ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްގެ ބޭރުން މީހަކު ހިނގާފައި ދަނީ: މި އެއާޕޯޓް ހިނގައިގަންނަ ގޮތް ނުވެގެން އުޅެނީ ތަން ކުޑަވެގެންނެއް ނޫން --ސަން ފޮޓޯ

އައްޑޫ

ގަން އެއާޕޯޓާ މެދު ހަގީގަތާ ދުރު ހުވަފެނީ ވާހަކަތަކެއް

އިންޑަސްޓްރީގެ ބޭފުޅުން ވިދާޅުވަނީ ބޮޑު ލޯނެއް ނަގައިން ގަން އެއާޕޯޓް ތަރައްގީ ކުރުމަކީ މިވަގުތަށް ކުރަން ޖެހޭ ހަރަދެއް ނޫން ކަމަށް

އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްފައިވާ 29.7 މިލިއަން ޑޮލަރު (457.9 މިލިއަން ރުފިޔާ)ގެ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައި ދެއްވީ ވަރަށް އުންމީދީ ވާހަކަތަކެއް އައްޑޫގެ ރައްޔިތުންނަށް ގެނެސްދެއްވަމުންނެވެ. އެއާޕޯޓް ތަރައްގީ ވުމުން އެއީ އަހަރަކު 1.5 މިލިއަން ފަސިންޖަރުން އަންނަ އަދި ދެކުނަށް މުދާ ބާލައި އަރުވައި މައި ދޮރާއްޓަށް ވާނޭކަމުގެ ބޮޑު މަންޒަރު ވެސް ކުރައްސަވައި ދެއްވި އެވެ. 

ގަން އެއާޕޯޓް ތަރައްގީގައި ހިމެނޭ ކަންކަން: 

  • ގަމުގެ މަގުތަކާއި ފެނާއި ނަރުދަމާ ރަނގަޅު ފެންވަރަކަށް ހެދުން

  • އާ ކާގޯ ޓާމިނަލް އާއި ކޯލްޑް ސްޓޯރޭޖެއް

  • އާ ޓާމިނަލް 110،000 އަކަފޫޓަށް ބޮޑުކުރުން

  • އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި އާ ފަޔާ ސްޓޭޝަނެއް ހެދުން

އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ގަން އެއާޕޯޓަށް އަނެއްކާވެސް މި ކުރާ ބޮޑު އިންވެސްޓްމަންޓާ އެކު ރައީސް ވިދާޅުވީ އެ އެއާޕޯޓް ނުހިނގާ އޮންނަ މައްސަލައަށް ހައްލެއް ލިބުނީ ކަމަށެވެ. އެ ވާހަކަތަކުން ދޭހަވީ ގަން އެއާޕޯޓް ހިނގައިގަންނަ ގޮތް ނުވެގެން އުޅެނީ، އެ އެއާޕޯޓް ތަރައްގީ ވާން ޖެހޭ ވަރަށް ނުވެގެންހެންނެވެ. އެއާޕޯޓް ތަރައްގީ ކުރުމުން ހުރިހާ މައްސަލައެއް ހައްލުވީ ކަމަށް ރައީސް ވިސްނައިދެއްވި އެވެ. 

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފިސް)

އެކަމަކު ސުވާލަކީ ގަން އެއާޕޯޓް ހިނގަން ޖެހޭ ވަރަށް ނުހިނގަނީ އެތަނުގެ ވަސީލަތް މަދުވެ އެއާޕޯޓް ކުޑަވެގެން ހެއްޔެވެ؟ މީގެ ކުރިން ވެސް އެކި ފަހަރު އިންވެސްޓްކޮށްގެން ގަން އެއާޕޯޓްގެ ތަޖުރިބާއަކީ ކޮބައި ހެއްޔެވެ؟ 

އެއާޕޯޓް ނުހިނގަނީ ކެޕޭސިޓީ ނެތިގެނެއް ނޫން

މީގެ ހަތަރު އަހަރު ކުރިން 2019ގައި އައްޑުއަށް ކުރި ދަތުރެއްގައި އެ އެއާޕޯޓް ފެނުނީ ފަޅު ތަނެއްގެ ގޮތުގަ އެވެ. އޭރު ގަން އެއާޕޯޓް ހިންގަވަން ތިއްބެވި ބޭފުޅުން ކިޔައި ދެއްވި ގޮތުން ނަމަ، އޭރުވެސް އެ އެއާޕޯޓްގެ ކެޕޭސިޓީގައި މައްސަލައެއް ނެތެވެ. 

ރާއްޖޭގެ އެންމެ ބޮޑެތި މުއްސަނދިން ބައިވެރިވާ ކާސާ ހޯލްޑިންގްސްއިން 11.7 މިލިއަން ޑޮލަރު (180 މިލިއަން ރުފިޔާ)ގެ މަޝްރޫއެއް ހިންގާ، ގަން އެއާޕޯޓްގެ ރަންވޭ އާއި ޓާމިނަލް ބޮޑުކޮށް ބޭރުން ފްލައިޓްތައް އަންނަން ތައްޔާރުކުރި އެވެ. ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރަންޓް ވެސް އެއާޕޯޓްގައި ފައްކާކުރި އެވެ. އެކަމަކު އެ އިންވެސްޓްމަންޓުން ވެސް އެއާޕޯޓަށް އަންނަ ފްލައިޓްތަކާއި ޕެސެންޖަރުންގެ އަދަދު ވެސް އިތުރުނުވެ ތަން އޮތީ 'ފަޅުކޮށެ'ވެ. 

ގަން އެއާޕޯޓްގައި ކުރިން ޑިއުޓީ ފްރީ ފިހާރަތައް ހުރި ތަން (ސަން ފޮޓޯ)

އެ ދުވަހު ވެސް އަދި މިއަދު ވެސް ގަން އެއާޕޯޓްގެ ފްލައިޓް ނަމްބަރުތަކާއި އެއާޕޯޓް ބޭނުންކުރާ މީހުންގެ އަދަދު ހުރީ ހިފެހެއްޓިފަ އެވެ. ކުރިއެރުމެއް ނެތެވެ. 

ގަން އެއާޕޯޓްގެ ފްލައިޓް ނަމްބަރުތައް - ކޮވިޑްގެ ކުރިން (2019)

ގަން އެއާޕޯޓުން ފޯރުކޮށްދިން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެ އެއާޕޯޓަށް މިހާރު ޖައްސަނީ ދުވާލެއްގެ މައްޗަށް 5-6 ޑޮމެސްޓިކް ފްލައިޓެވެ. ރާއްޖެއިން ބޭރު ފްލައިޓްތައް އަންނަނީ ހަފްތާއަކު 2-3 ފްލައިޓެވެ. އެއީ، ކޮލަމްބޯއިން ގަމަށް އަންނަ ސްރީލަންކަން އެއާލައިންސްގެ ފްލައިޓް އެކަންޏެވެ. އެއާޕޯޓް ބޭނުން ކުރަނީ އެވްރެޖްކޮށް ދުވާލަކު 200 އެއްހާ މީހުންނެވެ. އެއީ ރާއްޖޭގައި ހުރި މާމިގިލި، މާފަރު ފަދަ އެއާޕޯޓްތަކަށް ވުރެވެސް މީހުން މަދު އަދަދެކެވެ. 

ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ފަސިންޖަރުންތަކެއް މަޑުކޮށްލައިގެން: މިހާރު ވެސް އެއާޕޯޓް އޮންނަނީ ފަޅަށް

އެއާޕޯޓް ބޭނުންކުރާ މީހުންގެ އަދަދު - އެތެރެވި އަދި ބޭރުވި (2019)

އެކަމަކު އެ އެއާޕޯޓްގެ ޖާގަ އާއި ވަސީލަތްތައް ހުރީ އެއަށް ވުރެ އެތައް ގުނައެއް ގިނަ ފްލައިޓާއި ފަސިންޖަރުންނަށް ވެސް ހިދުމަތް ދެވޭ ވަރަށެވެ. 

ގަން އެއާޕޯޓަށް އަންނަ ހަމައެކަނި އިންޓަނޭޝަނަލް ފްލައިޓް، ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި އެ އެއާޕޯޓަށް ފްލައިޓްތައް ނައިސްގެން އުޅެނީ އެތަނުގެ ކެޕޭސިޓީ ނެތިގެނެއް ނޫނެވެ. އޭގެ ބަދަލުގައި އައްޑުއަކީ ޓޫރިޒަމް ތަރައްގީވެފައި ނެތް ތަނަކަށް ވާތީ އައްޑުއަށް އަންނަން ޓޫރިސްޓުންގެ ޝައުގުވެރިކަން ނެތީ އެވެ. އޭގެ އިތުރަށް ގަން އެއާޕޯޓް މެދުވެރިކޮށް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ދާނެ ކަނެކްޝަން ފްލައިޓްތަކާއި ދަތުރުފަތުރު ކުރުމުގެ ފަސޭހަ ގޮތްތަކެއް ތަރައްގީވެފައި ނެތީ އެވެ.  

ގަން އެއާޕޯޓަށް މިހާރު އޮޕަރޭޓްކުރާ ބައިނަލްއަގުވާމީ ހަމައެކަނި އެއާލައިން، ސްރީލަންކަންގެ ބޯޓަކުން މީހުން ފައިބަނީ 

"މޯލްޑިވިއަންގެ ކެޕޭސިޓީ ހުރި ގޮތުން ކަނެކްޝަން ފްލައިޓްތައް އެތަނުން [ގަން އެއާޕޯޓުން] ހެދޭ ގޮތެއް ނުވޭ. އަނެއްކާ އެވަރަށް ޑިމާންޑް ނެތީމާ ސީޕްލޭން ވެސް ނުފެށޭ،" ފިރާގު ވިދާޅުވި އެވެ.

"އަސްލު ގަން އެއާޕޯޓްގައި ކެޕޭސިޓީ އެބަހުރި މިހާރު ވެސް ގިނަ ފްލައިޓްތައް ޖައްސަން. އެތަން ހުރީ ރެޑީގައި. އެތަނަށް ފްލައިޓް އިތުރުކޮށް ތަން ހިންގަން ސީދާ އެއާޕޯޓަށް އިންވެސްޓްމަންޓެއް މިވަގުތަށް އެހާ ބޭނުމެއް ނުވޭ." 

މީގެ ކުރިން އައިލެންޑް އޭވިއޭޝަނާއި އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި އިބްރާހިމް ސަލީމް (ބަންދު ސަލީމް) ވެސް ފިރާގާ އެއްބަސްވެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ގަން އެއާޕޯޓަށް އިންވެސްޓްމަންޓްތަކެއް ކޮށްގެން ފްލައިޓްތައް އިތުރުވެ ތަން ހިނގައެއް ނުގަންނާނެ އެވެ. އޭގެ ބަދަލުގައި ކުރަން ޖެހޭ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، އައްޑޫގައި ޓޫރިސްޓް އެނދުތައް ގިނަކުރުމެވެ.

"އެއާޕޯޓް ތަރައްގީ ނުވެ އޮތް މައްސަލައެއް ނޫން ކުރިމަތިވަނީ. އެނދުތައް އެތަނުގައި މަދީ. އެންމެ މަދުވެގެން ވެސް އަދި އިތުރު 1،000 އެނދު އެތަނަށް ގެނެސްގެންނޭ ކިރިޔާ ވެސް އަޅުގަނޑު ބުނާނީ އެ އެއާޕޯޓް ފީސިބްލް ކުރެވޭނީ،" ސަލީމް ވިދާޅުވި އެވެ.

ގަން އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވި ގޮތުގައި ހަމައެކަނި އެއާޕޯޓް ތަރައްގީކޮށްގެން އެއާޕޯޓް ހިނގައެއް ނުގަންނާނެ އެވެ. މިހާތަނަށް ކުރެވިފައި އޮތީ ވެސް އެ ތަޖުރިބާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަން އެއާޕޯޓަށް ޖެއްސި ބޯޓެއް ޓާމިނަލްއާ ދިމާއަށް ދަނީ

ނަމަވެސް ގައިސް ގަބޫލުކުރައްވާ ގޮތުގައި އެއާޕޯޓަށް ތަރައްގީތަކެއް ވެސް އަންނަން ޖެހެ އެވެ. ހާއްސަ ގޮތެއްގައި އެއާޕޯޓް ހުރި ގަމުގެ މަގުތަކާއި ނަރުދަމާ އާއި ފެނުގެ ނިޒާމަކީ މީގެ 40 އަހަރު ކުރީގެ ތަންތަނެވެ. އެހެންވުމުން އެ ތަންތަން ވަނީ މިހާރު ވަރަށް ބޮޑަށް ބާވެފަ އެވެ.

ކުންފުނީގެ އަމާޒު ހުރީ ގަމުގައި ދެ ސިޓީ ހޮޓާ އަޅަން ބަޔަކަށް ދޫކޮށްލުމަށެވެ. ގައިސް ވިދާޅުވީ މީގެ ކުރިން ދޫގަސް ގެސްޓްހައުސް ހިންގި ބިމުގައި 120 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅާނެ ބަޔަކު ހޯދައި މިހާރު ކުރިއަށް ދަނީ އެއްބަސްވުން ހެދުމުގެ އެންމެ ފަހު މަރުހަލާ ކަމަށެވެ. އެ ސިޓީ ހޮޓާ ރަނގަޅަށް ހިންގާލައި ޓޫރިޒަމް ތަރައްގީ ކުރަން ވެސް މިހާރު ފަށާފައިވާ އެއާޕޯޓްގެ މަޝްރޫއު މުހިންމެވެ.

"ގަމަކީ ވެސް ޓޫރިޒަމް ހިންގިދާނޭ ޕޮޓެންޝަލް ތަނެއް. އެހެންވީމާ، އެނދު އިތުރުކުރުމުގެ ވާހަކަ ދައްކާއިރު ގަމުގެ އިންފްރާސްޓްރަކްޗާ ވެސް ރަނގަޅުވާން ޖެހޭ. އެއާޕޯޓް ތަރައްގީގެ ބޮޑު ކޮމްޕެނެންޓެއް އެއީ. އެހެންވީމާ، އެއާޕޯޓް ތަރައްގީ ކުރުމަކީ ވެސް ކުރަން ޖެހޭ ހަރަދެއް. އެއިން ފައިދާ ފެންނާނެ،" ގައިސް ވިދާޅުވި އެވެ.

1.5 މިލިއަނަކީ ހުވަފެނީ އަދަދެއް

ޓޫރިޒަމް މިނިސްޓްރީގެ ތަފާތުސްހިސާބުތަކުން ދައްކާ ގޮތުން އައްޑޫގައި މިވަގުތު ހުރީ ޓޫރިސްޓުންނަށް ހިދުމަތް ދޭން 1،252 އެނދެވެ. 

އައްޑޫގައި ހުރި އެނދުގެ އަދަދު

ސަރުކާރުން އައްޑޫގައި ހިންގާ 1.6 ބިލިއަން ރުފިޔާގެ އަގުބޮޑު ބިން ހިއްކުމުގެ މަޝްރޫއު ރާވާފައި އޮތީ ރިސޯޓް ހަދަން ފަސް ރަށް ހިއްކުން ވެސް ހިމެނޭ ގޮތަށެވެ. އަދި ހަންކެޑޭގެ ޓޫރިޒަމް މަޝްރޫއު ހިންގަނީ ވެސް އައްޑުއަށް ޓޫރިސްޓް އެނދު އިތުރުކުރާށެވެ. ސަރުކާރުގެ އަމާޒަކީ އެ މަޝްރޫއުތަކުން، އައްޑޫގައި ހުރި ޓޫރިސްޓް އެނދު 7،000 އަށް އިތުރު ކުރުމެވެ.

ގައިސްގެ ހިސާބަކީ ގާތްގަނޑަކަށް 6،000 އެނދު އިތުރު ކުރެވިއްޖެ ނަމަ އެއާޕޯޓް ރަނގަޅު ގޮތުގައި ހިންގޭނޭ ކަމަށެވެ. 

ގަން އެއާޕޯޓް ތަރައްގީ ކުރާނޭ ގޮތުގެ ކުރެހުމެއް

އެ އެއާޕޯޓަށް މިހާރު ފަސިންޖަރުން އަންނަ ނަމްބަރުތަކަށް ބެލުމުން އެނގޭ ގޮތުގައި ދިވެހިންނާ އެކު ގަން އެއާޕޯޓް މެދުވެރިކޮށް އައްޑުއަށް އެތެރެވަނީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 34،798 މީހުންނެވެ. އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް، 2،899 މީހުންނެވެ. އެ އެންމެންނަކީ ޓޫރިސްޓުން ކަމަށް ބެލި ނަމަވެސް އައްޑޫގައި މިވަގުތު ހުރި 1،252 އެނދު ފުރެނީ ނުވަތަ އޮކިއުޕެންސީ އުޅޭނީ މަހަކު %44ގަ އެވެ. 

މިހާރު ޓޫރިސްޓުން އަންނަ ނިސްބަތުން ބަލާ ނަމަ، ސަރުކާރުން ރާވާފައިވާ އަދަދަށް އެނދު އިތުރުކޮށްގެން ވެސް އައްޑުއަށް އަހަރަކު އަންނާނީ ގިނަވެގެން 300،000 އެއްހާ ޓޫރިސްޓުންނެވެ.

އެކަމަކު ސަރުކާރުން ހިސާބު ޖަހަނީ އެނދުގެ އަދަދު އިތުރުކޮށް، އަހަރަކު 1.5 މިލިއަން ޓޫރިސްޓުން އައްޑުއަށް ގެނެވޭނޭ ކަމަށެވެ. ވިޔަފާރީގެ މަސްލަހަތު ހިމެނޭތީ ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި އެނދު އިތުރުކޮށްގެން މެދު ރާސްތާއެއްގައި ވެސް އައްޑުއަށް އެއް މިލިއަން ޓޫރިސްޓުންގެ އަމާޒަށް ދެވުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. 

އގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

"އެއީ މާ އެމްބިޝިއަސް އަދަދެއް. އެއީ އައްޑުއަކީ ރާއްޖެ މި އަންނަ ކަހަލަ ޓޫރިސްޓުން ޝައުގުވެރިވާ ކަހަލަ ގޮތަކަށް ގުދުރަތީ ގޮތުން އުފެދިފައި އޮތް ތަނެއް ނޫން. އެއީ އެންމެ ބޮޑު ހުރަސް،" އޭނާ ވިދާޅުވި އެވެ. 

އޭނާ ސުވާލު އުފެއްދެވީ ގަން އެއާޕޯޓާއި ޓޫރިޒަމަށް ލޯނު ނަގައިގެން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަކީ ވިޔަފާރީގެ ގޮތުން ދެކޮޅުޖެއްސޭނެ ކަމެއް ކަމާ މެދު އެވެ. ތަފާސްހިސާބުތަކުން ވެސް ބާރުދެނީ އޭނާގެ ވާހަކަތަކަށެވެ.

ތަފާސްހިބުތަކަށް ބަލާއިރު އައްޑޫ އެއާޕޯޓަށް 2021 ވަނަ އަހަރު ވެސް 65.7 މިލިއަން ރުފިޔާގެ ގެއްލުމާ ވަނީ ކުރިމަތިވެފަ އެވެ. މަހެއްގެ މައްޗަށް ބަލާ ނަމަ އެ އެއާޕޯޓް އޮޕަރޭޓް ކުރަނީ 5.5 މިލިއަން ރުފިޔާގެ ގެއްލުމުގަ އެވެ.

އެ ހުރިހާ ސަބަބުތަކެއް ހުރުމުން އޭނާގެ ވިސްނުމަކީ، މިވަގުތު ލޯނު ނަގައިގެން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމުގެ ބަދަލުގައި އައްޑޫގައި މިހާރު ހުރި ޓޫރިސްޓް އެނދުތައް އޮޕަރޭޝަނަށް ގެނެވޭނޭ ހައްލުތަކެއް ހޯދުމެވެ. 

"މިހާރު އެ އޮތް ވިލިނގިލި ހުޅުވައި ހެރެތެރެ ވެސް އެކީ ހުޅުވައި އަދި ދެން ހުރި ތަންތަން ވެސް ރަނގަޅަށް ހިނގައި ގަންނާނެ މަގުތަކެއް ސަރުކާރުން ހޯދުމޭ އަޅުގަނޑު ހިތް ބުނަނީ ކުރަންވީ ކަމަކީ. މިސާލަކަށް ޓެކްސް އާއި މިހެން ހުންނަ ފީތަކާ އެއްޗިހިން ލުއިތަކެއް ދީގެން ވެސް އެތަންތަން ރަނގަޅަށް އޮޕަރޭޓްކޮށް ކޮންފިޑެންސެއް އުފައްދައި ޓޫރިޒަމެއް ފުރަތަމަ އެތާ [އައްޑޫގައި] ދިރުވަންވީ. އަދި އެނދުތަކެއް ހެދިޔަސް ބަޔަކު ނާންނާނެ،" އޭނާ ވިދާޅުވި އެވެ. 

ފިރާގުގެ ހިޔާލަކީ ވެސް، ވަކި އަހަރުތަކެއް ވަންދެން ގަން އެއާޕޯޓް ޓެކްސް ފްރީ ޒޯނެއްގެ ގޮތުގައި ކަނޑައެޅުމެވެ. އަދި ގަން އެއާޕޯޓްގެ ފީތަކާއި ޓޫރިސްޓުން އަތުން ނަގާ ޓެކްސް ރޭޓްތައް ވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވުރެ ކުޑަކޮށް ބެހެއްޓުމަކީ އައްޑޫގައި ޓޫރިޒަމެއް ދިރުވަން ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުގައި އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު މަސައްކަތް ފަށަން ބޭއްވި ރަސްމިޔާތު ތެރެއިން

"ހަމައެކަނި ޕޯޓް މިހާރު މި އޮންނަނީ ޓެކްސްތަކުން ލުއިތަކެއް ދީފައި. އޭގެ އިތުރަށް ގަން އެއާޕޯޓުން ވެސް އެބަ ޖެހޭ އެ ލުއިތައް ލިބެން. މިސާލަކަށް އެ އެއާޕޯޓަށް އަންނަ މީހުންގެ އަތުން އެއާޕޯޓް ޓެކްސް ނުނެގުން ކަހަލަ ޕޮލިސީ ބަދަލުތައް އެބަ ބޭނުންވޭ،" ފިރާގު ވިދާޅުވި އެވެ.

"ސަރުކާރުން ވަރަށް ފޯކަސްކޮށްގެން ޕުޝްއެއް ދީގެން ނޫނީ ގަން އެއާޕޯޓް ހިނގައިގަނެ، ޓޫރިޒަމެއް ދިރުވަން އުނދަގޫވާނެ." 

އައްޑުއަށް ބޭނުމީ ތަފާތު ޓޫރިޒަމެއް

ފިރާގު ގަބޫލުކުރައްވާ ގޮތުގައި އައްޑޫގައި ޓޫރިޒަމް ފުޅާނުކުރެވިގެން އުޅެނީ އައްޑުއަށް ފިޓްވާ ކަހަލަ ޓޫރިޒަމެއް ތަރައްގީކުރަން އެއްވެސް އިރެއްގައި ވިސްނުން ގެންގުޅެފައި ނުވާތީ އެވެ. އޭނާ ވިދާޅުވީ އައްޑޫގައި ތަރައްގީ ކުރެވޭނީ ރާއްޖޭގައި އާންމުކޮށް މި އޮތް ޓޫރިޒަމްއާ ހިލާފަށް، މުޅިން ތަފާތު އެހެން ބާވަތެއްގެ ޓޫރިޒަމެއް ކަމަށެވެ. އޭނާގެ ހިޔާލަކީ އައްޑުއަކީ ގިނަ ދުވަހު މީހުން އައިސް ތިބޭ، ރިޓަޔާމަންޓް މީހުންނަށް ހާއްސަ ޓޫރިޒަމް ހަބަކަށް ހެދުމެވެ. 

"އެހެން ހިސާބުތަކާ އައްޑޫ މި އޮންނަ ގޮތާ ތަފާތުވީމާ އާންމު ޓޫރިޒަމް އެތާ ހިންގުން އެހާ ކާމިޔާބެއް ނުވޭ. ބީޗް މިކަހަލަ ޓޫރިޒަމެއް އައްޑޫގައި ނުހިންގޭ. މިސާލަކަށް ރިޓަޔާމަންޓްގައި މިއުޅޭ ދުވަސްވީ ޓޫރިސްޓުން ގިނަ ދުވަހު އައިސް އަރާމުކޮށްލާ ތަނެއްގެ ގޮތުގައި އަސްލު އައްޑޫ ހަދަން ޖެހެނީ. އެކަހަލަ ކޮންސެޕްޓެއް އައިސްގެން ޓޫރިސްޓުން އިތުރު ކުރެވޭނީ،" ފިރާގު ވިދާޅުވި އެވެ.

25 ޖެނުއަރީ 2023ގައި އައްޑުއަށް ޓްރާންސިޓުކުރި ދެ ކްރޫޒް ލައިނާއަކުން ފޭބި ފަތުރުވެރިންތަކެއް (ދައުރު ފޮޓޯ)

ސަލީމް ވެސް ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ ހިލާފަށް ވަކި ޑެސްޓިނޭޝަނެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓް ކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގެ އާންމު ޓޫރިޒަމް އިޝްތިހާރު ކުރާ ތީމްގައި އެ ގޮތަށް އައްޑޫ އިޝްތިހާރުކޮށްގެން އެތަނަށް ޓޫރިސްޓުން ނުގެނެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. 

"ހަމަ ޑެސްޓިނޭޝަނެއް ގޮތަށް ވަކި މާކެޓިންއަކުން އައްޑޫ ތަރައްގީ ކުރަން ޖެހޭނީ. އެކަމެއް ނުކުރެވޭ. މިސާލަކަށް ފުވައްމުލަކަކީ މިހާރު ނަމޫނާއެއް. އެތަނުގައި ޝާކް ޑައިވިންއާ މިހެން ގޮސް އެ މީހުންގެ ރަށުގައި ޓޫރިޒަމް އޮންނަ ގޮތް ފެއާތަކުގައި ވެސް އެބަ އިޝްތިހާރުކުރޭ ވަކިން އެ މީހުން ގޮސް. އެހެންވެ، އައްޑުއަށް ވުރެ ވެސް އެބަ ގިނަވޭ އެތަނަށް ދާ ޓޫރިސްޓުން އެނދުގެ އަދަދު ވެސް،" ސަލީމް ވިދާޅުވި އެވެ. 

ޔަގީންވާ ކަމަކީ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިނގައިނުގަންނަނީ އެ އެއާޕޯޓް ތަރައްގީ ނުވެ އަދި ވަސީލަތްތައް ވެސް ނެތިގެން ނޫންކަމެވެ. އަދި އައްޑޫގައި ހަމައެކަނި ޓޫރިސްޓް އެނދުތަކެއް ތަރައްގީކޮށްގެން ޓޫރިޒަމެއް ދިރުވުމަކީ ވެސް އެހާ ފަސޭހައިން ވާން އޮތް ކަމެއް ނޫންކަމެވެ. ސަރުކާރުން ލޯނު ނަގައިގެން ބިލިއަން ރުފިޔާ ތަޅާލިޔަސް އައްޑޫގެ މާޒީން ދައްކާ ހަގީގަތަކީ އައްޑުއަށް ބޭނުންވަނީ އެތަނާ ގުޅޭ ޓޫރިޒަމެއް ކަމެވެ. އެހެންކަމުން މިހާރު މި ކުރާ އެތައް ބިލިއަން ރުފިޔާއެއްގެ ހޭދައިން ވެސް، އައްޑޫގެ ޓޫރިޒަމަށް ހޯދައިދެވޭނެ އާ ހައްލެއް ނެތެވެ.

ކޮމެންޓް (3)

ރެކިފުތާ ބެއްޔަ

12 ޖޫން 2023
ބޭނުމަކީ އިންޑިޔާ މީހުންނަށް ކޮންޓްރެކްޓް ދިނުން
1 1

ޥާނުވާ

12 ޖޫން 2023
ވައްކަމާ ޑްރަގާ މާރާރީ އިންތިހާ އަށް އޮތް ތަނަކަށް ރިޓަޔަރމެންޓް އަށް މީހުން ގެނެސްގެން ރާއްޖޭގެ ނަން ހަޑިވާނީ
0 1

ސުލައިމާން

11 ޖޫން 2023
ތަރައްގީ ކުރަންވީ ހުވަދޫ އެއާޕޯޓެކެވެ. ރިސޯޓުތައްހުރީ އެތަނުގައެވެ. އަދި ފަޅުތަކާއި ފަޅުރަށްތައްވެސް ހުރީ އެއަތޮޅުގައެވެ. އެހެންކަމުން އިސްކަންދޭންވީ އައްޑޫގެ ބަދަލުގައި ހުވަދުއަތޮޅަށެވެ. ސިޔާސީގޮތުން ވޯޓު ބޭނުންވާތީ އައްޑޫ އޭ ކިޔަން ޖެހޭތީ ކިޔަނީއެވެ.
12 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް