މާހިލް މީގެ ވިއްސަކަށް އަހަރު ކުރިން ދުނިޔޭގެ އެކި ގައުމުތަކުން އެއްކޮށްފައިވާ ޕޯސްޓްކާޑްތައް ދައްކާލަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މާހިލް ކުޑައިރު ދުނިޔެއަށް ލޯ ހުޅުވައިދިން 'ހަޒާނާ'
އިބްރާހިމް މާހިލް މުހައްމަދު ލެޕްޓޮޕުން ފަރިތަކަމާ އެކު ޓައިޕް ކުރަމުން ދިޔައިރު ގާތުގައި ފޮއްޓެއް ބަހައްޓާފައި ހުއްޓެވެ. އިހުގައި ފެންނަ ހަޒާނާ ފޮށިތަކެއް ފަދަ ފޮއްޓެކެވެ. މިއީ އޭނާގެ ހަޒާނާ އެވެ.
ޒުވާން ނޫސްވެރިޔާ ފޮށި ހުޅުވާލާފައި ދައްކާލީ ދުނިޔޭގެ އެކި ބައްރުތަކުން މީހުންނަށް އޭނާ ޕޯސްޓްކާޑް ފޮނުވުމުން އެ މީހުންގެ ފަރާތުން އޭނާއަށް ލިބިފައިވާ ޕޯސްޓްކާޑްތަކެވެ.
ޕޮލިޓިކަލް ސައިންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ މާހިލް އެންމެ ކުޑައިރުއްސުރެ އެންމެ ގާތްކޮށްގެން އުޅޭ ފޮތަކީ އެންސައިކްލޮޕީޑިއާ އާއި އެޓްލަސް އެވެ. ދުނިޔޭގެ ބައްރުތަކާއި ދުރު ގައުމުތަކާ މެދު އޭނާ ޝައުގުވެރިވެ އެ ތަންތަނާ ބެހޭ މައުލޫމާތު ހޯދަން ބޭނުންވެ އެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން، މެދުކެނޑުމެއް ނެތި ދެ އަހަރުވަންދެން މާހިލް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޕޯސްްޓްކާޑް ފޮނުވި އެވެ. އޭނާއަށް ދުނިޔޭގެ ހުރިހާ ބައްރަކުން، 45 ގައުމަކުން 183 ޕޯސްޓްކާޑް އެ މުއްދަތުގައި ލިބުނެވެ.
މާހިލް ޕޯސްޓްކާޑް އެއްކުރަން ފެށީ ހަގު އުމުރެއްގަ އެވެ. އެއީ ފޭސްބުކް ތައަރާފްވެ އެންމެ މަޝްހޫރުވި ދުވަސްވަރެވެ. ކުޑަކުދިން އޭރު މިފަދަ ސައިޓުތަކަކު ނޫޅެ އެވެ. އެެ ދުވަސްވަރު މާހިލްއަށް ޕޯސްޓް ކާޑް ބަދަލުކުރާ ވެބްސައިޓް 'ޕޯސްޓްކްރޮސިން' ފެނުނެވެ. ދުނިޔޭގެ ހުރިހާ ބިތަކުން މީހުން ވަންނަ މި ވެބްސައިޓުގައި ރަޖިސްޓްރީކުރި ފުރަތަމަ ދިވެއްސަކަށް ވީ އޭނާ އެވެ. ރާއްޖެ ފަދަ ހިތްގައިމު މަންޒިލަކުން ޕޯސްޓްކާޑެއް ލިބުންވީ މި ވެބްސައިޓްގައި އުޅުނު މީހުންނަށް މުހިއްމު ކަމަކަށެވެ. އެއާ އެކު، މާހިލްއަށް މި ވެބްސައިޓުގައި ބޮޑު ސަމާލުކަމެއް އަދި މަގުބޫލުކަމެއް ލިބުނެވެ.
ވެބްސައިޓުގައި ރަޖިސްޓްރީވުމާ އެކު މާހިލްއަށް ފުރަތަމަ ޕޯސްޓްކާޑް ލިބުނީ ބްރެޒިލް އިންނެވެ.
"އެއީ ބްރެޒިލްގެ އިޕެނެމާ ބީޗް ފެންނަ ޕޯސްޓްކާޑެއް. އެއީ، ފުރަތަމަ ފަހަރަށް އަލަށް ރާއްޖެއިން ބޭރުން އެއްޗެއް ޕޯސްޓުން ލިބުން،" މާހިލް އޭނާއަށް ލިބުނު ބޮޑު އުފާވެރިކަން ހަނދާނަށް ގެންނަމުން ކިޔައިދިނެވެ.
އޭގެ ފަހުން، ސްކޫލުން ގެއަށް އަންނަ އިރު ގޭގެ ދޮރު ދަށުން ޕޯސްޓް ކާޑެއް ލިބިފައި އޮތުން އެއީ އޭރު އޭނާ އެންމެ އުފާވާ އަދި އެންމެ އިންތިޒާރު ކުރެވޭ އެއް ކަމެވެ.
"ދާ ކޮންމެ ތަނަކަށް ދަނީ ޕޯސްޓްކާޑުތައް ހިފައިގެން،" މާހިލް ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ބޮޑުވެގެން އައި އިރު އޭނާގެ އާއިލާ މާ ފޯރުންތެރިއެއް ނޫނެވެ. އެކަމަކު ވެސް އޭނާގެ އުފަލުގެ ބައެއް ކަމުން މަންމަ އަބަދުވެސް ޕޯސްޓްކާޑާއި ސްޓޭމްޕް އޭނާ އަށް ހޯދައިދެ އެވެ.
ހަގު އުމުރެއްގައި ދުނިޔެއަށް ލޯ ހުޅުވައިދިން
ޕޯސްޓްކާޑެއް ލިބުމަކީ ކިތަންމެ އާދައިގެ ކުޑަ ކަމެއް ކަމުގައި ހީވިޔަސް އެއިން ވަރަށް ގިނަ ކަންކަން ދެނެގަނެވޭކަން މާހިލް ފާހަގަކުރި އެވެ. އޭނާއަށް ޕޯސްޓްކާޑުތަކުން މީހުންގެ އަތުލިޔުމާއި ފަންނުވެރިކަމާއި ހިތްގައިމު ރީތި މަންޒަރުތައް ފެނުނެވެ. އެކި ސަގާފަތްތަކާއި އާދަކާދައަށް ލޯ ހުޅުވުނެވެ. ދިރިއުޅުމުގެ ބައެއް ފިލާވަޅުތައް ވެސް އެއިން ދަސްވި އެވެ.
"ކުރަން ބޭނުން ކަމެއް ހާސިލް ކުރުން އަދި އެހެން މީހުންނާ އެކީ ޕޯސްޓްކާޑު ބަދަލު ކުރަން އެއްބަސްވެފައި އެކަން ކުރީމާ ބުނާ ބަހުގެ އިތުބާރު ހިފެހެއްޓުން، މިކަހަލަ އެކި ކަންކަން ދަސްވި،" މާހިލް ބުންޏެވެ.
މިއީ ދުނިޔޭގެ އެކި ގައުމުތަކާއި އެކި މީހުން ތަފާތުވާނެކަން އެނގި އެކަން ބަލައިގަތުމަށް އޭނާއަށް ހަގު އުމުރެއްގައި ދަސްވެގެން ދިޔަ ކަމެއް ވެސް މެ އެވެ.
"ދުނިޔޭގައި އެކި ކުލައިގެ އެކި މީހުން އުޅޭ އިރު، އެ ތަފާތުތައް އެކްސެޕްޓް ކުރަން ދަސްވި. ކަލްޗާ، ކަސްޓަމްސް، ތަފާތުވާނެކަން ދެނެގަނެވަނު. ފޮޓޯއަކުން ވެސް، ލައިފްސްޓައިލް ހުންނާނެ ގޮތް ވަޒަންކޮށްލެވުނު،" 2013ގައި ނޫސްވެރިކަމުގެ ދާއިރާއަށް ނުކުމެ، މިހާރު މުޅިން ތަފާތު ގޮތަކަށް ސޯޝަލް މީޑިއާގައި ނެރޭ 'ސޯސަލް'ގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން، ފްރީލާންސްކޮށް ނިއު ޔޯކް ޓައިމްސް ފަދަ ބޭރުގެ ބޮޑެތި ބައެއް ނޫސްތަކަށް ލިޔެ އުޅޭ މާހިލް ބުންޏެވެ.
މާހިލްއަށް އެންމެ ގިނަ ޕޯސްޓްކާޑް ލިބިފައިވަނީ ޖަރުމަންވިލާތް، ބްރެޒިލް އަދި އެމެރިކާއިންނެވެ.
މިގޮތަށް ޕޯސްޓްކާޑް ގަވާއިދުން އޭނާއަށް ފޮނުވާ ބައެއް މީހުންނާ ގާތް ރަހުމަތްތެރިކަން އުފެދުނެވެ. އެ މީހުން އެހެން ގައުމަކަށް ދިޔައަސް އެތަނުން ވެސް އޭނާއަށް ޕޯސްޓްކާޑެއް ފޮނުވައި ހަދަ އެވެ. މާހިލްގެ ޕޯސްޓްކާޑްތައް އަޅާފައިވާ ހަޒާނާ ފޮއްޓަކީ ވެސް އޭނާގެ ޖަރުމަން އެކުވެރިއެއް ދިން ހަދިޔާ އެކެވެ.
ކުޑައިރުން ފެށިގެން ރަހުމަތްތެރިކަން ކުރިއަށް ގޮސް، އޭނާއާ މިގޮތަށް ޕޯސްްޓްކާޑް ބަދަލުކުރި ޖަަރުމަނުން ރަހުމަތްތެރިއެއް މިފަހުން ދެތިން ފަހަރު މަތިން ރާއްޖެ އައިސް އައިސް މާހިލްއާ ބައްދަލު ކޮށްފައި ވެސް ވެ އެވެ.
މަންމަގެ އެހީތެރިކަމުން ދިން ހިތްވަރު
މާހިލް ބުނިގޮތުގައި ކުޑައިރު މިގޮތަށް ޕޯސްޓްކާޑް ބަދަލުކުރާކަން އެހެން މީހުންނަށް އެނގުމުން ބައެއް މީހުން ހައިރާންވެ އެވެ. ސަބަބަކީ ނުދަންނަ މީހަކާ ވާހަކަ ނުދެއްކުމަށް ކުޑަކުދިންނަށް އާއްމުކޮށް ބުނެދީފައި އޮތުމާއި ނުދަންނަ މީހެއްގެ ފަރާތުން އެއްޗެއް ލިބުމަކީ އޭރު ބޮޑު ކަމަކަށް ވުމެވެ.
ޕޯސްޓްކާޑު ބަދަލުކުރުމުގެ ސަބަބުން މާހިލްއަށް ލިބުނު އުފަލާއި ހިތްހަމަޖެހުން ބޮޑެވެ. އޭނާގެ އެހީތެރިއަކަށް ވީ މަންމަ އެވެ. ބަރާބަރަށް އޭނާއަށް ސްޓޭމްޕް ގަނެދެ އެވެ. ބޮޑުބޭބެއެއް ސުވެނިއާ ވިއްކާ ފިހާރައެއް ހިންގާތީ އެތަނުން އޭނާ ބޭނުން ވަރަކަށް ޕޯސްޓްކާޑް ހޯދައިދެ އެވެ. އަދި ކޮންމެ ދުވަހަކު މާހިލް ސްކޫލަށް ލުމަށް ފަހު އޭނާގެ ޕޯސްޓްކާޑްތައް ޕޯސްޓް އޮފީހަށް މަންމަ ލައި ދެ އެވެ.
"އަހަރުމެންނަކީ މާ ފޯރުންތެރި، ލިބޭ ބައެއް ނޫން. އެކަމަކު މަންމަ ބެލީ އަހަރެން އުފާވާ ކަމެއް ކަމުން އަހަންނަށް ހިތްވަރުދީ ސަޕޯޓް ދެވޭތޯ. މަންމަ ވެސް ހުންނަނީ އެކްސައިޓްވެފައި. މަންމަ ބޭނުންވީ އަހަރެން އުފާވާ ކަންކަމަށް ފޯކަސް ކުރަން،" މާހިލް ބުންޏެވެ.
ކުޑައިރު އެހެން ކުދިން ޓީވީ ބެލުމާއި ގޭމް ކުޅުމުގައި ގިނަ ވަގުތު އުޅުނަސް މާހިލްގެ ޝައުގުވެރިކަން ބޮޑަށް ހުރީ އެންސައިކްލޮޕީިޑިއާ ނުވަތަ އެޓްލަސް ބެލުމަށެވެ. ހަބަރަށް އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދި، ވަރަށް ކުޑައިރުއްސުރެ ގަވާއިދުން ދުނިޔޭގެ ކަންކަން ބަލައި މައުލޫމާތު ހޯދަ އެވެ. އެހެންކަމުން، މިހާރު އޭނާއަށް ނޫސްވެރިއެއްގެ ގޮތަށް މަސައްކަތް ކުރަން ފަސޭހަ އެވެ.
ޕޯސްޓްކާޑުން ފެނުނު މަންޒަރުތަކާ އެކު، ދުނިޔޭގެ އެކި ތަންތަނަށް ދަތުރު ކުރުމަށް މާހިލް ވަނީ ފެންބޮވަައިގެންފައި އެވެ. އޭނާ މިހާތަނަށް ވަނީ އިންޑިއާ، ސްރީ ލަންކާ، ތައިލޭންޑް އަދި އިންޑޮނޭޝިއާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތައް ކަމުގައިވާ ޑެންމާކް، ސްވިޑެން އަދި ސްވިޓްޒަލޭންޑަށް ގޮސްފަ އެވެ. އޭނާ ދާން ބޭނުންވާ ބައިވަރު ގައުމުތައް އަދި އެބަހުއްޓެވެ.
މާހިލް ކުޑައިރުގެ މި ހޮބީއާ މެދު އޭނާ ބޮޑުވެގެން އައި އިރު ކުޑަކޮށް ލަދުގަތް ދުވަސްވަރެއް ވެސް ދިޔަ އެވެ. އެކަމަކު މިހާރު އުމުރުން 27 އަހަރުގައި، އޭނާ ވަނީ މިއީ ވެސް ހަޔާތުގެ ސަފްހާއެއްގެ ގޮތުގައި ބަލައިގެންފަ އެވެ. މިކަން އަލުން ފަށައިގެން ކުރަން މިހާރު ޝައުގުވެރިކަން އެބަހުރިތޯ ސުވާލުކުރުމުން މާހިލް ފާހަގަކުރީ މިހާރުގެ ރާއްޖެ ދައްކައިދޭ ޕޯސްޓްކާޑްތަކެއް ނެތްކަމެވެ.
"ރާއްޖެއަށް މިއޮތީ ފޭސްލިފްޓެއް ލިބިފައި އަނެއްހެން. މާލެއަަށް އެކަނި ބެލިޔަސް އެކަން އެނގޭނެ،" އެ ބަދަލުތައް ޕޯސްޓްކާޑުން ފެންނަން ނެތްކަން ފާހަގަކޮށް މާހިލް ބުންޏެވެ.
އަދިވެސް ރާއްޖޭގެ ޕޯސްޓްކާޑްތަކުގައި ހުރީ އެންމެ އިހުގެ ފޮޓޯތަކާއި މަންޒަރުތަކެވެ.
"އެ އަޕްޑޭޓެއް ނުވޭ،" އެހެންވެ މި ހޮބީ އަލުން ފަށަން ހިތްނޭދޭކަން ކިޔައިދެމުން މާހިލް ބުންޏެވެ.
އެކަމަކު މިހާރު އޭނާ މަސައްކަތް ކުރަނީ، އޭނާގެ ޕޯސްޓްކާޑް 'ހަޒާނާ' އިންސްޓަގްރާމްގައި އާކައިވްކޮށް އަދި އޭނާއަށް ޕޯސްޓް ފޮނުވި މީހުން ސޯޝަލް މީޑީއާ މެދުވެރިކޮށް އަލުން ހޯދައި ރަހުމަތްތެރިކަން ބަދަހި ކުރުމަށެވެ.
ކޮމެންޓް (7)
ފަރާ
ހަމްކޮ
ހޭ އިޓްސްމީ
މީމަ
ޖޫލު
ހޫން
ހަމްކޮ