
ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ، ރާއްޖޭގެ ޒުވާން ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު) އަށް އިރުޝާދުދެނީ: ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭނީ ލެބެނަން އާއި ބަންގްލަދޭޝް އާއި ބޫޓާނާ ދެކޮޅަށް --ފޮޓޯ/އެފްއޭއެމް
ގައުމީ ޓީމު ފުރައިފި، ގައުމަށްޓަކައި އުއްމީދެއްގައި ތިބެމާ!
ކުޅިވަރުގައި ވެސް އެންމެ އިސްކުރަން ޖެހެނީ އަބަދުވެސް ގައުމެވެ. ކުޅިވަރުގެ ގައުމީ ބައެއް އެސޯސިއޭޝަންތަކުގައި ބޮޑެތި މައްސަލަތައް ހުއްޓަސް އެ ކުޅިވަރުތަކުގެ ހުނަރުވެރިން ގައުމު ތަމްސީލްކުރެ އެވެ. ހިތްވަރުކޮށް ނަތީޖާއެއް ނެރެވޭތޯ މަސައްކަތްކުރެ އެވެ.
މިހާރު މި އޮތީ އަނެއްކާވެސް ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު، ފުޓްބޯޅާގައި ގައުމު އިސްކުރަން ޖެހިފަ އެވެ. އެފްއޭއެމްގެ ތެރޭގައި ހުރި ހައްލުނުކުރެވޭ މައްސަލަތަކުން އެ ކުޅިވަރަށް އުނިކަން ކުރިމަތިވިޔަސް، ގައުމީ ޓީމަށްޓަކައި އަހަރެމެން އެންމެން ތިބެނީ އެކައްޗެއް ކިޔައިގެންނެވެ.

ގައުމީ ޓީމު މިއަދު ފުރައިފި އެވެ. ފުރަތަމަ މަންޒިލަކީ 10 ދުވަހުގެ ތަމްރީންތަކެއް ފުރިހަމަކުރަން ޖަޕާން އެވެ. އޭގެ ފަހުން މިސްރާބު ޖަހާނީ މި މަހު 21ގައި ފަށާ ސާފް ޗެމްޕިއަންޝިޕް އޮންނަ އިންޑިއާގެ ބެންގަލޫރަށެވެ.
ގައުމީ ޓީމުގެ ތަމްރީންތަކުގައި ޖަޕާނަށް ދިއުމަކީ އާންމު ކަމެއް ނޫނެވެ. ނަމަވެސް ޖަޕާންގެ ފުޓްބޯލް އެސޯސިއޭޝަނާއި އެފްއޭއެމްއާ ދެމެދު އޮތް ގުޅުން ރަނގަޅުވުމުން އެ ގައުމުން މިހާރު މިކަހަލަ ފުރުސަތުތައް ލިބެ އެވެ. ޖަޕާނަކީ އޭޝިއާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ގައުމު ކަމުން، މި ތަމްރީންތަކުން އެކަށީގެންވާ ކުރިއެރުމެއް ކުޅުންތެރިންނަށް ލިބުން ކައިރި އެވެ.

މި ވަގުތު ގިނަ ދިވެހިންގެ ހަނދާނަށް އަންނާނީ އަމިއްލަ ފަސްގަނޑުގައި، 2021ގައި، އޮތް ސާފް ޗެމްޕިއަންޝިޕެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން މުޅިން ސަލާމަތްވުމުގެ ކުރިން އޮތް އެ މުބާރާތުގައި ގަލޮޅު ދަނޑު ރަތުން ޖަރީކޮށްލި ގޮތާއި، ދިވެހިން ނެގި ފޯރީގެ އަޑުތައް ހަނދާނުން އަދި ފޮހެވޭ ވަރެއް ނުވެ އެވެ.

މަތީގައި އެވަނީ އެ މުބާރާތުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެއަށް ޕެނެލްޓީ ލިބުނު ގޮތެވެ. ޒުވާން ފޯވަޑް ނާއިޒް ހަސަން (ދާދު)އަށް މެދު ރޮނގާ ހަމައިން ލިބުނު ބޯޅަ ހިފައިގެން އޭނާ ދިޔަލެއް ބާރެވެ. އޭނާގެ ފަހަތުން އައި ބަންގްލަދޭޝްގެ ކުޅުންތެރިޔާއަށް އޭނާއަށް ފައުލްކުރުން ނޫން ގޮތެއް ނުފެނުނެވެ.
އެކަމަކު އެ މެޗުން މޮޅުވި ނަމަވެސް ރާއްޖެއަށް މުބާރާތުގެ ފައިނަލަކަށް ނުދެވުނެވެ. ލީގު އުސޫލުން އެއް ބުރު ކުޅުނު މުބާރާތުގެ ފަހު މެޗުގައި ރާއްޖެއަށް އެ ފުރުސަތު ގެއްލުނީ އިންޑިއާ އަތުން 3-1 އިން ބަލިވެގެންނެވެ. އެތައް ހާސް ދިވެހިންގެ ހަޅޭއްކާއި ހިތްވަރުދިނުމުގެ ތެރޭގައި ވެސް، އެފަހަރުގެ ފައިނަލުން ޖާގައެއް ނުލިބުނެވެ.
ހަނދާންތައް އާކޮށްލަން ކުރީގެ ލިއުންތަކެއް


ރާއްޖޭގެ ކްލަބްތަކުގެ ފުޓްބޯޅަ މެޗުތައް ބަލަން ގަލޮޅު ދަނޑަށް މިހާރު މީހުންނެއް ނުވަދެ އެވެ. އެހެންކަމުން ކުޅުންތެރިންގެ މުޅި އަހަރު ދުވަހުގެ ހުނަރުވެރިކަން އޮންނަނީ ގިނަ ދިވެހިންނަށް ނުފެނި އެވެ. ރާއްޖޭގައި އުފެދޭ ފުޓްބޯޅަ ތަރިން މިހާރު އާންމުންގެ ލޮލުގައި އަޅައިގަންނަނީ ބޮޑެތި މުބާރާތްތަކުގައި ގައުމު ތަމްސީލްކުރާއިރު އެވެ.
އެ ދުވަސް އަންނަން ދެން މި އޮތީ ގާތްގަނޑަކަށް ދެ ހަފުތާ އެވެ. ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.



ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ މެޗުތައް
-
22 ޖޫން: ރާއްޖެ - ބޫޓާން
-
25 ޖޫން: ރާއްޖެ - ބަންގްލަދޭޝް
-
28 ޖޫން: ރާއްޖެ - ލެބެނަން
މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ވަރަށް ތަފާތު މުބާރާތެކެވެ. މީގެ ކުރިން ސައުތު އޭޝިއާ ސަރަހައްދުން ބޭރުގެ ގައުމަކަށް ދައުވަތެއް ނުދެ އެވެ. އެކަމަކު މިފަހަރު ލެބަނަންގެ އިތުރުން އަރަބި އެހެން ގައުމެއް ކަމަށްވާ ކުވޭތުގެ ގައުމީ ޓީމު ވެސް ވާދަކުރާނެ އެވެ. އެހެންކަމުން ކުރީގެ މުބާރާތްތަކާ ހިލާފަށް ޗެމްޕިއަންކަން ހޯދުމުގެ ފެވަރިޓް ޓީމުތަކުން ރާއްޖެ މި އޮތީ ބާކީވެފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ 26 އަހަރުގެ ތާރީހުގައި ރާއްޖެ ސެމީ ފައިނަލަށް ނުގޮސް ކަޓާފައެއް ނުވެ އެވެ. މިފަހަރު ވެސް އެ ފުރުސަތު އެބަ އޮތެވެ. ޓީމުތަކުގެ ފެންވަރަށް ބަލާ ނަމަ ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު އޮންނާނީ ލެބަނަނާ އެކު ސެމީން ޖާގަ ހޯދުމުގެ ލަނޑުދަނޑިއެކެވެ.
އުއްމީދުކުރަންވީ އަބަދުވެސް ކާމިޔާބީއަށެވެ. ފުޓްބޯޅައަކީ ދިވެހިންގެ ކުޅިވަރެވެ. ގައުމީ ޓީމަކީ ދިވެހިން އަބަދުވެސް އެކުވެރިކޮށް، ގައުމަށްޓަކައި އެއް އަޑަކުން ހިތްވަރުދޭން މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން އަނެއްކާވެސް މި އޮތީ ގައުމަށްޓަކައި އުއްމީދުގައި ތިބެން ޖެހޭ ވަގުތުކޮޅެއް އައިސްފަ އެވެ.
ގައުމީ ޓީމަށް ބާއްޖަވެރި ދަތުރަކަށް އެދެމެވެ. އަދި އުފާވެރި ކާމިޔާބީއަކަށް އުއްމީދުކޮށް، ހެޔޮ ދުއާ ވެސް ކުރަމު އެވެ.

