އިޝްތިހާރު

ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް ޔާމީންއާ ހަވާލުކުރަނީ: އެކަމަކު އިންތިހާބަށް ނުކުންނެވޭނީ ޖަލު ހުކުމް ބާތިލްކޮށްގެން (ފޮޓޯ/އަބްދުﷲ އަބީދު)

ޔާމީންގެ ބަދަލުގައި އެހެން ކެންޑިޑޭޓެއް، ވީހާވެސް އަވަހަކަށް

ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމަފާނެ ގޮތަކަށް ބަލަން ތިބުމަށް ވުރެ ޕީޕީއެމް ކޯލިޝަނަށް މުހިންމީ ކެމްޕޭން އަވަހަށް ފެށުން
12 މާރިޗު 2023
5

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް، ހައި ކޯޓުން ވީހާވެސް އަވަހަކަށް ބާތިލްކޮށް، މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ނެރުމަކީ، ޕީޕީއެމް ކޯލިޝަންގެ އެންމެ ބޮޑު މަސައްކަތެވެ. ނަމަވެސް ޔާމީނަށް އެ ފުރުސަތު ހޯދައިދިނުމުގެ ޝަރުއީ މަގު އެހާ ސާފުނުވުމުން، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން ވަގުތުތަކެއް ބޭކާރުކުރުމުގެ ބޭނުމެއް އޮތް ކަމަކަށް، ސިޔާސީ ބައެއް ތަޖުރިބާކާރުން އެއްބަހެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ އިރު ޔާމީންގެ ނަންފުޅު ފޮނުވަަން ޕީޕީއެމްގެ ލީޑަޝިޕުން ބޭނުންވެ އެވެ. ހައި ކޯޓުން މައްސަލަ ނުނިމުނަސް ޕީޕީއެމުން އެގޮތް ބޭނުންވަނީ، އެހާ ހިސާބުން އެމަނިކުފާނުގެ ޝަރުތު ހަމަވޭތޯ ބަލަން އީސީން ސުޕްރީމް ކޯޓަށް ހުށައަޅަން ޖެހޭނެތީ އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުކުރާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހެއް ނަމަ، އެ ހުކުމް ތަންފީޒުކުރިތާ ތިން އަހަރު، ނުވަތަ މައާފު ލިބުނުތާ ތިން އަހަރު ވުން ހިމެނެ އެވެ.

ކޯޓުތަކުން ރިޔާސީ ޓިކެޓަށް ބަލާނެތަ؟

ރިސޯޓެއް ހަދަން އެމްއެމްޕީއާރުސީން ވ. އާރަށް ކުއްޔަށް ދިނުމުގައި 1 މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ)ގެ ރިޝްވަތެއް ނެންގެވުމާއި އެ ފައިސާއިން މަނީ ލޯންޑަރިން ހިންގެވިކަން ސާބިތުވުމުން ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިއަ ޑިސެމްބަރު މަހު އެވެ. ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ނުކުންނެވޭނެ ކަށަވަރު އެއް ގޮތަކީ އެ ހުކުމް، ހައި ކޯޓުން ބާތިލްކުރުމެވެ. އަނެއް ގޮތަކީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނުކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުމެއްގައި ކުރީގެ ސުޕްރީމް ކޯޓުން އިއްވި ހުކުމް، ރިޔާސީ ކެންޑިޑޭޓުންގެ މައްޗަށް ވެސް ހިންގޭނެ ގޮތަށް، މިހާރުގެ ސުޕްރީމް ކޯޓުން ތަރުޖަމާކުރުމެވެ.

ކްރިމިނަލް ކޯޓުން ހުކުމް އިއްވި ޝަރީއަތަށް ވަޑައިގަތުމަށް ގެއިން ނުކުމެވަޑައިގެން ކުރީގެ ރައީސް ޔާމީން ސަޕޯޓަރުންނަށް އިޝާރަތްކުރައްވަނީ

އެ ހުކުމުގައި އޮތް ގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ގެއްލުން ކަމަށް ބެލޭނީ އޭނާގެ ހުކުމާ މެދު ޝަރުއީ އެންމެ ފަހު މަރުހަލާ ނުވަތަ ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުންނެވެ.

ޕީޕީއެމްގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޔާމީން ވެސް ހުންނެވީ އެ މަރުހަލާގަ އެވެ. ސުޕްރީމް ކޯޓުން ޔާމީންގެ ހުކުމަށް ފަހު ބަސް ނުބުނާހާ ހިނދަކު، ރިޔާސީ ކެންޑިޑޭޓްގެ ޝަރުތު އުނިވާ ސަބަބަކަށް 11 އަހަރުގެ ޖަލު ހުކުމް ނުވާނެ އެވެ.

މިއީ ހިޔާލު ތަފާތު މައްސަލައެކެވެ. ނަމަވެސް ޕީޕީއެމްގެ ކޯލިޝަންގެ ކުރިމަގަށް މުހިންމީ، މި ރިޕޯޓަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުންގެ ނަޒަރުގައި، ސާފުކޮށް އޮތް މަގަކުން ކަން ކުރުމެވެ. އެ ސާފު މަގަކީ، ޔާމީންގެ ބަދަލުގައި ޕާޓީން އެހެން ކެންޑިޑޭޓެއް ކަނޑައަޅައި، އަވަހަށް ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށުމެވެ.

"ޔާމީނަށް ބަލައިގެން ތިބެވޭކަށް އަސްލު ނެތް. ޕީޕީއެމުން ގޮތެއް ހޯދަން ޖެހޭ އަވަހަށް، ވީހާވެސް އަވަހަކަށް،" އޭނާ ހުންނެވި މަގާމުގެ ގޮތުން ނަން ޖަހަން ބޭނުންނުވާ އަދި ޕީޕީއެމްއާ ވެސް ވަރަށް ބޮޑު ގުޅުމެއް އޮންނަ ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.

"ހައި ކޯޓުން ނިމޭނެ ކަމަށް، ސުޕްރީމް ކޯޓުން ނިންމާނެ ކަމަށް، މިއީ ސިޔާސީ ޕާޓީއަކުން އުޅެންވާނެ ގޮތެއް ނޫން."

އެކަމަކު އިވެނީ ހައި ކޯޓުން ޝަރީއަތް އަވަސްކުރާށާއި އެމަނިކުފާނަކީ ކުށެއް ނެތް މައުސޫމް ބޭފުޅަކަށް ހަދަން ޕީޕީއެމްގެ ލީޑަޝިޕުން ގޮވާ އަޑުތަކެވެ. ޔާމީންގެ ގާނޫނީ ވަކީލުން ހުއްޓުމެއް ނެތި ވިދާޅުވަނީ، ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކުރާނެކަމުގެ ޔަގީންކަން އޮތް ވާހަކަ އެވެ.

ވީހާވެސް އަވަހަކަށް އިންސާފު ލިބުމަކީ ޝަރުއީ ނިޒާމެއްގެ އެންމެ މުހިންމު ބަ އެވެ. ނަމަވެސް ރާއްޖޭގެ ކޯޓުތަކުން ޝަރީއަތްތައް ނިމެން، ނިސްބަތުން ގިނަ ދުވަސްތަކެއް ނަގަ އެވެ. ޔާމީނަށްޓަކައި ހައި ކޯޓުގެ ޝަރީއަތް އަވަސްކުރަން ގޮވާލުމުގެ ބޭނުމެއް ނެތީ އެހެންވެ އެވެ. މިހާރު ވެސް ހައި ކޯޓުން މައްސަލައެއް ނިންމަން އެވްރެޖްކޮށް އަހަރެއް ނަގަ އެވެ. އާންމު މީހާގެ ޝަރީއަތްތައް ހައި ކޯޓުން އެއަށް ވުރެ އަވަހަށް ނިންމެން ނެތް އިރު، ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަކީ، އެ ޝަރީއަތަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ސަބަބެއް ނޫނެވެ.

ޝަރީއަތަކީ އޭގެ ޒާތުގައި 'ކަނު އެއްޗެކެ'ވެ. ހައި ކޯޓު ނުވަތަ ސުޕްރީމް ކޯޓުގެ އެ 'ކަނު ލޮލަށް' ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ފެނިގެންނުވާނެ އެވެ. އެހެންކަމުން ޝަރުއީ ކޯޓުތަކުން ޔާމީނަށް 'ހާއްސަ ނަޒަރެއް' ދޭން ޖެހޭކަން ދޭހަވާ ގޮތަށް ކަންތައްތައް ކުރުމުގެ ބަދަލުގައި ޕީޕީއެމްގެ ކޯލިޝަނަށް ފައިދާ ހުރި ގޮތް ހޯދަން ޖެހޭނީ އެ ކޯލިޝަނުންނެވެ.

ޕީޕީއެމްގެ ބައެއް ބޭފުޅުން ވެސް އެކަމަށް އެއްބަސްވެވަޑައިގަނެ އެވެ. ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ޕީޕީއެމްގެ ބޭފުޅަކު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއްގެ މައްސަލަ އަވަހަށް ހައްލުކުރަން ޖެހޭ ކަމަށެވެ.

"ރައީސް ޔާމީން ވެސް ޕާޓީއަށް ފައިދާ ހުރި ގޮތެއް ބައްލަވަން ޖެހޭނީ. އަޅުގަނޑުމެންގެ ތެރޭގައި ވާހަކަ ދެކެވޭ އަވަހަށް ކެންޑިޑޭޓެއް ދައްކަން. ރައީސް ޔާމީނަށް ބަލަބަލާ މިހެން ތިބޭކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މިހާރު ކޯޓުތައް ދޮށަށް ދަނީ ޕީޕީއެމުން

ޔާމީން ޖަލުގައި ހުންނަވާ ވަގުތުތަކުގައި ކޯލިޝަންގެ އިސް ބޭފުޅަކީ ލ. ފޮނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފް ބަލައިގަތުމުގައި ހައި ކޯޓުން ވަކި ގޮތެއް ނުނިމޭތީ، އޭނާ ވަނީ ކޯލިޝަންގެ އިސް ބައެއް ބޭފުޅުންނާ އެކު، ހައި ކޯޓަށް ވެސް ވަޑައިގެންފަ އެވެ.

އެހާ ހިސާބުން މާޒީގެ މަންޒަރުތަކަށް އެނބުރި އެބަ ދާން ޖެހެ އެވެ: ޔާމީންގެ ވެރިކަމުގައި އިންސާފު ނުލިބުނު މީހުން އުޅުނު ގޮތެވެ. މިސާލަކަށް ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންނެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމުން ވަކިވުމުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުން 2018ގައި ސުޕްރީމް ކޯޓު ދޮށުގައި

ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހުގެ ކޮނޑި ގެއްލޭނެ ކަމަށް ބުނެފައި ނެތް ޝަރުތެއް، އޭރު ޔާމީންގެ 'ގޮނޑިކޮއްކޮ' ސުޕްރީމް ކޯޓުން ލިއެ، އެއަށް އަމަލްކުރަން އެންގި އެވެ. އެއީ ޔާމީންގެ ފަޅީގައި ތިބި މެމްބަރުންތަކެއް އިދިކޮޅާ ގުޅެން އުޅޭތީ، ސުޕްރީމް ކޯޓުން ހޯދައިދިން، ގާނޫނުއަސާސީއާ މުޅިން ހިލާފު، 'ހައްލެކެ'ވެ. ނުވަތަ އަނިޔާއެކެވެ.

އެ 12 މެމްބަރުން އިންސާފު ހޯދަން ކޮންމެ ދުވަހަކު ވެސް ސުޕްރީމް ކޯޓު ދޮށަށް އެއްވި އެވެ. އޭރު އަބްދުއްރަހީމާއި އާދަމް ޝަރީފްމެން ގެންދެވީ ޖޯކް ޖައްސަވަމުންނެވެ. އެ ބޭއިންސާފު އަޑުއަހާނެ މީހަކު ޕީޕީއެމްގައި އޭރު ނެތެވެ. ޔާމީން އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު އާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްމެން ތިއްބެވީ، ބާރުވެރިކަމުގައި އެ އަނިޔާވެރިކަން ކުރިއަށް ނެރުއްވައިގެންނެވެ.

އެކަމަކު ޔާމީނަށްޓަކައި ޕީޕީއެމް އާއި އަބްދުއްރަހީމް އާއި އާދަމް ޝަރީފްމެން ވަނީ އޭރުގެ ބޭއިންސާފުތަކުގެ މަތިން ހަނދާން ނައްތާލައްވައިފަ އެވެ. 

"ޔާމީން ސަލާމަތްކުރަން އުޅެންވީ. އެއީ ކުރަން ޖެހޭނެ ކަމެއް ޕާޓީއެއްގެ ގޮތުގައި ޕީޕީއެމުން،" ނަން ނުޖަހާ ގޮތަށް މި ރިޕޯޓަށް ވާހަކަ ދެއްކެވި ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑަށް ނުވިސްނޭ ކަމަކީ ޕީޕީއެމުން ބޭނުންވާހާ އަވަހަށް އެކަން ނިމިދާނެހޭ. ނިންމާނެހޭ. އެ ޔަގީންކަން ނެތް އެކަކަށް ވެސް."

މުހިންމީ ވީހާވެސް އަވަހެއް

އާ ކެންޑިޑޭޓެއް ޕީޕީއެމްގެ ކޯލިޝަނުން ކަނޑައެޅުން ލަސްކުރުމަށް ވުރެ މުހިންމީ، މި ރިޕޯޓަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، އަވަސްކުރުމެވެ. ދިގު ޖަލު ހުކުމެއް އޭރުގެ ސުޕްރީމް ކޯޓުން ވެސް ދެމެހެއްޓުމުން 2018ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިނުލެއްވުނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ޖޫން 2018ގައި އޮތް އެމްޑީޕީގެ ކޮންގްރެސްގަ އެވެ.

އެކަމަކު އޭރުގެ ހާލަތަށް ވުރެ މިހާރުގެ ސިޔާސީ އޮއިވަރު ތަފާތެވެ. އޭރު ޕީޕީއެމް ނޫން އެހެން ހުރިހާ ޕާޓީއެއް އޮތީ އިދިކޮޅުގަ އެވެ. މިހާރު ނަމަ ސަރުކާރާ އެކު ބައެއް ޕާޓީތަކުން އަންނަނީ އިއްތިހާދު ހަދަމުންނެވެ. އެހެންކަމުން، ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ޕީޕީއެމުން ބަލަން ޖެހޭނީ ވަގުތު ނަގާނުލައި އަވަހަށް ސިޔާސީ ކެމްޕޭން ފަށާށެވެ.

ޕީޕީއެމަށް އެކަން ކުރެވެން އޮތީ ޔާމީން ނޫން ކެންޑިޑޭޓެއް ހަމަޖައްސައިގެންނެވެ. ޕީޕީއެމްގެ ލީޑަޝިޕުން އާންމުންގެ ކުރިމަތީގައި ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، ޔާމީން ނޫން ބޭފުޅަކު ނެރުމުގެ ވިސްނުން ޕާޓީގެ އިސް އެތައް ބަޔަކު އެބަ ގެންގުޅުއްވަ އެވެ. ޔާމީން އަދިވެސް ގޮތްދޫނުކުރައްވާތީ، އެ ބޭފުޅުން ވެސް ކަންބޮޑުވެ އެވެ. އެކަމަކު މައްސަލައަކީ އިތުރު ގޮތެއް ހެދުން ނެތުމެވެ.

"އެއިން އެކެއްގެ ވެސް ނެތް އަސްލު ބާރެއް. ހުރިހާ ބާރެއް އޮތީ ޔާމީންގެ އަތުގައި. ޔާމީން [ވިދާޅުވާ] ކަމެއް ކުރެވެން އޮތީ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

ސުވާލަކީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ނުވަތަ އިންތިހާބު ޖެހެންދެން ވެސް ތިބެންވީ 'ހަރާމް ހުކުމް، ހަރާމް ހުކުމް،"އޭ ގޮވުމުގައި ހެއްޔެވެ؟ އިދިކޮޅު އެންމެ ބޮޑު ކޯލިޝަނަށް އެއަށް ވުރެ ސާފު، އަލި މަގެއް ނެތީ ހެއްޔެވެ؟ 

އިޝްތިހާރު

ކޮމެންޓް (5)

profile-image-placeholder

ސަލީމް

13 މާރިޗު 2023
«ޔާމީން އަދިވެސް ގޮތްދޫނުކުރައްވާތީ، އެ ބޭފުޅުން ވެސް ކަންބޮޑުވެ އެވެ.» މިއިން ވެސް އެނގެން އެ އޮތީ ޔާމީނާމެދު މޫސަގެ ކިބަިގައި އޮތް ނަފްރަތު ޔާމީނު ވެރިކަމަށް އަތުވެއްޖިއްޔާ މޫސައަށް ތިގޮތުން ލިބިލިބި އޮތް ފުރިޞަތު ޔަޤީނުން ވެސް ގެއްލޭނެ. ނޭވާ ހޮޅިޔށްފެތޭނެ ހަމަ ބާރުކޮށް

އާދަނު

12 މާރިޗު 2023
@ޖުހާޖުހާ ދިއަރެސް އިން މީހަކު ނަން ނުޖަހާ “ކޯޓް” ކުރީމަ އެކަނި ދޯ އެހެންވަނީ . ދެންތިބި އެންމެން އެއީ ހަދަހަދައިގެން. އންސާފޭ ކިޔަން ޔާމީނުގެ އައުވާނުން ލަދުގަންނަންޖެހޭ. ވަރަށް ވާހަކަ

ޖުހާޖުހާ

12 މާރިޗު 2023
މޫސަ ހާދަ ވަރެކޭ ތިޔަ ދައްކަނީ. ޔާމީން ނުކުމެއްޖެއްޔާ މޫސައަށް ނުވެސް ނިދޭނެ ދޯ؟ ރަގަޅަށް ނޫސްވެރިކަން ކުރެވޭތޯ ބަލަންވީނު؟ މޫސަގެ ލިއުމުގަ ޔާމީނަށް ބަވަންވީމަ ނަން ނުޖަހަން ބުނާ މީހުން. އަމިއްލަ އަމިއްލައަށް ހަދަހަދައިގެން ކޯޓް ކުރަނީ. ޔާމީން ރަގަޅަސް ނުބަޔަސް އޭނައަށް މި ފަހަރު ޖެހީ ހަރާން ހުކުމެއް. ސަބަބުވެރި އިންސާނާގެ ހުކުން. ގާނޫނު ފޮތުގެ ހުކުމެއް ނޫން.

ޢިރުބެ

12 މާރިޗު 2023
މޫސަ ބުންޔަސް ނެތް ތިކަން ވާކަށް. ފޯމުލާ ފަހު ދުވަހާ ޖެހެންދެން މިނިވަން ކުރަން ގޮވާލަން ތިބޭނީ. ފޯމުލާ ދުވަހު ސަޕްރައިޒް ލިބޭނެ.

އައްޔާ

12 މާރިޗު 2023
@ޢިރުބެ ފޯމުލާފައި ޕޕމ ދާނީ ސީދާ މަހަށް. ނޯ އަދާ ޗޮއިސް. ޔާމީނަކީ ޗޮއިހެއްނޫން. ޕޕމއަށް މިކަން އަވަހަށް ރިއަލައިޒްވުން ބުއްދިވެރި!

އިތުރު އާޓިކަލް

އިތުރު އާޓިކަލް