6 ފެބުރުއަރީ 2023 - އިދިކޮޅު ޕީޕީއެމްއިން ކުރި މުޒާހަރާއެއްގެ ކުރީ ސަފުގައި އެ ޕާޓީގެ އަންހެން މެމްބަރުން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
އަންހެނުން ސިޔާސީ ވުން އޯކޭ، ރިޔާސީ ވުން އޯކޭއެއް ނޫން؟
މުހިންމު ނުކުތާތައް
އަންހެނުންނަށް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް އޮތަސް ވާދަކުރާނެ އަންހެން ކެންޑިޑޭޓެއް އުފެދިފައެއް ނުވޭ
ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން ވަރަށް ބޮޑު؛ މިކަން ޕޮލިސީ ލެވެލްއަކުން ނުފެނޭ
މާލީ، އިޖުތިމާއީ، ސިޔާސީ އަދި ސަގާފީ އެތައް ގޮންޖެހުންތަކެއް އެބަހުރި
ރާއްޖޭގެ ގާނޫނުއަސާސީތަކުގައި އަންހެނުން ވެރިކަމަށް ކުރިމަތިލުން މަނާވެފައި އޮތް އޮތުން މިހާރުގެ ގާނޫނުއަސާސީން ވަނީ އުނިކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން ހަތަރުވަނަ ރިޔާސީ އިންތިހާބާ ހަމައަށް އައި އިރު، ރާއްޖޭގެ ވެރިކަމަށް އަންހެނަކު ކުރިމަތިލާފައެއް ނެތެވެ.
ކުރީގެ މިނިސްޓަރު އަނީސާ އަހުމަދަކީ މިހާރުގެ ގާނޫނުއަސާސީ ހެދި އިރު ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އެވެ. ޒިންމާ ނެންގެވީ ތާރީހީ ގޮތުން ބަލާ ނަމަ ވަރުގަދަ، ސިޔާސީ ހަލަބޮލިކަމާއި ހިޔާލު ތަފާތުވުން ބޮޑު ދުވަސްވަރެއްގައެވެ.
އެކަމަކު މިއަދު އަނީސާ ވެސް ކުރައްވާ ސުވާލަކީ، ވެރިކަމަށް ކުރިމަތިލާން ހުރަހެއް ނެތަސް އެ ފުރުސަތު ލިބޭ ހެއްޔެވެ؟
"ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް އަންހެނަކަށް ސިޔާސީ ހުރިހާ ދާއިރާއެއްގައި، ހުރިހާ މައިދާނެއްގައި [ވެސް] އުޅޭކަށް. ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން ފެށިގެން ހުރިހާ މަގާމަކަށް ބަލާއިރު ވެސް،" އަނީސާ ވިދާޅުވި އެވެ.
"އެކަމަކު ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައިގެން ހަގީގަތުގައި ވެސް އެ ކަމެއްގައި ކުރިއަށް ދެވޭތޯ، އިނގިރޭސިން ބުނާ ނަމަ 'އެކްސެސް ޓު ދޯޒް އޮޕޮޗުނިޓީޒް' އޮވޭތޯ؟ އެއީ ހުރަސްއެޅޭ ހިސާބަކީ."
ފަރަގު ނުބެއްދެނީ ކީއްވެ؟
ޔޫއެންޑީޕީން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އަންހެނުންނަށް ސިޔާސީ ރޮނގުން ކުރިއަށް ދާން ރާއްޖޭގައި ހުރަސްތައް އެބަ ހުއްޓެވެ. އެފަދަބައެއް ކަންކަމަކީ:
-
މައުލޫމާތު ނުލިބުން - ސިޔާސީ ނިޒާމާއި ޑިމޮކްރަސީގެ އުސޫލުތަކާއި އެ ކަންކަމުގައި އަންހެނުންނަށް ބައިވެރިވެވޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ރަނގަޅަކަށް ނުލިބޭ؛ ސިޔާސީ މަގާމުތައް ހާއްސަކޮށްފައި ހުންނަނީ ޒަމާނުއްސުރެ އެ ދާއިރާގައި ހަރަކާތްތެރިވާ ނުފޫޒު ގަދަ އާއިލާތަކަށް ނިސްބަތްވާ އަންހެނުންނަށް އެކަނި ކަމަށް އޮންނަނީ ގަބޫލުކުރެވިފައި
-
ފިރިހެނުން އިސް މަގާމުތަކުގައި ތިބުމުގެ ޒަމާންވީ ސަގާފަތެއް އޮތުން - މިކަމުގެ ސަބަބުން އަންހެނުން އެ ދާއިރާއަށް ނުކުތުމަށް ހިތްވަރެއް ނުލިބޭ އަދި ބައެއް ހާލަތްތަކުގައި އެކަން މަނާ ވެސް ކުރޭ
-
އަންހެނުންނަށް ކުރާ ފުރައްސާރަ - ސިޔާސީ ދާއިރާގައި ޖިންސީ ފުރައްސާރަކުރާ މިންވަރު ބޮޑު ކަމަށް ވަނީ ފާހަގަކުރެވިފައި؛ އަދި ރާއްޖޭގައި ސިޔާސީ އިސް މަގާމުތަކުގައި ތިބި ބައެއް ފިރިހެނުންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ
-
ދީނީ ގަބޫލުކުރުންތައް - ބައެއް މީހުން ދެކޭ ގޮތުގައި އަންހެނުން ސިޔާސީ މަގާމުތަކުގައި ތިބުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން
-
މާލީ ދަތިކަން - ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާ އަންހެނުންނަށް އެކަމަށް ފައިސާ ހޯދުމަކީ އުނދަގޫ ކަމެއް
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޔޫތު ވިންގްގެ ލީޑަރު އައިޝަތު އިޔާދު ވިދާޅުވީ ސިޔާސީ ގޮތުން އެހީތެރިކަން ނުލިބޭ ނަމަ، އަންހެނަކު އެކަނިމާއެކަނި ނުކުމެ ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ.
"ކުރިއެރުން ހޯދަައިދެވޭނީ ބައިވަރު މީހުންތަކެއްގެ ވެސް މަސައްކަތުން. މި ބުނަނީ އަންހެނުން 'ޕެޑެސްޓަލް'އަކަށް އަރުވާފައި ބައިތިއްބާށެކޭ ނޫން. މި ބުނަނީ އެމީހުންނަށް ވެސް އެ ހިސާބަށް ދެވޭނެ ފުރުސަތު ފަހިކޮށްދޭށޭ. އެއް ހަމައެއްގައި ވާދަކުރަން ފުރުސަތު ދޭށޭ،" އޭނާ ވިދާޅުވި އެވެ.
މުގުލުގައި ވަރުގަދަ، އެކަމަކު ކުރިއެއް ނުފަޅާ
ރާއްޖޭގެ ސިޔާސީ މަތީ މަގާމުތަކުގައި އަދިވެސް އަންހެނުންގެ ނިސްބަތް ދަށެވެ. ގައުމީ ބޮޑެތި ނިންމުންތަކާއި ބަހުސްތަކުގައި ދެ ޖިންސްގެ ހިއްސާ ބޮޑަށް އޮތުން މުހިންމެވެ. ނަމަވެސް އަންހެނުންނަށް އެ ފުރުސަތު ލިބެނީ ކިހާ ވަރަކަށްތޯ ބަލާ ނަމަ، އެކަން އޮތީ ފަހަތުގަ އެވެ. މިސާލަކަށް:
-
ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ނިސްބަތަކީ އެންމެ %4.6
-
ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަންހެނުންގެ ބައިވެރިވުން އޮތް މިންވަރަށް ބަލާއިރު 183 ގައުމެއްގެ ތެރެއިން ރާއްޖެ އަންނަނީ 177 ވަނައަށް
-
ކެބިނެޓުގައި އަންހެނުންގެ ނިސްބަތަކީ %30
-
2019 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް، ލޯކަލް ކައުންސިލު ގޮނޑިތަކުގެ %33 އަންހެނުންނަށް ހާއްސަ ކުރުމުން ރާއްޖޭގެ ލޯކަލް ގަވަނެންސްގެ މަގާމުތަކުގައި އަންހެނުންގެ ނިސްބަތް %39.5 އަށް އުފުލުނު
-
ކޯޓާ ކަނޑައެޅުމުގެ ކުރިން 2011ގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް ހޮވުނު އަންހެނުންގެ ނިސްބަތަކީ %8
ސިޔާސީ ލީޑަރުން ރަށްރަށަށް ވަޑައިގަންނަވާއިރު އިސްތިގުބާލަށް ނުކުމެ އިސް ސަފުގައި ތިބެނީ އަންހެނުންނެވެ. ފިނިހިއްޕެވުމާއި، ޖާފަތާއި، ހުރުމާއި ނިދުމުގެ އިންތިޒާމުތައް ހަމަޖައްސަނީ އަންހެނުންނެވެ. ހިނގާލުންތަކާއި އެއްވުންތަކުގައި ބައިވެރިވާ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ. ޖަލްސާތަކުގައި ތަރުހީބާއި އަތްތިލަބަޑީގެ ތެރެއިން ތައުރީފުގެ އަޑު އެންމެ ގަދަކުރަނީ އަންހެނުންނެވެ. މުޒާހަރާތަކަށް ނުކުމެ އެންމެ އަޑުހަރުކޮށް ފާޑުކިޔަނީ އަންހެނުންނެވެ. ޕެޕާ ސްޕްރޭ ތަހައްމަލްކޮށް، ހައްޔަރުވެ، ފުލުހުންނާ ކުރިމަތިލާ އަންހެނުންގެ އަދަދު ވެސް މަދެއް ނޫނެވެ.
މި ހުރިހާ ބުރަ މަސައްކަތެއް ކުރުމަށް ފަހު ވެސް ޕާޓީގެ ބަސްވިކޭ ގޮނޑިއެއްގައި އިށީނދެލާ، ކަންކަމާ މެދު ހިޔާލުފާޅުކުރުމުގެ ފުރުސަތު ގިނަ އަންހެނުންނަކަށް ނުލިބެ އެވެ.
އަނީސާ ސިފަކުރެއްވި ގޮތުގައި ސިޔާސީ ޕާޓީތަކުން "އަންހެނުންގެ ބޭނުން ހިފަނީ މަސައްކަތު މީހުންގެ ގޮތުގަ" އެވެ.
"އަޅުގަނޑު ކައިރީގައި ޕާޓީތަކުގެ އެކްޓިވިސްޓުންގެ ގޮތުގައި އުޅޭ އަންހެނުން ދައްކާ ވާހަކަ މިއީ. ތިމަންނަމެންނަށް ފެންވަރާލަން ދާނެ ވަގުތެއް ވެސް ނުލިބެޔޭ ކަންތައްތައް ނިންމާފައި. ދެން ތެޅެމުން ފޮޅެމުން އަންނަ އިރު ގޮނޑިއެއް ނެތިގެން ފަހަތުގައޭ ބައިތިއްބާނީ ވެސް،" އަނީސާ ވިދާޅުވި އެވެ.
"އަނެއްކާވެސް، ތިމަންނަމެން ޖެހޭނީ ތަށިތައް ދޮވުމާއި މިކަހަލަ ކަންކަމުގައި އުޅޭށޭ. ތިމަންނަމެންނަކަށް ނުދޭނޭ ގައުމީ މަޖިލީހުން މަގާމެއް."
ދެން އޭނާ އުފެއްދެވީ މުހިއްމު ސުވާލެކެވެ. ރެލީތަކަށް ނުކުމެ ހަޅޭއްފަޅޭއްލަވާ، ފުލުހުންގެ އަތް ދަށުވެ ހައްޔަރުވެގެން ދާއިރު ވެސް، އަންހެނުން ހިތްހަމަޖެހިގެން ތިބެންވީތޯ އެވެ؟
"އަންހެނުންގެ އަތް މަތީގައި އެބަ އޮތް ވަރަށް ބޮޑު ކަމެއް އިނގޭތޯ. އަންހެނުން ހަމަ ގޮވާލާއިރަށް މި ނުކުންނަނީ ހުރިހާ ކަމެއް ކުރަން. މުޒާހަރާތަކުގައި ވެސް ފުލުހުން އައިސް ބޫޓުތަކުން ތަޅާއިރު ވެސް އަންހެނުން އެ ތިބެނީ ހަމަ އެތާނގައި. ގެންގޮސް ހައްޔަރު ވެސް ވަނީ،" އަނީސާ ވިދާޅުވި އެވެ.
"އެ ހުރިހާ ކަމަކަށް ކުރިމަތިލާން ކެރޭ ކަމަށް ވަންޏާ ބުނަންވީއޭ މިއަދުން ފެށިގެން މަށެއް ނުދާނަމޭ ތި މަސައްކަތެއް ކުރާކަށް، މިވެނި ގޮނޑިއެއްގައި މިވެނި މޭޒެއް ކައިރީގައި ހިޔާލުފާޅުކުރަން ނީނދެވޭ ކަމަށް ވަންޏާ."
އަންހެނުންގެ ދައުރު މުހިއްމު
މަޖިލީހުގައި މިވަގުތު ތިބީ އެންމެ ހަތަރު އަންހެން މެމްބަރުންނެވެ. އެ ހަތަރު މެމްބަރުން ވެސް ނިސްބަތްވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އިދިކޮޅު އަންހެން މެމްބަރަކު ނެތެވެ. އޭގެ ނަތީޖާއަކީ އަންހެނުންނާ ގުޅޭ ބައެއް ކަންކަމުގައި އެކަށީގެންވާ ވަރަށް އަޑު އިއްވޭ ގޮތް ނުވުމެވެ. އޭގެ އެއް މިސާލަކީ މައްސަރު ކަންތަކަށް އެއް ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް ހުށަހެޅި ބިލް ތަޅުމުން ވަގުތުން ބޭރުކޮށްލުމެވެ. މިއީ މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީގެ ފަރާތުން ހުށަހެޅި މުހިއްމު ބިލަކަށް ވީ ގޮތެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު، އެހެން މިސާލެއް ނެންގެވީ، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެވެ.
"އިދިކޮޅު އަންހެން މެމްބަރުން މަޖިލީހުގައި ނެތުމަކީ މިފަދަ ކަންތައްތައް ކުރިމަތިވާ އިރު އަސްލު ވަރަށް ބޮޑު މައްސަލައެއް،" ހީނާ ވިދާޅުވި އެވެ.
ސަފާރީގައި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުންނަށެވެ. އެހެންވެ މަޖިލީހުގެ ތެރެއިން ލިބެންވާ ސަމާލުކަން ލިބިފައިނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. ވެރިކަން ކުރާ މައި ޕާޓީގެ މެމްބަރުން ހަނުތިބޭ ހާލަތުގައި ސަރުކާރު ޒިންމާދާރު ކުރުވަން، އިދިކޮޅުގެ އަންހެން މެމްބަރުން މަޖިލީހުގައި ތިބުން މުހިއްމު ކަމަށް، ހީނާ ގަބޫލުކުރައްވަ އެވެ.
ސިޔާސީ އިސް މަގާމުތަކުގައި އަންހެނުން މަދުވުމުގެ އުނިކަން، މި ރިޕޯޓަށް ވާހަކަ ދެއްކި އަންހެނުން، ވަރަށް ބޮޑަށް ފާހަގަކުރި އެވެ.
"މިސާލަކަށް ބުނަންޏާ އެންޑޯމީޓްރިއޯސިސް ތަހައްމަލު ކުރަމުންދާ ކިތައް އަންހެނުންތޯ އުޅެނީ ރާއްޖޭގައި؟ ޕޮލިސިސްޓިކް އޮވޭރިއަން ސިންޑްރޯމް ތަހައްމަލުކުރާ ކިތައް އަންހެނުންތޯ؟" އިޔާދު ސުވާލުކުރެއްވި އެވެ.
"އެ ބޭފުޅުންނަށް ލިބެންވާ ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭތޯ؟ ބޭސް ލިބޭތޯ؟ ކުޑަމިނުން އާސަންދަ ނުލިބުނަސް ބޭސް އެކަނި ވެސް ރާއްޖެއިން ލިބޭތޯ؟ އެކަހަލަ އެއްވެސް ކަމެއް ނުލިބޭ."
އޭނާ ވިދާޅުވީ އަންހެން މެމްބަރުން މަޖިލިހުގައި ގިނަ ނަމަ އެކަހަލަ މައްސަލަތައް ހައްލުކުރަން ފަސޭހަވާނެ ކަމަށެވެ.
އަނީސާ ފާހަގަކުރެއްވި ގޮތުގައި ކުޑަކުދިން ބޮޑެތިވެގެން ސިޔާސީ މައިދާނަށާއި މުޖުތަމައަށް ނުކުންނަ އިރު އަންހެނުންގެ ތަޖުރިބާތައް ފިރިހެނުންގެ ތަޖުރިބާއާ ވަރަށް ތަފާތުވާނެ އެވެ. އެހެންކަމުން އެކަށީގެންވާ ސިޔާސަތުތަކެއް ހެދޭނީ ދެ ޖިންސުގެ މީހުން ތިބެގެން، އެ ހުރިހާ އެންމެންގެ ދިރިއުޅުމުގެ ތަޖުރިބާ އާއި އެމީހުންނަށް ކުރެވޭ އިހުސާސްތައް އެއްވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނޫނީ ހަމައެކަނި ގިނަ ފިރިހެނުންތަކެއް ތިބެގެން އެމީހުންގެ ވިސްނުން ފޯރާ ހިސާބަކުން އެމީހުން ކަންތައް ކުރާނީ. އެމީހުންގެ ވިސްނުން ނުފޯރާ ބައެއް ކަހަލަ ކަންތައްތައް ހުންނާނެ ދިރިއުޅުމުގެ ތަޖުރިބާތައް ތަފާތު ވީމަ،" އަނީސާ ވިދާޅުވި އެވެ.
އަދިވެސް ގޮންޖެހުންތައް
ފުރުސަތުތަކުގެ ބޭނުންހިފުމުގެ ނިޔަތުގައި އެކި ދާއިރާތަކަށް އަންހެނުން ނުކުތަސް، އަދިވެސް ބައެއް ނުރަނގަޅު އާދަތަކުން ފިރިހެނުންނަށް ދުރަކަށް ނުދެވެ އެވެ. އިޔާދު ވިދާޅުވި ގޮތުގައި ކޮފީއަށް ދާން ކިޔުމާއި ދަންވަރު މެސެޖު ކުރުމާއި ފާރަލުން ފަދަ ކަންކަން ޒިންމާދާރު ބޮޑެތި މަގާމުތަކުގައި ތިބޭ ފިރިހެނުންގެ ފަރާތުން ފެނެ އެވެ.
"އަޅުގަނޑު ބޭނުމެއް ނުވާނެ ދޯ، އަޅުގަނޑުގެ އަގު ވެއްޓޭކަށް؟ މާދަމާ އަޅުގަނޑު [މަގާމަކަށް ކުރިމަތިލާން] ނުކުންނައިރު ނޭނގެ އަޅުގަނޑޭ ކިޔައިގެން ނެރޭނީ ކޮން ވާހަކައެއް ކަމެއް ވެސް، ހަދާނީ ކޮން ކަހަލަ ފޮޓޯގަނޑެއް ކަމެއް ވެސް،" އަންހެނުންގެ 'ކްރެޑިބިލިޓީ' ދުއްވާލަން އާއްމުކޮށް ކުރާ ބައެއް ކަންކަމަށް އިޝާރަތްކުރައްވާ އޭނާ ވިދާޅުވި އެވެ.
އެފަދަ ކަންކަން އަދިވެސް މުޖުތަމައުން ފިލައިގެން ނުދަނީ ކީއްވެގެންކަން އަނީސާއަށް އެނގިވަޑައިގަނެ އެވެ. އޭނާ ވިދާޅުވީ "އަންހެނުންނަކީ ހަމައެކަނި ގޭގައި ތިބެން ޖެހޭ ބައެއް" ކަމަށް ދެކޭ މީހުން ގިނައީ ކަމަށެވެ.
"އަންހެނުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންތަކެއް ކަމަށް ގަބޫލުކުރާ ބަޔަކު އުޅޭތީ ފުރައްސާރަ ދިމާވަނީ،" އަނީސާ ވިދާޅުވި އެވެ.
އޭނާ ވަނީ ދިގު ސިޔާސީ ކެރިއަރުގައި އެފަދަ އެތައް ކަމެއް ތަޖުރިބާ ކުރައްވައިފަ އެވެ. އަދި މިހާރު ވެސް އެފަދަ ތަޖުރިބާތައް ކުރައްވަ އެވެ. އޭނާއަށް ދަސްވީ ކެރިގެން ކަންކަމާ ކުރިމަތިލެއްވުމުގެ ފިލާވަޅެވެ.
ފުރައްސާރައާ ކުރިމަތި ވާ ނަމަ "ވަރަށް ހިތްވަރު ވެސް ކުރަން ޖެހޭނެ،" އަނީސާ ވިދާޅުވި އެވެ.
"[ފުރައްސާރަ ކުރިޔޭ] ކިޔާފަ އެކަމުން ދުރުވީމަ ދެން ކާމިޔާބެއް ނުލިބޭނެ. ހަގީގަތުގަ ފުރައްސާރަ ކުރާ މީހުންގެ އެންމެ މައިގަނޑު ބޭނުމަކީ ވެސް އެއީ. އެމީހުން ބޭނުންވަނީ ކޮންމެވެސް ގޮތަކުން އަންހެނުން އެތަނުން ފައްސާލަން. ފުރައްސާރަ ކުރީމަ ޖެހިލުން ވާކަން އެބަ އެނގޭ، ކަންބޮޑު ވާކަން އެބަ އެނގޭ، ބިރު ވެސް ގަންނަކަން އެބަ އެނގޭ. އެހެންވީމަ 'އިންޓިމިޑޭޓް' ކުރުމުގެ ގޮތުން ވެސް އެ ކަންތައްތައް ކުރޭ،" އަނީސާ ވިދާޅުވި އެވެ.
ސިޔާސީ ދާއިރާއަށް ނުކުތުމުން ކުރިމަތިވާ ފުރައްސާރަ އަކީ ހަމަ ގަސްތުގައި އަންހެނުން ފަހަތަށް ޖައްސަން ކުރާ ކަމެއް ކަމަށް ހީނާ ވެސް ގަބޫލުކުރައްވަ އެވެ.
"އެހެން ނަމަވެސް ފަހަތަށް ނުޖެހި ކުރިއަށް ދިޔުން އެންމެ މުހިއްމު ކަމަކީ. މިއީ މިކަން ކުރަމުން އަންނަ ގޮތް ކަން، މިއީ ޓްރެންޑެއްކަން ދަނެގެން، ގޮތުގައި ހިފަހައްޓައިގެން ހިތްވަރާ އެކު ކުރިއަށް ދިޔައިމަ ހަމަ ކުރިއަށް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.
މާލީ ގޮންޖެހުންތައް
ދެން އޮތީ އެފަދަ ކަންކަމަށް އަންހެނަކު ނުކުންނަން ބަލާއިރު ކުރިމަތިވާ މާލީ ގޮންޖެހުމެވެ.
"[މަގާމަކަށް ކުރިމަތިލާއިރު] ފައިސާ އާއި ނުފޫޒާއި ކޮރަޕްޝަން ހިމެނޭ އޭގެ ތެރޭގައި، އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން. އެހެންވީމަ އަޑުގަދަ މީހާގެ ރުއް ގިނަވާ ގޮތަށް ފައިސާ ހުންނަ މީހާއަށް ފުރުސަތުތައް ފަހިވެގެންދާ ކަހަލަ ގޮތަށް މުޖުތަމައުގެ ތެރޭގައި މި އޮންނަނީ،" ޕީޕީއެމްގެ ހީނާ ވިދާޅުވި އެވެ.
"އެހެންވީމަ ގާބިލް މީހާއަށް، ނުވަތަ އެންމެ އެކަށީގެންވާ މީހާއަށް އެ ލިބެންޖެހޭ ފުރުސަތެއް ނުލިބޭ ހަގީގަތުގައި. އެކަން ރަނގަޅު ކުރެވިގެން ނޫނީ އަންހެނުންނަށް އެ ލިބެންޖެހޭ ހައްގު މަގާމެއް ނުލިބޭނެ."
އަމިއްލަ ފައިސާއިން ނޫން ގޮތެއްގައި ރާއްޖޭގައި ގިނަ ފަހަރަށް ކެންޑިޑޭޓުން ނެރެނީ ޕާޓީގެ ހަރަދުގައި، ނުވަތަ ކޮންމެވެސް ބޮޑު ވިޔަފާރިވެރިއެއްގެ ސްޕޮންސާ ލިބިގެންނެވެ. އަންހެނުންނަށް މި ގޮތްގޮތުން މާލީ އެހީތެރިކަން ލިބުމުގައި ކުރިމަތިވަނީ މައިގަނޑު ދެ ގޮންޖެހުމެއް ކަމަށް އަނީސާ ފާހަގަކުރެއްވި އެވެ. އެއީ:
-
އަންހެނަކަށް ކާމިޔާބު ނުވާނެ ކަމަށް ގަބޫލުކުރުން
-
އަންހެނަކު މަގާމަށް ހޮވުނު ނަމަވެސް ހަރަދުކޮށްދޭ މީހާއަށް ޒާތީ މަންފާ ހޯދާ ނުދޭނެ ކަމަށް ބެލެވުން
އަނީސާ ވިދާޅުވީ ފައިސާވެރިން އާންމުކޮށް ސިޔާސީ މީހުންނަށް އިންވެސްޓް ކުރަނީ އަމިއްލަ އެދުންތަކެއް އޮވެގެން، އިންތިހާބުވުމުން، ހަރަދުކުރި މީހާއަށް އެކަމުގެ ފައިދާ ލިބޭނެ ކަމަށް ބަލައިގެން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮރަޕްޝަންގެ އިންޑެކްސް އަށް ބަލާއިރު، ފިރިހެނުންނަށް ވުރެ އަންހެނުންގެ ކޮރަޕްޝަން ކުޑަ އެވެ.
ދީނީ ހަރުކަށިކަން
ދީނީ ގޮތުން ގެންގުޅޭ ހަރުކަށި ވިސްނުންތަކަކީ ވެސް ރާއްޖޭގެ މުޖުތަމައުގައި ބޮޑުވަމުންދާ ގޮންޖެހުމެކެވެ. އަނީސާ އަކީ ރައްޔިތުންގެ މަޖިލީހަށް ދެވަނަ ފަހަރަށް އިންތިހާބުވެގެން ފުރުއްވި ފަހު ދައުރުގައި އެކަން ވަރަށް ބޮޑަށް ތަޖުރިބާ ކުރެއްވި ބޭފުޅެކެވެ.
"އޭރު އަޅުގަނޑާ ދިމާލަށް މަޖިލީހުގެ ބައެއް މެމްބަރުންވެސް ކިޔާނެ 'އިސްލާމްދީނާ ހިލާފަށް މަހުރަމަކާ ނުލާ ގޮސް ކެމްޕޭން ކޮށްގެން އައިސް މި ގޮނޑީގައި އިނދެގެން އަޑުގަދަކޮށް ވާހަކަދައްކަނީ' ކަމަށް."
ދީން ނިވާފަތްގަނޑަކަށް ހަދައިގެން އަންހެނުން ދަށްކޮށްލުމާއި އަންހެނުންނަށް ކުޑައިމީސްވާ ގޮތަށް ވާހަކަދެއްކުމުގެ ކަންކަން ކުރިޔާ އަޅާބަލާއިރު މިހާރު އިތުރުވަމުންދާކަން ވެސް އަނީސާ ފާހަގަކުރެއްވި އެވެ.
"އެގޮތަށް ދީނީ ކަމެކޭ ކިޔައިގެން ވާހަކަ ފަތުރާ މީހުންގެ ބޭނުމަކީ ވެސް އަންހެނުން ގޭތެރޭގައި ބޭތިއްބުން. އެހެންވީމަ އެމީހުން އެ ވާހަކަ ދައްކާނެ. އެ ދައްކާ ހުރިހާ ވާހަކައަކީ ހަގީގަތް ކަމުގައި ބަލައިގެން ބަޔަކު އުޅެންވެއްޖެއީވިއްޔާ ދެން ތިބެންޖެހޭނީ ހަމަ ތިބި ގޮތަށް."
އަނީސާގެ ނަސޭހަތަކީ އަންހެނުން އަމިއްލައަށް ދީނީ ކަންކަން ކިޔަވައި އޮޅުންފިލުވުމެވެ. މިދަފަ ކަންކަމާ ކުރިމަތިލެވޭނީ ދީނީ ކަންކަމަށް އަހުލުވެރިވެ، ދީނުގައި އޮންނަ ރަނގަޅު ގޮތް އެނގިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީތަކުގެ ޒިންމާ ބޮޑު، އަދާކުރެވޭތަ؟
އިޔާދު ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ގޮތުން އަންހެނުން ކުރިއަށްދިޔުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަން ޖެހެނީ ޕާޓީތަކުންނެވެ. އަނީސާ ވެސް ވިދާޅުވީ "މައިގަނޑު ޒިންމާ އޮތީ ޕާޓީތަކުގައި" ކަމަށެވެ.
ކެރޭ ގާބިލު އަންހެނުންނަށް ފުރުސަތު ފަހިކޮށްދީ، ސިޔާސީ ދާއިރާއަށް ނެރުމުގައި އެންމެ ބޮޑު ރޯލެއް ކުޅެވޭނީ ޕާޓީތަކަށެވެ. އެމީހުންނަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދީ، ކެމްޕޭން ކޮށްދީ، ކުރިއެރުވުމުގެ މުގުލުގައި ތިބޭނީ ވެސް ޕާޓީތަކެވެ. ހާއްސަކޮށް، ރާއްޖޭގެ ސިޔާސީ މަސްރަހު ބައްޓަންވެފައިވާ ގޮތުން، ޕާޓީ އަކާ ނުލާ އަމިއްލަ ގޮތުން ކުރިއެރުން ހޯދުމަކީ ވަރަށް އުނދަގޫ، ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
ސިޔާސީ ހަރަކާތްތަކުގެ މުގުލުގައި އަންހެނުންގެ ހިދުމަތްތެރިކަން ބޮޑުވެފައި، މުހިއްމުކަން ޕާޓީތަކުގެ ފިރިހެނުން ވެސް ގަބޫލުކުރެ އެވެ. އަންހެނުންނާ ނުލާ އެފަދަ އެއްވެސް ހަރަކާތެއް ނުވެސް ހިނގާނެކަން ވެސް އެނގެ އެވެ. އެކަމުގެ ހެއްކަކީ ޕޯޑިއަމްތަކަށް އަރާ ޕާޓީތަކުގެ ލީޑަރުން އަންހެނުންނަށް ކުރާ ތައުރީފެވެ.
އެހެންނަމަވެސް، އެއީ ހަމަ ހުސް ވާހަކަ އެވެ. ޝަކުވާއެއް ކޮށްފާނެތީ މަސަލަސްކޮށްލަން މަތި އޮމާން ކޮށްލުމެވެ. އަންހެނުންގެ ގާބިލްކަމާއި ކެރުންތެރިކަމާއި ހިތްވަރަށް ކިތަންމެ ވަރަކަށް ތައުރީފު ކުރިޔަސް، ޕާޓީތަކުގެ އަމަލުތަކުން އެކަން ފެންނަނީ ކުޑަ މިންވަރަކަށެވެ. އަންހެނުންގެ ބައިވެރިވުން ޕާޓީ ފެންވަރުގައި އިތުރު ކުރުމަށް ކޮންމެ ޕާޓީއަކުން ކޯޓާއެއް ކަނޑައަޅަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިދިޔަ އަހަރު ހުށަހެޅި ހުށަހެޅުމަށް ރާއްޖޭގެ ބޮޑެތި ގިނަ ޕާޓީތަކުން ދެކޮޅު ހެދުމަކީ ވެސް މީގެ މިސާލެކެވެ.
އިޔާދު ވިދާޅުވީ މިހާރު ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުގައި އޮންނަ އުސޫލަކީ "ހުރިހާ ފިރިހެނުންނަށް ބަހާ ނިންމާފަ، ދެން ބާކީވާ އެއްޗެއް އަންހެނަކަށް" ދިނުމުގެ އުސޫލު ކަމަށެވެ. އެހެންނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމްއެންޕީގެ ލީޑާޝިޕުން އަންހެނުން ގިނަ ޖާގަތަކެއް ހޯދާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ދާއިމީ ކުރިއެރުމެއް ލިބޭނީ ރަނގަޅު ޖީލެއް ބިނާކޮށްގެން
ރާއްޖޭގައި ވެސް، ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް އޮންނަނީ ޕެޓްރިއާކީގެ މައްޗަށް ބިނާވެފައި އޮތް މުޖުތަމައެކެވެ. އެފަދަ މުޖުތަމައުތަކުން ގަބޫލުކުރާ ގޮތުގައި އަންހެނުންނަކީ ފިރިހެނުންގެ އަމުރުވެރިކަމުގެ ދަށުގައި ތިބެންޖެހޭ ބައެކެވެ. އަންހެނުންނަށް ހާއްސަ ކުރެވިފައިވަނީ ގޭތެރޭގެ މަސައްކަތާއި ދަރިން ބެލުމާއި އެެންމީހުންނަށް އަޅާލުން ފަދަ ކަންކަމެވެ. ބެލެވިފައި އޮންނަނީ އެ ނޫން ކަންކަމަށް އަންހެނުންގެ ސިކުނޑި ނުހުޅުވޭ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ފުރަތަމަ ކުރަންވީ ކަމަކީ، މައިންބަފައިން ފުރަތަމަ ދަރިން ލިބޭ ހިސާބުން ފެށިގެން އެ ތަފާތު ނެތް ގޮތަށް ދަރިން ބޮޑެތި ކުރަންވީ،" އަނީސާ ވިދާޅުވި އެވެ.
އުފެދުމުގައި ތޮބީއީ ގޮތުން ހުންނަ ތަފާތު ފިޔަވައި ފިރިހެންކުދިންނާއި އަންހެންކުދިންނާ ދެމެދުގައި ތަފާތެއް ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ. ސިކުނޑީގެ ގޮތުންނާއި ވިސްނުމާއި ފިކުރާއި އެހެނިހެން ގިނަ ކަންކަމުގައި ވެސް އަންހެނުންނާއި ފިރިހެނުން އެއްވަރެވެ. މުޖުތަމައުގެ ތެރެއިން މި ފެންނަ ބަދަލަކީ އެމީހުން ތަރުބިއްޔަތު ކުރެވޭ ގޮތުގެ ސަބަބުން އަންނަ ބަދަލެވެ.
އޭގެ މިސާލަކީ، އޭނާ ވިދާޅުވި ގޮތުގައި، މިހާރު ތައުލީމީ ދާއިރާއިން އަންހެނުން ހޯދަމުން އަންނަ ކާމިޔާބީ އެވެ.
"ކުރީ ޒަމާނުގައި އަޅުގަނޑު ޒުވާން އިރުގައި އަންހެން ކުދިން ވަރަށް މަދުވާނެ މަތީ ތައުލީމު ހާސިލް ކޮށްފައި ތިބި. އެއާ ހިލާފަށް މިހާރު އެކަން ރިވާސް ވެއްޖެ، މިހާރު ނިސްބަތުން ގިނައީ މަތީ ތައުލީމު ހާސިލްކުރާ އަންހެން ކުދިން. އެހެންވީމަ އެބަ އެނގޭ ފުރުސަތު ދީ، އެކަން ކުރުމަށް މަގުފަހިކޮށްދީފިއްޔާ އަންހެނެއް ފިރިހެނެއް ނެތްކަން. އުނގެނުމުގައި ތަފާތެއް ނެތިއްޔާ ދެން އެހެން ކަންކަމުގައި ކޮބާތޯ ތަފާތެއް؟"
އެހެންކަމުން މުޖުތަމައުގެ ތެރޭގައި އަންހެނުންނަށް ދެވަނަ ދަރަޖަ ދެވޭ ވިސްނުން ބަދަލު ކުރެވޭނީ ގޭތެރެއިންނާއި ސްކޫލް މާހައުލުގެ ތެރެއިން ވެސް އަންހެން-ފިރިހެން ތަފާތު ކުރުމަކާ ނުލާ ޖީލެއް ބިނާ ކުރެވިގެން ކަމަށް އަނީސާ ދެކެވަޑައިގަންނަވަ އެވެ.
"[ތަފާތު ނުކޮށް] އަޅުގަނޑުމެން ޖީލެއް ބިނާ ކޮށްފިއްޔާ، އެމީހުން ބޮޑެތި ވެގެން ދިރިއުޅުމުގެ މައިދާނަށް ނުކުންނަ އިރު އެމީހުންނަށް އެއްކަލަ ތަފާތެއް ނުފެންނާނެ."
ޖަސިންޑާ އާޑަން އާއި އެލެގްޒެންޑްރިއާ އޮކާސީއޯ ކޯޓޭޒް ފަދަ ވަރުގަދަ އަންހެން ލީޑަރުން ފެނި، ރާއްޖޭގެ ސިޔާސީ މައިދާނުން އެފަދަ އަންހެނަކު ނުކުންނާނެ ކަމުގެ އުންމީދުގައި އެތައް ޒުވާނުންނާއި އަންހެން ކުދިންނެއް އެބަތިއްބެވެ. އެކަމަކު އެ ހިސާބަށް ދާން ތިރީ ހަރުފަތުން ފަށައިގެން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.
"ކަރުދާހުގައި މިސާލަކަށް އަޅުގަނޑުމެންނަށް ލިޔެވިދާނެ އަންހެނުންނަށް ފުރުސަތުތައް ދޭން ޖެހެއޭ، އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރަން ޖެހެއޭ. އެކަމަކު އެ ކަންކަން ތަންފީޒު ކުރުމަށްޓަކައި ހެޔޮ ނިޔަތެއްގައި މަސައްކަތް ކުރެވެން އެބަ ޖެހޭ ހުރިހާ ލެވެލްއެއްގައި،" ހީނާ ވިދާޅުވި އެވެ.
ދެން އެންމެ ބޭނުންވަނީ އަންހެނުންގެ ކެރުންތެރިކަމާއި ހިތްވަރެވެ. ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް ގޮސް ކާމިޔާބު ހޯދުމުގެ އަޒުމެވެ.
"އަންހެނުން އަމިއްލައަށް އެމީހުންގެ އަގު ވަޒަން ކުރަން އެބަ ޖެހޭ. އަންހެނުންގެ އަގު އަންހެނުން ވަޒަން ނުކުރީވިއްޔާ އެހެން ބަޔަކު ވަޒަން ނުކުރާކަން އެބަ އެނގޭ އަޅުގަނޑުމެންނަށް،" އަނީސާ ވިދާޅުވި އެވެ.
ކޮމެންޓް (5)
މުހައްމަދާ
އަހަންމަދާ
މުޙައްމަދާ
ސަމީރު
އޯކޭ