އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް އެ މަނިކުފާނު އިއްޔެ ބައްލަވާލައްވަނީ. (ފޮޓޯ/މަޖިލިސް)

މުއިއްޒަށް އެންމެ ބޮޑު ހުރަހަކީ އިންޑިއާ ސިފައިންނާއި ޔާމީނެއް ނޫން، އިގްތިސާދު

އަބްދުއްރަހީމް ވިދާޅުވީ އިންތިގާލީ ކޮމިޓީތަކުން ކުރި މަސައްކަތުން ފާހަގަވި އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެ ވަރަށް ބޮޑަށް ދަރަނިވެރިވެ، ވަގުތުން ވަގުތަށް ވެސް ފައިސާ ބޭނުންވެފައި އޮތް މިންވަރު
17 ނޮވެމްބަރު 2023
1

މިއަދު ވެރިކަމާ ހަވާލުވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހުރި ގޮންޖެހުންތަކުގެ ލިސްޓެއް އެކުލަވާލާ ނަމަ، އެ ލިސްޓު ވަރަށް ދިގުވާނެ އެވެ. 

އާ ސަރުކާރަށް ހުރި ގޮންޖެހުންތަކުގެ ލިސްޓް ތަރުތީބު ކޮށްދެއްވީ ވެރިކަމާ ހަވާލުވާ ޕީޕީއެމް-ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި އަދި ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. 

"އިންތިހާބީ ރައީސްއަށް އެނގިވަޑައިގަންނަވާ މި މައްސަލަތައް. އެކަމަށް މަސައްކަތް ފުރަތަމަ ދުވަހު ވެސް އެމަނިކުފާނު ފައްޓަވާނެ.

އަބްދުއްރަހީމް އަބްދުﷲ / ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން

'ދައުރު'އަށް މިދިޔަ ބުދަ ދުވަހު ދެއްވި ހާއްސަ އިންޓަވިއެއްގައި އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މި ސަރުކާރަށް އެންމެ ބޮޑަށް ކުރިމަތިވާނީ އިގްތިސާދީ މައްސަލަތަކެވެ. ތިން ފަހަރަށް ވެސް ތަކުރާރުކުރެއްވީ، "އިގްތިސާދު! އިގްތިސާދު! އިގްތިސާދު!" މިހެންނެވެ. 

"އަޅުގަނޑުމެންގެ އިގްތިސާދު މި އޮތީ ހީކުރާ ވަރަށް ވުރެ ވެސް މާ ބޮޑަށް ދަށުގައި. މި އިގްތިސާދު އަނބުރާ ކޮޅަށް ޖެހުން އަޅުގަނޑުމެންނަށް ބޮޑު ޗެލެންޖަކަށް ވާނީ. ދެން ހުރި ކަންކަމަކީ މާ ބޮޑެތި އުނދަގޫ ކަންކަމެއް ނޫން. މަޝްވަރާއިން ދޭދޭ ގުޅުންތަކުން ހައްލު ކުރެވޭނެ ކަންކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް އެ މަނިކުފާނު އިއްޔެ ބައްލަވާލައްވަނީ. (ފޮޓޯ/މަޖިލިސް)

އޭނާ ވިދާޅުވީ އިންތިގާލީ މަރުހަލާގެ ތެރޭގައި ކޮމިޓީތަކުން ކުރި މަސައްކަތުން ފާހަގަވި އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑެތި ކުންފުނިތައް ހިމެނޭހެން ރާއްޖެ ވަރަށް ބޮޑަށް ދަރަނިވެރިވެ، ވަގުތުން ވަގުތަށް ވެސް ފައިސާ ބޭނުންވެފައި އޮތް މިންވަރު ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވީ ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް 100 މިލިއަން ޑޮލަރަށް ވުރެ ވެސް ދަށްވެފައި ވުމެވެ. 

"އިގްތިސާދީ ކަންކަމުގެ ތެރޭގައި އަޑި ނޭނގޭ ވަރަށް ގިނަ ކަންކަން ވެސް އެބަހުރި ކުރެވުނު މަސައްކަތުން. އަޅުގަނޑުމެން ހަވާލުވެފައި ފުރަތަމަ ވެސް އެކަންކަން ސާފުކުރެވޭނީ. އެއަށް ފަހު ރަނގަޅު ޕްލޭނެއްގެ ދަށުން ރައީސް މަސައްކަތް ފައްޓަވާނެ،" މުއިއްޒުގެ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖައްސާނޭ ކަމަށް ބެލެވޭ އަބްދުއްރަހީމް ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނީގެ މައްސަލައިގެ ތަފްސީލްތަކަށް ވަޑައިގަންނަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުގައި ހުރިހާ ލޯނެއްހެން އިންޑިއާއިން ނަގާފައި ހުރުމަކީ އިގްތިސާދީ ގޮތުން ކުރިމަތިވާނޭ ގޮންޖެހުމެއް ކަމަށެވެ. އެއް ކުރެވުނު މައުލޫމާތުތަކުގެ އަލީގައި އޭނާ ވިދާޅުވީ މި ސަރުކާރުން ބައެއް ލޯނު ނަގާފައި ހުރީ ލުއި ގޮތެއްގައި ނޫން ކަމަށާއި، %7 އިންޓަރެސްޓްގައި ވެސް ބައެއް ލޯނު ނަގާފައި ހުރި ކަމަށެވެ. 

"ދެން އަޅުގަނޑުމެން ޖެހޭނީ އިންޑިއާއާ ވާހަކަ ދައްކަން މި ލޯނުތަކަށް ލުއި ގޮތްގޮތް ހޯދަން. އެހެންވެ އިގްތިސާދީ މައްސަލައޭ މި ބުނެވޭނީ. ދެހާސް ސައްބީސް އަންނައިރު އަޅުގަނޑުމެން އެބަ ޖެހޭ 1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ބޭރުގެ ދަރަންޏަށް ދައްކަން. އެކަން ކަމުން އަރައިގަންނަން މިހާރު ވެސް ހުރީ މަސައްކަތް ފެށިފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

ރާއްޖެއަށް ކަނޑައަޅާފައިވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރުއާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ. (ފައިލް ފޮޓޯ/އިންތިހާބީ ރައީސްގެ އޮފީސް)

އިގްތިސާދީ މައްސަލަތައް ކިތަންމެ ބޮޑު ނަމަވެސް، އަބްދުއްރަހީމަށް އޮތް ޔަގީންކަމަކީ އެކަންކަމުން ސަލާމަތްވާނޭ ގޮތެއް މުއިއްޒު ހޯއްދަވައިދެއްވާނޭ ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މުއިއްޒު އެ މަސައްކަތް ފައްޓަވާނެ އެވެ. ފުރަތަމަ ވެސް ދޭދޭ ގައުމުތަކާ އެކު މަޝްވަރާ ކުރައްވައިގެން ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި ބޮޑެތި ދަރަނިތަކަށް ލުއި ހޯދުމަށް މަސައްކަތް ފައްޓަވާނޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އިންތިހާބީ ރައީސްއަށް އެނގިވަޑައިގަންނަވާ މި މައްސަލަތައް. އެކަމަށް މަސައްކަތް ފުރަތަމަ ދުވަހު ވެސް އެމަނިކުފާނު ފައްޓަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

'ސުލްހަވެރިކޮށް އިންޑިއާ ސިފައިން ބޭލޭނެ'

އޭނާ ވިދާޅުވި ގޮތުގައި މުއިއްޒު ޔަގީންކުރައްވާ ގޮތުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ބޮޑު ކަމަކަށް ނުވާނެ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދިވެސް މުޅިން ސާފުނުވާކަން ފާހަގަކުރައްވައި ވިދާޅުވީ ޑިޕްލޮމެސީގެ ރީތި އުސޫލުތަކާއި މަޝްވަރާ އިސްކޮށްގެން މުއިއްޒު އެކަން ކުރައްވާނެ ކަމަށެވެ. 

"މިހާތަނަށް އިންޑިއާ ސަފީރާ އެކު ކުރެވުނު މަޝްވަރާތަކުން ވެސް އެކަމަށް އެދެވޭ ޖަވާބުތަކެއް ލިބިފައިވާކަން އިންތިހާބީ ރައީސް އެކި ފަހަރު އެ ހުރީ ވިދާޅުވެފައި. މިއީ ސުލްހަވެރިކަމާ އެކު ޑިޕްލޮމެސީގެ ރީތި އުސޫލުން ރައީސް ކުރައްވާނޭ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

ޕީޕީއެމް-ޕީއެންސީން 'އިންޑިއާ އައުޓް' ދިދަތަކާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މިދިޔަ ޖޫން މަހު މާލޭގައި ބޭއްވި މުޒަހާރާ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭނާ ވިދާޅުވީ އާ ސަރުކާރުން ވެސް އިންޑިއާއަކީ މި ސަރަހައްދުގެ އެންމެ ބޮޑު ގައުމުގެ ގޮތުގައި ބަލައިގަނެ، ގާތް ގުޅުމެއް ބާއްވާނޭ ކަމަށެވެ. އެ ކަމަށް ބަދަލު ނާންނާނޭކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވަނީ އިންޑިއާއަށް ވެސް އަދި އެހެން ގައުމުތަކަށް ވެސް ހުރަސް ނުކުރެވޭނޭ ރަތް ރޮނގެއް އޮންނާނޭ ކަމަށް ވިދާޅުވެފަ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމާއި އިސްތިގުލާލާއި މިނިވަންކަން ގެއްލޭ ފަދަ ކަންކަން ކުރަން އެއްވެސް ގައުމަކަށް ޖާގަ ނުދެއްވުމެވެ.

"ގާތްވުމަކީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބަސް ކިޔައި ވަދެ ހެދުމެއް ނޫން. އެ ފުރުސަތު ދިނުމެއް ނޫން. މި ގައުމުގެ މިނިވަންކަމަށް އިހުތިރާމް ކުރައްވާނެ. އޭރުން އަޅުގަނޑުމެންނަށް ވެސް އެ އިހުތިރާމް ކުރެވޭނީ. ރައީސް މުއިއްޒު ވިދާޅުވެފައި އޮންނާނެ އަޅުގަނޑުމެންނަށް އިހުތިރާމް ކުރާ މިންވަރަކަށް އެ ގާތްކަން ބާއްވާނަމޭ. ޕްރޯ މޯލްޑިވްސްއޭ އޮންނާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

'ޔާމީން، މުއިއްޒަށް ޖެއްސުމެއް ނުކުރައްވާނެ'

ޕީޕީއެމް-ޕީއެންސީގެ ލީޑަރުގެ ގޮތުގައި ބަލާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މުއިއްޒާ ދެމެދު މާ ރަނގަޅު ގުޅުންތަކެއް ނެތުމަކީ މުއިއްޒަށް ކުރިމަތިވާނޭ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް އަބްދުއްރަހީމަށް ގަބޫލެއް ނުކުރެއްވެ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ޔާމީނަކީ ކަންކަން އެނަލައިޒް ކުރައްވާ ބޭފުޅެކެވެ. އެހެން ވުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިނގި ދެބަސްވުންތަކާއި އެކަމުން ނުކުތް ނަތީޖާ ރައީސް ޔާމީންއަށް ރަނގަޅަށް ފެނިވަޑައިގަންނަވާނޭކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ޖެހުނު މައްސަލަތައް އަމިއްލައަށް ތަޖުރިބާ ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ. އެއަށް ފަހު ވިދާޅުވީ އެފަދަ ގޯހެއް ޔާމީން ނުހައްދަވާނޭ ކަމަށެވެ.

"ރައީސް ޔާމީނަކީ ސިޔާސީ ތަޖުރިބާ އިތުރަށް ބޭނުންވާނެ ބޭފުޅެއް ނޫން. އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ސިޔާސީ ގޮތުން އަންނާނެ ކަންކަން... އެހެންވީމާ އަޅުގަނޑަށް ޔަގީން ރައީސް ޔާމީން، ރައީސް މުއިއްޒަށް ޖެއްސުން ކުރެއްވުން ފަދަ ކަންކަން ނުކުރައްވާނޭކަން. އަދި އުނދަގޫ ކުރައްވާނޭ ކަމަކަށް ވެސް ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީން ގެއަށް ބަދަލުކުރި ފަހުން ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ނަމަވެސް ޔާމީން މި ހުރިހާ ދުވަހު 'އަނިޔާގައި' ހޭދަކުރެއްވުމުން ޖަޒުބާތުތައް ހުންނާނޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އަދި ދެ އިންސާނުން ކަމަށް ވުމުން ސަރުކާރެއް އެކުލަވާލުމުގެ މަރުހަލާގައި ހިޔާލު ތަފާތުވުމަކީ ބޮޑެތި ކަންކަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އެއީ ހަމަ ހިނގާނެ ކަންކަން. އެއީ މާ ބޮޑެތި މައްސަލަތަކެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް (1)

އަސްނާނު

17 ނޮވެމްބަރު 2023
ސިޔާސީ ކަންތައްތަކައް އާމީހުންވީމަ ވަރަށް އުނދަގޫ ކަންކަން ގިނަވާނެ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް