Majlis 2024

އަޒްހާން

ރޯދަ 2023

އަޒްހާން ގެނެސްދިން ސަސްޕެންސް އަދި އޭނާގެ އިޝްގު

މިއީ މިވަގުތު ދިވެހި ފިލްމީ ދާއިރާ އާއި ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމްތަކަށް ހާއްސަ ޕްރޮޑަކްޝަންތަކުން އެންމެ ފާހަގަކޮށްލެވޭ އެއް ނަން

ރަށުގައި އޭ ލެވެލް ފުރިހަމަކޮށް އޭގެ އަހަރެއްހާ ދުވަސް ފަހުން ފުރައިގެން މީގެ 12 ވަރަކަށް އަހަރު ކުރިން މާލޭގެ ކުލީ ދިރިއުޅުމަށް ބަދަލުވިއިރު އަޒްހާން އިބްރާހިމް ނިދައި ހޭލީ، ފިލްމު ޑައިރެކްޓަރަކަށް ވުމުގެ ހުވަފެނަކަށް ނޫނެވެ. އަދި ކުޅަދާނަ ސްކްރިޕްޓްރައިޓަރަކަށް ވުމުގެ ޝައުގުވެރިކަމެއް ވެސް ނެތެވެ. އަމުދަކުން މުނިފޫހިފިލުވުމުގެ ދާއިރާއަށް މާ ބޮޑު ޝައުގުވެރިކަމެއް ވެސް ނޯވެ އެވެ. އޭނާގެ ހުވަފެނަކަށް ވީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް ލޯޔަރަކަށް ވުމެވެ.

އެކަމަކު ޅ. ހިންނަވަރަށް އުފަން، އުމުރުން 29 އަހަރުގެ މި ޒުވާނާއަކީ މިވަގުތު ދިވެހި ފިލްމީ ދާއިރާ އާއި ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމްތަކަށް ހާއްސަ ޕްރޮޑަކްޝަންތަކުން އެންމެ ފާހަގަކޮށްލެވޭ އެއް ނަމެވެ. އަޒްހާން ލިޔެ ޑައިރެކްޓްކޮށްފައިވާ 13 އެޕިސޯޑްގެ ކްރައިމް ތްރިލާ، 'މިރާއީ' ބައިސްކޯފުން ސްޓްރީމްކުރަމުން އަންނައިރު އޭނާގެ އަލަތު ފީޗާ ފިލްމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރަމުން އެބަ ދެ އެވެ. މިވީ ދެ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ވަނީ ދެ ތިން މަސައްކަތެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީގެން، ބެލުންތެރިންގެ ހިތުގެ އެންމެ ފުންމިނުން ޖާގަ އާއި ލޯބި ކަށަވަރުކޮށްފަ އެވެ.

އެއަށް ފަހު އަޒްހާން ބުނަނީ މިހެންނެވެ.

"ދުވަހަކު ވެސް ހިތަކަށް ނާރާ ފިލްމު ޑައިރެކްޓަރަކަށް ވެދާނެއެކޭ. މި ދާއިރާ އިން މި ހިސާބަށް އާދެވިދާނެއެކޭ ވެސް. ކުރިން ހީކުރީ އަޅުގަނޑު ކުރިއަށް ދާނީ ގާނޫނީ ދާއިރާއިން ކަމަށް. އެއީ ލޯޔަރަކަށް ވުމުގެ ޝައުގުވެރިކަން އަބަދުވެސް އިނީމަ،" އޭނާ ކިޔައިދިނެވެ.

"މިހާ ހިސާބަށް މި ދާއިރާގައި އާދެވުމަކީ އަޅުގަނޑު ވަރަށް އުފާވާ ކަމެއް. މިއީ އަޅުގަނޑު ދުވަހަކު ވެސް އުއްމީދުކުރި ހިސާބެއް ނޫން. އަދި ވަކިން ހާއްސަކޮށް މިހާ އަވަހަށް މި ދާއިރާގައި މިހާ ހިސާބަށް އާދެވި އަޅުގަނޑު ލިޔެ ޑައިރެކްޓްކުރާ ފީޗާ ފިލްމެއް އޮލިމްޕަހުގެ ސްކްރީނުގައި އަޅުވަފާނެ ކަމަކަށް އުއްމީދެއް ވެސް ނުކުރަން."

"މިއީ އަޅުގަނޑުގެ ހުވަފެނެއް ހަގީގަތަކަށް ވުން. މިދިޔަ އަށް އަހަރު އަޅުގަނޑު ބެލި ހުވަފެން ހަގީގަތަކަށް ވަނީ އެންމެ ފަހުން."

އަޒްހާން އިބްރާހިމް

އަޒްހާން ހުރީ ހަގީގަތުގައި ވެސް ވަރަށް އެކްސައިޓްވެފަ އެވެ. ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނާ ދުވަހަކު ވެސް ނުބެލި ހުވަފެނެއް އޭނާގެ ހަޔާތުގެ ދަތުރުގައި އެންމެ ފަހުން ހަގީގަތަކަށް ބަދަލުވީ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެތައް ބަޔަކު ބަލައިގަންނަ ފެންވަރުގެ ޑައިރެކްޓަރަކަށް ބަދަލުވީ އެވެ.

އެކަމަކު މީގެ ދެ ތިން އަހަރު ކުރިން އޭނާ މި ދަތުރަކަށް ކަމަރު ބަންނަމުންދިޔައިރު ވަރަށް ގިނަ މީހުން ބުނީ އަޒްހާން ދުވަހަކު ވެސް މި ފެންވަރުގެ ޑައިރެކްޓަރަކަށް ނުވާނެއޭ އެވެ. ބެލުންތެރިން އާޝޯހުކޮށްލާ ފެންވަރުގެ ސްކްރީންރައިޓިން ހުނަރެއް ވެސް ނެތް ކަމަށެވެ.

ނަމަވެސް މީޑިއާ ނެޓަށް އޭނާ ލިޔެ ޑައިރެކްޓްކުރި އަށް އެޕިސޯޑްގެ 'ދަރަކަ' އާއި ބައިސްކޯފަށް ލިޔެ ޑައިރެކްޓްކުރި 'މިރާއީ' އަކީ އެ ހުރިހާ ފާޑުކިޔުމަކަށް އޭނާ ދިން ވަރަށް ފޮނި ރައްދެކެވެ. އެކަމަކު ހަގީގަތުގައި މިއީ ޚުދު އޭނާ ވެސް އުއްމީދުކުރި ކާމިޔާބީއެއް ނޫނެވެ.

ރަށުން ފުރައިގެން މާލެ އައިސް އެންމެ ފުރަތަމަ އޭނާ އުޅުނީ ދިއެފްއެމްގެ ވަޒީފާއެއްގަ އެވެ. އެހެން އުޅެނިކޮށް ފުރުސަތު ލިބުނީ ޓީވީއެމް އިން ކުރިއަށް ގެންދިޔަ 'ޕްރެޒެންޓާސް ޓްރެއިނިން' ވޯކްޝޮޕަކުންނެވެ. އެ ވޯކްޝޮޕަކީ އޭނާ ބުނި ގޮތުން ނަމަ މުނިފޫހިފިލުވުމުގެ ދާއިރާއަށް އޭނާގެ މިސްރާބު ބަދަލުކޮށް ހިތްޖެއްސުވި މައިގަނޑު ސަބަބެވެ.

އެ ވޯކްޝޮޕަށް ފަހު ޓީވީއެމްގައި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި މަސައްކަތް ވެސް ކުރި އެވެ.

"އެންމެ ފުރަތަމަ ފުރުސަތެއް ލިބުނީ ރޯދަ މަހު ޓީވީއެމުން ގެނެސްދޭ މިވަގުތު ޕްރޮގްރާމްގެ ބާޒާރު ސެގްމަންޓް ހުށަހަޅަން. އަޅުގަނޑު އޭގައި ކުރަން ޖެހޭ ކަމަކީ ބާޒާރު މައްޗަށް ގޮސް ރޯދަ މަހުގެ އަގުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުން. ދެން ބާޒާރަށް ގޮސް އެކި އެއްޗެހީގެ އަގުތައް ހޯދައި ބަލަމުން އޮންކެމް ހަދަން ޖެހޭނީ މައިގަނޑު،" އަޒްހާން ބުންޏެވެ.

"ފަނަރަ މިނެޓަށް އަޅުގަނޑު ފެންނާނީ ޓީވީ ސްކްރީނުން. އެއަށް ފަހު ނިމުނީ."

ޓީވީއެމްގައި 'ހެނދުނުހެނދުނާ' ޕްރޮގްރާމް ވެސް ހުށަހަޅައިދިނެވެ. އޭގެ ފަހުން އޭނާ ބަދަލުވީ ޗެނަލް13 އަށެވެ. އެތަނުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އޭނާ އުފައްދައި ހޯސްޓްކުރި 'ކުލަނބު' ޝޯ އަކީ އަޒްހާންގެ ކެރިއަރުގައި އަނެއްކާވެސް ވަރަށް ހާއްސަ ފިޔަވަޅެކެވެ. އޭނާގެ ފުރަތަމަ ޑައިރެކްޝަން މަސައްކަތް ބެލުންތެރިންނާ ހަމައަށް އޭނާ ގެނެސްދިން ސްކްރީނަކީ 'ކުލަނބު' ޝޯ އެވެ.

އަޒްހާން އިބްރާހިމް

"އެއީ މީރާ އާއި ޔާމީން ކިޔާފައިވާ ކަވާ ސޯންގް، ތީއެ މަގޭއަށް މަރިޔަމް އައްޒަ އާއި އިސްމާއިލް ޖުމައިހްއާ ގުޅިގެން އުފެއްދި ވީޑިއޯ ލަވައެއް. ޑައިރެކްޓަރެއްގެ ގޮތުގައި އަލަށް ވެސް ކުރި ފުރަތަމަ މަސައްކަތް. އެކަމަކު އެ މަސައްކަތް އަޅުގަނޑު ކުރީ ވަރަށް ބޮޑަށް އައްޒަ އާއި ޖުމާގެ އެހީތެރިކަން ލިބިގެން،" އަޒްހާން ބުންޏެވެ.

"އެހެންވީމަ އެ މަސައްކަތް އަޅުގަނޑުގެ ފުރިހަމަ ޑައިރެކްޝަނަކަށް ވެސް ނުވޭ. އަދި އަލަތު ޑައިރެކްޝަނެއްގެ ގޮތުގައި ކޮންމެހެން ފާހަގަކުރާކަށް ވެސް ބޭނުމެއް ނުވޭ."

އޭނާ ބުނީ ފާޑުކިޔުންތަކެއް ނުވަތަ ބައެއް ފަރާތުން ހުރަސްތަކެއް އޭނާއަށް ކުރިމަތިވީ އެ މަސައްކަތާ އެކު ޑައިރެކްޝަންގެ ތެރެއަށް ދާން ޝައުގުވެރިކަން ފާޅުކުރި ހިސާބުން ކަމަށެވެ.

"އޭރުގަ އަޅުގަނޑާ ދިމާލަށް ވަރަށް ގިނަ މީހުން ބުނި ނުވާނެއޭ ވެސް،" އޭނާ ބުންޏެވެ.

"ސަބަބަކީ ހަގީގަތަށް ބުނަންޏާމު އޭރަކު އަޅުގަނޑަކަށް ނޭނގޭނެ ހަމަ އެއްވެސް ކަމެއް. ޑައިރެކްޝަނާ ބެހޭ ގޮތުން ހަމަ އެއްވެސް ކަމެއް ނޭނގޭ."

އަޒްހާން ބުނީ ޑައިރެކްޝަންގެ ރޮނގުން އޭނާ ކުރިއަށް ނުދެވޭނެ ކަމަށް ބުނެ މީހުން އެގޮތަށް ކީ ފާޑުކިޔުންތަކުގެ އަސަރު އޭނާގެ 'ކޮންފިޑެންސަށް' ވަރަށް ބޮޑަށް ކުރި ކަމަށެވެ.

"އޭރު މީހުން އަޅުގަނޑާ ދިމާލަށް ނުވާނެއޭ ބުނީމަ އޭގެ ނޭދެވޭ އަސަރު ކޮންމެވެސް ވަރަކަށް ކުރި. އެހެންވީމަހެން ހީވަނީ ފުރަތަމަ ލަވައަށް ފަހު އިތުރު އެހެން ޕްރޮޖެކްޓެއް ނުފެށި އެހާ ދިގުލައިގެން ދިޔައީ ވެސް. ފުރުސަތު ވެސް ލިބުނު އެކަމަކު ފަހަރެއްގައި އެ ކޮންފިޑެންސް ނެތީމަ މަސައްކަތެއް ނުކުރެވުނީ ކަމަށް ވެދާނެ،" އަޒްހާން ބުންޏެވެ.

ގާތްގަނޑަކަށް އޭގެ ދެ އަހަރު ފަހުން އޭނާ ޑައިރެކްޝަންގެ މަސައްކަތަށް އެނބުރި އައީ އަނެއްކާވެސް އައްޒަ އާއި ޖުމާއާ އެކުގަ އެވެ. އެއީ ބެލުންތެރިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ލިބިގެންދިޔަ ވީޑިއޯ ލަވަ 'ހީލީމާ' އެވެ. އެއަށް ފަހު މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ލައިޝާ ޖުނައިދުގެ ވީޑިއޯ ލަވަ 'ހޯދޭތޯ މަންޒިލެއް' އަކީ ވެސް އަޒްހާންގެ ޑައިރެކްޝަނެކެވެ.

ދެން ވެސް ބައެއް މީހުން އޭނާގެ ހުނަރަށް އިތުބާރެއް ނުކުރި އެވެ. ނަމަވެސް އަޒްހާން ދިޔައީ ހިފެހެއްޓުމެއްނެތި ކުރިއަށެވެ. ވަކިން ހާއްސަކޮށް އޭނާ ދިޔައީ އެ ހުރިހާ ފާޑުކިޔުމެއްގެ ތެރޭގައި ވެސް، އަދި ޕްރޮޑަކްޝަނެއް ނެތަސް އަބަދުވެސް ސްކްރިޕްޓް ލިޔަމުންނެވެ.

އަޒްހާން (މ) އޭނާގެ ޑްރާމާ 'މިރާއީ' ގެ ކާސްޓް މެމްބަރުންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.

"އެގޮތަށް ލިޔުނު ސްކްރިޕްޓެއް ސަފަރު އަކީ. އެއީ ބައިސްކޯފަށް އުފައްދަން އުޅުނު ޑްރާމާއެއް. އޭގެ ޕައިލެޓް އެޕިސޯޑްގެ މަސައްކަތްކޮށްފައި ދިމާވި ކަންތައްތަކާ ގުޅިގެން އެ ޕްރޮޖެކްޓް ހުއްޓިފައި އޮތީ. ދެން އެ ޝޯއަށް އަޅުގަނޑު ލިޔެ ޑައިރެކްޓްކުރި ޕައިލެޓް އެޕިސޯޑް ފެނިގެން، ފިލްމު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގުޅީ އަޅުގަނޑަށް،" ޑައިރެކްޓަރެއްގެ ގޮތުގައި ތޮށިގަނޑު ފަޅާލާފައި ނުކުތުމުގެ ފުރުސަތު ތަނަވަސްކޮށް ޑައިރެކްޓަރުގެ ވާހަކައާ ހަމައަށް އެންމެ ފަހުން އަޒްހާންގެ ފިލްމު ގެންދިޔަ އެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި 'ބަވަތި' ފިލްމުގެ ޑައިރެކްޓަރަށް އަޒްހާންގެ ހުނަރު ފެނިގެން އޭނާއަށް ދިނީ އަށް އެޕިސޯޑްގެ ޑްރާމާ ސިލްސިލާއެއް އުފެއްދުމުގެ ފުރުސަތެވެ. އެއީ 40 މިނެޓްގެ އަށް އެޕިޑަށް އަޒްހާން ލިޔެ ޑައިރެކްޓްކުރި ކްރައިމް ތްރިލާ 'ދަރަކަ' އެވެ.

އޭގެ ފަހުން ފަސްއެނބުރި ބެލުމެއް ނެތެވެ.

"އެހިސާބުން އަސްލު އަޅުގަނޑުގެ ޑައިރެކްޝަންގެ ލައިފް ރަނގަޅަށް ފެށުނީ. މިހާރު އަޅުގަނޑުގެ ފުރަތަމަ ފީޗާ ފިލްމުގެ މަސައްކަތް ފަށައިގެން އުޅޭއިރު މިއީ އަޅުގަނޑުގެ ހުވަފެނެއް ހަގީގަތަކަށްވުން. މިދިޔަ އަށް އަހަރު އަޅުގަނޑު ބެލި ހުވަފެން ހަގީގަތަކަށް ވަނީ އެންމެ ފަހުން،" އަޒްހާން ބުންޏެވެ.

"ވަރަށް ބައިވަރު މީހުންނަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ. ސަބަބަކީ އަޅުގަނޑު މިހައި ހިސާބަށް މި އައީކީ އެކަންޏެއް ނޫން. ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން. މިސާލަކަށް ވާޝިއާ އަކީ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑާ އެކުގައި މަސައްކަތްކުރަމުން އަންނަ ފަރާތެއް."

"އެކްޓިންގެ އިތުރުން ޕްރޮޖެކްޓް މެނޭޖިންގައި ވެސް އެހީތެރިވެ އަދި އަބަދުވެސް އަޅުގަނޑަށް ވަރަށް ހިތްވަރުދޭ މީހެއް ވާޝިއާއަކީ."

"އައްޒަ އާއި ޖުމާ އަދި އިލްޔާސް ވަހީދު އަށް ވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވޭ. އަދި އެކްޓަރު ޝަރަފަށް ވަރަށް ހާއްސަ ޝުކުރެއް. ސަބަބަކީ ހީއެއް ނުވޭ އޭނައާ ނުލައި މީގެ އެއްވެސް ކަމެއް ފުރިހަމަވާނެހެނެއް. މިހާތަނަށް ކުރި ހުރިހާ މަސައްކަތެއްގައި އުޅޭނެ އެކަކު ޝަރަފަކީ."

އަޒްހާން ބުނީ އޭނާގެ ހުވަފެނުގައި އެންމެ ފަހުން ކުލަޖެހި ހަގީގަތަކަށް ވަމުން އަންނައިރު ބޭނުންވަނީ ބެލުންތެރިން އާޝޯހުކޮށްލެވޭ ވަރުގެ މަސައްކަތްތަކެއް ދެން ވެސް ކުރިއަށް ގެންދަން ކަމަށެވެ.

"ބެލުންތެރިން އާޝޯހުކޮށްލާނެ މަސައްކަތެއް އަބަދުވެސް ކުރަން ބޭނުންވަނީ. ހާދަ ސަޅިއޭ، ހާދަ ތަފާތޭ ބުނާ ވަރުގެ ކަމެއްކޮށްލަން އަބަދުވެސް ބޭނުންވަނީ،" އޭނާ ބުނެލިއެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑު މިހާތަނަށް ގެނެސްދިން ޑާކް ތްރިލާތަކަށް ވުރެން މި ފިލްމު [މީ އިޝްގު] މާ ކަމުދާނެހެން ބެލުންތެރިންނަށް. ސަބަބަކީ އަޅުގަނޑު އަމިއްލަ އަށް ގަބޫލުކުރާހިތްވަނީ ތްރިލާއަށް ވުރެ މޮޅަށް އަޅުގަނޑަށް ލޯބީގެ ހިތާމަވެރި ފިލްމެއް ލިޔެވިދާނެ ކަމަށް."

"މި ފިލްމަކީ ވަރަށް، ހަމަ ވަރަށް ސޭޑް ރޮމޭންޓިކް ފިލްމެއް."

އެކަމަކު ހިތުގައި ސިނަމާ އާއި ޑްރާމާއަށް އޮތް 'އިޝްގު' އަދި މިހައި ހިސާބުން ނިންމާލާކަށް އޭނާ ބޭނުމެއް ނުވެ އެވެ.

ކޮމެންޓް (1)

ޟުނާން

27 މާރިޗު 2023
ހުސް ގިރިގިރި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް