
އަނާ ބިޒިއަޒީކޮވާ: އޭނާ ރާއްޖޭގައި ޓްރެވެލް އޭޖެންސީއެއް ހިންގަމުން ރަށްރަށަށް ކުރާ ދަތުރުތަކުގެ ތަޖުރިބާތައް ސޯޝަލް މީޑިއާ އިން ގިނަ ބަޔަކު ބަލާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
'ކޮންމެ ރަށެއް ތަފާތު': ރަޝިޔާ އިން އައިސް ދިވެހި ދިރިއުޅުމަށް ހިތް ދޫވެފައި
މުހިންމު ނުކުތާތައް
އަނާ ރަށްރަށަށް ކުރާ ޒިޔާރަތްތަކުން ފާހަގަވަނީ ކޮންމެ ރަށެއްގެ އަމިއްލަވަންތަކަން
އޭނާއަށް ދިވެހިން ފެންނަނީ އެކަކު އަނެކަކަށް އެހީތެރި، އަޅާލާ ބައެއްގެ ގޮތުގައި
އަނާ ދިވެހި ކެއުންތައް ތައްޔާރުކުރޭ އަދި އޭނާ އަންނަނީ ދިވެހި ބަސް ދަސްކުރަމުން
އަނާ ބިޒިއަޒީކޮވާ ރާއްޖޭގައި ދިރިއުޅޭތާ މިއީ ހަތަރުވަނަ އަހަރެވެ.
އޭނާ އަންނަނީ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރާ ރަޝިޔާ މާކެޓަށް ހާއްސަކޮށްގެން، ބީ އިން މޯލްޑިވްސްގެ ނަމުގައި ދިވެއްސަކާ ބައިވެރިވެގެން ޓްރެވެލް އޭޖޭންސީއެއް ހިންގަމުންނެވެ. ފަތުރުވެރިންނަށް ރަށްރަށުގެ ގެސްޓްހައުސްތަކުން ބުކިން ހަމަޖައްސައިދީ، ދިވެހި ދިރިއުޅުން ގާތުން ދެކިލައި ހަނދާނުން ނުފިލާނެ ކަހަލަ ތަަޖުރިބާއެއް ކޮށްލުމުގެ ފުރުސަތު އެ ތަނުން ހޯދައިދެ އެވެ. އެ މަސައްކަތުގައި އަނާ، 29، އެކި ރަށްރަށަށް ޒިޔާރާތްކޮށް އެ ތަނެއް ހާއްސަވާ ސަބަބުތައް ފަތުރުވެރިންނަށް ކިޔައިދެ އެވެ. އެމީހުން ބޭނުންވާ ކަހަލަ ޗުއްޓީއެއް ހޭދަ ކުރުމަށް ރާއްޖެ އައިސް ތިބެން ކަމުދާނެ ގެސްޓްހައުސްއަކާ ގުޅުވައިދެ އެވެ.
"ކޮންމެ ރަށަކީ ވެސް ތަފާތު ރަށެއް. ރަޝިޔާގެ ގިނަ މީހުންނަކަށް ނޭނގޭ، ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްލަން ބަޖެޓް އޮޕްޝަންސް ވެސް ހުރި ކަމެއް،" އަމިއްލަ ގައުމުގެ ފަތުރުވެރިންނާ ބެހޭގޮތުން އަނާ ބުންޏެވެ.

އަނާ ދެކޭ ގޮތުގައި ރާއްޖެ އައިސް އެންމެ ރަނގަޅު ޗުއްޓީއެއް ހޭދަކޮށްލެވޭނެ އެއް ގޮތަކީ، އޭނާގެ ވެސް ހިތްކިޔާފައިވާ ފަދައިން، ދިވެހިންގެ ދިރިއުޅުން ގާތުން ތަޖުރިބާކޮށްލުމަށް ރަށެއްގެ ގެސްޓް ހައުސްއެއްގައި ހުރުމެވެ.
"މީހުންނާ ބައްދަލުކޮށް، މީހުންގެ ދިރިއުޅުން ފެންނާނެ ގޮތަށް ރަށެއްގައި މަޑުކޮށްލައިގެން ހުރެ އަދި ދިވެހި ސަގާފާތްތައް ގާތުން ބަލާނުލެވެންޏާ [ޗުއްޓީ] ފުރިހަމައެއް ނުވޭ،" އަނާ ބުންޏެވެ.
އިންޓަނޭޝަނަލް ރިލޭޝަންސްގެ ރޮނގުން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވާ އަނާ އެންމެ ކުރާ ހިތުން ކުރާ އެއް ކަމަކީ ސޯޝަލް މީޑިއާ އަށް ކޮންޓެންޓް ހެދުމެވެ. އޭނާ ރާއްޖޭގައި ކުރާ އެކި ތަޖުރިބާތައް އަމިއްލައަށް ވީޑިއޯކޮށް، އެޑިޓްކޮށް، ޓިކްޓޮކްގައި ތިބި އޭނާގެ 18،000 އަށް ވުރެ ގިނަ ފޮލޮވަރުންނަށް ދައްކަ އެވެ.

ކޮމިއުނިޓީއެއް ގޮތަށް އެންމެން އެއްކޮށް މަސައްކަތް ކުރަނީ. އެހެން ގައުމުތަކަށް ޒިޔާރާތް ކުރާ އިރު ފެންނަ އާދަޔާހިލާފަށް ފަގީރު އަދި ނިކަމެތި މީހުން ރާއްޖެއިން ފެންނަ ވަރު މަދީ، އަބަދުވެސް މުުޖުތަމައުގައި އޮންނަ ގުޅުމުގެ ސަބަބުން. އެންމެ ހާލުގައި އުޅޭ މީހާ އަށް އަޅާލާ ކޮންމެވެސް އެއް ބަޔަކު ތިބޭތީ
އަނާގެ ލޮލުން ދިވެހިރާއްޖެ

މަސައްކަތުގައި އަނާ މިހާތަނަށް ރާއްޖޭގެ އުތުރާއި މެދުތެރޭގެ 20 ރަށަކަށް ޒިޔާރަތްކޮށްފި އެވެ. އޭގެ ތެރެއިން އޭނާއަށް އެންމެ ރީތި އެއް ރަށަކީ އއ. ބޮޑުފޮޅުދޫ އެވެ. ސަބަބަކީ ފީނާލަން ރީތި ފަރެއް އޮވެފައި ފެހިކަން ގަދަ ރަށަކަށް ވުމެވެ. އއ. އުކުޅަސް އޭނާ އަށް ކަމުދަނީ އެ ރަށުން ފެންނަ ފަންނުވެރިކަމުންނެވެ. ވ. ތިނަދޫ އަކީ ދެވަނައެއް ނެތް ތަނެއްގެ ގޮތުގައި އަނާ ސިފަކުރާ ރަށެކެވެ.
"ކޮންމެ ރަށެއް ވެސް ވަރަށް ތަފާތު. އެ ރަށެއްގެ އަމިއްލަވަންތަކަމެއް ހުރޭ،" އޭނާ ބުންޏެވެ.
ދިޔަ ހުރިހާ ރަށެއްގެ ތެރެއިން ވެސް ކ. ގުޅި އަނާ އަށް ހާއްސަ އެވެ. ގުޅީގައި ގެސްޓްހައުސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އަހަރެއްހާ ދުވަސް ހޭދަކުރި އިރު އެ ރަށުގެ މީހުން އޭނާއާ ބޭއްވި ގާތް ގުޅުން އަނާ ސިފަކުރީ ހަނދާނުން ފިލައިގެންނުދާނެ ކަމެއްގެ ގޮތުގަ އެވެ. އަހަރެއް ކޮށްފައި އަލުން ގުޅިއަށް ދިއުމުން އެ ރަށުގެ ރަހުމަތްތެރިން ބެހެއްޓި ގާތްކަން ވެސް އޭނާ ފާހަގަކުރި އެވެ.
"އަައިލެންޑް ލައިފް އަހަންނަށް ކަމުދަނީ. އެއީ ވަރަށް ސުލްހަވެރި ހަމަޖެހޭ ދިރިއުޅުމެއް. މީހާ އެއްކޮށް ރިލޭކްސް ކޮށްލާ. ރަށެއްގައި އުޅޭ އިރު މީހުންގެ ކިބައިން ފެންނަނީ އެކުވެރިކަން. މެހުމާންދާރީ ރަނގަޅުވެފައި މަރުހަބާ ކިޔާ،" އަނާ ބުންޏެވެ.

ރަށްފުށުގެ ދިވެހި ދިރިއުޅުމުން އަނާއަށް މުޅިން ވެސް ފެންނަނީ އޭނާ ގަޔާވާ ސާދާ އާދަތަކެކެވެ. ހެނދުނު ހެނދުނާ ނުކުމެ އަންހެންވެރިން ކުނިކަހާ ސާފުކުރުމެވެ. ދެން ކެއްކުމާއި އެހެން ކަންކަމުގައި އުޅޭ އުޅުމެވެ. ބައެއް މީހުން މެންދުރުފަހު ކުޑަކޮށް ނިދާލާ، ހަވީރު ކޮފީއަށް ގޮސް ހަދަ އެވެ. އަވަސްއަރުވާލައިގެން އުޅުމުގެ ބަދަލުގައި ހަމަޖެހިލައިގެން ދުވާލުގެ ވަގުތުތައް ހޭދަކުރާ ގޮތް އަނާ އަށް ކަމުދެ އެވެ.

@anna.maldives How do Maldivian girls dance? :) I never so actually
♬ original sound - Life in Maldives 🏝
ރަށްރަށަށް ޒިޔާރާތް ކުރާއިރު އަނާ އަށް ފާހަގަ ކުރެވޭ އަނެއް ކަމަކީ މީހުންގެ އެއްބައިވަންތަކަމެވެ. އަބަދުވެސް ކުޅިވަރަށް ޝައުގުވެރިކަން ހުންނަ އަނާ ގުޅީގައި އުޅުނު އިރު އެ ރަށުގެ ވޮލީބޯޅަ ޓީމުގައި ކުޅުނެވެ. އޭނާ ބުނިގޮތުގައި ކުޅިވަރުގެ ތެރެއިން ރައްޓެހިން ހޯދަން ފަސޭހަ އެވެ. ގުޅީގައި ރޯދަމަހު ބޭއްވި ވޮލީ މުބާރާތެއްގައި އަނާ ވަނީ ބައިވެރިވެފަ އެވެ. އަދި އޭނާ އަކީ ޔޯގާ ޓީޗަރެއް ކަމުން، އެ ރަށުގެ އަންހެނުންނަށް ހާއްސަކޮށްގެން ފިޓްނަސް އަދި ޔޯގާ ކްލާސްތަކެއް ހިންގި އެވެ. އެ ރަށުގައި އެކި ދުވަސްތައް ފާހަގަކުރުމުގައި އޭނާ ރަށުގެ އަންހެނުންނާ އެއްކޮށް ބައިވެރިވި އެވެ.
"ކޮމިއުނިޓީއެއް ގޮތަށް އެންމެން އެއްކޮށް މަސައްކަތް ކުރަނީ. އެހެން ގައުމުތަކަށް ޒިޔާރާތް ކުރާ އިރު ފެންނަ އާދަޔާހިލާފަށް ފަގީރު އަދި ނިކަމެތި މީހުން ރާއްޖެއިން ފެންނަ ވަރު މަދީ، އަބަދުވެސް މުުޖުތަމައުގައި އޮންނަ ގުޅުމުގެ ސަބަބުން. އެންމެ ހާލުގައި އުޅޭ މީހާ އަށް އަޅާލާ ކޮންމެވެސް އެއް ބަޔަކު ތިބޭތީ،" އަނާ އަށް ރަށްރަށުން ފެންނަ މަންޒަރުތަކަށް ބިނާކޮށް ފާހަގަކުރި އެވެ.
ރަޝިޔާގައި ދިރިއުޅޭ އޭނާގެ މަންމަ އާއި ބައްޕަ އާއި ދައްތަ ވެސް ވަނީ ދެތިން ފަހަރަކު ރާއްޖެ އައިސް ބޮޑުފޮޅުދޫގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އެ މީހުން ވެސް އިހުތިޔާރުކުރީ ދިވެހިންގެ ދިރިއުޅުން ބަލައިލެވޭނެ ގޮތެވެ.
"މިސްވޭ ރަޝިޔާ. އެކަމަކު އަހަރެން މީގެ ކުރިން ޗައިނާގައި ވެސް ދެ އަހަރު ހޭދަ ކޮށްފިން. ދެން އާއިލާ މީހުން ރާއްޖެ އައިސްފި. އަހަންނަށް ވަރަށް ބޮޑަށް ދިވެހި ދިރިއުޅުން ކަމުދޭ،" އަނާ ބުންޏެވެ.

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އެކި ކަންކަން ތަޖުރިބާކުރި އިރު ދިވެހި ރަހަތަކަށް ވެސް އަނާގެ ހިތްޖެހިއްޖެ އެވެ. އޭނާއަށް އެންމެ މީރު ދިވެހި ކެއުމަކީ މަސްހުންޏާއި ރޮއްޓެވެ.
"އެންމެ މީރީ ކޮޕީ ފަތު މަސްހުނި،" އޭނާ ބުންޏެވެ.
@anna.maldives What do you make for Iftar? #ramadhan2022 ♬ оригинальный звук - Life in Maldives 🏝
މަސްހުންޏާއި ރޮއްޓާއި ކުޅިމަސް އަދި ހުކުރު ދުވަހަށް "ހުކުރު ކުކުޅު" ތައްޔާރުކުރަން އަނާއަށް މިހާރު އެނގެ އެވެ. އަދި ދިވެހި ބަސް ވެސް މަޑުމަޑުން ދަސްވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. ރަޝިޔާ ބަހުގެ އިތުރުން އިނގިރޭސި ބަހާއި ޗައިނާ ބަހަށް އަނާ ފަރިތަ އެވެ.
"އަހަރެން ދިވެހި ބަސް މިހާރު ދަސްކުރަނީ،" ހުޅުމާލޭގެ ކެފޭއެއްގައި އަހަންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ގެންދިޔަ އިރު އަނާ ދިވެހި ބަހުން ބުނެލި އެވެ.

ދިވެހިންގެ އާދަކާދަ އާއި ސަގާފަތުގެ ތެރެއިން އީދު ފާހަގަ ކުރާ ގޮތް ވެސް އަނާ އަށް ގާތުން ބަލާލެވިއްޖެ އެވެ.
"މާލި ޕެރޭޑްތައް އެއީ ވަރަށް ތަފާތު ކަމެއްގެ ގޮތުގައި ފެނުނު އެއްޗެއް. އަދިވެސް އެ ސަގާފަތް ދެމިގެންދާތީ. އަދި އީދު ކުޅިވަރުތައް އެތައް ދުވަހަކަށް ދެމިގެންދިއުމަކީ ވެސް ތަފާތު ކަމެއް،" އަނާ ބުންޏެވެ.
'އަންހެނުންނަށް ފުރުސަތުތައް އިތުރުވާންޖެހޭ'
ދިވެހި އަންހެނުންނާއި އެމީހުންގެ ދިރިއުޅުން ބިނާވެފައިވާ ގޮތް ފެނިފައިވާތީ އަނާ ފާހަގަކުރީ މާލެ އާއި ރަށްރަށުގައި އަންހެނުންނަށް އޮންނަ ޖާގަ އާއި ފުރުސަތުތައް ތަފާތުކަމެވެ.

އޭނާ ބުނިގޮތުގައި މާލޭގެ އާއްމު ތަންތަނުގައި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުން ވެސް ހޭލަމޭލަވެ އުޅޭ އިރު، ރަށްރަށުގެ ހޮޅުއަށްޓާއި އުނދޯލި ފަދަ ތަންތަނާއި ކެފޭތަކުން އަންހެނުން ފެންނަ ވަރު މަދެވެ؛ އެމީހުން އަބަދުވެސް އުޅެނީ ކޮންމެވެސް މަސައްކަތަކައިގެންނެވެ.
"އަންހެނުން އެފަދަ ތަންތަނަށް ނުދަނީ ރައްކާތެރިކަން އިހްސާސް ނުކުރެވޭތީ. އަަހަރެން ވެސް، ލެޕްޓޮޕް ހިފައިގެން މަސައްކަތް ކޮށްލަން ބޭނުންވިޔަސް، [ރަށްރަށުގައި] ކޮންމެކޮންމެ ތަނަކަށް ނުދަން،" އަނާ ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި އަންހެނުންނަށް އެންމެ މުހިއްމު އެއް ކަމަކީ މާލީ މިނިވަންކަން އޮތުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ އަށް ދިރިއުޅެވޭނެ މަސައްކަތެއް ނުވަތަ އާމްދަނީއެއް ލިބޭނެ ގޮތް ފަހިވެފައި އޮތުމެވެ. އެހެންވެ، ރާއްޖެއިން އަންހެން ގެސްޓްހައުސް އޯނަރުންނާ ބައްދަލުވެފައިވާކަން އުފަލާ އެކު އަނާ ފާހަގަކުރި އެވެ. އޭނާ ބުނިގޮތުގައި އެއީ ލިބުނު ފަހުރެކެވެ.


"ދިވެހި އަންހެނުންނަކީ ގިނަ ކަންކަމަށް ލޯ ހުޅުވިފައިވާ ތައުލީމީ އަދި ހޭލުންތެރި ބައެއް. މިނިވަންކަމާ އެކު އުޅޭ ބައެއް،" އަނާ ބުންޏެވެ.
އަނާ ކުޅިވަރަށާއި ފިޓްނަސް އަށް ލޯބި ކުރެ އެވެ. ޔޯގާ ހެދުމުގެ އިތުރުން ސްކޭޓް ކުރެ އެވެ. އަދި މި ވަގުތު އޭނާގެ އެންމެ ބޮޑު އަމާޒަކީ ހުޅުމާލޭގައި ޑާންސް ސްޓޫޑިއޯއެއް ހުޅުވުމެވެ.
"ޔޯގާ އަދި އެކި ކަހަލަ ޑާންސް ދަސްކޮށްދޭ ޖާގައެއް ހުރުން މުހިއްމު،" އަނާ ބުންޏެވެ.
ފަތުރުވެރިކަމުގެ މަސައްކަތުގައި އަނާގެ އުއްމީދަކީ ރާއްޖޭގެ ދެކުނަށް ގޮސް އެ ތަޖުރިބާތައް ޑޮޮކިއުމަންޓް ކުރުމެވެ.
އަނާ ރާއްޖޭގައި ހޭދަ ކުރި ހަތަރު އަހަރު ވަނީ ދިވެހިންގެ ދިރިއުޅުމަށް ފަރިތަވެފަ އެވެ. ދިވެހިންގެ ސަގާފަތާއި އާދަކާދަތައް ރާއްޖޭގެ އެކި ރަށްރަަށަށް ޒިޔާރާތްކޮށް އޭނާ ތަޖުރިބާކޮށްފި އެވެ. އަނާ ބުނީ ކޮންމެ ބަަޔަކު ވެސް ކަންބޮޑުވާ ނުވަތަ ފިކުރުކުރާ ކަންކަން ހުއްޓަސް، ރަށްފުށުގެ ދިރިއުޅުމުން ޖުމްލަކޮށް ފެންނަނީ ހަމަޖެހިލައިގެން އުޅޭ ތަން ކަމަށެވެ.
"ރަށްރަށު މީހުންގެ ދިރިއުޅުން، މާލެ އާއި ދުނިޔޭގެ އެހެން ތަންތާނގައި މީހުން އުޅުމާ ވެސް ތަފާތު. ސްޓްރެސްއެއް ނޯވޭ. އާއްމުކޮށް މާބޮޑު ވިސްނުމެއް، ފިކުރުތަކެއް ނޯވޭ. ވަރަށް ހަމަޖެހިލައިގެން ސާދާ ދިރިއުޅުމެއް އުޅޭތަން ފެންނަނީ،" ދުނިޔޭގެ 20 ގައުމަކަށް ޒިޔާރަތްކޮށްފައިވާ އަނާ ބުންޏެވެ.
ކޮމެންޓް (4)
ޢެނިި
ކީކޭ
ހިތަދޫ 2
ސާބަސް