މި ރޯދަ މަހު އިމާމުވެ ތަރާވީސް ނަމާދު ކުރާ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން. ކ-ވ ކުރީގައި ޔޫޝައު، އަބާން، ޒައުލް،ލައިލް. ފަހަތުގައި، އައްލާމް، އަލްޔަސައު، އަބްދުއްރަހްްމާން އަދި އަބްދުﷲ. ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ރޯދަ 2023

ހާފިޒުކަމުން އިމާމުކަމަށް: މާލޭގައި ތަރާވީސް ކުރާ 11 ކުޑަކުދިން

މި ރޯދަ މަހު އިމާމުވެ ތަރާވީސް ކުރާ ގިނަ ކުދިން ނިސްބަތްވަނީ އަރަބިއްޔާ ސްކޫލަށް

މި އަހަރު މާލޭގެ މިސްކިތްތަކުގައި ތަރާވީސް ކުރާ މީހުންގެ ލިސްޓު ފެނުމުން ހައިރާންވީ، އިމާމުންގެ ގޮތުގައި ތިބި ކުޑަކުދިންނާއި ޒުވާނުންގެ އަދަދު ގިނަކަމުންނެވެ. މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި މި ރޯދަ މަހު ތަރާވީސް ކުރާއިރު، 11 ކުޑަކުދިން އިމާމުވެ ނަމާދު ކުރެ އެވެ. އޭގެ ތެރެއިން ދެ ކުއްޖަކު ފިޔަވައި ހުރިހާ ކުދިންނަކީ ވެސް އަރަބިއްޔާ ސްކޫލުގެ ހާފިޒުންނާއި ގުރުއާން ދަސްކުރަމުން އަންނަ ކުދިންނެވެ.

މީގެ ތެރެއިން ބައެއް ކުދިންނަކީ މީގެ ތިން އަހަރު ކުރިއްސުރެ ތަރާވީސް ކުރަމުން އަންނަ ކުދިންނެވެ. ބައެއް ކުދިން، ހާފިޒު ކަމުގެ ސަނަދު ނަގައިގެން މި ރޯދަ މަހު ތަރާވީސްކުރަން ފެށީ އެވެ. އެކަމަކު މި ހުރިހާ ކުދިން ވެސް ބުނާގޮތުން، އިމާމުވެ ނަމާދު ކުރަން ފެށީ، އެކަމަށް ވަރަށް ބޭނުންވެ، ހުރި ޝައުގުވެރިކަމާއި ލޯބީގެ ބޮޑުކަމުންނެވެ.

އަރަބިއްޔާ ސްކޫލުން މި އަހަރު އިމާމުވެ ތަރާވީސް ކުރާ ކުދިންނަކީ:

  • މުހައްމަދު ޔޫޝައު، 14 އަހަރު

  • އަބްދުﷲ ބިން އިމްޖާދު، 14 އަހަރު

  • އަބާން އިބްރާހިމް، 15 އަހަރު

  • ލައިލް ހުސައިން ހަމީދު، 16 އަހަރު

  • އަބްދުއްރަހްމާން ބިން މުހައްމަދު ސަމީރު، 17 އަހަރު

  • މުހައްމަދު އައްލާމް ތަލްހަތު، 17 އަހަރު

  • ސުލައިމް މުހައްމަދު ލަތީފް، 17 އަހަރު

  • އަހުމަދު ޒަވްލް، 18 އަހަރު

  • އަބްދުﷲ އަލްޔަސައު ބިން ޒަމްޒަމް، 18 އަހަރު

މީގެ އިތުރުން އަމީނިއްޔާ ސްކޫލުގެ ދަރިވަރު، ޝައަފް ހާމިދު އިބްރާހިމް، 13، އާއި ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރު، މޫސާ މާއިޝް މާޖިދު ވެސް އިމާމުވެ ތަރާވީސްކުރެ އެވެ.

ލައިލް: 12 އަހަރުގައި ގުރުއާން ހިތުދަސްކުރީ މާނައާ އެކު

އުމުރުން އެންމެ 5 އަހަރުން ފެށިގެން، ލައިލް އައީ ގުރުއާން ހިތުދަސްކުރުމަށް މަސައްކަތް ކުރަމުންނެވެ. ތަންކޮޅެއް ބޮޑުވުމުން ދެން ގުރުއާން ދަސްކުރަން ފެށީ މާނައާ އެކުގަ އެވެ. އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއްގައި އުޅޭތީ އަރަބި ބަސް އެނގުނު ނަމަވެސް، އޭނާގެ މައިންބަފައިން ބޭނުންވީ، ގުރުއާނާ އެކު، އޭގައި ބުނާ އެއްޗެއް ވެސް ލައިލްއަށް ފަހުމް ވެގެން އުނގެނޭށެވެ.

ލައިލް (ކ) ކައިރީގައި ޔޫޝައު އާއި އައްލާމް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެހެންވެ، އުމުރުން 10 އަހަރުގައި ގުރުއާން ހިތުދަސްކޮށް، 12 އަހަރުގައި ހާފިޒްކަމުގެ ސަނަދު ނެގި އިރު ގުރުއާނުގެ މާނަ ވެސް އޭނާ ވަނީ ދަސްކޮށްފަ އެވެ. 

ލައިލް ބުނިގޮތުގައި ގުރުއާން ފުރަތަމަ ދަސް ކުރަން ފެށި އިރު އާޔަތަކުން އާޔަތަކުން ދަސްކޮށް، ސަފުހާ ނިންމަނީ އެވެ. ފަހުން ދަސްވާ މިންވަރު އަވަސްވުމުން، ދެން ދަސްކުރަން ފެށީ ސަފުހާއަކުން ސަފުހާ އަކުންނެވެ. އާއްމު ގޮތެއްގައި އޭނާ ދަސްކުރަނީ ހަފުތާބަންދު ނުވަތަ ސްކޫލުގެ ބަންދު ދުވަސްތަކުގަ އެވެ. އެހެން ދުވަސްތަކުގައި މުރާޖައާ ކުރަނީ އެވެ.

ގުރުއާން ހިތުދަސްކުރުމުގެ އިތުރުން ލައިލްއަކީ ސްކޫލުގެ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ވެސް ބުރަކޮށް އުޅޭ ދަރިވަރެކެވެ. ފުޓުބޯޅަ އެކަޑަމީއަށް ދަމުން، ސްކައުޓްގެ ހަރަކާތްތަކުގައި އިސްކޮށް އުޅެ އެވެ. ސްކޫލުގައި 15 މާއްދާ ކިޔަވާއިރު، އޭގެ ތެރެއިން 6-7 މާއްދާއިން އޭނާ %100 ހޯދަ އެވެ. އެހެން މާއްދާތަކާ އެކު، ގްރޭޑް 9ގެ އެ ދަރިވަރުގެ ޕާސް ޕަސެންޓޭޖް އުޅެނީ %94ގަ އެވެ.

"ވަރަށް ބުރަކޮށް ލައިލް އުޅޭނީ. އެކަމަކު އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ވަގުތު ހޯދައިގެން އޭނާ ގުރުއާން ހިތުދަސް ކުރަމުން އައީ،" ލައިލްގެ މަންމަ ނަޖުލާ އިބްރާހިމް ބުންޏެވެ.

ގުރުއާން ހިތުދަސްކުރުމުގައި ލައިލްގެ އެންމެ ބޮޑު އެހީއަކީ އޭނާގެ މަންމަ އެވެ. ތަރާވީސް ނަމާދު ކުރުމަށް ދަރިފުޅު ފޮނުވަނީ ގޭގައި ދެ ފަހަރަކު ކިޔުއްވާފަ އެވެ. ދަރިފުޅު މިސްކިތުގައި ތަރާވީސް ކުރާއިރު، ކުށެއް ޖެހިދާނެތޯ އަޑުއަހަން، އިވޭ ހިސާބުގައި ނަޖުލާ ހުރެ އެވެ. އޭނާއަށް ތަރާވީސް ނަމާދު ކުރެވެނީ ވެސް، ލައިލް ކިޔަވަން ފަށައިގަނެ މުޅިން ހަމަޖެހެވުމުންނެވެ.

"އަޅުގަނޑު ބުނާނީ ގުރުއާން ހިތުދަސްކުރަން ބޭނުން ނަމަ އަރަބި ބަސް ފުރަތަމަ ދަސްކުރާށޭ. އޭރުން ހިތުދަސްކުރަން ވަރަށް ފަސޭހަވާނެ،" ކިޔަވައި ނިންމައިގެން އާކިޓެކްޓަކަށް ވުމުގެ އުއްމީދުގައި ހުރި ލައިލް ބުންޏެވެ.

ޒައުލް: ހިތުދަސްކުރަން ބޭނުންވީ ބޭބެއަށް ވުރެ މޮޅުވާން

އަރަބިއްޔާ ސްކޫލުގެ ވައިސް ކެޕްޓަން، ޒައުލްގެ ރޯލް މޮޑެލް އަކީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، މުހައްމަދު ފިރުޒުލް އެވެ. އެކަމަކު އޭނާއަށް ވުރެ 11 އަހަރު ދޮށީ ބޭބެއާ އެކުގައި މާގިނަ ހަނދާންތަކެއް ނެތެވެ. ޒައުލް ގްރޭޑް 2 އަކަށް ދިޔައިރު، ބޭބެ ކިޔަވާ ނިމިގެން މާލެ ބަދަލުވެއްޖެ އެވެ. ހަގަށް ހުންނަ ޒައުލް އާއެކު މަންމަ އާއި ބައްޕަ މާލެ ބަދަލުވި އިރު، ބޭބެ ހުރީ ކިޔަވަން މިސްރުގަ އެވެ. އެކަމަކު ކޮންމެ ކަމެއްގައި ވެސް ޒައުލް ބަލަނީ ބޭބެއާ އެއްގޮތަށް އުޅެވޭތޯ އެވެ. މީގެ 11 އަހަރު ކުރިން، 2011 ވަނަ އަހަރު ބޭބެ ގުރުއާން ހިތުދަސްކޮށް، ހާފިޒު ކަމުގެ ސަނަދު ނެގުމާ އެކު ހަމަ އެކަން ކުރަން ޒައުލް ބޭނުންވެއްޖެ އެވެ. އޭރު އޭނާގެ އުމުރުން އެންމެ 5 އަހަރެވެ.

"އަޅުގަނޑު ބޭނުންވީ ދޮންބެ ގޮތަށް ކިޔަވައިގެން، ދޮންބެއަށް ވުރެ ވެސް މޮޅުވާން،" ޒައުލް ބުންޏެވެ.

ޒައުލް އޭނާއަށް ލިބުނު ޓްރޮފީއަކާ ހަވާލުވަނީ

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ފެށި، 500 ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން، ޒައުލް ގުރުއާން ހިފްޒު ކުރަން ފެށީ، 2014 ވަނަ އަހަރުގަ އެވެ. އޭގެ ފަސް އަހަރު ފަހުން އޭނާ ގުރުއާން ހިތުދަސްކޮށްފި އެވެ.

ސްކޫލުގެ ދެވަނައަށް އެންމެ މަތީގައި އުޅެމުން، ސްކައުޓްގައި ވެސް އިސްކޮށް އުޅެމުން، ގުރުއާން ހިތުދަސްކުރަން ވަގުތު ހޯދީ އުނދަގުލުންނެވެ. އެކަމަކު ޓާމް ޗުއްޓީތަކާއި ބޮޑު ޗުއްޓީތަކުގައި ފަރިތަކޮށްގެން، ކޮންމެ އަހަރަކު އޭނާ ފަސް-ހަ ފޮތް ދަސްކުރެ އެވެ. ގުރުއާން ހިތުދަސްކޮށްދިނުމުގައި، އޭނާގެ މަންމަގެ ހުރިހާ ސަމާލުކަމެއް ހުރީ ޒައުލްއަށެވެ.

"އަޅުގަނޑު ބައެއް ފަހަރު ކިޔަވަން ހަނދާން ނެތޭތީ މަންމަ ބުނެދޭނެ މިއީ ޒައުލް އަމިއްލައަށް ބޭނުން ވެގެން ފެށި ކަމެއް ނޫންހޭ، ދޮންބެއަށް ވުރެ މޮޅުވާން ބޭނުމެއް ނޫންހޭ. މަންމަގެ ސަޕޯޓް މިކަމުގައި ވަރަށް ބޮޑަށް ލިބުނު،" ޒައުލް ބުންޏެވެ.

ޝަހީދު އަލީ މިސްކިތުގައި ޒައުލް އިމާމުވެ ތަރާވީސް ކުރާ މިއީ ތިންވަނަ އަހަރެވެ. އެންމެ ފުރަތަމަ އަހަރު އޭނާ އެކަން ކުރީ، ބޭބެއާ އެކުގަ އެވެ. މުޅި ރޯދަ މަހު އެ މިސްކިތުގައި އިމާމުވެ ތަރާވީސްކޮށް ގުރުއާން ހަތިމްކުރީ، އެ ދެބެއިންނެވެ. ޒައުލް ބުނިގޮތުގައި ތަރާވީސްކުރުމަށް އޭނާއަށް އެންމެ ބޮޑަށް ހިތްވަރު ލިބުނީ ވެސް ބޭބެގެ ސަބަބުންނެވެ.

ތަރާވީސްކޮށް ފޭބުމާ އެކު، ޒައުލް ކައިރިއަށް ބައެއް މީހުން އެއްވެ ސަލާމް ކުރެ އެވެ. އަދި ހިތްވަރުދީ ހަދަ އެވެ.

"ބައެއް މުސްކުޅި ބޭބެމެން ބުނާނެ އެ މީހުންގެ ކާފަދަރިންނަށް ގުރުއާން ކިޔަވަން ދަސްކޮށްދޭންވީ ނޫންހޭ ވެސް،" ސްކޫލުގެ ކިޔެވުމުގައި ވެސް މޮޅު ނަތީޖާތަކެއް ހޯދާ ދަރިވަރު ބުންޏެވެ.

ތައުލީމީ ހަޔާތަށް ފަހު ޒައުލްގެ އަމާޒު ހުރީ ސިފައިންގެއަށެވެ. އޭނާ ބޭނުންވަނީ މިލިޓަރީ ދާއިރާގައި މެކޭނިކަލް އިންޖިނިއަރަކަށް ވާށެވެ.

އަބާން: ހިފްޒު ކުރުމުން އެންމެންނަށް ބޮޑު ހައިރާންކަމެއް

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް އަބާން އެންމެ ގިނައިން ގޮސް އިންނަ ތަނަކީ، ނޫރު މިސްްކިތެވެ. ބައްޕައާ އެކު މިސްކިތަށް ގޮސް، ގުރުއާން ހިތުދަސްކުރުމަށް ގިނަ ވަގުތުތަކެއް އޭނާ އެ ތަނުގައި ހޭދަކުރެ އެވެ.

އެކަމަކު އެ މިސްކިތަށް އާއްމުކޮށް އަރާ މީހުންނަށް އަބާން ފެންނަނީ، މިސްކިތުގައި ގިނައިން ގުރުއާން ކިޔަވަން އިންނަ ކުއްޖެއްގެ ގޮތުގަ އެވެ. އެއްގޮތަކަށް ވެސް އެއީ ގުރުއާން ހިތުދަސް ކުރުމަށް މަސައްކަތް ކުރާ ކުއްޖެއް ކަމަކަށް ހިޔެއް ނުކުރެ އެވެ. އެހެންވެ، ހާފިޒުކަމުގެ ސަނަދާ އެކު، މި ރޯދަ މަހު ތަރާވީސް ކުރަން ފެެށުމާ އެކު އެންމެންނަށް ވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ.

"ނޫރު މިސްކިތަށް އާއްމުކޮށް އަރާ މީހުން ތިބީ ވަރަށް ހައިރާންވެފައި. އެކަމަކު އެންމެން ވެސް ބުނަނީ މިސްކިތުގެ ކުއްޖަކު އެ މިސްކިތުގައި އިމާމުވެ ތަރާވީސް ކުރަން ފެށީމަ ވަރަށް އުފާވެއްޖެ ކަމަށް،" އަބާންގެ ބައްޕަ އިބްރާހިމް އަބްދުﷲ ބުންޏެވެ.

އަބާން (ކ) ކައިރީގައި އަބްދުއްރަހްމާން އާއި އަބްދުﷲ އަދި އަލްޔަސައު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މިއީ 15 އަހަރުގެ އަބާން އިމާމުވެ ތަރާވީސްކުރާ ފުރަތަމަ ފަހަރެވެ. ގުރުއާން ހިތުދަސްކުރުމަށް އޭނާ، މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ފެށި އެ ދަތުރު ނިމި، ސަނަދު ހާސިލް ކުރެވުނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ކޮންމެ ނަމާދަކަށް ފަހު މިސްކިތުގައި މަޑުކޮށްގެން، ސަފުހާއަކުން ސަފުހާއަކުން ދަސްކުރަމުން ގޮސް ހާފިޒު ކަމުގެ ސަނަދު ހާސިލް ކުރެވުމުން، އެންމެ އުފަލުން ހުރި އެކަކީ އަބާންގެ ބައްޕަ އެވެ.

އިބްރާހިމް ބުނިގޮތުގައި އަބަދުވެސް އުއްމީދަކީ އޭނާ ދުނިޔޭގައި ހުއްޓާ، ހުރި ހަމައެކަނި ދަރިފުޅު ހާފިޒަކަށް ވުމެވެ. އަދި ހާފިޒަކަށް ވުމުގެ އިތުރުން، ދަރިފުޅުގެ ފަހަތުގައި ހުރެ ތަރާވީސް ނަމާދު ފުރިހަމަކުރެވުމަކީ އޭނާއަށް ލިބުނު އިންތިހާ އުފާވެރިކަމެކެވެ.

"އަޅުގަނޑަށް އިމާމެއްގެ ގޮތުގައި ވެސް ދަރިފުޅު ފެނިއްޖެ،" އިބްރާހިމް ބުންޏެވެ.

ގުރުއާން ހިތުދަސްކުރި އެހެން ކުދިންނެކޭ އެއްގޮތަށް އަބާންއަކީ ވެސް ކިޔެވުމުގައި މޮޅު ކުއްޖެކެވެ. މިހާރު ގްރޭޑް 8ގައި ކިޔަވަމުން އަންނަ އިރު، އެންމެ ފަހުން ބޭއްވި އިމްތިހާނުން، 15 މާއްދާގެ ތެރެއިން 12 މާއްދާއިން 'އޭ ޕްލަސް' ހޯދި އެވެ.

އެކަމަކު ކިޔެވުމުގައި ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް، މި ހުރިހާ ކުދިން ވެސް ސާބިތުކޮށްދިނީ، ވަރަށް އުނދަގޫވާނެ ކަމަށް ހީވާ ކަންކަން ވެސް، ހިތްވަރުކޮށްފި ނަމަ، ކާމިޔާބު ކުރެވިދާނެ ކަމެވެ. 

ވަރަށް ޅަ އުމުރުގައި އެ ކުދިން ގުރުއާން ހިތުދަސްކޮށްފި އެވެ. އެތައް ސަތޭކަ ބައެއްގެ އިމާމެއްގެ ގޮތުގައި ތަރާވީސްކޮށްފި އެވެ. ކާމިޔާބީ އަކީ މިއެއް ނޫން ހެއްޔެވެ؟

ކޮމެންޓް (2)

ފްރެންޑްސް

27 މާރިޗު 2023
ސާބަހޭ ޝިފްލީން މިކަހަލަ ރިޕޯޓް ގިނަގިނައިން ގެނެސްދެވޭތޯ ބަލާތި ފެންކަޅިވެއްޖެ،ސާބަހޭ ޕޭރަންޓްސް ތިކޮށްދެއްވާ ބުރަމަސަކަތައް،ސާބަހޭ ހާފިޒުން ތިކުދިން ރޯލްމެޑެލްއަށް ބަލައިގެން ގިނަ ކުދިން ނިކުންނާނެ އިންޝާﷲ.
21 0

ިއިޔާޒު

27 މާރިޗު 2023
އިމާމުވެ ތަރާވީސް ކޮށްލާނެ ބޮޑު މީހަކު ނެތީތާ ދޯ!
0 21

އިތުރު އާޓިކަލް

އިތުރު އާޓިކަލް