ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ހައި ކޯޓުގައި: ޕީޕީއެމް ސަރުކާރުގައި މި ގޮތަށް އުޅުނީ ގޮނޑު ގެއްލުވާލި 12 މެމްބަރުން

އާދަމް ޝަރީފްގެ މި ޖަވާބުތައް: ހިތާމައެއް، ލަދުވެތިވުމެއް ނެތް

އޭރު ހައްގު ހޯދަން ކޯޓުތަކަށް ދުވީ ގޮނޑި ގެއްލުނު 12 މެމްބަރުން، މިއަދު އިރުއަރާއިރު ހައި ކޯޓަށް ވަންނަވަނީ އޭރު އެކަމަށް މަލާމަތްކުރެއްވި ބޭފުޅުން

ޕީޕީއެމް ކޯލިޝަންގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މި ދުވަސްވަރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހެނދުނު ހެނދުނާ ހައި ކޯޓަށް ވަޑައިގަނެ އެވެ. ބޭނުމަކީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ ޝަރީއަތް އަވަހަށް ފެށުމެވެ. އެމަނިކުފާނަށް ހައްގު ހޯދައިދިނުމެވެ.

ހައި ކޯޓުން ނުކުމެވަޑައިގެން މީޑިއާތަކާ ވާހަކަ ދައްކަވަ އެވެ. އެވަގުތު ނަގާފައި ހުންނަ ފޮޓޯތައް ފެނިފައި ކުއްލިއަކަށް ހަނދާނަށް އަންނަނީ، ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުން ވަކިކުރި 12 މެމްބަރުން ހައްގު ހޯދަން ޔާމީންގެ ވެރިކަމުގައި، ސުޕްރީމް ކޯޓު ދޮށަށް ދުވި ދުވުމެވެ. ހަމަ އެކަހަލަ ފޮޓޯތަކެވެ.

މިއީ މީގެ ފަސް އަހަރު ކުރީގެ ވާހަކައެކެވެ. ޔަމީނަށް އޭރު ކެތްނުކުރެއްވުނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ވައްދަން، ޕީޕީއެމްގެ 12 މެމްބަރުން ސޮއިކުރެއްވުމުންނެވެ. އޭރު މަސީހުގެ ހިމާޔަތަކީ، ޔާމީން ގަބޫލުކުރެއްވި ގޮތުގައި، 'ގައުމީ ހިމާޔަތެކެ'ވެ. އެހެންވެ، އޭރުގެ ސުޕްރީމް ކޯޓުގެ އެހީތެރިކަމާ އެކު ހާއްސަ އުސޫލެއް ހަމަޖައްސައި، ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ވެސް ވަގުތުން ގެއްލޭނެ ގޮތަށް ކަނޑައެޅި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމުން ވަކިވުމުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުން، ހައްގު ހޯދަން، ސުޕްރީމް ކޯޓު ދޮށުގައި --ފޮޓޯ/މިހާރު

ސުޕްރީމް ކޯޓުން އެގޮތަށް އެންގީ 13 ޖުލައި 2017ގަ އެވެ. އޭގެ ފަހުން، 23 ސެޕްޓެމްބަރު 2018ގައި އޮތް ރިޔާސީ އިންތިހާބު ޔާމީނަށް ނާކާމިޔާބުވުމާ ހަމައަށް، އެ މެމްބަރުން ތިއްބެވީ މަޖިލިހަށް ވެންނެވޭނެ ގޮތެއް ނެތިފަ އެވެ. ރާއްޖޭގެ ރައީސްގެ މަގާމު، 17 ނޮވެމްބަރުގައި ގެއްލޭނެކަން ޔަގީންވުމުން، އޭގެ ކުރިން ޔާމީން ހިތްހަމަޖައްސައިދިން ސުޕްރީމް ކޯޓުން 8 އޮކްޓޯބަރު 2018ގައި ނިންމީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

މި ބޮޑު ސިޔާސީ ކުޅިގަނޑު އަލުން ހަނދާނަށް މި އައީ އޭރު ހައްގު ގެއްލުނު މެމްބަރުންނަށް ޖެއްސި ހާލު ބައްލަވަން، އަދި ޔާމީނާއި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ތައުރީފުކުރެއްވި ބޭފުޅުން މިހާރު ކޮންމެ ދުވަހަކުހެން ކޯޓު ދޮށަށް ވަޑައިގަންނަވާތީ އެވެ.

ރަނގަޅެވެ. ޔާމީންގެ ހައްގު ގެއްލޭ ނަމަ އެ ހައްގު ހޯދައިދޭން އެމަނިކުފާނުގެ ސަޕޯޓަރުން މަސައްކަތްކުރާނެ އެވެ. ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ. އެކަމަކު ސުވާލު އޮތީ، އޭރު ބޭއިންސާފާ ކުރިމަތިވި އެތައް ބަޔަކު އުޅުނު ގޮތް، ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންގެ ހަނދާނުގައި ހުރިކަމާ މެދުގަ އެވެ. ހުރި ނަމަ ސުވާލަކީ، އެކަމާ ހިތާމަކޮށް، ލަދުވެތިވަންތޯ އެވެ.

އެފަދަ ސުވާލުތަކެއް އަޅުގަނޑު ދެންނެވީ، އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއާ އެވެ. ޔާނީންގެ ހައްގުގައި ހައި ކޯޓަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އަޅުގަނޑުގެ ސުވާލުތަކަށް ޖަވާބު އައީ، އޭނާގެ ސަރުކާރުގެ އަމަލްތަކާ މެދު ހިތާމަނުކުރައްވާ މޭރުމަކުންނެވެ. ކިތައްމެ ގޯސްކޮށް ކަމެއް ކޮށްފައި އޮތަސް، އަދިވެސް ހުންނެވީ ދިފާއު ނަންގަވައިގެންނެވެ. 

އަޅުގަނޑު ކުރި އެއް ސުވާލަކީ؛

ގާނޫނުއަސާސީގައި މެމްބަރުކަން ގެއްލޭ ޝަރުތުތައް ކަނޑައަޅާފައި އޮއްވާ، އެއާ ހިލާފަށް އުސޫލެއް ހަދައި، އެ މެމްބަރުން ބޭރުކުރުމަކީ، މަނިކުފާނު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ސަރުކާރަކުން ކުރި ކޮން ކަހަލަ އަމަލެއްގެ ގޮތުގައި ދެކެވަޑައިގަންނަވަންތޯ؟

ޖަވާބަކީ؛

އެއީ ސިޔާސީ މީހުންގެ މެދުގައި ކޮށްފައިވާ/ހިންގާފައިވާ ސިޔާސީ ކަމެއް. ސަރުކާރާ ހިޔާލު ތަފާތުވުމުން އެމްޑީޕީން އަލީ އާޒިމް ވަކިކުރުން؟

ތެދެކެވެ. ސިޔާސީ ކަންކަމާ ގުޅިގެން ސިޔާސީ ފިޔަވަޅުތައް އަޅަ އެވެ. ނުވަތަ ސިޔާސީ މީހުންގެ ތެރޭގައި ހިންގާ އަމަލްތައް ބަލަނީ ސިޔާސީ ކަންކަމުގެ ގޮތުގަ އެވެ. ނަމަވެސް 12 މެމްބަރުންގެ މައްސަލަ، 'ސިޔާސީ ކަމެކޭ' ބުނެ ނިންމާލެވޭ ވަރަށް ވުރެ، ސީރިއަސް އެވެ. 

ގާނޫނުއަސާސީއަކީ އެންމެ ބޮޑު ގާނޫނެވެ. ވަކި ކަމަކާ މެދު ގާނޫނުއަސާސީގައި  ކަނޑައަޅާފައި ނެތް ޝަރުތެއް، އެހެން އެއްވެސް ކޯޓަކަށް، މުއައްސަސާއަކަށް، އިދާރާއަކަށް ވެސް، ނުއުފެއްދޭނެ އެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަންކަން، ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ޕާޓީ ބަދަލުކުރުމުގެ އެއްވެސް ވާހަކައެއް ނާދެ އެވެ. ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހަށް ހާއްސަ ބާބެއް ހަދާފައި އޮތީ، ސިޔާސީ ޕާޓީތަކުގެ ވާހަކަ ހިމަނާފައެއް ނޫނެވެ. އެހެންކަމުން މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނަސް، އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަސް، މެމްބަރުންގެ ގޮނޑި ގެއްލުނީ ކަމަށް އެއްވެސް މުއައްސަސާއަކަށް ނޭންގޭނެ އެވެ.

ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އަދި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް: އޭރު ކުރި ގޯސް އަމަލްތައް މިއަދު ވެސް އޮތީ ދިފާއުކުރުން

އާދަމް ޝަރީފްގެ ޖަވާބުގައި ދެން އޮތް މައްސަލައަކީ، އެމްޑީޕީން އަލީ އާޒިމް ވަކިކުރިކުރުމެވެ. ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ މައްސަލަ ދިފާއުކުރަން، އާޒިމްގެ މައްސަލައިން މިސާލެއް ނުދެއްކޭނެ އެވެ. ސަބަބަކީ އާޒިމްގެ ގޮނޑިއެއް ނުގެއްލެ އެވެ. އޭނާއަކީ މިހާރު ވެސް މަޖިލިހުގެ މެމްބަރެކެވެ. ޕާޓީގެ އުސޫލުތަކާ ހިލާފުވެގެން ޕާޓީން ވަކިކުރުމުގެ ފުރުސަތު ޕާޓީތަކުގެ އަސާސީ ގަވާއިދުން ލިބެ އެވެ. އެއީ ގޮނޑި ގެއްލުމެއް ނޫނެވެ.

އަޅުގަނޑު ކުރި އަނެއް ސުވާލަކީ؛

އެ މެމްބަރުންނާ މެދު ސަރުކާރުން އަމަލްކުރި ގޮތާ މެދު އެއްވެސް ވަރަކަށް ހިތާމަކުރައްވަންތޯ؟ ނުވަތަ ދެރަވެ، ލަދުވެތިވަންތޯ؟

ޖަވާބަކީ؛

އަޅުގަނޑު ބޮޑަށް ވިސްނާ ފިކުރު ހިންގަނީ އެކަމަކުން މުޅި ގައުމަށް ކުރާ އަސަރުތަކާ މެދު. އެކަމަކީ ސިޔާސީ ކަމަކަށް ވާއިރު އެ ހާލަތަށް ކަންކަން ދިޔަ ގޮތާއި އަސްބާބުތަކާއި ވަށައިގެން ފެންނަން ހުންނަ ކަންކަމަށް ފިކުރު ހިންގާ އިރު، 'އަލިފާން ނެތި ދުމެއް ނާރާނެ' ކަމަށް ބެލެވޭ. އެ ހާލަތުގައި ސަރުކާރަށް ކުރިމަތި ކުރުވި ގޮންޖެހުންތަކާއި [މެމްބަރުންނަށް] މެދުވެރިވި ހާލަތަކީ ވެސް ގައުމަށް އެންމެ ރަނގަޅު ގޮތެއް ނޫން.

އެކަމަކު ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިވާ އިރަށް ގާނޫނުއަސާސީ 'ފުނޑާލުމަކީ' ޑިމޮކްރަސީގެ ހަމައެއް ނޫނެވެ. އެއީ ހުދުމުހުތާރުވެރިކަމުގެ ސިފަތަކެވެ. މިސާލަކަށް ޗާގޯސް މައްސަލާއާ ގުޅިގެން މަޖިލިހަށް މިހާރު ވައްދާފައި އޮތް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ޝަރީފްމެން ކަހަލަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތް ހަދައިފި ނަމަ، މި ސަރުކާރު ވެއްޓޭނީ ޔާމީންގެ ވެރިކަމުގައި ފެނުނު ދަށް ހާލަތަށެވެ. 

އިދިކޮޅު ހަރަކާތްތަކަށް ފުރުސަތު އޮންނަ ނަމަ އަބަދުވެސް ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިވާނެ އެވެ. ޕީޕީއެމް ކޯލިޝަނުން މަޖިލިހާއި މަޖިލިހުން ބޭރުގައި މިހާރު ކުރަމުން އެދަނީ އެކަމެވެ. ދޮގު ހަދައިގެން ވިޔަސް ނުވަތަ ކަން އޮތް ގޮތުގެ ހަގީގަތް އޮޅުވާލައިގެން ވިޔަސް، ބަލަނީ ސަރުކާރާ ދެކޮޅަށް ވީހާވެސް ގިނަ ބައެއްގެ ހިތްހަމަނުޖެހުން އުފެއްދޭތޯ އެވެ. އެ ހުންނަނީ ވެސް ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެވެ. އެކަން ހުއްޓުވަން ނުވަތަ އޭގެ ގެއްލުން ކުޑަކުރަން ގާނޫނުއަސާސީއަށް ފައިން އެރުމަކީ، ސަރުކާރަށް އޮތް އިހުތިޔާރަކަށް ނުހެދޭނެ އެވެ. 

އަޅުގަނޑުގެ އަނެއް ސުވާލަކީ؛

މަނިކުފާނުގެ ސަރުކާރުން އޭރު ކުރި ގާނޫނުއަސާސީއާ ހިލާފު އަމަލްތައް ކުށްވެރިކުރުމުގެ ހިތްވަރު އެބަ ހުރިތޯ؟ އަދި އެކަމަށް މައާފަށް އެދިވަޑައިގަންނަވާނަންތޯ؟

ޖަވާބަކީ؛

ގާނޫނުއަސާސީއާ ހިލާފު ކަންކަން ކުރި ނަމަ އެކަމަށް އަދަބު ދޭން މިއަށް ވުރެ އަވަހަށް އުޅޭނެ ސަރުކާރެއް ނުދެކެން

އަމިއްލަ ސަރުކާރުގައި ކުރި އެއްވެސް ގޯސް ކަމަކަށް ލަދުވެތިވުމެއް ނެތެވެ. ދެރައެއް ވެސް ނުވެ އެވެ. އެކަމަކު ޝަރީފްގެ މި ޖަވާބުން ނުކުންނަ އެހެން މާނައެއް އެބަ އޮތެވެ. ގާނޫނުއަސާސީ ފުނޑާލި ބައެއް އަމަލްތައް ދިވެހި ރައްޔިތުންނަށް ރަނގަޅަށް ފެނި އަތުން ހިފި ނަމަވެސް، އެއްވެސް މީހަކާ ދެކޮޅަށް މައްސަލަ ބަލަން، މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ. 

ޔާމީންގެ ޝަރީއަތެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެމަނިކުފާނުގެ ސަޕޯޓަރުން ކޯޓުގެ ބޭރުގައި މުޒާހަރާކުރަނީ: ކޮންމެ ފިޔަވަޅަކީ ސިޔާސީ ކަމެކޭ ކިޔާފައި ރާއްޖޭގައި ފުއްދާލެވޭ

މެމްބަރުންނަށް ނުވަދެވޭ ގޮތަށް ފުލުހުންނާއި ސިފައިން ލައްވާ ރައްޔިތުންގެ މަޖިލިސް ހިސާރުކުރި އެވެ. ސިފައިން ސުޕްރީމް ކޯޓަށް ވަދެގަތެވެ. މި ރިޕޯޓްގެ މައުލޫއުގައި ހިމެނޭ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި އުސޫލު ނެރެން ސުޕްރީމް ކޯޓަށް ސަރުކާރުން ޕްރެޝަރުކުރި އެވެ. 

މިއިން އެއްވެސް އަމަލާ ގުޅިގެން މި ސަރުކާރުން ސުވާލުކޮށްފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުން އެ އުސޫލު ހެދި ގޮތާއި، 1 ފެބްރުއަރީ 2018ގައި އެ އުސޫލު ވެސް ބާތިލްކޮށް އަދި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސަރުކާރުން ހެދި ގޮތް ފަދަ، އެތައް ކަމެއް މިހާރު އެ ވަނީ، ޒިންމާ ނަގާނެ ބަޔަކު ނެތި، ތާރީހަށް ވަދެފަ އެވެ.

އެކަމަކު މި ސަރުކާރުން އެ މައްސަލަތައް ބަލައި، ފިޔަވަޅު ނޭޅުމަކީ މައްސަލަތައް ނެތުމެއް ނޫނެވެ. ބޮޑެތި ކަންކަން ހުރީ ހިނގައިފަ އެވެ. 

ދެން އަޅުގަނޑު ސުވާލުކުރީ ސީދާ އާދަމް ޝަރީފްގެ ގޮނޑިއާ ބެހޭ ގޮތުންނެވެ. ސުވާލަކީ؛

މިހާރުގެ ސަރުކާރުން އެކަހަލަ އުސޫލެއް ހަދައި، މަނިކުފާނުގެ މެމްބަރުކަމުގެ ޝަރުތު އުނިކޮށް، މަޖިލިހަށް ނުވެންނެވޭނެ ގޮތް ހަދައިފި ނަމަ، އެކަން ނަންގަވާނީ ކޮން ގޮތަކަށްތޯ؟

ޖަވާބަކީ؛

އެކަން ނަގާނީ ސިޔާސީ ކަމެއްގެ ގޮތުގައި

މިއީ އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫނެވެ. ސިޔާސީ ކަންކަން ހިންގަން ޖެހޭނީ ގާނޫނުއަސާސީގެ މިން ތެރޭގަ އެވެ. ގާނޫނުއަސާސީ ބޮލާލައި ޖަހައި، ގައުމުގެ ތާރީހުން ވެސް ނުފެންނަ ފަދަ ސީރިއަސް މައްސަލަތަކެއް ކުރިމަތިކުރުވާފައި، އެއީ ހަމައެކަނި ސިޔާސީ ކަމެކޭ ބުނެ ފުއްދައެއް ނުލެވޭނެ އެވެ.

ކޮންމެ ކަމެއް ސިޔާސީ ކަމަކަށް ހަދާފައި ދޫކޮށްލާ ނަމަ، ގާނޫނުއަސާސީއެއް އޮތުމުގެ ބޭނުމެއް ނެތެވެ. ގާނޫނުއަސާސީއަކީ މުޅި ގައުމު ތަބާވާން ޖެހޭ މިންގަނޑެވެ. ހުދޫދެވެ. 

ގައުމުގެ ސިޔާސީ ލީޑަރުންނަށް، އެންމެ ކުޑަވެގެން، އެވަރު އެނގެންވާނެ އެވެ. ޕީޕީއެމްއަކީ ރާއްޖޭގެ ވެރިކަމަށް އައުމުގެ ފުރުސަތު އެންމެ ބޮޑު އެއް ޕާޓީ އެވެ. ރިޔާސީ އިންތިހާބު ދޮންވަމުން އަންނަ އިރު، އެ ޕާޓީގެ ސަރުކާރުގައި ހިންގާފައި ހުރި ނުބައި ބޮޑެތި އަމަލްތަކަށް މައާފަށް ނޭދި އަދި ދެން އެކަހަލަ ކަމެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ނުލިބުމަކީ، މައްސަލައެކެވެ. 

އާދަމް ޝަރީފަކީ ކަންކަން އެނގިވަޑައިނުގަންނަވާ ފެންވަރުގެ ބޭފުޅެއް ނޫނެވެ. ރައްޔިތުންގެ މަޖިލިސް ހިސޯރުކުރި ސިފައިންނަށް ތައުރީފްކުރައްވަމުން، ސިފައިންގެ ބައްދަލުވުމެއްގައި، 'އަޅުގަނޑު ނަމަ އެ މީހުންގެ ދަތްދޮޅިއެއް ނޯންނާނެ' ކަމަށް އޭނާ ވިދާޅުވީ ވެސް، ކަންކަން އެނގިވަޑައިނުގަންނަވާތީއެއް ނޫނެވެ.

ގާނޫނުއަސާސީ މުގުރާލިޔަސް ރާއްޖޭގައި ފިޔަވަޅެއް ނާޅާނެކަމުގެ ޔަގީންކަން އޮތުމުންނެވެ. 

ކޮމެންޓް (8)

މަރީ

24 މޭ 2023
ލަދު ހަޔާތުގެ އެއްވެސް ކަންފުޅެއް ނެތް ތި ފޮޓޯއިން ފެންނަ އެކަކުގެ ވެސް. މި މީހާގެ ދަރިންނަށް ކޮންފަދަ ނުބައި މިސާލެއް ދައްކައި އެދެނީ. މަގޭ ބައްޕައެއް/ ތިމާގެ މީހެއް/ ފިރިއެއް ނަމަ ހަމަ ވަރަށް ލަދު ގަންނާނެ. އެއްވެސް ކަހަލަ ހަރުދަނާ ސިފައެއް ނެތް މީހެއް
2 0

އާދަމް

24 މޭ 2023
މޫސާލަތީފް އަށް ގާނޫނުއަސާސީ ފެންނަނީ ބައެއްފަހަރު... ގައުމުން ބައެއްވިއްކާލީމަ ތިހާސަރު ނުދަމާތިހިރީ ބައިއެޅީމަތޯ؟؟
4 3

ތެފައާސާ

24 މޭ 2023
@އާދަމް ބަލަ އާދަނާ ގައުމުން ބައެއް ވިއްކާލީއޭ ކިޔައިގެން އެދަމަނީ ހަމަ ސީދާ ހުސް ހާސަރޭ. 2 ގައުމެއްގެ އިން ފުށޫއެރީމާ ބަހަން އޮންނަ އުސޫލުން ބެހީއޭ. އެއީ އެކަން ކުރަން އޮންނަ ގޮތޭ. އުތުރުން އިންޑިއާއާ ލަންކާއާ އަހަރެމެންގެ އިން ފުށޫއެރީމާވެސް ހަމަ މިހެން ބަހައިގެންނޭ މި ތިބެނީ. ބަޔަކު އަންތަރީހެއް ނުވާނެތަ؟
5 3

މަރިޔަމްމާ

24 މޭ 2023
@އާދަމް ބަލަގަ.... ގައުމުން ކޯޗެއް ވިއްކައިގެން އުޅޭނީ. މަ ވިސްނާ ވިސްނާ ވެސް ނޭނގުނު ވިއްކި އެއްޗެއް، ދޫކޮއްލި އެއްވެސް ވެސް.
3 2

ކަނބިލި

24 މޭ 2023
އެއްވެސް ވަރަކަށް ލަދެއް ނެތް. ވާހަކަ ހުންނަނީ ޖަދަލުކުރާ ފާޑަށް. މިވަރުގެ މީހުން މި ހޮވަނީ މަޑުއްވަރީ ދާއިރާ މީހުން. މި މީހާގެ ނަޒަރުގައި އެސަރުކާރުގެ ގޯސް އެއްވެސް ކަމެއް ނެތް. ދެން އަދި ތިބޭނެ ކައިރީގަ އުޅޭ މީހުން އެކަމަށް ސަޕޯޓުކޮށް އަތް ޖަހަން.
4 3

ކޮތަޅުއިބުރާހީމު

24 މޭ 2023
މޫސާ ސިއާސީކަނކަމަކީ ލަދުހަޔާތެއް ހުންނަކަމެއްނޫން ނޫސްވެރިއެއްގެހަިސިއްޔަތުން އެފަދަކަމެއްނޭނގިހުރެ މިކަހަލަ ވާހަކަ ކޮޅަކައް ރައްޔިތުންގެ ހަމްދަރުދީއެއްވެސް ރުޅިވެރިކަމެއްވެސް އުފެދޭވަރައްވުރެން ސިއާސީ ކަނކަމުގަ ދިވެހިން ރޯފިލާ ތިބީ
2 2

އިބްރާހީމް

24 މޭ 2023
އެހެންވެއޭ މި ކިޔަނީ ސިޔާސީ ވެރިންނަކަށް ހަމަޔާއި، އިންސާފެއް ނޭނގޭނޭ. ގޯސްވާނީ ގޯހަށް، ހެޔޮވާނީ ހެވަށް... ކޮންމެ މީހަކު ކުރިޔަސް
0 0

ތެފައާސާ.

24 މޭ 2023
އެޒް ޔޫޝުއަލް، އަނެއްކާވެސް މޫސަގެ ސަތޭކައިގެ ލިއުމެއް. އިހަކަށްދުވަހު ހިންގާފައިހުންނަ މިފަދަ ޣައިރުގާނޫނުއަސާސީ ޖަރީމާތަށްް ތިލަކޮށް ތާރީޚަށްޓަކައި ނަމަވެސް ލިޔެ ރައްކާކޮށްފައި ހުންނަޖެހޭނެކަމަށް ދެކެން.
6 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް