ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެމްޕެއިން ހަރަކާތެއްގައި މިފަހަރު އަލަށް ބައިވެރިވެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ފާތުމަތުގެ ލޮލުން ކަރުނަ: ޕީޕީއެމް-ޕީއެންސީއަށް އާ 'ޖޯޝަކާއި ހިތްވަރެއް'
"ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާާއީދު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ނެތް."
"މުއިއްޒުގެ މައްޗަށް ޔާމީންގެ އޮތީ ނަފްރަތާއި ރުޅިވެރިކަން."
"ޔާމީނަށް ލިބިފައި އޮތް ރިޔާސީ ޓިކެޓު މުއިއްޒު ނެގީ ވަގަށް."
"ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވެސް މުއިއްޒުގެ ކެމްޕެއިނަކުން ނުފެނޭ. ކެމްޕެއިން ނިމިގެން ދާއިރު ވެސް ނުފެންނާނެ."
އެއީ ހައްތަހާ ވެސް ވާދަވެރިން ދެއްކިހާ ވާހަކަތަކެވެެ. ނަމަވެސް، ރޭ ޕީޕީއެމް-ޕީއެންސީން މާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތާ އެކު، ދެ ޕާޓީގެ 'ބަދަހި ލަޝްކަރު'ގެ ހިތްތަކަށް ވައްދަމުން އެ ދިޔަ 'ވަސްވާސްތަކަށް' ނިމުމެއް އައިސް، ސަޕޯޓަރުންނަށް އެ ވާހަކަތައް ގަބޫލުނުކުރަން ސަބަބުތަކެއް ލިބިއްޖެ އެވެ.
ޔާމީނަށް 2018ގެ ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަންނަވައި އެ މަނިކުފާނުގެ އަނބިކަނބަލުން ރެއާ ޖެހެންދެން ހުންނެވީ ގޭގަ އެވެ. ސިޔާސީ ކަންކަމުގައި އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން އުޅުއްވާ ތަނެއް ނުފެނެ އެވެ. ނަަމަވެސް، ރޭ ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމާ އެކު، ސަޕޯޓަރުންނަށް ލިބުނީ، އެ މީހުންގެ ބަހުން ނަމަ، އާ ޖޯޝަކާއި އާ ހިތްވަރެކެވެ.
ހ. ދޫވެހިން ނުކުމެވަޑައިގެން ސަޕޯޓަރުންނާ އެކު، ކާނިވާ ސަރަހައްދުގައި ހުންނަ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެމްޕެއިންގެ ރަސްމީ ޖަގަހަ 'ދިވެހީންގެ ޖަގަހަ'އަށް ފާތުމަތު ވަޑައިގެންނެވީ ހިންގަވާފަ އެވެ. ވާރޭ ވެހުނު އެ ގަޑީގައި ޖަގަހައަށް ވަޑައިގެންނެވެން ދެން، "ރައީސް ޔާމީން ދޫކޮށްލާ"ގެ އަޑުން އެ ސަރަހައްދު ގުގުމާލާފައިވެ އެވެ. ޖަގަހަ ކައިރިއަށް ވަޑައިގެންނެވި އިރު ވެސް އެހާ ވަރަށް މީހުން ޖަމާވެފައި އޮތެވެ.
ޖަގަހައަށް ފާތުމަތު ވަދެވަޑައިގެންނެވި އިރު ވެސް ސަޕޯޓަރުންގެ އަޑެއް ނުކެނޑެ އެވެ. ކުޑަކުޑަ އެ ޖަގަ އޮތީ އެއްކޮށް ފުރިފަ އެވެ. މަގުމަތީގައި ވެސް މީހުން ތިއްބެވެ. ޖަހާފައި ހުރީ، ޔާމީންގެ ވެރިކަމުގައި ފާތުމަތުއަށް ހާއްސަކޮށް ހެދި ތައުރީފުގެ ލަވަ އެވެ. އެ ލަވައާ އެއްވަރަށް ސަޕޯޓަރުން ދިޔައީ އަތް ޖަހަމުންނެވެ. މިއީ މި ފަހުގެ ތާރީހެއްގައި ޕީޕީއެމްގެ ހަރަކާތަކުން ނުފެންނަހާ ފޯރި އެވެ.
ސްޓޭޖު މަތީގައި ފާތުމަތުގެ ކަނާތް ފަރާތުން އިންނެވީ މުއިއްޒުގެ އަނބިިކަނބަލުން ސާޖިދާ މުހައްމަދެވެ. ވައަތް ފަރާތުގައި އިންނެވީ މުއިއްޒުގެ ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފްގެ އަނބިކަނބަލުން އާއިޝަތު އަފްރީން އެވެ. ސްޓޭޖު ކައިރީގައި ތިބި ސަޕޯޓަރުން އެ ދިން ތަރުހީބާ އެކު، ފާތުމަތަށް ކީރިތިކުރެވުނެވެ. ފެނުނީ ހިތާމަ އާއި އުފަލުގެ ޖަޒުބާތުތަކެވެ. އަތްޕުޅުގައި އޮތް ޓިޝޫކޮޅަކުން އިރުއިރުކޮޅަކާ ލޮލުގެ ކަރުނަ ފޮހެލައްވަމުން ގެންދެވި އެވެ.
ޖަގަހައިގައި އޮތް ޖަލްސާ ނިންމާލުމަށް ފަހު، ނުކުތް އިރު ވާރޭ އޮތީ ހުއްޓާލައިފަ އެވެ. ކުރިއަށް ވުރެ ގިނަ ސަޕޯޓަރުން ޖަމާވެ ތިއްބެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި އެނބުރި ގެއަށް ވަޑައިގަތުމަށް ކާރު ހަމަޖައްސާފައި ވިޔަސް، ފަހުން ނިންމީ ހުރިހާ ސަޕޯޓަރުންނާ ވެސް ސަލާމްކުރައްވައި ހިންގަވާފައި ގެއަށް ވަޑައިގަތުމަށެވެ.
އެ އެންމެންނާ ސަލާމް ކުރެއްވުމަށް ގަޑިއެއް ހާއިރު ހޭދަކުރެއްވިއިރު، ކާނިވާ ސަރަހައްދުގައި ހުރި ޖަގަހައިން ފެށިގެން ޕީޕީއެމްގެ މައި އޮފީހާ ހަމައަށް ސަފު ދަމާލާފައި އޮތެވެ. އުމުރުން ދުވަސްވީ މީހުން ވެސް، އަތުގައި އޮތް ސްމާޓް ފޯނުން ސެލްފީ ނަގަމުން ދިޔަ އެވެ.
"އަޅުގަނޑު އުފަލުން ހަމަ ފޮޅެނީ މެޑަމް [ފާތުމަތު] ބައިވެރިވީތީ. ހަމަ ވަރަށް، ވަރަށް ބޮޑަށް އުފާވެފައި މި ހުރީ،" ފާތުމަތުއާ ސަލާމް ކުރަން ކިއުގައި ހުރި އާމިނަތު އަބްދުﷲ، 55، ބުންޏެވެ.
މިދިޔަ ހަތަރު ވަަރަކަށް އަހަރު އެ މީހުންގެ ލީޑަރު ޔާމީން ޖަލުގައި ހުންނެވުމާ އެކު، ދެ ޕާޓީ މިދިޔަ ދުވަސްތަކުގައި އޮތީ ވަރަށް 'ހިތްދަތި'، 'ހިތާމަވެރި' ހާލަތެއްގަ އެވެ. އަދި ވާދަވެރިން ދައްކާ ވާހަކަތަކާ އެކު މަޔޫސްވެފައިވާ ތިބި އެ ސަޕޯޓަރުންނަށް ލިބުނީ އެ މީހުންނަށް 'ބުނެދޭން ވެސް ނޭނގޭހާ' އުފާވެރިކަމެކެވެ.
"މެޑަމް ފާތުން މި ކެމްޕެއިންގައި އަޅުގަނޑުމެންނާ އެކު ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބުނު އިތުރު ހިތްވަރެއް. އަޅުގަނޑުމެންގެ މަސައްކަތުގެ ގިއަރު 100 ގުނައަށް މައްޗަށް މި ޖައްސާލީ،" އައިޝަތު ވަހީދާ، 48، ބުންޏެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެއަށް ވަންނާނީ ޑރ. މުއިއްޒު ހޮވާފައި. އެ ނޫނީ އަޅުގަނޑުމެން ގެއަކަށް ނުވަންނާން. ސެޕްޓެމްބަރު 9ގައި ދައްކައިދޭނަން އަނިޔާވެރިކަމުގެ ނަތީޖާ އިބްރާހިމް މުހައްމަދު ސޯލިހަށް."
ޝިފާނާއަށް ރޭ ކުރެވުނު އިހްސާސަކީ، ޔާމީން އެ މީހުންނާ އެކު އެ ތަނުގައި ހުރި ކަމުގެ އިހްސާސެވެ. ހަމަ އެއާ އެކު، ފާތުމަތު ފެނުމުން ޔާމީން ނެތް ކަމުގެ އިސްސާސް ވެސް ކުރެވުނު ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނާ އެކު މެޑަމް ހުންނެވީމަ، ރައީސް ޔާމީންގެ އެއްބާރުލުން [މި ކެމްޕެއިނަށް] އޮތް ކަމުގެ ދަލީލެއް އެއީ،" ޝިފާނާ ބުންޏެވެ.
ސަލާމް ކުރުމުގެ މެދު ތެރެއިން، ކިންގް ސަލްމާން މިސްކިތާ އަރާ ހަމަވިއިރު، އެ ސަރަހައްދުގައި ހުންނަ ދަޗޑިމޮކްރެޓްސްގެ ހަރުގޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވި އެވެ. ވަކި ހިސާބަކުން ފެނުނީ، ނަޝީދު، ފާތުމަތުއާ ސަލާމް ކުރައްވަން އެ ދިމާލަށް ވަޑައިގަތް ތަނެވެ. އަދި ސަޕޯޓަރުންނާ އެކު، ޔާމީން މިނިވަންކުރުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.
-
އިތުރަށް ކިޔާލަން - ފާތުމަތުއާ ސަލާމްކުރައްވައި ނަޝީދު ގޮވާލީ ޔާމީން ދޫކޮށްލުމަށް
ޔާމީން ހުންނެވި ގޮތް މިހާރު ސާފުވާނެ: ކެމްޕެއިން މެނޭޖަރު
ޕީޕިއެމް-ޕީއެންސީގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަމީންއަށް ވެސް، ސަޕޯޓަރުންނެކޭ އެއްގޮތަށް ރެއަކީ މުހިންމު ރެއެކެވެ. ވާދަވެރިން ކުރިމަތިކުރަމުން ދިޔަ އެންމެ ބޮޑު އެއް ގޮންޖެހުމަށް، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ރޭގެ ހަރަކާތާ އެކު ނިމުމެއް އަންނާނެ އެވެ.
"އެމްޑީޕީގެ އިބޫ [ރައީސް ސޯލިހް] ފެކްޝަނުން ވަރަށް ބޮޑަށް މަސައްކަތް ކުރަނީ، ރައީސް ޔާމީންގެ ސަޕޯޓެއް [މުއިއްޒުއަށް] ނެތް ކަމަށް ދެއްކުމަށްޓަކައި. މިއަދު ދިވެހި ރައްޔިތުންނަށް ސާފުވާނެ [އެއީ ދޮގެއްކަން]،" ފާތުމަތު ސަޕޯޓަރުންނާ ސަލާމްކުރައްވަމުން ދިޔައިރު 'ދައުރު'އާ ވާހަކަ ދައްކަަވަމުން އަމީން ވިދާޅުވި އެވެ.
ރޭގެ ހަރަކާތުން ރައްޔިތުންނަށް ސާފުވީ، އަމީން ވިދާޅުވި ގޮތުގައި، މުއިއްޒު ރިޔާސީ ރޭހަށް ނުކުމެވަޑައިގެން އެ ހުންނެވީ "ރައީސް ޔާމީންގެ ފުރިހަމަ ލޯތްބާ އެކު ތާއީދާ އެކު" ކަމެވެ.
"މިރެއަކު އެކަންޏެއް ނޫން، މި ކެމްޕެއިން ފެށުނީއްސުރެ އަޅުގަނޑުމެންނަށް އަބަދުވެސް މެޑަމް ފާތުންގެ ފުރިހަމަ އިރުޝާދު [އަދި] ރައީސް ޔާމީންގެ ފުރިހަމަ އިރުޝާދު ލިބެމުން ދިޔައީ،" ޔާމީންގެ ވެސް ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި އެ މަނިކުފާނު ހަމަޖެއްސި އަދި މިހާރު މުއިއްޒުގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އަމީން ވިދާޅުވި އެވެ.
އަމީނާއި އެހެން ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި، ޕީޕީއެމް-ޕީއެންސީގެ "ބަދަހި ލަޝްކަރު ބައިބައި ކުރުމަށް ކިތަންމެ މަސައްކަތެއް ކުރިޔަސް، އެކަން ކާމިޔާބެއް ނުވާނެ" އެވެ. ރޭ އެ ދެ ޕާޓީއަށް ލިބުނު އާ ޖޯޝާއި އާ ހިތްވަރަކާ އެކު، ހަތަރު ދުވަސް ފަހުން ރައްޔިތުން މި ލާ ވޯޓުން "ބޮޑު ތަނުން ކާމިޔާބުވާނެ" ކަމަށް އެ މީހުން އުންމީދު ކުރެ އެވެ.