މާއިޝް އޭނާ ތަރާވީސް ނަމާދު ކުރާ މަސްޖިދުލް މުހައްމަދު ޖަމީލް ދީދީގައި ފޮޓޯއަކަށް ހުއްޓިގެން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ރޯދަ 2023

އުމުރުން 16 އަހަރު؛ އިމާމުވެ ތަރާވީސް ކުރާތާ 3 އަހަރު

ގުރުއާން ހިތުދަސްކޮށްފައިވާ މި ޒުވާން ހާފިޒަކީ ކިޔެވުމުގެ ރޮނގުން ވެސް ޖަމާލުއްދީން ސްކޫލުގައި ފާހަގަކޮށްލެވޭ ދަރިވަރެއް

ކީރިތި ގުރުއާނަށް ލޯބިޖެހި، ގަވައިދުން ގުރުއާން ކިޔަވަން ފެށި ފަހުން، މޫސާ މާއިޝް މާޖިދުގެ އުއްމީދެއް އޮވެ އެވެ. އެއީ ކޮންމެވެސް ދުވަހަކުން މިސްކިތެއްގައި އިމާމުވެ ނަމާދެއް ކޮށްލުމެވެ. ހާއްސަކޮށް ތަރާވީސް ކަހަލަ ބޮޑު ޖަމާއަތެއްގަ އެވެ. އިމާމުގެ މަގާމުގައި ހުންނައިރު ކުރެވޭނީ ކޮން ކަހަލަ އިހުސާސްތަކެއްބާވައޭ އޭނާގެ ކުޑަކުޑަ ހިތަށް އެންމެ ކުރިއްސުރެ އަރަ އެވެ.

އުމުރުން 12 އަހަރުގައި މާއިޝް ވަނީ ގުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހޯދާފަ އެވެ. އަދި އޭގެ ދެ އަހަރު ފަހުން އުމުރުން އެންމެ 14 އަހަރުގައި އޭނާގެ ހުވަފެން ހަގީގަތަކަށް ވެެއްޖެ އެވެ. މާލޭގެ ބޮޑު މިސްކިތެއްގައި، އެތައް ސަތޭކަ ބައެއްގެ އިމާމަކަށް ވެ ހުރެ މާއިޝް ވަނީ 2021 ވަނަ އަހަރުގެ ރޯދަ މަހުގެ ތަރާވީސް ނަމާދުކޮށްފަ އެވެ.

މާއިޝް އޭނާ ތަރާވީސް ނަމާދު ކުރާ މަސްޖިދުލް މުހައްމަދު ޖަމީލް ދީދީގައި ފޮޓޯއަކަށް ހުއްޓިގެން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ޖަމާލުުއްދީން ސްކޫލުގެ ގްރޭޑް 10ގައި ކިޔަވާ މި ދަރިވަރު ކިޔައިދިން ގޮތުން، ގުރުއާން ކިޔެވުމާއި ގުރުއާން ހިތުދަސް ކުރުމުގެ ޝައުގުވެރިކަން ވަރަށް ކުޑައިރުއްސުރެ އޭނާގެ ހިތުގައި އޮވެ އެވެ. ކުޑައިރުގެ އެންމެ އުފާވެރި ހަނދާންތައް ވެސް ގުޅިފައިވަނީ ގުރުއާން ކިޔެވުމާ އެވެ. އެންމެ ފުރަތަމަ ގުރުއާން ދަސްކުރުމަށް ޝައުގުވެރިވީ، މާއިޝް ކިޔައިދިން ގޮތުން، ޕްރީ ސްކޫލުގައި އުޅުނު އިރު ބޭއްވި ގުރުއާން މުބާރާތަކުން އެއްވަނަ ލިބުމުންނެވެ. އޭރު، އެންމެ އާޔަތެއް ހިތުދަސްކުރެވިގެން އެކަމާ އުފަލުން އުޅޭ ހަނދާން އަދިވެސް ވެ އެވެ. ގުރުއާން ކްލާހަށް ގޮސް ވީހާ ވެސް ގިނަ އާޔަތްތައް ދަސްކުރުމަކީ، އޭރު ވެސް މާއިޝްގެ އެންމެ ބޮޑު އަމާޒެވެ.

ޕްރީ ސްކޫލަށް ފަހު ޖަމާލުއްދީން ސްކޫލަށް ބަދަލުވުމުން ދެން އޭނާ ގުރުއާން ކިޔަވަން ދާން ފެށީ، ގުރުއާނާ ބެހޭ މަރުކަޒަށެވެ. އެތަނަށް ގޮސް ދޮޅު އަހަރުގެ ތެރޭގައި ތިން ފޮތް ހިތުދަސް ކުރި އެވެ. އޭގެ ފަހުން މަންމަ ބަލިވެގެން، އިންޑިއާއަށް ބަދަލުވާން ޖެހުނު ނަމަވެސް ޝައުގުވެރިކަމާ އެކު މާއިޝް ކުރަމުން ދިޔަ އެ މަސައްކަތް ހުއްޓައެއް ނުލަ އެވެ. ހިފްޒު ކުރުން ދެން ކުރިއަށް ގެންދިޔައީ، އިންޑިއާގެ ދާރުއްސަލާމް ހިފްޒު ގުރުއާން ކޮލެޖުންނެވެ.

ޖަމާލުއްދީން ސްކޫލުގައި މިދިޔަ އަހަރު ބޭއްވި ގުރުއާން މުބާރާތުގައި ބަލައިގެން ކިޔުމުގެ ގޮފިން އެއްވަނަ ލިބުމުން ލިބުނު އިނާމާ އެކު މާއިޝް (ކ-2) އެހެން ކުދިންތަކަކާ އެކު ފޮޓޯއަކަށް ހުއްޓިގެން

އެތަނުގައި ކިޔެވުން ކުރިއަށް ގެންދަން ފެށިއިރު، ހީ ވެސް ނުކުރާހާ އަވަހަށް މާއިޝް ދިޔައީ ގުރުއާން ހިތުދަސްކުރަމުންނެވެ. އިންޑިއާއަށް ބަދަލުވިތާ އެންމެ ދޮޅު އަހަރުގެ ތެރޭގައި 27 ފޮތް އޭނާ ހިތުދަސްކޮށް، ގުރުއާން އެއްކޮށް ހިފްޒު ކުރި އެވެ. އެއަށް ފަހު އޭނާ މާލެ އެނބުރި އައީ، އެ އަހަރު ރޯދަ މަހު އެ ކޮލެޖުގެ ތަރާވީހު ނަމާދުގައި އިމާމުކޮށްފަ އެވެ. އޭރު އެންމެ 12 އަހަރެވެ.

މާލެ އައިސް، ހާފިޒު ކަމުގެ އިމްތިހާނުގައި ދުވާލަކު ފޮތެއް ހިތުން ކިޔައިދީގެން މަސް ދުވަހުގެ ތެރޭގައި މާއިޝް ސަނަދު ހޯދި އެވެ.

ފުރަތަމަ ތަޖުރިބާ: ފޮނި އިހުސާސްތަކެއް

އިސްކަންދަރު މިސްކިތުގައި އިމާމުވެ އެންމެ ފުރަތަމަ މާއިޝް ތަރާވީސް ކުރި އިރު ފުރަތަމަ ދުވަހު ކުޑަކޮށް ޖެހިލުންވި އެވެ. އެކަމަކު ނަމާދުން ފޭބުމާ އެކު، މީހުން އޭނާ ވަށާލައި، ސަލާމްކޮށް ކުރި ހެޔޮދުއާތަކުން ހިތްހަމަޖެހުނެވެ. އޭނާއަށް އެކަން ކުރެވުނީ ރަނގަޅަށްކަން އިހުސާސްވި އެވެ.

"ވަރަށް ޕްރައުޑް ވެވުނު އެހާ ދުވަހު ކުރި އުއްމީދެއް ފުރިހަމަވުމުން. ވަރަށް، ވަރަށް އުފާވި،" މާއިޝް ބުންޏެވެ.

މާއިޝް މިސްކިތުގައި ނަމާދުކުރަނީ: އޭނާ ގުރުއާން ހިތުދަސްކުރީ އުމުރުން 12 އަހަރުގައި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މާއިޝް ބުނިގޮތުގައި އެ އަހަރު ތަރާވީހުގައި ގުރުއާން ހަތިމްކުރެވުމުން، މިއީ އޭނާއަށް ކުރެވިދާނެ ކަމެއްކަން އެނގުނެވެ. އަދި އޭގެ ފަހުން ޖެހިގެން އައި އަހަރު ވެސް އެކަމަށް ކުރިމަތިލީ، އިމާމުވެ ތަރާވީސް ކުރުމުން ލިބޭ ހިތްހަމަޖެހުމަކުންނެވެ. މި އަހަރު މާއިޝް ތަރާވީސް ކުރަނީ މަސްޖިދުލް މުހައްމަދު ޖަމީލް ދީދީގަ އެވެ.

މާއިޝް ބުނިގޮތުގައި ވަރުގަދަ އަޒުމަކާ އެކު ގުރުއާން ހިތުދަސް ކުރަން ފަށައިފި ނަމަ، އެއީ އުނދަގޫ ކަމެއް ނޫނެވެ. އެކަމަކު ހިތުދަސްކުރަން ފެށުމާ އެކު ގަވައިދުން އެކަމަށް ވަގުތު ދޭން ޖެހޭނެ އެވެ. ދަސްވާ ވަރަކުން މުރާޖައާ ކުރަން ޖެހޭނެ އެވެ. އެހެން ނޫނީ، ދަސްކުރި އެއްޗެހި ފަސޭހައިން ހަނދާން ނެތޭ ގޮތްވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު މިކަން ކުރި ގޮތަކީ، ބަލައިގެން ދަސްކުރާ ގަޑީގައި ހަމަ ރަނގަޅަށް ދަސްވަންދެން ކިޔެވީ. ދެން އެއަށް ފަހު ނުބަލާ ކިޔާއިރު، ތަންތަންކޮޅުން ފޮތް ހުޅުވައިގެން ނުކިޔަން. ނުބަލާ ކިޔަވާ ގަޑީގައި ކުށް ކިޔުނު ތަންކޮޅު މާކުކޮށްލާފައި ފަހުން އަނެއްކާ ވެސް ރަނގަޅަށް ދަސްކޮށްލީ،" މާއިޝް ބުންޏެވެ.

މިދިޔަ އަހަރު މޮރޮކޯގައި ބޭއްވި ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމަށް ފަހު މާއިޝް (ކ) މުބާރާތުގެ އޮފިޝަލަކާ އެކު ފޮޓޯއަކަށް ހުއްޓިގެން

ގުރުއާން ކިޔެވުމުގެ އިތުރުން މާއިޝްއަކީ، ކިޔެވުމުގެ ރޮނގުން ވެސް ޖަމާލުއްދީންގައި ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ގްރޭޑް 10ގައި ކިޔަވަމުން އަންނައިރު، ބައެއް މާއްދާތަކުން 'އޭ ސްޓާ' އަދި އެހެން މާއްދާތަކުން 'އޭ' ހޯދަ އެވެ.

އާއްމުކޮށް ރާއްޖޭގައި އިމާމުވެ ތަރާވީސް ނަމާދު ކުރަނީ، އަރަބިއްޔާގެ ދަރިވަރުން ނަމަވެސް، އިނގިރޭސި މީޑިއަމަށް ކިޔަވަމުން ވެސް ގުރުއާން ހިތުދަސްކުރެވިދާނެކަން މާއިޝް ސާބިތުކޮށްދީފި އެވެ.

މާއިޝް ބުނިގޮތުގައި ވަގުތު ބަހާލައިގެން ދެ ކަންތައް ވެސް ރަނގަޅަށް ކުރެވިދާނެ އެވެ. ހުސް ވަގުތު ހޯދައިގެން ފިލާވަޅު ދަސްކޮށް، ހުސް ވަގުތު ހޯދައިގެން ގުރުއާން ވެސް ކިޔެވިދާނެ އެވެ. އަދި ގުރުއާން ކިޔެވުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރިޔަސް އެއީ ސްކޫލުން ދޭ ފިލާވަޅުތައް ހަދައި ދަސްކުރުމަށް އެއްވެސް ވަރަކަށް ހުރަސް އެޅޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ހަމަ ރަނގަޅަށް ސްކޫލުގެ ފިލާވަޅުތައް ވެސް ކިޔަވަން. އަދި ހުސް ވަގުތު ހޯދައިގެން ދުވާލަކު ގުރުއާނުން ދެތިން ފޮތް ކިޔަން،" މާއިޝް ބުންޏެވެ.

"މިއީ ވަގުތު ހޯދައިގެން، ވަރުގަދަ އަޒުމަކާ އެކީގައި ކޮންމެ ކުއްޖަކަށް ވެސް ކުރެވިދާނެ ކަމެއް."

ކޮމެންޓް (5)

ޢައިޝާ

27 މާރިޗު 2023
މާއިޝް އަށް ވ މަރުޚަބާ އާރޓިކަލް ކިޔާލާފަ ވ އުފާ ވެއްޖެ
4 0

ހަސަން

26 މާރިޗު 2023
ސާބަހޭ!ކޮއްކޯ ތިކުރީ މައިބަފައިންގެ ބަސްއަހާގެ ވަރަށް މޮޅުކަމެއް އަދި ވެސް ތިކުރި ހިތްވަރަށް އަސަރިބަހުން ސާބަސް ތިއީ މޮޅުކުއްޖެކެވެ.
19 0

ޖަމީލާ

26 މާރިޗު 2023
ސާބަހޭ ކޮއްކޯ
18 0

ޑަޑާ

26 މާރިޗު 2023
ސޯ ޕްރައުޑް އޮފް ޔޫ
18 0

ގުޑް

26 މާރިޗު 2023
ސާބަސް މާއިޝް. ހިތްވަރު ގަދަ
19 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް