިވުން މުހިއްމެވެ.

 ޕީޕީއެމްގެ މުޒާހަރާއެއްގެ ތެރެއިން: ކެމްޕޭނާއި މުޒާހަރާތަކުން އަންހެނުން ވަރަށް ގިނައިން ފެނުނު ނަމަވެސް، މަގާމުތަކުން ފެންނަނީ މަދުން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މައްސަލަ އަކީ، ބައެއް މީހުންނަށް އަދިވެސް އެކަން ގަބޫލުނުކުރެވުމެވެ. ނުވަތަ ކުރަން ބޭނުން ނުވުމެވެ.

"ދެން ހަމަ އަންހެނަކަށް ވިޔޭ ކިޔާފައި މަގާމުތަކުގެ ދެބައިކުޅަ އެއްބައި ދޭން ޖެހޭތަ؟" މިއީ ސޯޝަލް މީޑިއާގައި ބައެއް މީހުން އުފައްދާ ސުވާލެކެވެ.

ނޫނެކެވެ. ނުޖެހެ އެވެ. އަންހެނުންނަށް މަގާމު ލިބުން ހައްގުވަނީ ހަމައެކަނި އަންހެނަކަށް ވުމަކުން ނޫނެވެ. ތައުލީމާއި ތަޖުރިބާ ލިބި، ގާބިލުކަން ހުރި ނަމަވެސް، މުޖުތަމައުގެ އާންމު ގަބޫލުކުރުންތަކާއި، ޒަމާންވީ ސަގާފަތްތަކުގެ ސަބަބުން އެ ފުރުސަތު އާބާދީގެ ދެބައި ކުޅަ އެއްބަޔަށް އެކަށީގެންވާ ގޮތުގައި ނުލިބެނީ އެވެ.

އެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ފަށަން ޖެހޭނީ މައްސަލައިގެ މުގުލުންނެވެ. އަންހެނުންނަށް މަގާމެއް ދޭށޭ ބުނެ 'އަމާ ބުނީތީ ފަރަށް ދާ އުސޫލުން' އެކަން ކޮށްގެން  ބޮޑު މަންޒަރާ ހަމައަށް ވާސިލެއް ނުވާނެ އެވެ.

ކޮމެންޓް (1)

ޥާލުސޮރު

12 ޑިސެމްބަރު 2023
ފިރިހެނުންވެސް ހަމަ އެވަރު ކީވެބާ އެވާހަކަ ނުލިޔަނީ ނަތީޖައަކީ ހުޅަނގުގެ ޔަހޫދީ ވިސްނުން މި ގައުމުގަ ފައްކާވެފައިވާ މިންވަރު
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް