އިޝްތިހާރު

އައްޑޫއިން ސަޕޯޓަރުން ކީ ހޫނު މަރުހަބާއެކު މުއިއްޒުގެ މޫނުމަތިން އުފާވެރިކަން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އާ ވެރިކަމާ މެދު ރައްޔިތުންގެ އުއްމީދު؛ ކެމްޕޭނުގެ ވާހަކަތަކާއި އަމަލާ ދިމާވާން އެދިއެދި

ރައްޔިތުން ތިބީ މުއިއްޒު ވިދާޅުވި ގޮތަށް 'ދިވެހިންގެ ރާއްޖެ' ދިވެހިންނަށް ހޯދައިދީ، ދެ ފުށް ފެންނަ ވެރިކަމެއް ހިންގާ ތަން ބަލަން

ފަސް އަހަރުގެ ދައުރަކަށް ފަހު އަނެއްކާވެސް އާ ވެރިޔަކު ވަޑައިގަންނަވަނީ އެވެ. ނިމިގެން މިދާ ސަރުކާރު ކަމުނުދާކަމަށް ރައްޔިތުންގެ %54 މީހުން ނިންމައި، ރާއްޖޭގެ ވޯޓު ލެވޭ އާބާދީގެ ބޮޑު ބައެއްގެ ތާއީދާ އެކު އަލަށް ވެެރިކަމަށް ވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ މެދު ރައްޔިތުން ކުރަނީ ބޮޑެތި އުއްމީދުތަކެކެވެ.

"ބޮޑެތި އެކްސްޕެކްޓޭޝަންތަކެއް އެބަހުރި"، މިއީ މިއަދު ނިމޭ ސަރުކާރުގެ ފަރާތުން ފެނުނު ރައްޔިތުން ހިތް ނުރުހޭ ކަންތައްތައް އާ ސަރުކާރުން ރަނގަޅު ކުރާނެ ކަމަށް އުއްމީދުކުރަމުން، ބައެއް މީހުން ބުނި ޖުމްލައެކެވެ. 

ގައުމުގެ އިގްތިސޯދު މިއޮތީ މުޅިން ރަނގަޅު ހިސާބަކު ނޫނެވެ. ޕަބްލިކް ރެކޯޑުން ފެންނަން އެހުރި ނަންބަރުތަކުން އެކަން އެނގެ އެވެ. ރައްޔިތު މީހާގެ ޖީބަށް ވެސް އޭގެ އަސަރު ކުރެ އެވެ.

ސިނަމާލެ ބްރިޖު: މިއީ ރައީސް ޔާމީންގެ ސަރުކާރުގައި ޑރ. މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހިންގި ބޮޑު ޕްރޮޖެކްޓެއް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

"އިގްތިސޯދީ ގޮތުން މިހާރު އަހަރެމެން މިތިބި ހިސާބު ރަނގަޅު ވާނެ ކަމަށް ވަރަށް އުއްމީދު ކުރަން. ސަރުކާރުގެ ތެރެއިން ބޭކާރު ހަދަރުތައް ކުޑަކުރުން. އަހަރެމެން އާންމުންގެ ޖީބަށް މި ކުރާ ބާރު ކުޑަވުން. ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވުން،" 25 އަހަރުގެ ޒުވާނަކު ބުންޏެވެ.

"އަދިވެސް މިއުޅެނީ [ބޭންކުން ލިބޭ] މަހަކު 250 ޑޮލަރުން އަރައި ނުގަނެވިގެން. އަހަރެން އެންމެ ބޭނުންވަނީ ޑޮލަރު ލިމިޓު އުވާލަން. މި އަލަށް އަންނަ ސަރުކާރުގައި އެކަން ވާނެ ކަމަށް ވަރަށް އުއްމީދު ކުރަން." 

ގައުމުގެ އެތެރޭގެ ހަމަޖެހުން ގާއިމްވެފައި އޮތުމަކީ ވެސް ރައްޔިތުންގެ އުއްމީދެކެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނުނު ހަމަޖެހުމެކެވެ. އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ބޭއްވި ނަމަވެސް، ހަމަނަގާލާ ހިސާބަކަށް ނުދެ އެވެ.

މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އަނިޔާވެރި ހަނގުރާމަ އެވެ. އެ ރައްޔިތުންނަށް އިޒްރޭލުން ޖައްސަމުންދާ ނިކަމެތި ހާލެވެ. ގައުމެއްގެ ހައިސިއްޔަތުން އިޒްރޭލާ މެދު ފިޔަވަޅު އަޅަން ރާއްޖެއަށް ކުރެވެން ހުރި ކަންތައް އާ ސަރުކާރުން ވީހާވެސް އަވަހަކަށް ކުރުމަކީ ވެސް ބައެއް މީހުންގެ އުއްމީދެކެވެ.

އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވަލައި، މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު އަވަސް ކުރުމަށް އަޑުއުފުލުމަށް އާންމުން އެއްވުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"އިޒްރޭލު ޕާސްޕޯޓު ބޭންކުރަން. މިހާރު ވެސް އިބޫ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް. ޕަބްލިކުން އެ ޑިމާންޑު ވެސް ކުރަނީ އެކަމަށް. އެއީ އާ ސަރުކާރުގެ ފަރާތުން އެންމެ ފުރަތަމަ ވެސް ކުރާނެ އުއްމީދު. އިޒްރޭލަށް ވާގިވެރިވާ ވިޔަފާރިތައް ރާއްޖޭގައި ހުއްޓުވުން. އެފަދަ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެ ނުކުރުން،" އާއިޝަތު އަބްދުއްރަހީމް ބުންޏެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބުމަކީ އޭނާގެ އަނެއް އުއްމީދެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ކަމަށް ބުނާ 'ނާއިންސާފު އުސޫލުތައް' ދޫކޮށް އާންމުންގެ އެންމެ ބޮޑު އެ ކަންބޮޑުވުމަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭ ރަނގަޅު ހައްލެއް ލިބުމަކީ އޭނާގެ އެދުމެވެ.

ވާހަކަ ދެއްކި އާންމު މީހެއް ކަމަށްވާ އަބްދުﷲ އިންތިހާބީ ރައީސް މުއިއްޒަށް ތާއީދު ކުރަނީ މިހާރުގެ ސަރުކާރުގެ 'ސްލޯ ކަން ނިމުމަކަށް ގެނެސް ބާރު ސްޕީޑުގައި ތަރައްގީ ގެންނާނެ ވެރިޔަކަށް ވާނެ ކަމަށް އުއްމީދު ކުރާތީ' އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، މި ނިމިދަނީ ތަރައްގީގެ ދުވެލި މަޑުޖެހިފައި އޮތް ސަރުކާރެކެވެ. ރައްޔިތުންގެ ލާރިން  'ވައްކަންކޮށް' އިސްރާފު ބޮޑު ވެރިކަމެކެވެ. އެކަމަކު އާ ރައީސް މުއިއްޒަކީ ރައްޔިތުންނަށް ވަފާތެރި، ގައުމުގެ ތަރައްގީ އިސްކުރާނެ ވެރިޔަކަށް ވާނެ ކަމުގެ އުއްމީދު އޭނާގެ އެބަ އޮތެވެ.

"ނިކަން ދައްކަބަލަ މި ސަރުކާރުން ކުރި ކަމެއް؟ ތަރައްގީގެ ކޮން ބޮޑު މަޝްރޫއެއްތޯ ހިންގުނީ؟ [ކުރީގެ ރައީސް] ޔާމީން ސަރުކާރުގައި އެޅި ބްރިޖާ، އެހެން ރަށްރަށުގެ ބޮޑެތި މަޝްރޫއުތަކާ، އެހެރަ ހިޔާ ފްލެޓުތަކާ. އެތަންތަން ތަރައްގީ ކުރުމުގެ މަސައްކަތުގައި އިސްކޮށް ހުންނެވީ މުއިއްޒު ދޯ؟ އެހެންވީމާ ޝައްކެއް ނުކުރަން. ދެންވެސް އެ ސްޕީޑުގައި އެފަދަ ބޮޑެތި މަސައްކަތްތައް ކުރާނެ. އެ ތަރައްގީ ގެންނާނެ. ރާއްޖެ މި އޮތީ ހުއްޓިފައި. ދެން ފެންނާނެ ބާރަށް ދުވާތަން،" އޭނާ ބުންޏެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުން ނިމުމަކަށް ގެންނާނެ ކަމަށް މުއިއްޒު ވިދާޅުވި ވިދާޅުވުމަކީ ވެސް އަބްދުﷲގެ ތާއީދު މުއިއްޒަށް ދިން އެއ ސަބަބެވެ. މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް އެކަން އެގޮތަށް ކުރައްވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

މާލޭގެ ލޯކަލް މާރުކޭޓު: ރާއްޖޭގެ އިގުތިސާދު ރަނގަޅުކުރުމަކީ އާ ސަރުކާރުގެ ވެސް އެންމެ ބޮޑު މަސްއޫލިއްޔަތު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތިމާވެއްޓަށް ކުރާނެ އަސަރުތަކަށް އިސްކަންދީގެން ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމަށް އުއްމީދުކުރާ ކަމަށް، ވާހަކަ ދެއްކި އެކަކު ބުންޏެވެ. އޭނާ ބުނީ އެއް މަޝްރޫއެއް ދެ ފަހަރަށް ހިންގަން ޖެހޭތަން އައިސް، ރައްޔިތުންގެ ފައިސާ އިސްރާފުނުވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އުއްމީދު ކުރާ ކަމަށެވެ.

ނިމިގެން މިދާ ސަރުކާރު ގެންނަން ތާއީދުކުރި، އެކަމަކު މި ސަރުކާރުން ފެނުނު ބައެއް ކަންތައް ގަބޫލުނުކުރެވޭތީ ވެރިކަން ބަދަލުކުރަން ފަރުދީ ފެންވަރުގައި މަސައްކަތް ކުރި މީހަކު ބުނީ، ރައްޔިތުން ގަބޫލުކުރާ، އުއްމީދުކުރާ ބަދަލެއް އާ ރައީސް މުއިއްޒުގެ ސަރުކާރުގައި ފެންނަން އެދޭ ކަމަށެވެ.

"ނުހައްގުން ރައްޔިތުންނަށް އަނިޔާ ލިބޭ ގޮތަށް ކަން ނުކުރައްވާނެ ކަމަށް އުއްމީދު ކުރަނީ. ގާތް މީހުންނަށް ވަޒީފާތައް ބަހާ ނުލާނެ ކަމަށް އުއްމީދު ކުރަނީ. ޓެކްސް ފައިސާ އިން ލިބޭ އާމްދަނީ، ބަދަލޭ ކިޔާފައި ގާތް މީހުންނަށް ނުބަހާނެ ކަމަށް އުއްމީދު ކުރަނީ،" އޭނާ ބުންޏެވެ.

"ފްލެޓާއި ގޯތި ދޭއިރު ވެސް ޕާޓީ ކުދިންނާ، ގާތުގައި އުޅޭ މީހުންނާ އެމީހުންގެ މީސް މީހުންނަށް ނުބަހާ، އޭގެ ހައްގު ވެރިންނަށް ދޭނެ ކަމަށް އުއްމީދުކުރަނީ. ކަންތައް ނުފޮރުވާ ރައްޔިތުންނަށް ހާމަކުރާނެ ކަމަށް ބަލަނީ. ކެމްޕޭނު ތެރޭ ވިދާޅުވި ގޮތަށް، މިތާ ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ބަލަނީ."

މީހަކު ޑޮލަރުތަކެއް ގުނަނީ: ޑޮލަރު ލިމިޓު އުވާލެވޭ ވަރަށް އާ ސަރުކާރުގައި އިގްތިސޯދު ހަމައަކަށް އަޅުވާނެ ކަމަށް ރައްޔިތުން އުއްމީދު ކުރޭ (ފޮޓޯ/ބީއެމްއެލް)

ރައްޔިތުން ބަދަލަކަށް ވޯޓު ދިނީ މިފަދަ ގިނަ އުއްމީދުތަކަކާ އެކު އެވެ. ކެމްޕޭން ތެރޭގައި އިންތިހާބީ ރައީސް ތަކުރާރުކޮށް މި އުއްމީދުތައް ރައްޔިތުންނަށް ދެއްވި އެވެ. އިންތިހާބުން ކާމިޔާބު ލިބުމާ އެކު ވެސް ވިދާޅުވީ ބަހުގެ އިތުބާރު ދަމަހައްޓަވާނެ ކަމުގެ ވާހަކަ އެވެ.

ކެމްޕެއިން ޝިއާރުގައި ވައުދުވެވަޑައިގެންނެވި 'ދިވެހީންގެ ރާއްޖެ' ދިވެހިންނަށް ޔަގީންކޮށްދެއްވާނެ ކަން ތަކުރާރުކުރެއްވި އެވެ.

"ދެފުށް ފެންނަ ސަރުކާރެއް ހިންގާނީ. ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ. ޖަވާބު ނުދެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" މިއީ މުއިއްޒުގެ ބަސްފުޅެވެ.

އިންތިހާބު ކާމިޔާބުކުރެއްވި ދުވަހު ދެއްކެވި މި ވާހަކަފުޅާ އަމަލުފުޅާ ދިމާވާނެ ކަމަށް އުއްމީދުކޮށް އެމަނިކުފާނަށް ވޯޓު ދިން 129،159 މީހުން އެ ތިބީ އާ ރައީސްގެ ވެރިކަން ތަޖުރިބާކުރަން ތައްޔާރުވެގެންނެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް