
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުން. (ފޮޓޯ/ ޕީއެސްއެމް)
'ފެއިލްވެފައި' އޮތް ސިޔާސީ ޕާޓީތަކާ ވާދައަށް މުނައްވަރު
ރާއްޖޭގައި ޕާޓީ ނިޒާމް މިހާރު އޮތީ ފެއިލްވާ ހިސާބުގަ އެވެ؛ މިއީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ގަބޫލުކުރައްވާ ގޮތެވެ. އަދި ސިޔާސީ ޕާޓީތައް ކިތައްމެ ބޮޑު ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި އޭނާ އެކަނިމާއެކަނި ނުކުންނަވައިގެން ވެސް ކާމިޔާބުކުރެއްވޭނެކަމުގެ ޔަގީންކަން އެބަ އޮތެވެ.
މި ހުރިހާ ވާހަކައެއް، ރާއްޖޭގެ ބަންޑާރަ ނައިބުކަން 10 އަހަރު ކުރެއްވި، މުނައްވަރު ދެއްކެވީ އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މިއީ ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ނުކުންނަވާނެކަން އިއުލާންކުރެއްވުމަށް ފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ އެއްވުމެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީ އުފެދިގެން އައިއައުމުގައި މުނައްވަރު ދެ ރޯލެއް އަދާކުރެއްވި އެވެ. އެއް ރޯލަކީ، ބަންޑާރަނައިބަކަށް ހުންނެވި އިރު، 2001ގައި، އޭރުގެ ގާނޫނުއަސާސީން ސިޔާސީ ޕާޓީ ހިންގަން ފުރުސަތު ނުލިބޭ ކަމަށް، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކެބިނެޓާއި ރައްޔިތުންގެ މަޖިލިހަށް ލަފާއެރުވުމެވެ. އެ ލަފާ ދެއްވަން ޖެހިވަޑައިގަތީ، ސިޔާސީ ޕާޓީ އުފައްދަން އޭރު މާލޭގެ މެމްބަރު އަދި އޭގެ ހަތް އަަހަރު ފަހުން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުމާ ގުޅިގެންނެވެ. އޭރު މުނައްވަރަކީ، ބަންޑާރަ ނައިބުގެ އިތުރުން އައްޑު އަތޮޅުގެ އެއް މެމްބަރެވެ.
ސިޔާސީ ޕާޓީގެ ތާރީހުގައި މުނައްވަރު އަދާކުރެއްވި ދެ ވަނަ ރޯލަކީ 2005ގައި ސިޔާސީ ޕާޓީތައް ހިންގުމުގެ ހުއްދަ ލިބުމާ އެކު އުފެއްދި އެމްޑީޕީގެ އިސް ސަފުގައި ފަހުން މަސައްކަތްކުރެއްވުމެވެ. އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވި އެވެ. ނަމަވެސް 2008ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ހޮވަން ބޭއްވި ޕްރައިމަރީން ނަޝީދު އަތުން ބަލިވެވަޑައިގަތުމުން، އެ ޕާޓީއާ ފެޔަށް ޖެހިވަޑައިގަތެވެ.
އޭގެ ފަހުން ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން މުނައްވަރު އުޅުއްވާފައެއްނުވެ އެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ނުކުމެވަޑައިގަންނަވާ ވާހަކަ އިއުލާންކުރެއްވުމުން އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދުން އެކަށީގެންވެ އެވެ. އަނެއްކާ މުނައްވަރު މިއުޅުއްވަނީ ކޮން ކަމެއް ކުރައްވަން ހެއްޔެވެ؟
އޭނާގެ ވެސް އޮތީ، އެހެން ސިޔާސީ ބޭފުޅުން ފަދައިން، އާންމުންނަށް އިއްވަވާ މަގުސަދެވެ؛ ގައުމު ސަލާމަތްކުރުމެވެ. އެ ނިޔަތުގައި ރިޔާސީ އިންތިހާބަށް ނުކުންނަވާ އިރު އިއްޔެ އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ކަމަކީ، އެމްޑީޕީ އާއި ޕީޕީއެމުން ކޮންޓްރޯލް ކުރަމުން އަންނަ ޕާޓީ ނިޒާމެވެ.
ރާއްޖޭގެ ޕާޓީ ނިޒާމަށް އޭނާ ގޮންޖެއްސެވި އެވެ. އޭނާގެ ނަޒަރުގައި މުޅި ނިޒާމް ބޮއްސުންލައިފި އެވެ. ދެން އޮތީ އަނެއްކާވެސް އިސްލާހުކުރުމެވެ.

"ކޮބައިހޭ ސިޔާސީ ޕާޓީއެއް؟ ދައްކަވަ ބައްލައްވާ! ރާއްޖޭގައި ނެތޭ ސިޔާސީ ޕާޓީއެއް،" މުނައްވަރު ވިދާޅުވި އެވެ.
އެމްޑީޕީ އުފެދުނީ، އޭނާ ވިދާޅުވި ގޮތުގައި، މައުމޫން ވެރިކަމުން ބޭލުމުގެ މަގުސަދުގަ އެވެ. އެމްޑީޕީއަށް ފަހު މައުމޫން ހެއްދެވި ޑީއާރުޕީގެ ބޭނުމަކީ، އޭނާގެ ބަހުން ނަމަ އޭރުގެ "ވެރިކަން ދެމެހެއްޓުމެ"ވެ.
"ގާސިމް ހެއްދެވި ޕާޓީގެ މަގްސަދަކީ ގާސިމް ވެރިކަމަށް އައުން. އެއީ ޕާޓީއެއް؟ ކޮބާހޭ ގައުމުގެ ޕާޓީތައް؟"
"ތިބޭފުޅުންނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ޕާޓީތަކަށް މީހުން ވައްދާ ގޮތް. އެއް ބަޔަކު ޝަކުވާކުރަނީ، ކަނޑާލައިފިޔޭ، އަނެއް ބަޔަކު ޝަކުވާކުރަނީ [ނޭނގި] ވައްދައިފިޔޭ، ތިމަން ނުދެނަހުރީމޭ. ދެން ކޮން ސިޔާސީ ޕާޓީއެއް؟"
އެމްޑީޕީ މިހާރު އޮތީ އެންމެ ބޮޑު ޕާޓީގެ ގޮތުގަ އެވެ. ޑީއާރުޕީ ރޫޅި، އޭގެ ތެރެއިން އުފެއްދި ޕީޕީއެމްއަކީ، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެވެ. އެކަމަކު ރިޔާސީ އިންތިހާބު އެ ޕާޓީތަކަށް ކާމިޔާބުކުރެވޭނެކަމުގެ ލަފައަށް ވުރެ މުނައްވަރަށް ބޮޑީ އޭނާއަށް އިންތިހާބު ނެންގެވިދާނެކަމުގެ ޔަގީންކަމެވެ.
"ޔަގީންކަމާ އެކު މި ދަންނަވަނީ. ދިވެހި ރައްޔިތުންނަށް އަޅުގަނޑު ކުރާ އިތުބާރު [ގެ ސަބަބުން ކާމިޔާބު ހޯދޭނެ]،" ޕާޓީތަކުން ނުކުންނަ ކެންޑިޑޭޓުން ފަހަތަށް ޖައްސާލައި، ރިޔާސީ ރޭހުގައި ކާމިޔާބު ހޯއްދެވިދާނެކަމުގެ ކިހާ ވަރެއްގެ ޔަގީންކަމެއް އެބަ އޮތްތޯ 'ދައުރު'ން ކުރި ސުވާލުގެ ޖަވާބުގައި މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހިންނަށް ވިސްނޭ ކަމަށެވެ. އެހެންވެ އެމީހުންނަށް އެންމެ މަސްލަހަތު އޮތް ގޮތަކީ ކޮބައިކަން ވެސް އެނގޭނެ އެވެ. މިހާރު ކަންކަން ވަމުންދާ ގޮތް ވެސް ރަނގަޅަށް ފެންނާނެތީ އޭނާ ހުންނެވީ ރައްޔިތުންގެ އިތުބާރަށް ބަރޯސާވެގެންނެވެ. އޭނާ ގަބޫލުކުރައްވަނީ ރައްޔިތުން އޭނާއަށް ވޯޓު ލާނެ ކަމަށެވެ.

އެއް ޕާޓީއަކުން ޕްރައިމަރީ ބާއްވައިގެން މީހުން ހޮވަނީ. އަނެއް ޕާޓީއަކުން އައްޔަން ކުރަނީ. އަނެއް ޕާޓީއަކުން އެހެން ކޮންމެވެސް ގޮތެއް ހަދަނީ. އަނެއް ބަޔަކު ދަޅައެއް ދައްކަނީ.
މިހާރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ރަނގަޅު އެއް ކަމެއް ވެސް އޭނާއަކަށް ފެނިވަޑައެއް ނުގަންނަވަ އެވެ. އެހެންވެ އޭނާ ވިދާޅުވަނީ 'ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ އާއި ހަމަތައް ނެތް' ކަމަށެވެ. ނަތީޖާއަކީ އެކި ޕާޓީތަކުން އެކި ގޮތްގޮތަށް އަމަލްކުރުމެވެ.

"އެއް ޕާޓީއަކުން ޕްރައިމަރީ ބާއްވައިގެން މީހުން ހޮވަނީ. އަނެއް ޕާޓީއަކުން އައްޔަން ކުރަނީ. އަނެއް ޕާޓީއަކުން އެހެން ކޮންމެވެސް ގޮތެއް ހަދަނީ. އަނެއް ބަޔަކު ދަޅައެއް ދައްކަނީ،" މުނައްވަރު ވިދާޅުވި އެވެ.
"އެއްވެސް ޕާޓީއަކުން ކޮންސިސްޓްކޮށް ޕާޓީތަކާ ބެހޭ ގަވައިދާއި ޕާޓީގެ އެތެރޭގެ ކަންތައްތައް ގާނޫނަކުން ރެގިއުލޭޓްކޮށްފައެއް ނެތް."
މުނައްވަރުގެ ބަހުން ނަމަ ބައެއް މީހުން ޕާޓީއަށް ވަންނަނީ 'ފައިސާކޮޅެއް ދިނީމަ' އެވެ.
"ފައިސާ ދީގެން ދަމަހައްޓާ ސިސްޓަމަކީ އަދި އެއީ ޕާޓީ ސިސްޓަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު މުނައްވަރުގެ ބަހުން ނަމަ 'ގާތްގަނޑަކަށް ފެއިލްވެފައިވާ' ނިޒާމުގެ ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެބަ އުޅެ އެވެ. އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކާ ގޮތުން ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލާ މީހުންގެ ނިސްބަތުން %58 އަކީ އެކި ޕާޓީތަކުގެ މެމްބަރުންނެވެ. މިއީ އާބާދީއަށް ބަލާއިރު މަތީ އަދަދެކެވެ. އެހެންކަމުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް ބޮޑުވާނީ ކޮންމެވެސް ޕާޓީއަކާ ގުޅިގެން ނުވަތަ ޕާޓީތަކުން އެކުވެގެން ނެރޭ ކެންޑިޑޭޓަކަށެވެ.
އެކަމަކު މުނައްވަރަށް އެ މަންޒަރެއް ފެނިވަޑައެއް ނުގަންނަވަ އެވެ. އޭނާ ގަބޫލުކުރައްވަނީ ރައްޔިތުން އޭނާއަށް ވޯޓު ދޭނެ ކަމަށެވެ.
މުނައްވަރު ވިދާޅުވާ ގޮތުގައި ރާއްޖެއަށް ޕާޓީ ނިޒާމް ގެންނަން މަސައްކަތްކުރެއްވި ބޭފުޅަކަށް ވާތީ އޭގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް، ބައެއް މީހުން އޭނާއަށް އަމާޒުކޮށް ބުނެ އެވެ.
"އެހެންވެ [ރިޔާސީ އިންތިހާބަށް] ނުކުމެ މިހުރީ އެ ޒިންމާ ނަގަން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ޕާޓީގެ ނިޒާމް ގެނެސްގެން އުފެދުނީ ކޮރަޕްޝަން، ހެސްކިޔާފައި. މުޅި ގައުމުގައި. ޕާޓީގެ އެކްޓިވިސްޓުންނަށް ވަޒީފާ ދޭން ޖެހެނީ، ޕާޓީ ތެރޭގައި ހަރުކޮށް ހުންނަ މީހާއަށް ވަޒީފާ ދޭން ޖެހެނީ. އޭނާގެ އާއިލާއަށް ވަޒީފާ ދޭން ޖެހެނީ. ހަރަދު ކުރަން ޖެހެނީ. ބަޖެޓްތަކާ އެއްޗެހި ހުސްވެއްޖެ. ޕާޓީ ނިޒާމް ކާމިޔާބުވެއްޖެތޯ؟ އެހެންވީމަ އަޅުގަނޑު މި ދެންނެވީ އެބަ ޖެހޭ ޕާޓީ ނިޒާމް އިސްލާހު ކުރަން."
މިހާރު ވެރިކަމަށް އަންނަނީ އެކި ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެން 'ބޯކިބާ ފޮއްޗެއް ގޮތަށް ސަރުކާރު ކޮށައި'، އެކި މީހުންނަށް ދީގެންނެވެ. މުނައްވަރުގެ ނަޒަރުގައި އެއީ އެކަން ވާންވާނެ ގޮތެއް ނޫނެވެ. އެހެންވެ މި ގައުމަށް މިހާރު ބޭނުންވަނީ 'ގައުމީ ސަރުކާރެކެ'ވެ.
"ރައްޔިތުން އެކަތިގަނޑަކަށް ތިބެގެން. ރައްޔިތުން މި މީހުން މި ކުރާ ކުޅިވަރު ހުއްޓުވައިގެން. އެއީ ބޯކިބާ ފޮއްޗެއް ގޮތަށް ގައުމު ބައިބައިކޮށްގެން، މީނައަށް މި ވަޒީރުކަން އޭނާއަށް އެ ވަޒީފާ ދީގެން ނޫން،" މުނައްވަރު ވިދާޅުވި އެވެ.
އިންތިހާބަށް ނުކުންނަވާ އިރު މުނައްވަރަށް ތާއީދު އޮތް މިންވަރާ މެދު ސުވާލު އުފެދެ އެވެ. އެހާ ގިނަ ދުވަހު ސިޔާސީ ދާއިރާއާ ދުރުގައި އުޅުއްވުމުން އޭނާއަކީ ކޮން ބޭފުޅެއްކަން، މިހާރުގެ ޒުވާން ޖީލަށް ނޭނގުން އެކަށީގެންވެ އެވެ. އެކަމަކު މުނައްވަރު ހުންނެވީ އުއްމީދުގަ އެވެ. އިންތިހާބު ކާމިޔާބުކުރައްވައި، ޕާޓީ ނިޒާމް އިސްލާހުކުރުމުގެ އިތުރުން 'އިގުތިސާދީ އިންގިލާބެއް' ވެސް ގެންނަވާނެކަމުގެ ޔަގީންކަން ދެއްވަ އެވެ.
އެ ވާހަކަ ގަބޫލުކުރުމާއި ނުކުރުން އޮތީ އާންމުންނަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރު ހަބަރުތައް ކިޔާލަން:
ކޮމެންޓް