އަންހެނުންގެ ދުވަހުގެ އިހްސާސްތަކާއި ޝުއޫރުތައް

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މަގުސަދަކީ އަންހެނުން ބާރުވެރިކޮށް، އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ވަކާލާތުކުރުން
8 މާރިޗު 2023

އަންހެނުންގެ ދުވަސް ފާހަގަކުރަނީ އަންހެނުން އަދާކުރާ ދައުރުގެ އަގުވަޒަންކޮށް، އަންހެނުންނާ މެދު ގެންގުޅޭ އެކި ކަހަލަ ތަފާތުކުރުންތައް ނައްތާލަން ހޭލުންތެރިކޮށް، އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދާދިނުމަށް ވަކާލާތު ކުރުމަށެވެ.

މިއީ ރާއްޖޭގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ބައެއް އަންހެނުންނަށް އަންހެނުންގެ ދުވަސް މާނަ ކުރެވޭ ގޮތާއި މުޖުތަމައުގައި ބަދަލުވާން އެ މީހުން އެދޭ ކަންކަމާއި ދޭން ބޭނުންވާ މެސެޖުތަައް އަދި ދުވަހާ ގުޅޭ ގޮތުން ކުރެވޭ އިހްސާސްތަކާއި ޝުއޫރުތަކެވެ.

1. ހީނާ ވަލީދު

ހީނާ ވަލީދު، ސްޕޯކްސްޕާސަން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

"އަންހެނުންގެ ދުވަހުގެ ތަހުނިޔާ ރާާއްޖޭގެ ހުރިހާ ލޮބުވެތި ކަނބަލުންނަށް އަރިސްކުރަން.

ހަމަހަމަ ޖީލެއް ބިނާކުރެވޭނީ އެކަމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްގެން. އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް އަންހެނުން ބާރުވެރި ކުރުމަކީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައިވާ ވާހަކަތަކަށް ނަހަދާ، އަންހުންނަށް އެކަންކަން ފަހިކޮށްދިނުމަށް އަމަލީގޮތުން މަސައްކަތްކޮށްދެއްވާ.

ގައުމު ތަރައްގީކޮށް ރަނގަޅު ޖީލެއް ބިނާކުރުމުގައި އަންހެނުންނަށް ބަސްބުނުމާއި ކަންކަން ނިންމުމާއި ކަންކަން ރޭވުމުގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި ލިބެންޖެހޭ. އަންހެނުންގެ ކުރިއެރުމަށްހުރި ގޮންޖެހުންތައް ގިނަގުނަ. އެކަންކަން ނައްތާލުމަށް މަސައްކަތްކޮށްދެއްވާ."

2. މަރިޔަމް މުހައްމަދު

މަރިޔަމް މުހައްމަދު، ސަކްސެސް ކޯޗު (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

"ދިރިއުޅުމުގައި ވަރަށް ގިނަ ފަހަރު މީހުން ނޫނެކޭ ބުނާނެ. ހާއްސަކޮށް އަންހެނަކަށް ވީތީ ދަށްކޮށްލުމުގެ ނަޒަރަކުން ވެސް ކަންކަން ކޮށްފާނެ.

އެކަހަލަ ވަގުތުތަކުގައި ހިތްވަރުގަދަކޮށް އެމީހުންގެ ބަސްތަކަށް ބީރު ކަންފަތެއް ދީ ކުރިއަށް ދިޔުން ވަރަށް މުހިންމުވާނެ. އަބަދުވެސް ވިސްނަންވާނީ މުހިންމީ ތިމާ އަމިއްލަ ނަފްސަށް ބުނާ އެތިކަން. ހިތްވަރު އެލުވާނުލާ ކުރިއަށް ދާތި. އިންޝާ ﷲ ތިމާގެ މަސައްކަތުގެ ފޮނި ނަތީޖާ އަދި ފެންނާނެ."

3. އައިޝަތު މާވީ

އައިޝަތު މާވީ، ޕަަބްލިކް ރިލޭޝަންސް ޑިރެކްޓަރު، ބެނެފިޓް އެންޖީއޯ (ފޮޓޯ/ބެނެފިޓް)
އައިޝަތު މާވީ، ޕަަބްލިކް ރިލޭޝަންސް ޑިރެކްޓަރު، ބެނެފިޓް އެންޖީއޯ (ފޮޓޯ/ބެނެފިޓް)

"އަންހެނުންނަށް ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ، ރަނގަޅު ފެންވަރެއްގެ ޗައިލްޑްކެއާ ހިދުމަތްތައް އެކަށީގެންވާ އަގެއްގައި ނުލިބުން. މާވީގެ އަމިއްލަ ތަޖުރިބާއިން ބުނާ ނަމަ، އެއް އަހަރުގެ ތުއްތު ކުއްޖެއްގެ މަންމައަކަށް ވުމުން، މަސައްކަތަަށް އަނބުރާ ނުކުތުމަށް ދަރިފުޅު ބެލުން މަންމައާ ހަވާލުކުރުން. މިއީ ހުރިހާ މައިންނަށް އޮތް ފުރުސަތަކަށް ނުވެދާނެ. މީގެ އިތުރުން، މަސައްކަތް ކުރަންޖެހެނީ ފްލެކްސިބަލްކޮށް. ދަރިފުޅުގެ ކަންކަން އިސްކޮށްގެން. ކެރިއާގައި ކުރި ހޯދުން ޖެހެނީ މަޑުޖައްސާލަން.

ގިނަ ފަހަރަށް ދަރިން ލިބުމުން މަސައްކަތަށް ނުކުންނަ ނަމަ އަންހެނުން ޖެެހެނީ، އެހެން އަންހެނަކާ ދަރިފުޅު ހަވާލުކުރަން. މި މަސައްކަތް ވެސް އެ އަންހެނުން ކުރަނީ ހިލޭ ސާބަހަށް. 

އެހެންކަމުން، މާވީ ގަބޫލުކުރާ ގޮތުގައި، މިއީ ހުރިހާ އާއިލާތަކެއްގެ ބޭނުންތަކަށް، ފަސޭހައިން ލިބޭނެ އަދި އަގުހެޔޮކޮށް ކުޑަކުދިން ބަލަހައްޓާ ހިދުމަތްތަކަށް އިންވެސްޓް ކުރަންވީ ވަގުތު.

 މައިންނާއި އަންހެން ދަރިންނާއި އަންނަން އޮތް ޖީލުތަކުގެ އަންހެނުންނަށް، މަސައްކަތަށް ނުކުންނަ އިރު ދަރިން ތިބީ ރައްކާތެރި މާހައުލެއްގައިކަން، އެ ޔަގީންކަން ލިބެންވޭ."

4. ހަޒްރަތު ރަޝީދު ހުސެއިން

ހަޒްރަތު ރަޝީދު ހުސެއިން، ދިރާގުގެ ލީގަލް ޑިރެކްޓަރު އަދި ކޮމްޕެނީ ސެކްރެޓަރީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

"އަންހެނުން ދުވަހުގެ ބޭނުމަކީ އަންހެނުންގެ ބުރަ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުން. މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އަންހެނެއް ވިޔަސް، އާއިލާ ބަލަހައްޓާ އަންހެނެއް ވިޔަސް އަދި މުޖުތަމައުއަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރާ މީހެއް ކަމުގައިވީ ނަމަވެސް، އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް ބަދަލެއް ގެނެވޭނެ މީހެއް ކަމުގައި ދަންނާށޭ."

5. އިންޝާ އަހުމަދު

އިންޝާ އަހުމަދު، ސްކައިރޮކް ބޭންޑްގެ ލަވަކިޔުންތެރިޔާ  (ދައުރު ފޮޓޯ/އަބްދުﷲ ޔާޝާއު)

"އަންހެނުންނަކީ ޖީލުތައް ބިނާކުރުމުގެ ހިތްވަރު ހުރި ވަރުގަދަ، ގާބިލް ބައެއް. އަހަރެމެންގެ ތެރެއިން އެއްވެސް މީހަކު ނުހުންނާނެ، އަންހެނެއްގެ ފުށުން އުފަން ނުވާ.

"ދިވެހި އަންހެނުން ވަނީ ކުރިއާ އަޅާބަލާއިރު ކުރިއަށް ޖެހިފައި. ސައިކަލު، ޓެކްސީ އަދި ބަސް ދުއްވުން ކަހަލަ ކުދި ކަންކަމުން ވެސް މި ބަދަލު ފެނިގެންދޭ. މިއީ ކުރިން މޭލް ޑޮމިނޭޓެޑް ކަންކަން. މި ކަމުން ފާހަގަވަނީ މިނިވަން މައިންޑްސެޓެއް ހުރިކަން.

އަހަރެންގެ ނަޒަރުގައި އަދިވެސް އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި މުޖުތަމައުގައި ބަލައެއް ނުގަނޭ. މިކަން ކުރަން މުޖުތަމައުއަށް އަދިވެސް ކުރިއަށް އޮތީ ބޮޑު މަސައްކަތެއް.

އަންހެނުންނަށް ބޭނުންވަނީ ބޮޑިލީ އޮޓޮނަމީ؛ އެއީ ކޮންމެ މީހަކަށް ވެސް އޭނާގެ ހަށިގަނޑާ މެދު އަމިއްލަ އިހްތިޔާރުުު އޮންނަންވޭ.

އަންހެނުންނަށް އިހްތިރާމް ކުރަންޖެހޭނީ އިންސާނުންނަށް ވީތީ. އެއީ އެމީހުން ނިންމާ ނިންމުންތަކާ ގުޅިފައިވާންޖެހޭ ކަމެއް ނޫން. މިސާލަކަށް ކައިވެނި ކުރަން އިހްތިޔާރު ކުރުމާއި ކުދިން ހޯދުމަށް އިހްތިޔާރު ކުރުމާއި މަސައްކަތް ކުރުން ނުވަތަ މަސައްކަތް ނުކުރުން އިހްތިޔާރު ކުރުން، އެމީހުންނަށް ދޭންވާ އިހްތިރާމް ގުޅޭކަށް ނުޖެހޭ."

6. އައިމިނަތު ޝަރީހާން

އާމިނަތު ޝަރީހާން، ތަކެތި ބްރޭންޑްގެ ބާނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

"އަަހަރެމެންގެ މުޖުތަމައުގައި ގޭގައި ތިބެގެން މަސައްކަތް ކުރާ އަންހެނުންގެ އާބާދީ އަކީ ނިސްބަތުން ބޮޑު ބައެއް. އަދި މި މަސައްކަތްތެރިން ގޭގެ އެންމެހާ ކަންކަން ބަލަހައްޓަމުން ކާމިޔާބުކަމާ އެކު އެމީހުންގެ ވިޔަފާރިތައް ކުރިއަރުވާ.

އެމީހުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ފުލްޓައިމްކޮށް މަސައްކަތް ކުރާ މީހެކޭ އެއްވަރަށް ވަސީލަތްތަކާއި ތަމްރީންގެ ފުރުސަތުތައް ނުލިބުން.

އަހަރެން ދެކޭ ގޮތުގައި، ގޭގައި ތިބެގެން މަސައްކަތް ކުރާ މިފަދަ އަންހެނުންނަށް ބައިވެރިވެވޭނެ ގޮތަށް، އެމީހުންގެ ވަގުތުތަކަށް ފެތޭ ގޮތަށް ތަމްރީން ޕްރޮގްރާމްތައް ހުރުން ވަރަށް މުހިއްމު.

އޭރުން އެއީ އެމީހުންގެ ވިޔަފާރީގެ އިތުރުން އާއިލާއަށް ވެސް ލިބޭ ކުރިއެރުމަކަށް ވެގެންދާނެ."

7. ފާތިމަތު ފެޒްލީން

ފާތިމަތު ފެޒްލީން، ޑީޓީއުން ބޭންޑްގެ ފައުންޑާ އަދި ވޯކަލިސްޓް (ފޮޓޯ/ބައިސްކޯފު)
ފާތިމަތު ފެޒްލީން (ފޮޓޯ/ރައީސް އޮފީސް)

"ވޭތުވެދިޔަ 20 އަހަރު އަހަރެން ހޭދަ ކުރީ މިއުޒިކް އިންޑަސްޓްރީގައި. ޑީޓިއުން ބޭންޑަށް 17 އަހަރުވެފައިވާ އިރު، ބޭންޑްގައި ހިމެނެނީ އެއް މެންބަރުންތަކެއް. 

މިއުޒިކް އިންޑަސްޓްރީގައި މަސައްކަތް ކުރާ އަންހެނެއްގެ ގޮތުން  އަހަންނަށް ދަސްވީ ކެތްތެރިކަމާ އެކު މަސައްކަތް ކުރަން. ދޫދޭންވޭ އަދި އެހެން މީހުންގެ އިހްސާސްތައް ދަންނަ މީހަކަށްވާންޖެހޭ.

ކިތަންމެ ދަތި ހާލެއްގައި މަސައްކަތް ކުރަން ޖެހުނަސް، އަދި ކިތަންމެ ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި ކަމުގައިވިޔަސް އެއްވެސް ހާލަތެއްގައި ގިވްއަޕް ނުކުރުން މުހިއްމު.

އަހަރެން ވަރަށް އިންސްޕަޔާވޭ އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުންގެ ސަބަބުން. އަދި އަހަރެން އަބަދުވެސް ގަބޫލު ކުރަނީ އަންހެނުން އަންހެނުންނަށް ދޭންވާ ސަޕޯޓް ދިނުމުން ބާރުގަދަ ބަޔަކަށް ވާނެ ކަމަށް."

8. ފާތިމަތު ހުޝާމާ

ފާތިމަތު ހުޝާމާ، ހެޕީ ލާނާޒްގެ ފައުންޑާ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)

"އަހަންނަކީ ދިގު މުއްދަތަކަށް ބޭސްކުރާ ބައްްޔެއް ހުންނަ މީހެެއް. އަހަރެން މީގެ ކުރިން މަސައްކަތްކޮށްފިން ވަރަށް ޓޮކްސިކް މާހައުލުތަކުގައި. ފިރިހެނުންނަށް ވުރެ ބޮޑަށް، އަންހެނުންގެ ފަރާތުން ސަޕޯޓް ނުލިބޭ މާހަައުލުތަކުގައި.

މިކަމުގެ ސަބަބުން އަންހެނުން މަސައްކަތުގެ މާހައުލުގައި ބުލީކޮށް، ދެބައޮޑުވައި ބާކީކޮށްލާ، ވަޒީފާއިން ވަކިވާ ހިސާބަށް ދުއްވާލާ.

މި މުޖުތަމައުގައި ތަފާތެއް ދައްކަން ބޭނުން ނަމަ، އެންމެ މުހިއްމީ އޯގާތެރިވުން. އެހެން މީހުންގެ ހާލަތްތައް އަދި އިހްސާސްތައް ދެނެގަތުން.

އަންހެނުންގެ ހާލަތްތައް ދެނެގަނެ ސަފޯޓް ދިނުން މުހިއްމު. އެއީ  މާބަނޑުވުމާއި ބުއްދިނުން ނުވަތަ މައްސަރުކަންތައް ލައިގަނެގެން އުޅޭ އިރު ވިޔަސް. މިފަދަ ދަނޑިވަޅުތަކުގައި ފޯރުކޮށްދޭ އޯގާތެރިކަމުގެ ސަބަބުން، އެތައް ބައިވަރު ތޮތްޕެއް އަޅައިގެން މަސައްކަތް ކުރަމުން އަންނަ އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވޭ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެންމެ ދުވަހަކު މަލެއް ދީ، ކޭކެެއް ފަޅާލުމަކުން ނުނިމޭ. އޯގާތެރިކަން އަދި އެމްޕަތީ އަކީ އޭގެ ސަބަބުން މީހެއްގެ ހަޔާތް ބަދަލުކޮށްލާ، އުމުރަށް އެކަމުގެ އަސަރު ދެމިގެންދާނެ ކަމެއް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް