ހަސަން އިޝާން: އާންމުންގެ ތެރޭގައި އޭނާ މަޝްހޫރު ވެެފައި އޮންނަނީ 'ސީ ފްރޮމް ދަ ސްކައި'ގެ ނަމުން
'ސީ ފްރޮމް ދަ ސްކައި': ޖައްވު ތެރެއިން ހުށައަޅައިދޭ ރީތިކަން
ހަސަން އިޝާން ނަގާފައި ހުރި ރީތި ފޮޓޯތައް ފެނިފައި، އެއީ އެ ދާއިރާއިން އެންމެ މޮޅު މީހުންގެ ލިސްޓަށް އެރުމުގެ އަމާޒު އޮތް ހުނަރުވެރިއެކޭ، ބައެއް މީހުންގެ ހިތަށްއަރާފާނެ އެވެ. ނަމަވެސް އެންމެ މޮޅު މީހަކަށް ވުން، ވަކި އަދަދަކަށް ފޮޓޯ ނެގުން މިއީ އަދި އޭނާ އެންމެ ބޭނުން އަމާޒުތަކެއް ނޫނެވެ. އޭނާގެ އެންމެ ބޮޑު އުއްމީދަކީ، ކައިރީގައި އުޅޭ އެންމެންނަށް ވީހާވެސް ރަނގަޅު މީހަކަށް ވުމެވެ. އަދި އެގޮތުގައި ނިމި ދިއުމެވެ.
ތ. ތިމަރަފުއްޓަށް އުފަން އިޝާން، 31، އެންމެ ފުރަތަމަ ފޮޓޯ ނަގަން ފެށީ ޑްރޯނަކުންނެވެ. ހަދިޔާއަކަށް 2015ގައި ލިބުނު އެ ޑްރޯން ހަފްތާއެއްގެ ތެރޭގައި ހަލާކުވި އެވެ. އެކަމަކު އޭނާގެ ޝައުގުވެރިކަން ފުނޑިގެން ނުދިޔަ އެވެ.
މިހާރު އެއީ 'ސީ ފްރޮމް ދަ ސްކައި' އެވެ. އެންމެން ވެސް އޭނާ ދަންނަނީ އެ ނަމުންނެވެ. ޑްރޯން ފޮޓޯގްރަފީއަށް ރާއްޖޭގެ އެއްވަނަ އެވެ. އަށް އަހަރުގެ ތެރޭގައި އޭނާގެ ބްރޭންޑާއި ހުނަރު ވެސް، ނަން ފަދައިން، އެ ހުރީ އުޑުގައި ކަމާ މެދު ޝައްކެތް ނެތެވެ.
ހުވަފެން ހަގީގަތަކަށް ހެދުމުގެ ރާސްތާ
އިޝާން އެންމެ ޝައުގު ހުންނަނީ ވައިލްޑްލައިފް ފޮޓޯ ނަގާށެވެ. ރިސޯޓު ފޮޓޯގްރަފީއަށް ގޮސް ހުސްވަނީ ރާއްޖޭގައި އެންމެ ފުރުސަތު ގިނަ ދާއިރާއަށް ވުމުން، އަބަދުވެސް އާމްދަނީ ލިބި، އޭނާގެ ފަންނުގައި ދެމިހުރުމުގެ ދޮރުތައް ހުޅުވޭނެތީ އެވެ. 'ސީ ފްރޮމް ދަ ސްކައި'އަކީ ރާއްޖޭގެ ރިސޯޓް ފޮޓޯގްރާފަރުންގެ ތެރެއިން އެންމެ ޑިމާންޑު ބޮޑު އެކެކެވެ.
އޭނާއަކީ ފަސް ބެއިން ހިމެނޭ އާއިލާއެއްގެ މެމްބަރެކެވެ. އުފަން ރަށް ތިމަރަފުށިން ގްރޭޑް 10 ނިންމާފައި މާލެ ބަދަލުވީ 2008ގަ އެވެ. އެންމެ ފުރަތަމަ ފިހާރައެއްގައި މަސައްކަތް ކުރުމަށް ފަހުގައި އޭނާއަށް ލިބުނު އެއާޕޯޓު ވަޒީފާގައި ހަތް އަަހަރު އުޅުމަށް ފަހު ވަކިވީ ފޮޓޯ ނަގަން ވަގުތު ހުސްކޮށްލުމަށެވެ.
"ފޮޓޯ ނަގަން ފެށި ފަހުން ފެށީ އަމިއްލަ ޕޯޓްފޯލިއޯއެއް އުފައްދަން. ދެން ރިސޯޓުތަކަށް އެޕްރޯޗްކުރަން ފަށާ، ފަހުން އެމީހުންގެ ފަރާތުން ވެސް އަންނަން ފެށީ އޮފާތައް. ވަރަށް އުނދަގޫވި ފެށިއިރު، އަމިއްލައަށް ހުރިހާ ކަމެއްކޮށް، އަމިއްލައަށް މާކެޓު ވެސް ކުރަން ޖެހުނީމަ،" އިޝާން ކިޔައިދިނެވެ.
ރާއްޖޭގެ ވައިލްޑްލައިފްގެ ބޮޑު ބައި އެކުލެވެނީ ވަށައިގެން މިވާ ކަނޑުގެ އަޑީގަ އެވެ. ދެން އެކި ފާޑުގެ ދޫންޏެވެ. ބުޅަލަކީ ވައިލްޑްލައިފްއޭ ނުބުނެވެނީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކަށް ވުމުންނެވެ. ރާއްޖޭގެ ކަނޑު އަޑީގައި އެތައް ބާވަތެއްގެ މަސްމަހާމެހި ދިރިއުޅުނު ކަމުގައި ވިޔަސް ހަމައެކަނި އެ ދިރުންތަކަށް ވައިލްޑްލައިފް ފޮޓޯގްރަފީއަށް ޝައުގު ހުންނަ މީހެއްގެ ހިތެއް ނުފުރޭނެ އެވެ.
އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ ހިތުގައި ހާއްސަ ޖާގައެއް އޮންނަ ޗެނަލް 'ނެޓްޖިއޯ'އިން ފެނުނު މަންޒަރުތައް އިޝާންއަށް ވީ ވައިލްޑްލައިފް ފޮޓޯގްރަފީއަށް ޝައުގުގެ ހުޅުކޮޅު ރޯވި ސަބަބަށެވެ. އޭރު އުމުރުން އެންމެ 12 އަހަރެވެ. މިހާރު ވެސް ރިސޯޓު ފޮޓޯގްރަފީ ގިގުތަކުން ލިބޭ ހުސް ދުވަސްކޮޅުގައި އިޝާންގެ ފުރަތަމަ ޕްލޭނަކީ ކޮންމެވެސް ގައުމަކަށް ވައިލްޑްލައިފް ފޮޓޯ ނަގަން ދިއުމެވެ.
އިޝާންގެ އިންސްޓަގްރާމް އެކައުންޓު 'ސީ ފްރޮމް ދަ ސްކައި' ފޮލޯ ކުރާ ދެ ލައްކައަށް ވުރެ ގިނަ މީހުންނަށް އެ ހުރިހާ މަންޒަރެއް ފެނެ އެވެ. ރާއްޖޭގެ އިތުރުން އޭނާ ދަތުރުކުރާ ގައުމުތަކުގެ މަންޒަރުތައް ވަރަށް ސާފުކޮށް ފެންނާނެ އެވެ.
"ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ދާ ހިތްވަނީ ފުވައްމުލަކަށް. ގަސް ބޯ ވެފައި، ވަރަށް ފެހި ރަށެއް އެއީ. އަބަދުވެސް ވަރަށް ފިނިވާނެ ރުއްތައް ދަށަށް ދިޔައިމަ. އަނެއްކާ ޓައިގައި ޝާކްތައް ބަލާލަން ދާން ވަރަށް ސަޅި ރަށެއް އެއީ،" އިޝާން ބުންޏެވެ.
"ބޭރު ގައުމުތަކުން އެންމެ ސަޅި ތަނަކަށް ދެވުނީ ޕާކިސްތާނަށް."
ޕާކިސްތާން، އިންޑިއާ، ޗައިނާ، ނޭޕާލް، ބޫޓާން، އަދި އަފްގާނިސްތާން ހިމެނޭހެން 2،400 ކިލޯމީޓަރުގެ ދިގުމިނަށް ފެތުރިފައިވާ ހިމަލަޔާ ފަރުބަދަތަކުގެ ތެރެއިން ޕާކިސްތާނުގައި ހުންނަ އުތުރު ހިމާލަޔާ ފަރުބަދައަކީ އެންމެ އާޝޯހުވި މަންޒަރުތަކުން އިޝާންގެ ހިތް ފުރާލި މަންޒިލެވެ. ނަމަވެސް އެތަނަށް އިންތިހާއަށް ހިތްޖެހެން ދިމާވި ސަބަބަކަށް އިޝާން ދެއްކީ ހަމައެކަނި ރީތި މަންޒަރު ފެނުން އެކަންޏެއް ނޫނެވެ. ރާއްޖެ ފަދަ ހޫނު ގައުމެއްގައި އުޅެފައި ނުލާހިކު ފިނި ތަނަކަށް ދެވުމުން ލިބޭ ތަފާތު އިހުސާސްތަކާއި ސަގާފަތާއި މީހުންގެ ވައްޓަފާޅި އޭނާއަށް ވަރަށް ކަމުދިޔަ އެވެ.
އެހެން ގައުމުތަކުގެ އެތައް ބަޔަކު އެތަނަށް ގޮސް ހައިކިންގައި އުޅޭތަން ފެނިފައި އޭނާ ހިތްދެވުނެވެ.
"ހައިކް ކުރާ މީހުން ވަރަށް ސަޅި. ވަރަށް އުނދަގޫ ކަމެއް އެއީ ކުރަން ވެސް. ވަރަށް ހިތްވަރުގަދަ އެތަނަށް ދާ މީހުން. ވަރަށް އިންސްޕަޔާވޭ އެމީހުން ފެނިފައި،" އިޝާން ބުންޏެވެ.
"އެތާނގައި އުޅޭ މީހުން ބިރު ވެސް ނުގަންނަނީ ހަމަ. ފަރުބަދަ މަތީ ތެޅިތެޅި އޮތް ގަލެއް މަތީ އިނދެދާނެ ހަމަޖެހިލައިގެން. ޕާކިސްތާން އުތުރު ހިސާބަކީ ހަމަ އެންމެ ބެސްޓު. އެތާ ފަރުބަދަތައް އެއީ މައި ސަބަބު، ވަރަށް ރީތި އެތަންތަން."
އެންމެ އުފާވަނީ ޒުވާން ފަންނާނުން ގިނައިން ފެނުނީމަ
'ސީ ފްރޮމް ދަ ސްކައި'އަކީ އާ އެތައް ފޮޓޯގްރާފަރުންގެ އިންސްޕިރޭޝަން ކަމާ މެދު ޝައްކެތް ނެތެވެ. ރާއްޖޭގެ ފޮޓޯގްރަފީ މައިދާނުގައި އިޝާންގެ ބްރޭންޑް ނަން ނޭނގުމަކީ ނާދިރު ކަމެކެވެ. ހަމަ އެބީދައިން، އިޝާންގެ ވެސް އެންމެ ބޮޑު އިންސްޕިރޭޝަނަކީ ޒުވާން އެހެން ފަންނާނުން ކަމަށް ބުންޏެވެ.
"އަނެއްހެން، އެންމެ އުފާވަނީ ޒުވާނުން މިކަމަށް ނުކުންނަ ވަރު ގިނަކަމުން. ވަރަށް އުފާވޭ އެމީހުން އަމިއްލަ ފައި މައްޗަށް ތެދުވެގެން އުޅޭތަން ފެނުނީމަ. އަނެއްކާ ވަރަށް މޮޅު ހުނަރު ވެސް ފެނޭ އެ މީހުންގެ ތެރެއިން،" އިޝާން ބުުންޏެވެ.
ހަމައެއާ އެކު، ޒުވާން ޖީލުގެ ފަރާތުން ފެންނަ މުހިއްމު ސިފައެއް އޭނާ ފާހަގަކުރި އެވެ؛ އެކަކު އަނެކަކާ ބާއްވާ ގާތް ގުޅުމެވެ. އެކުގައި މަސައްކަތް ކުރުމުގެ އީޖާދީ ވިސްނުމެވެ. އިޝާން ފުރަތަމަ މަސައްކަތް ފެށި ދުވަސްވަރު އެ ސިފަ އެހާ ބޮޑަކަށް ނުފެނެ އެވެ. ދެތިން މީހަކު ފިޔަވާ އެކަކު އަނެކަކަށް އެހީވުމުގެ، ނުވަތަ ގުޅިގެން މަސައްކަތް ކުރުމުގެ އާދައެއް ނޯވެ އެވެ. އެކަމަކު މިހާރު ދާއިރާއަށް އަލަށް ވަންނަ ޒުވާނުންގެ މެދުގައި ވެސް އެހީތެރިވުމުގެ ސިފަ ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.
އިޝާންގެ ޒާތީ ދިރިއުޅުމުގައި ވެސް އެކަން ފެނެ އެވެ. އޭނާގެ ވިޔަފާރީގެ ޕާޓްނަރު ސުހާއަކީ އޭނާގެ އަންހެނުންނެވެ. އޭނާގެ ހަޔާތުގައި ސުހާގެ އެހީތެރިކަން ވަރަށް ބޮޑެވެ. ލިބޭ ހިތްވަރު ވެސް އެހާމެ ބޮޑެވެ.
"ބިޒްނަސް ސައިޑް ހަމައެއްކޮށް ސުހާ ހޭންޑަލް ކުރާނީ. އެކައުންޓިން ކިޔަވައިގެން ހުރީމަ ސުހާ އެބައި ފުރިހަމަ ކުރޭ. އަނެއްކާ މިހާރު ޓްރެވަލް ކުރާއިރު ސުހާ ހެލްޕުވޭ ފޮޓޯ ނަގަން ވެސް، ވީޑިއޯ ނަގަން ވެސް އަދި އެޑިޓްކުރުމުގައި ވެސް. ޝީ އިޒް މައި ބިގަސްޓް މޯޓިވޭޓާ، މިކަމުގެ ބެކްބޯން އަސްލު ސުހާއަކީ،" އިޝާން ބުންޏެވެ.
މަސައްކަތުގައި ދެމިހުރުން؛ ކުރިއެރުމުގެ ސިއްރު
ފޮޓޯ ނަގަން މިހާރު ގާތްގަނޑަކަށް އަށް އަހަރު ހޭދަކޮށްފައި ހުރި އިޝާންގެ ނަޒަރުގައި، ރާއްޖެއަށް އެ ދާއިރާއަށް ހާއްސަ ގަވައިދުތައް ބޭނުންވެ އެވެ. އޭގެ އެއް ސަބަބަކީ މި މައިދާނަށް ނުކުންނަ އާ ޒުވާނުންގެ ބޭނުން ހިފައި، އެއަށް ހައްގު ބަދަލު ނުލިބޭ މައްސަލަ ގިނައިން ދިމާވުމެވެ.
އެންމެނަށް ވެސް ރަނގަޅު މީހަކަށް ވުން. ރަނގަޅު މީހެއް ގޮތުގައި އެނގި ނިމި ދިއުން. އެއީ އަލްޓިމޭޓް ގޯލަކީ.
އިޝާން ފަދައިން އަމިއްލައަށް މާކެޓިން އާއި ބްރޭންޑް ކަންކަން ކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ވަރަށް ހިތްވަރާއި ވިސްނުންތެރިކަމާ އެކު ގިނަ ޒުވާނުން އަމިއްލަ ފައި މައްޗަށް ތެދުވެ އެވެ. އެއީ އޭނާއަށް ވަރަށް އުފާވެރި މަންޒަރެކެވެ.
"އަމިއްލައަށް މިކަހަލަ މަސައްކަތް ކުރާ ކުދިންނަށް ޖެހޭނެ އަޅާލަން. އެމީހުންގެ ހުނަރު ކުރިއަރުވަން އެހީވާން. އަސްލު އެއްވެސް ސަރުކާރަކުން މިކަމަކަށް ނެތް ކަންނޭނގެ މާ ބޮޑު ހަރަދެއް، މާ ބޮޑު ކަމެއް ކޮށްދީފައެއް. ފެއާއެއް ވިޔަސް ގިނައިން މިއުޒިކް ނޫނީ ކުރެހުން. ފޮޓޯ ނެގުމުގެ މައުރަޒުތައް ވަރަށް ވެސް މަދު،" އިޝާން ބުންޏެވެ.
ބޮޑެތި ބައެއް ކުންފުނިތަކާއި ބައެއް ރިސޯޓުތަކުން އަލަށް ފޮޓޯގްރަފީ މައިދާނަށް ނުކުމެ އަމިއްލައަށް މަސައްކަތް ކުރާ ޒުވާނުން ލައްވާ މަސައްކަތްކުރުވާފައި އޭގެ އުޖޫރަ ނުދިނުމުގެ ހިތާމަވެރި ވާހަކަ ދައްކާފައި ވެސް އިޝާން ފާހަގަކުރީ ޒުވާން ފަންނާނުންގެ މޮޅުކަމާއި ކުރިއެރުމަށް އޮތް ބޮޑު އުއްމީދެވެ.
"އެކުދިންނަށް ދޭނެ އެންމެ ބޮޑު އިރުޝާދަކީ ކޮންސިސްޓެންޓް ވާށޭ. ހުނަރެއް ކުރިއެރުވޭނީ ހުއްޓާނުލުމުން. ފުރަތަމަ ނަގާ ފޮޓޯތައް ހަޑިވިޔަސް ހުއްޓާނުލާ، އުއްމީދު ކަނޑާ ނުލާ، ރީތި ވާނެ މަޑުމަޑުން،" އިޝާން ބުންޏެވެ.