މީހަކު ފާމަސީއަކުން ބޭސް ގަންނަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އާސަންދަ

މިކަހަލަ 'އިދާރީ އޮޅުންތަކުގެ' ބުރަ އާސަންދަ ބަޖެޓަށް

ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައި ނެތުމަކީ އާސަންދަ ބަޖެޓަށް އެންމެ ބާރުބޮޑުވާ ސަބަބު ކަމަށްވާއިރު، ބޮޑު އަގުގައި ބޭސް ވިއްކުމުގެ ސަބަބުން އެ ބަޖެޓު އޮންނަނީ އަހަރު ދެބައިވާއިރު ހުސްވާން ކައިރިވެފައި
17 ނޮވެމްބަރު 2023

ކޮވިޑު-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު އެސްޓީއޯ ހެންވޭރު ފާމަސީން 'އީ-ކޮޑް ޕްލަސް' ނަމަކަށް ކިޔާ ބޭހެއް ގަންނަން ދިޔަ މީހަކަށް ބޭސް ކާޑެއް ވިއްކީ އެ ބޭހުގެ ފޮށީގެ އަގުގަ އެވެ. އެ "އޮޅުމުގެ" ސަބަބުން، ގާތްގަނޑަކަށް 250ރ. އަށް ލިބޭ އެ ބޭސް ކާޑަށް، އެފަހަރު 5،000ރ. އެރި އެވެ.

އެ މީހާ ހައިރާނުގެ މައްޗަށް އަންތަރީސްވެގެން ގޮސް ސުވާލު ކުރުމުން ލިބުނު ޖަވާބަކީ "ތިއީ ދައްތަ އަތުން ދާ ފައިސާއެއް ނޫނޭ، އާސަންދައިން ކަވަރު ކޮށްދޭނޭ" އެވެ.

ފާމަސީއަކުން މީހަކަށް ބޭސް ވިއްކަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެ މީހާގެ ޝަކުވާ، އޭނާ ނިސްބަތްވާ ދާއިރާގެ މަޖިލިސް މެމްބަރަށް ހުށަހެޅުމުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީ އިން އެ މައްސަލަ ބަލަން ފެށި އެވެ. 

ކަން ހިނގައިދިޔަ ގޮތަށް ބަލާއިރު:

  • 1-

    މައިގަނޑު ތިން ސުވާލަކާ އެކު އެސްޓީއޯއަށް ލިޔުމުން ޖަވާބުދާރީވާން އަންގައި، އެކި ފަހަރު މަތިން ކޮމެޓީން ސިޓީ ފޮނުވި

  • 2-

    އެސްޓީއޯ އިން ދިން ޖަވާބަކީ އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް

  • 3-

    ދެ އަހަރެއްހާ ދުވަސް ވެގެންދިޔައިރު ވެސް ކޮމެޓީން ފޮނުވި ތިން ސުވާލުގެ ޖަވާބު ނުދެވުނު

  • 4-

    ސުވާލުތަކަށް ޖަވާބެއް ލިބުނީ އިދާރީ ކަންކަން ބެލުން ގަބޫލުނުކުރެވޭ މިންވަރަށް ދިގުލައިގެންދާތީ، ކުންފުނީގެ ވެރިން ކޮމެޓީއަށް ހާޒިރުކުރަން ނިންމުމުން

ކޮމެޓީއަށް ހާޒިރުވާން އެންގުމުން 25 އޮކްޓޫބަރުގައި އެސްޓީއޯ އިން އެ ކޮމެޓީއަށް ފޮނުވި ސިޓީގައި، ޖަވާބުނުދެވި ލަސްވާތީ މައާފަށް އެދެމުން ބުނެފައިވަނީ، ކޮމެޓީގެ ސިޓީތަކަށް ޖަވާބުނުދެވުނު ސަބަބުތައް ވެސް ބަލަމުންދާ ކަމަށެވެ.

ފޮށީގެ އަގުގައި ބޭސް ކާޑު ވިއްކި މައްސަލައިގައި ކޮމެޓީން ކުރި ސުވާލުތަކަކީ އެ ބޭހުގެ މާކެޓް އަގާއި އެސްޓީއޯ އިން އެ ބޭސް ވިއްކުމުގައި ލާ ފައިދާ އާއި އެ ބޭސް އަގުބޮޑުކޮށް ވިއްކި ސަބަބަކީ ކޮބައިތޯ އެވެ.

ބޭސް އަގުބޮޑުކޮށް ވިއްކި ސަބަބެއް ކަމަށް އެސްޓީއޯ އިން ބުނެފައިވަނީ:

"މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި މި ބޭސް އޭރު ވިއްކާފައިވަނީ ތިން ޕްރިސްކްރިޕްޝަނަކަށެވެ. މީގެ ތެރެއިން ފުރަތަމަ ޕްރިސްކްރިޕްޝަނަށް ބޭސް ވިއްކިފައިވަނީ ބޭސް ގުޅައިގެ އަގުގެ ބަދަލުގައި ފޮށީގެ އަގު ބޭނުންކުރެވުމާ ގުޅިގެންނެވެ. މިއީ އިދާރީ ގޮތުން އެރި އޮޅުމެއް ކަމުގައި ގަބޫލުކުރަމެވެ. މިކަން ދެނެގަނެވުމާ އެކު އޭގެ ފަހުން އެކަން ވާނީ ރަނގަޅުކުރެވިފަ އެވެ. އަދި އޮންނަ އުސޫލުގެ މަތިން އެންސްޕާއަށް މި ފައިސާ ރީއިމްބާސް ކުރުމުގެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވަމެވެ."

ފައިސާ އަނބުރާ ދޭނެ ކަމުގެ ޔަގީންކަން ދިންއިރު، މިކަމެއް ހިނގިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދިޔައީ އެވެ. 

އެސްޓީއޯ ހެޑް އޮފީސް އިމާރާތް. (ފޮޓޯ/ކޯޕަރޭޓް މޯލްޑިވްސް)

މި މައްސަލައިގައި އެސްޓީއޯގެ އަމަލުތައް ހުރި ގޮތުން ކޮމެޓީގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވަނީ ކުންފުނީގެ ހެޑް އޮފީހާ ހަމައިން ގޯސްތަކެއް ހަދާފައި ހުރި ކަމަށެވެ.

"ސޮއިނުކުރަން އެތާ ތެރޭ ސިޓީ ބާއްވައިގެން ތިބި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. މުގައްރިރު މިފަހަރު ހާޒިރުކުރަން ނިންމުމާ ގުޅިގެން ކޮންމެވެސް ގޮތަކަށް މީގެ ތެރެއިން ނެއްޓެން އެ ފަރާތްތަކުން ވެސް އެބަ މަސައްކަތް ކުރޭ،" މި މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، ކޮމިޓީގެ ބައްދަލުވުމެއްގައި މިދިޔަ ބުދަ ދުވަހު ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެންނަށް މި ވިސްނުނީ މިސާލަކަށް މިއީ ސިސްޓަމް އެރާ އެކޭ. ދެން މިގޮތަށް އެރާ ޖެހެން ޖެހިއްޖެއްޔާ ވަރަށް ބޮޑު މައްސަލައެއް."

މިކަން ހިނގިއިރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ހުސައިން އަމްރު އެެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމުން މިހާރު އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އޭޕްރީލް މަހުގަ އެވެ. ސައީދުއާ ހަވާލާދެއްވައި ކޮމެޓީގެ މުގައްރިރު އަހްމަދު އީސާ ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވެވަޑައިގަތް ފަހުން މި މައްސަލަ ސައީދުގެ ސަމާލުކަމަށް ގެނެސްފައެއް ނުވެ އެވެ. މަޖިލީހަށް ޖަވާބުދާރީނުވެ އޮތްކަން ސައީދަށް އެނގިވަޑައިގަތީ، އެކަން ނުކޮށްގެން ހާޒިރުވާން އެންގުމުންނެވެ.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު. (ފޮޓޯ/އެސްޓީއޯ)

'އަގު ކޮންޓްރޯލް ކުރަން ޖެހޭނީ އެންމެންނަށް'

އާސަންދައިގެ ހަރަދުތައް މަތިވުމުގެ މައިގަނޑު އެއް ސަބަބަކީ ބޭސް ވިއްކޭނޭ އެންމެ މަތީ އަގު ކަނޑައަޅާފައި ނެތުމެވެ. ނަމަވެސް، ސަރުކާރު ކުންފުނިތަކަށް މިނިވަން ވިޔަފާރީގެ މާހައުލެއް ކަށަވަރުުކޮށްދިނުމުގެ ވިސްނުމުގައި ކޮމެޓީގެ ބައެއް މެމްބަރުން ދެކޭ ގޮތުގައި އެސްޓީއޯ އިން ބޭސް ވިއްކުމުގައި ލާ ފައިދާ ކޮންޓްރޯލް ކުރަން އުޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި މިއީ ވެސް އާންމު ވިޔަފާރީގެ ބާވަތެކެވެ.

"ރާއްޖޭގައި ވަރަށް ކޮމްޕެޓެޓިވް މާކެޓެއް މިއީ ބޭހުގެ ވިޔަފާރިއަކީ. ޕަސެންޓޭޖު ޑިކްޓޭޓް ކުރާ ހިސާބަށް ދާ ނަމަ، ރާއްޖޭގައި ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ ނިޔަތެއް އޮވެއްޖެ ނަމަ، އަޅުގަނޑުމެން ޖެހޭނެ ހުރިހާ އެންމެންނަށް އެކަން ކުރަން،" ކޮމެޓީގެ ނައިބު މުގައްރިރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ބުދަ ދުވަހުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

"ހަމައެކަނި އެސްޓީއޯ ސަޕްރެސްކޮށްފައި އެސްޓީއޯއަށް ހުރިހާ ކަމެއް ކުރުމުގެ ބަދަލުގައި ހުރިހާ އެންމެންނަށް ވެސް އަންނަ ގޮތަށް އެކަން ކުރަން ޖެހޭނީ. އޭރުން އާސަންދަ ބިލަށް، ދައުލަތަށް، ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް މިކަން ނިމިގެންދާނީ. އެހެންވީމަ، ހާއްސަކޮށް އެސްޓީއޯގެ އަގުތައް، މާޖިންތައް ބަލައި އެއަށް ޑިކްޓޭޓު ކުރަން ނުފެންނަ ކަމަށް އަޅުގަނޑަށް ފެންނަނީ."

ނަމަވެސް އެސްޓީއޯ އިން ވިއްކާ ބޭހާއި އެހެނިހެން މުދަލުގެ އަގު ކަނޑައަޅާ ގޮތާއި ހުއްދަ ދިނުން ކުރިއަށް ގެންދާ ގޮތް ހޯދުމަކީ، ހުސެއިން ދެކެވަޑައިގަންނަވާ ގޮތުގައި، މުހިންމު ކަމެކެވެ.

އެސްއޯއީ ކޮމެޓީގެ މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ (ކ) އާއި ނައިބު މުގައްރިރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ މިދިޔަ ބުދަ ދުވަހު އެ ކޮމިޓީގެ ބައްދަލުވުމެއްގައި. (ފޮޓޯ/މަޖިލިސް)

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވެސް ކޮމިޓީގައި ފާހަގަކުރެއްވީ، ފައިދާގެ ޕަސެންޓު ބެލި ނަމަވެސް، ވަކި ޕަސެންޓެއް ލާން ޖެހޭނެ ކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ ކަމެވެ.

"ވަކި ޕަސެންޓަކަށޭ ވިއްކަން ވާނީ ބުނެގެން ނުވާނެ. އެކަމަކު މިސާލަކަށް 100 ލައިފިއްޔާ އަޅުގަނޑުމެންނަށް ކަނޑައެޅިދާނެ، އެ ވަރަށް ނުވިއްކާށޭ، ބޭސް ވީމަ،" އަފީފު ވިދާޅުވި އެވެ.

އަފީފު ވިދާޅުވި ގޮތުގައި ބޭހަށް އެންމެ ބޮޑުވެގެން ވެސް ފައިދާގެ ގޮތުގައި ލަނީ %20 އެވެ. މައްސަލަ ދިމާވި ބޭހަށް ލާފައިވަނީ، އެސްޓީއޯ އިން ޖަވާބުދާރީވި ސިޓީގައި ބުނެފައިވާ ގޮތުގައި، %18 އެވެ.

'ބޭހަކީ އަސާސީ އެއްޗެއް، ހިތުހުރި ފައިދާއެއް ލެވިގެން ނުވާނެ'

ބޭހުގެ އަގު ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން މެމްބަރު ރަޝީދު ކޮމިޓީގައި ވިދާޅުވީ އެސްޓީއޯ ވިޔަސް އަދި އެހެން ކުންފުންޏެއް ވިޔަސް، ބޮޑު ފައިދާއެއް ލާފައި ބޭސް ވިއްކިގެން ނުވާނެ ކަމަށެވެ.

"ބޭހަކީ އަސާސީ އެއްޗެއް. ބޭހުން އެގޮތަށް ފައިދާ ނަގައިގެން ނުވާނެ، %5،000، %3،000، %2،000 އިން،" އޭނާ ވިދާޅުވި އެވެ.

ރަޝީދުގެ ވާހަކައިން ދޭހަވީ، ބޮޑު ފައިދާއެއް ހޯދުމުގެ ނިޔަތުގައި ބޭހުގެ ވިޔަފާރި ކުރާ އެއްވެސް ގައުމެއް ރާއްޖެ ނޫނީ ދުނިޔޭގައި ވެސް ނެތް ކަމެވެ.

އަސާސީ މުދަލަކަށް ވާތީ ބޭރުގެ ދައުލަތްތަކުން ބޭހުގެ އަގު ހިފަހައްޓާފައި އޮންނައިރު، ރާއްޖޭގައި އާސަންދަ މެދުވެރިކޮށް ހިލޭ ބޭސް ދެނީ ވެސް އެއީ އަސާސީ އެއްޗަކަށް ވާތީކަން މެމްބަރު ފާހަގަކުރެއްވި އެވެ.

"އަސާސީ ބޮޑު ބަޖެޓެއް، 1.8 ބިލިއަން ވަރަކަށް ބަޖެޓެއް އާސަންދައަށް ޖަހާފައި އޮއްވާ، އެ އަސާސީ ބަޖެޓު، އެހެން ބަޔަކު ވިޔަފާރީގެ ބޭނުމަށް ހުސްކޮށްލުމަކީ އެއީ ހިޔާނާތެއް. އެއީ ގާނޫނު ހަދާ މަޖިލީހުން އިންޓަވީން ކުރަން ޖެހޭ ކަމަކީ،" ރަޝީދު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވި ގޮތުގައި މިކަހަލަ "ސިސްޓަމް އެރާތައް" އަރަނީ ކީއްވެގެން ކަމާއި އިތުރުވާ ފައިސާ ދަނީ ކޮންތަނަކަށްތޯ އާއި ބޭސް ފިހާރަތައް ސިސްޓަމުން ބޭރުން ހިޔާނާތްތެރިވަނީތޯ މިއީ ބަލަން ޖެހޭ ކަންކަމެވެ. އަދި އާސަންދައިގެ ބޮޑު ބަޖެޓު އެކި ދިމަދިމާލުން "ލީކުވެ" އެހާ އަވަހަށް ހުސްވާ ސަބަބު ވެސް ބަލަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)

އެސްޓީއޯގެ ބަސް: މާ ބޮޑު ފައިދާއެއް ނުލަން

މި މައްސަލައިގައި ކުރި ސުވާލުތަކުގެ ޖަވާބުގައި އެސްޓީއޯގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި ގޮތުގައި އެ ކުންފުނިން ވިއްކާ ބޭހަށް މާ ބޮޑު އަދަދެއް ފައިދާގެ ގޮތުގައި ނުލަ އެވެ.

ކޮމެޓީން ދިރާސާ ކުރަމުންދާ މައްސަލައިގައި އޮފިޝަލް ވިދާޅުވީ އެއީ ބޭހުގެ އަގު ބޮޑުވުން ނޫން ކަމަށާއި ފޮށީގެ އަގުގައި ބޭސް ކާޑެއް އޮޅިގެން ވިއްކުމުން ދިމާވި މައްސަލައެއް ކަމަށެވެ. އަދި އެ ބޭސް ވިއްކީ އާސަންދަ އިން ކަނޑައެޅި އަގެއްގައި ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ ފާމަސީއެއް. (ފޮޓޯ/ރާއްޖެ އެމްވީ)

އާސަންދަ އިން ކަވަރު ކޮށްދޭތީ، ބޭހުގެ ބޮޑު އަގު ޖީބަށް އިހުސާސް ނުވިޔަސް، ޖުމްލަކޮށް ބޭހުގެ އަގު ބޮޑު މައްސަލައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އާސަންދައިގެ ބަޖެޓު ހުސްވާ މައިގަނޑު އެއް ސަބަބަކީ ވެސް އެއީ އެވެ. އަނެއްކޮޅުން، އެންމެ އަގުބޮޑު ބޭސްތައް ގިނަ ފަހަރަށް އާސަންދަ އިން ކަވަރުނުކުރާކަމީ ވެސް އާންމު ޝަކުވާއެކެވެ.

ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައި ނެތްއިރު، ބޭހުގެ ވިޔަފާރީގައި ހުރި ކަމަށް އަޑުއިވޭ، އެހެން ނަމަވެސް ޔަގީންނުވާ ބޮޑެތި މައްސަލަތަކެއްގެ ވާހަކަ ވެސް ބައެއް މެމްބަރުން ކޮމެޓީގައި ފާހަގަކުރެއްވި އެވެ. އެއީ:

  • ބޭސް ގަތުމުގައި އެސްޓީއޯގެ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުން ކޮރަޕްޝަން ހިންގާ ކަމުގެ ތުހުމަތު

  • ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދުމުގެ ނިޔަތުގައި ވަކި ބޭސްތަކެއް ވަކި ބައެއްގެ އަތުން ގަތުން

  • ވަކި ބައެއްގެ އަތުން ބޮޑު އަގުގައި ބޭސް ގަތުން

  • އޮރިޖިނަލް ބޭހުގެ އަގުގައި ޖެނެރިކް ބޭސްތައް ވިއްކުމާއި ގަސްތުގައި އޮރިޖިނަލް ބޭސް އެތެރެ ނުކުރުން

އަހަރު ނުނިމެނީސް އާސަންދަ ބަޖެޓު ހުސްވެފައި

"ހުސްނުވާ" އާސަންދައިގެ ބަޖެޓު އާންމުކޮށް އޮންނަނީ އަހަރު ދެބައިވާއިރު ހުސްވާން ކައިރިވެފަ އެވެ. މިއީ 2015 އިން ފެށިގެން މިހާތަނަށް ވެސް މިކަން ހިނގަމުންދާ ގޮތެވެ.

މި އަހަރު ވެސް އާސަންދައަށް 1 ބިލިއަން ރުފިޔާ ބަޖެޓުކުރި އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • ފުރަތަމަ ކުއާޓަރު ނިމުނުއިރު 700 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް އާސަންދައަށް ހިނގާފައިވޭ

  • 10 އޮގަސްޓްގެ ނިޔަލަށް އާސަންދަ ބަޖެޓު ހުސްވެ، އިތުރަށް 312 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި

އާސަންދަ އިން ހިދުމަތް ދޭކަން އަންގައިދޭ ނިޝާނެއް އެ ސްކީމްގެ ލޯގޯއާ އެކު ޖަހާފައި: އާސަންދަ ސްކީމްގެ ހަރަދުތައް އަހަރަކަށް ވުރެ އަހަރެއް ދަނީ މައްޗަށް

ކޮންމެ އަހަރަކު ވެސް ކަން ހިނގަނީ މި މަގުންނެވެ. މި އަހަރަށް ވުރެ ކުޑަ ބަޖެޓެއް މިދިޔަ އަހަރު އާސަންދައަށް ދިން ނަމަވެސް، އަހަރު ދެބައިވިއިރު އެ ބަޖެޓު ވެސް އޮތީ ހުސްކޮށްލާފަ އެވެ.

ބޭސް ވިއްކޭނޭ އެންމެ މަތީ އަގު ކަނޑައަޅާފައި ނޯންނައިރު، އާސަންދަ އާއި ބޭސް ފިހާރަތަކާއި މި ވިޔަފާރީގެ އަޑީގައި އޮންނަ "މެޑިކަލް މާފިއާ"އަކުން ނާޖާއިޒު ގޮތުގައި ފައިދާނަގާ ކަމުގެ ތުހުމަތު އޮތީ އާއްމުވެފަ އެވެ. ބޭހަށް ކުރާ ބޮޑު ހަރަދުގެ ބުރަ އޮތީ އާސަންދައިގެ ބަޖެޓަށެވެ. އާހިރުގައި ހަމަ ރައްޔިތުންނަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް