އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު: މިއީ ރާއްޖޭގެ ކަނޑުގެ ސަރަަހައްދު ބަލަން ލިބުނު ފަސޭހައެއް
ސިފައިންގެ 10 ޖެނެރަލުން މި ދެއްވަނީ ކޮން ޔަގީންކަމެއް؟
ދިވެހި ސިފައިންނަކީ އިންޑިއާ ސިފައިންނަށް ބާރުތައް ދީ، މަޑުން ތިބޭ ބައެއްކަމުގެ ނަން އަޅުވައި ނިމިއްޖެ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލާފައި ބަލަން ތިބޭ ބައެއްކަމުގެ 'މަލާމާތް' ރައްދުވެ ނިމިއްޖެ އެވެ. މިއީ ސިޔާސީ ކަތިލުމެއް ކަމާ މެދު ޝައްކެއް ނެތެވެ. އަދި އެކަމުގައި އާންމުން، އޭގެ ތެދުދޮގު ބެލުމެއް ނެތި ބައިވެރިވެވޭ ވަރަށް، 'ގައުމީ ޖޯޝް' އުފައްދައިފި އެވެ.
މީގެ ކުރިން ބޭއްވި ރިޔާސީ އެއްވެސް އިންތިހާބެއްގައި، ދިވެހި ސިފައިންނަށް ފާޑުކިޔުން އަމާޒުނުކުރާ ވަރަށް މިފަހަރު ވަނީ މީޑިއާ އާއި ސޯޝަލް މީޑިއާގެ ބަހުގެ ހަމަލާތައް ރައްދުވެފަ އެވެ. މީގެ ކުރިން ނަމަ ދިވެހި ސިފައިންނަށް ފާޑުކިޔަނީ، ރާއްޖޭގެ އެތެރޭގެ ސިޔާސީ އަމުރުތަކުގައި، ސިފައިންގެ ގާނޫނީ ވާޖިބަށް ވުރެ މާ ފުޅާކޮށް ދިވެހިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރާ އިރު އެވެ. މިސާލަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިސް 'ހިސޯރުކުރުމާއި' އޭގެ ފަހުން 1 ފެބްރުއަރީ 2018ގެ ސުޕްރީމް ކޯޓުގެ އަމުރާ އެކު ސުޕްރީމް ކޯޓަށް ސިފައިން ވަދެގަތުމެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ދިވެހި ސިފައިން މީޑިއާގައި 'ކަތިލަމުން' ދަނީ ރާއްޖޭގައި އިންޑިއާ ސިފައިން، ރާއްޖޭގެ މިނިވަންކަން ގެއްލޭ މިންވަރަށް އުޅެން ދޫކޮށްލާފައި ތިބި ކަމަށް ދޭހާވާ ގޮތަށް، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުންނެވެ. އަދި ދިވެހި ސިފައިންނަކީ ސަރުކާރުން ހެދިހާ އެއްޗެއް ހަދަން ދޫކޮށްލައިގެން ތިބޭ ބައެއްކަމުގެ ތުހުމަތުތަކާ އެކު އެމްއެންޑީއެފްއަށް ޖެހިފައި އޮތީ އަބަދުމެ ޖަވާބުދާރީވުމަށެވެ.
އެކަމަކު އެ ޖަވާބުދާރީ ވެސް، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުނުކުރާ ވަރަށް ރިޔާސީ އިންތިހާބާ ދިމާކޮށް، 'ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލު'ގެ މައުލޫއު މި އޮތީ ވިކިފަ އެވެ. ސިފައިންގެ އަޑަށް ބާރުލާފައި ކުރިންސުރެ ބުނަމުން އަންނަ 'ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް އަހަރެމެން ޖާގައެއް ނުދޭނެކަމު'ގެ ވާހަކައަށް މިހާރު ފެންނަނީ މަލާމާތް ރައްދުވާތަނެވެ. ނަމަވެސް ސިފައިންގެ އިސް ވެރިން ގެންދަވަނީ ދިވެހި ސިފައިންގެ މައިގަނޑު ބިންގާ ކަމަށްވާ، ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމުގައި، އެއްވެސް ބަޔަކަށް ބިރުގަތުމެއް ނެތި، ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
މި ފަހުން ރާއްޖޭގެ 10 ޖެނެރަލުން، ދައުލަތުގެ މީޑިއާ ޕީއެސްއެމް މެދުވެރިކޮށް، އެ ބޭފުޅުންގެ 'އަހަދު' ތަކުރާރުކުރެއްވި އެވެ. އެ 10 ޖެނެރަލުން ވެސް ވިދާޅުވީ އަސްކަރީ ހައިސިއްޔަތުން ރާއްޖޭގައި ބޭރު ސިފައިންގެ އެއްވެސް މީހަކު ނެތް ކަމަށެވެ.
ހިޔާލު ތަފާތުވުން އުފެދޭ ހިސާބަކީ އެ އެވެ. ރާއްޖޭގައި އިންޑިއާ ސިފައިން އެބަ ތިބި ކަމާއި އެއީ ރާއްޖޭގެ މިނިވަންކަމަށް އޮތް ބިރެއް ކަމަށް، އެތައް ބަޔަކު ގެންދަނީ ބުނަމުންނެވެ. އިންޑިއާ ސިފައިން ތިބިކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެ ވާހަކައާ 10 ޖެނެރަލުން ވެސް ދެކޮޅެއް ނޫނެވެ. އެކަމަކު އެ ބޭފުޅުން ދިވެހިންނަށް ވިސްނައިދެއްވަން މަސައްކަތްކުރެއްވީ، އެއީ އަސްކަރީ ހައިސިއްޔަތުން ބޭރުން، ސިއްހީ ކުއްލި މައްސަލައެއް ދިމާވެގެން މާލެ ގެންނަން ޖެހޭ ބަލިމީހުން އުފުލާށާއި ކަނޑުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގަން ބޭނުންކުރާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރާ ބައެއް ކަމެވެ.
"މި ވައިގެ އުޅަނދުފަހަރުގެ މައިގަނޑު ދައުރަކީ ކަނޑުމަތީގެ ހާދިސާތަކުގައި އުޅަނދުފަހަރާއި މީހުން [ހޯދައި] ސަލާމަތްކުރުން...އަދި ކްރިޓިކަލް ޕޭޝަންޓުން މާލެއަށް ސިއްހީ ފަރުވާއަށް ގެންނަން ޖެހޭ ވަގުތުތަކުގައި، މި ވައިގެ އުޅަނދުފަހަރުގެ އެހީތެރިކަމާ އެކުގައި މަސައްކަތްކުރަމުން މި އަންނަނީ،" އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ އެންމެ އިސް ވެރިޔާ އަދި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވި އެވެ.
"މި ވައިގެ އުޅަނދުފަހަރުގެ ފުރިހަމަ ކޮމާންޑް އެންޑް ކޮންޓްރޯލް މި އޮންނަނީ އަޅުގަނޑުމެންގެ އަތުގައި. ހެލިކޮޕްޓަރު ވެސް، ޑޯނިއާ މަތިންދާބޯޓު ވެސް އުދުއްސޭނީ އަޅުގަނޑުމެން އެކަމަށް ހުއްދަ ދިނުމާ ގުޅިގެން."
ދިވެހި ސިފައިން ބަލަަހައްޓަން ޖެހޭ ސަރަހައްދު ވަރަށް ބޮޑު
އައްޑު އަތޮޅު ގަމަށް އިންޑިއާގެ ކޯސްޓް ގާޑުގެ ހެލިކޮޕްޓަރެއް 2011ގައި، އޭރުގެ އެމްޑީޕީ ސަރުކާރުން ގެނަ އެވެ. ދެން އައި ޕީޕީއެމް ސަރުކާރުން 2016ގައި، ލ. ކައްދޫގައި ބާއްވައިގެން އިންޑިއާގެ ނޭވީގެ ހެލިކޮޕްޓަރެއްގެ އެހީތެރިކަން ހޯދަން ފެށި އެވެ. އަދި ޕީޕީއެމް ސަރުކާރުން ވީ އެއްބަސްވުމެއްގެ ދަށުން އެކަމަކު މި ސަރުކާރު ވެރިކަމަށް އައި ފަހުން 2019ގައި، ހދ. ހަނިމާދޫގައި އިންޑިއާގެ ޑޯނިއާ މަތިންދާބޯޓެއް، އޮޕަރޭޓްކުރެ އެވެ.
މިއީ އިންޑިއާއިން ރާއްޖެއަށް ދިން ހަދިޔާ ކަމަށް، ދެ ސަރުކާރުން ބުނެ އެވެ.
އެމްއެންޑީއެފްގެ ޖެނެރަލުން ވިދާޅުވާ ގޮތުގައި މިއިން އެއްވެސް އުޅަނދެއް އޮޕަރޭޓްކުރަން ތިބޭ އިންޑިއާ ސިފައިންނަކީ އެއްވެސް ހާލެއްގައި އަސްކަރީ ހަރަކާތެއް ހިންގާ، ނުވަތަ ހިންގަން ރާވައި ބައެއް ނޫނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓޭ ވަރަށް ވުރެ ދިވެހި ސިފައިންގެ ގާބިލްކަން ކުޑަ އެވެ. އެވަރަށް ސާމާނެއް ވެސް ނެތެވެ.
ހިލްމީ ވަނީ ދިވެހި ސިފައިންނަށް ބަލަހައްޓަން ޖެހޭ ގާތްގަނޑަކަށް 1 މިލިއަން ނޯޓިކަލް މޭލުގެ ސަރަހައްދު ބަލަހައްޓަން ކުރިން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ ސިޔާދަތީ ސަރަހައްދާއި ހާއްސަ އިގުތިސާދީ ސަރަހައްދަށް ބަލާ ކަމަށް ވަންޏާ އެއީ އެއް މިލިއަން ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް. ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބޭރަށް ދިވެހިރާއްޖޭގެ ސާޗް އެންޑް ރެސްކިއު އެބަ ދޭ،" ތަފުސީލު ދެއްވަމުން ހިލްމީ ވިދާޅުވި އެވެ.
"މި ބޮޑު ސަރަހައްދުގައި ހިނގާ ހާދިސާތަކުގައި އުޅަނދުފަހަރު ހޯދައި މީހުން ސަލާމަތްކުރަން ކުރަން ޖެހޭ މަސައްކަތަކީ ވަރަށް ބޮޑު، ބުރަ މަސައްކަތެއް."
ކުރީގެ ސަރުކާރުތަކުން އިންޑިއާގެ އެހީގައި ރާއްޖެއަށް ހެލިކޮޕްޓަރުތައް ހޯދައިދިނީ، އެ މަސައްކަތް ފަސޭހަކުރުމަށެވެ. ނަމަވެސް ފުރަތަމަ ހެލިކޮޕްޓަރު ގެނައި ފަހުން މިހާތަނަށް 12 އަހަރު ފާއިތުވި އިރު ވެސް، ހެލިކޮޕްޓަރު ޕައިލެޓުން ތަމްރީންކޮށްފައެއް ނުވެ އެވެ. އެއާ ހިލާފަށް ޑޯނިއާ ބޯޓު ދުއްވަން ދިވެހި ސިފައިން ވަނީ ތަމްރީންކޮށްފަ އެވެ.
އެ ހުރިހާ އުޅަނދެއް ދިވެހި ސިފައިން ދުއްވާ ގޮތަށް ނުހަދަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުގެ ބޭނުމުގައި ކަމަށް، ބައެއް އާންމުން ވެސް ސުވާލު އުފައްދަ އެވެ. އެ ސުވާލު އެގޮތަށް ކުރިޔަސް، އަދި އިންޑިއާ ސިފައިންގެ ޓެކްނިކަލް މީހުން އެ އެއްޗެހި އޮޕަރޭޓްކުރަމުން އައި ނަމަވެސް، އެމްއެންޑީއެފްގެ ވާހަކައަކީ، އެއީ ރާއްޖޭގެ މިނިވަންކަމަށް ބުރުލެއް އަރާނެ ކަމެއް ނޫން ކަމެވެ. އެ ފުރުސަތު ދިވެހި ސިފައިން ނުދޭނެކަމެވެ.
"ބޭރުގެ އެއްވެސް ގައުމެއްގެ، އެއްވެސް ބަޔަކަށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާވާ ފަދަ ކަމެއް ކުރުމުގެ ފުރުސަތެއް ނުދޭނަން،" ހިލްމީ ވިދާޅުވި އެވެ.
ބޭރު ސިފައިންނާ އެކު ތަމްރީންތައް: ދުރާލައި ޕްލޭންކޮށްގެން ހިންގާ ހަރަކާތެއް
މޭޖާ ޖެނެރަލް ވައިސް ވަހީދަކީ، ދިވެހި ސިފައިންގެ ތަމްރީންތަކުގެ އިސް ވެރިޔާ އެވެ. ސިފައިންގެ ތެރޭގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ވައިސް ވަނީ، ބޭރުގެ ސިފައިންނާ ގުޅިގެން ހިންގާ ތަމްރީންތަކާއި އެކްސަސައިޒްތައް ކުރިއަށް ދާ ގޮތް ކިޔައިދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ ދިވެހި ސިފައިން ތަމްރީންކުރަން ބޭރުގެ އަސްކަރީ އެއްވެސް މީހަކު ރާއްޖޭގައި ގާއިމްވެގެން ނުހުންނާނެ ކަމަށެވެ. ދިވެހި ސިފައިންނަށް ތަމްރީން ދެނީ އެކަމަށް 'ގާބިލް ދިވެހި ސިފައިން' ކަމަށް ވިދާޅުވި އެވެ.
އެކަމަކު ރަހުމަތްތެރި ގައުމުތަކުގެ އަސްކަރީއާ ގުޅިގެން އެކި ތަމްރީންތައް ކުރިއަށް ގެންދިއުމަކީ ކުރިންސުރެ ކުރަމުން އަންނަ ކަމެކެވެ. ދިވެހި ސިފައިން ބޭރަށް ގޮސްގެން ވެސް، އެފަދަ ތަމްރީންތަކުގައި ބައިވެރިވެ އެވެ. އަދި ބޭރުގެ ސިފައިން ރާއްޖެ އައިސް ދިވެހި ސިފައިންނާ އެކު އެކްސަސައިޒްތައް ހިންގަ އެވެ.
ވައިސް ވިދާޅުވާ ގޮތުގައި އެއީ ދުރާލައި ޕްލޭންކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.
"މިއިން ކޮންމެ ތަމްރީން އެކްސަސައިޒް ޕްރޮގްރާމެއް ފެށުމުގެ ކުރިން ދެ ކޮންފަރެންސެއް ބާއްވަން. އެއީ ޕްލޭނިން ކޮންފަރެންސްއަކާއި ފައިނަލް ކޮންފަރެންސެއް،" ވައިސް ވިދާޅުވި އެވެ.
"އޭގައި ވަރަށް ތަފްސީލުކޮށް ބަޔާންކުރާނެ އަންނަ މީހުންގެ އަދަދާއި ގެެނެވޭނެ ސާމާނާއި ކުރާނީ ކޮން ކަމެއްކަމާއި އެނބުރި ދިއުން. އަދި މި ތަމްރީންތަކަށް ބޭރު ގައުމުތަކުންެ އަންނަ މީހުންނަކީ ޑިޕްލޮމެޓިކް ޗެނެލްތަކުން އެޕްރޫވްވެގެން އައިސް އެނބުރި ދާ މީހުން."
ރާއްޖޭގެ އެއްވެސް ހިސާބެއްގައި އެހެން ގައުމެއްގެ ސިފައިންގެ ބަޔަކު އަސްކަރިއްޔާގެ ރޯލެއްގައި ނުތިބޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި މިކަންކަމަށް ގެއްލުން ވަންޏާ އެފަދަ އެއްވެސް ކަމެއް ހިނގާ ނަމަ އެކަމަކާ އަޅުގަނޑު ދެކޮޅު ހަދާނަން. އަދި އެންމެ ފުރަތަމަ ނޫނެކޭ ބުނާ މީހެއްގެ އިތުރުން އަޅުގަނޑު އެކަމަށް ތެދުވާނެކަން ވެސް ޔަގީންކަން އަރުވަން،" ވައިސް ވިދާޅުވި އެވެ.
ޑިފެންސް އިންޓެލިޖެންސަކީ، ކޮންމެ ގައުމެއްގެ ދިފާއީ ހަރަކާތުގެ ވަރަށް މުހިންމު ބައެކެވެ. ދިވެހި ސިފައިންގެ ޑިފެންސް އިންޓެލިޖެންސް ސާވިސްގައި އިސްކޮށް ހުންނެވީ ބްރިގޭޑިއާ ޖެނެރަލް އަބްދުއް ޒުހުރީ އެވެ.
ޑިފެންސް އިންޓެލިޖެންސްގެ "މައިގަނޑު އެއް މަގުސަދެއް، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އެއްވެސް ކަހަލަ އުނިކަމެއް، ނުރައްކަލެއް އޮތްތޯ ބަލައި، އެކަންކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން،" ޒުހުރީ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން ދިވެހިރާއްޖޭގެ ފަސްގަނޑުގައި އަސްކަރީ ބޭނުމެއްގައި ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު ނޫޅޭ، މަސައްކަތެއް ނުވެސް ކުރޭ."
ކޮންމެ ޖެނެރަލަކު ވެސް އެއް ކަމެއް ޔަގީންކޮށްދެއްވި އެވެ؛ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ކަމެއް ދިމާވެއްޖެ ނަމަ، އެކަން ހުއްޓުވަން އެންމެ ފުރަތަމަ ނުުކުންނާނީ އެ ބޭފުޅުންކަމެވެ.
ނަމަވެސް އެ ޔަގީންކަން، ސިޔާސީ މި ދެ ބައިވުމުގެ ތެރޭގައި، ކިތައް ދިވެހިން ގަބޫލުކުރާނެ ހެއްޔެވެ؟ ވީޑިއޯ މެސެޖްތަކަށް ހިޔާލު ފާޅުކުރި ގިނަ މީހުންގެ ބަސްމަގު ހުރީ، ދިވެހިންގެ ދެބައިވުމުގައި ދިވެހި ސިފައިންނަށް އެއްވެސް އިތުބާރެއް ނުކުރާކަން ދޭހަވާ ގޮތަށެވެ؛ ދިހަ ޖެނެރަލުން ޓީވީއަށް އެރީ އަނެއްކާވެސް އޮޅުވާލާށެވެ.
"ތި އޮތީ އެންމެނަށް އެކައްޗެއް ލިޔެފައި ދީފައި ކިއުއްވާފައި. ވީ އާ ނޮޓް ސޯ ގަމާރު، އަދިވެސް ދޮގު ހެދޭތޯ،" އެކަކު ހިޔާލު ފާޅުކުރި އެވެ.
"ދިވެހި ސިފައިން ކެމްޕޭނަށް ނެރުނީމާ އަންނަނީ ހިނި،" އެހެން މީހަކު ބުންޏެވެ.
މިވަރަކުން އަދި ނުފުދެ އެވެ. ހަޑިހުތުރު ބަހުރުވައިން ވެސް ހިޔާލު ފާޅުކުރި އެވެ. 'ގައްދާރުން' ކަމަށް ވެސް ސިފަކުރި އެވެ.
އާންމުންގެ އެ ހިޔާލުތައް މިދުވަސްވަރު އަންނާނެކަމާ މެދު ޝައްކެއް ނެތެވެ. އެކަމަކު 10 ޖެނެރަލުންގެ ވާހަކަ ބިނާކުރި މައިގަނޑު ޕޮއިންޓަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ނެތުމެއް ނޫނެވެ. އިންޑިއާ ސިފައިން އެބަ ތިއްބެވެ. އެއީ ޕައިލެޓުންނާއި ޓެކްނިކަލް މީހުންނާއި، ޑޮކްޓަރުންނެވެ. އެކަމަކު އެއީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް އަންނާނެ، އަސްކަރީ އެއްވެސް ކަމެއް ހިންގާ ބައެއް ނޫން ކަމެވެ. ރާއްޖޭގެ އެއްވެސް ތަނެއްގައި ބޭރުގެ އަސްކަރީ މަރުކަޒެއް ނެތް ކަމެވެ.
ދެން އެ ވިދާޅުވީ އެފަދަ ފުރުސަތެއް ދޭން ވެސް ދިވެހި ސިފައިން ތިބީ ތައްޔާރަށް ނޫން ކަމެވެ.
ދިވެހި ސިފައިންގެ އެންމެ އިސް ވެރިންގެ އެ ވާހަކަތައް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުނުކުރާ ނަމަ، ރާއްޖެ ވެއްޓިފައި މި އޮތީ އަވަސް ހައްލެއް ނެތް ހިޔާލު ތަފާތުވުމެއްގެ ތެރެއަށެވެ. އިތުބާރު ގެއްލިފައި މި އޮތީ މުޅި ގައުމަށް ވެސް ނުރައްކާވާ މިންވަރަކަށެވެ.
ކޮމެންޓް (8)
އައިޝާފް
އެސިޑޭ
އަންވަރު ސާދާތު
އަލީ އަލީ
ޖުހާޖުހާ
ގާސިމް ސިމް
އަލީ
ސިފައިންގެމީހެއް