Majlis 2024

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބީ މަރުކަޒަށް ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނަޝީދަށް މިވީ ކިހިނެއް؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަކީ ތަފާތު ބޭފުޅެއްކަންކަން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އެނގިވަޑައިގަންނަވަ އެވެ. ތަފާތު ބަހަނާތައް ދައްކަވައި އަދި "ބްރޯ"އޭ، ކޮރަޕްޝަނޭ ކިއުއްވައިގެން ފައްޔާޒުގެ އަގުވައްޓާލައި މަގާމުން ބޭރުކޮށްލުމުގެ މަސައްކަތް ކުރެއްވީ އެހެންވެގެން ކަމަށް ގަބޫލުކުރެވެ އެވެ.

ނަޝީދުގެ އާންމު އުސޫލުން އޭނާގެ ސިޔާސީ ހަތުރުން ދުއްވާލުމަށް ބުލީ ކުރައްވައި އެ ހުރިހާ ކަމެއް ވެސް ކުރެއްވި އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހަންމަދު ސޯލިހު ހުންނެވީ ސަހަލު ގޮތަކަށް ފައްޔާޒު ކަންބަޅިއެއްހެން ކަތިލެއްވުމަށް ފުރުސަތު ދެއްވާ ގޮތަކަށް ނޫނެވެ. މަޖިލީހުގެ ތެރެއިން ފައްޔާޒު ދުއްވާލުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ ފެންމަތިކޮށް އަދި ނަޝީދުގެ ބައެއް އައުވާނުން މެދުވެރިކޮށް އިތުބާރު ނެތް ކަމުގެ ލިސްޓްގައި ސޮއި ވެސް ކުރުވި އެވެ؛ ނަމްބަރު ހަމަވާ ގޮތް ނުވީ އެވެ. ރައީސް އެ ފުރުސަތެއް ނުދެއްވި އެވެ. ވިދާޅުވި ކަހަލަ އެވެ؛ ދުއްވާލަންޏާ ދެ މީހުން އެއްކޮށް ދުއްވާލާށެވެ. އެ ވަރަށް ވެސް ރައީސް ފައްޔާޒު ދިފާއު ކުރެއްވި އެވެ. 

ނަޝީދުގެ ސިޔާސީ ހަޔާތުގެ މުޅި މާޒީގައި ވެސް ވަނީ އޭނާއާ ދެކޮޅުހަދާ އަދި ދެކޮޅަށް ތެދުވެދާނެ ކޮންމެ ބޭފުޅެއްގެ ބޮލުގައި އަތްއަޅުއްވައި ގަންބުވާލައްވައިފަ އެވެ. އެމްޑީޕީގެ މުޅި ސިޔާސީ ހަޔާތުގައި، އެގޮތުން ލިސްޓް ކުރާ ނަމަ ގުނާ އަދަދު ނުކުރެވޭހާ ބޭފުޅުން އެބަތިއްބެވެ. އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހަންމަދު މުނައްވަރާއި ކުރީގެ ރައީސް އިބްރާހީމް އިސްމާއީލާއި ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއި އެހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އެ ހުރިހާ ބޭފުޅުން ވެސް ދުއްވާލާފައިވަނީ ތަފާތު އުކުޅުތައް ބޭނުން ކުރައްވައިގެންނެވެ. ބައެއް ފަހަރު އެމްޑީޕީގެ އެތެރޭގެ ދަފުތަރު ހިތު ހުރި ގޮތަކަށް ކޮންޓްރޯލުގައި ބާއްވައިގެންނެވެ. އަނެއް ބައި ބޭފުޅުންގެ ބޮލުގައި ތަފާތު ބަދުނާމުތައް އަޅުއްވައިގެންނެވެ. އަދި ޖެއްސުމާއި ދުއްތުރާތައް ކުރިމަތިކުރުވައިގެންނެވެ. ނަޝީދުގެ ރައީސް ކަމުގައި، ނާއިބު ރައީސްއަކަށް ހުންނެވި ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ރައީސް އޮފީހަށް ވެދެވައިގަތް އިރު، ސިނގިރޭޓްގެ އަޅި ވެސް، އެ މަނިކުފާނުގެ ގައިކޮޅަށް ބަޔަކު ކެނޑުއްވި ކަމަށް ބުނެ އެވެ. އެންމެ ފަހުން ވަހީދަށް "ކާޅަށް" ގޮވައި މުޅި ސިޔާސީ ކެރިޔާ މޮޑެލީ ނަޝީދު ވިދާޅުވާހާ އެއްޗަކަށް ބޯ ނުޖެއްސެވުމުންނެވެ. މިއަދު އެކަމުގެ ސަބަބުން އެ މަނިކުފާނުގެ މުޅި ސިޔާސީ ހަޔާތް ވަނީ ބަރުބާދުވެފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ނަތީޖާ. (ދައުރު އިންފޮގްރެފިކްސް/އަހުމަދު އަލީފް)

އެ ލިސްޓް ވަރަށް ދިގު ކުރެވިދާނެ އެވެ. އެކަމަކު އެއީ އެހާ މުހިންމު ކަމެއް ނޫނެވެ. ނަމަވެސް މި ވޭތުވެ ދިޔަ 16 ވަރަކަށް އަހަރުގެ ތެރޭގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރި، ވަރަށް ވަރު ގަދަ ސިޔާސީ ފަހުލަވާނުން އެ ޕާޓީއާ ފެއަށް ޖެހި، އެ ނޫން ދިމަދިމަލާށް އެނބުރެން ޖެހުނީ ނަޝީދުގެ ބުލީގެ ޝިކާރައަކަށް ވެގެން ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެ އެންމެ ބޭފުޅުން މިހާރު ތިއްބެވީ ނަޝީދު އެއް ފަރާތް ކުރުމަށް ކެތް މަދުވެފައިކަން އެއީ ނަޝީދަށް ފަހަރުގައި އެނގިވަޑައިނުގަންނަވާ ކަމަށް ވެދާނެ އެވެ. އަދި އެނގިވަޑައިގަތަސް، ގަބޫލު ކުރަން އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް ހަގީގަތަކީ އެއީ އެވެ. ނަޝީދު އަރިހުގައި ދެ ގޮތެއް ނުވެ ތިއްބެވީ އޭނާ ވިދާޅުވާހާ އެއްޗަކަށް އާދެ މަސާހިބު ކިޔާ މަދު ބަޔަކު އެކަންޏެވެ. ދެން އާއިލީ ބޭފުޅުންނެވެ. 

މާލެ ފިޔަވައި އެމްޑީޕީގެ އެންމެ ބޮޑު ސަޕޯޓް ބޭސްއެއް އޮތީ އައްޑޫގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހަންމަދު އަސްލަމު ނަންގަވާނެ ކަމަށް ވިދާޅުވެ ޖެއްސި ހާލު އެ އޮތީ ފެންނަން ނޫންތޯ އެވެ. މަޖިލީހުގެ ރައީސްކަން ނުދިންތާ ނައިބު ރައީސްކަން ވެސް ނުދެއްވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއީލީ ވެރިކަން ކުރެއްވި ކަމަށް ވިދާޅުވި ބޭފުޅުން ތިއްބެވީ، މުޅި މަޖިލީހުގެ މަތިފަޑީގައި ބަގުޑި ބައްދަވައިގެންނެވެ. އެއީ ނެޕޮޓިޒަމެއް ނޫން ދެން ކޯއްޗެއްތޯ އެވެ؟

ކޮރަޕްޝަންގެ ވާހަކަ އަކީ ވެސް މަޖާ ވާހަކަ އެކެވެ. ކޮރަޕްޝަނޭ، ނާޖާއިޒު ފައިދާއޭ ވިދާޅުވެ އެންމެ އަޑު ގަދަ ކުރައްވަނީ ވެސް އެމްޑީޕީގެ "ތިލަފަތުގެ ރަމުޒު"ގެ ބޭފުޅުންނެވެ. ނަމަވެސް ބިތު ފަންގި ނެގި އިރު ކަމަކު ދާކަށް ނެތެވެ. ހެލްތު މިނިސްޓްރީގެ އެތައް މިލިއަން ރުފިޔާއެއްގެ މަޝްރޫއުތައް ދޫކޮށްފައި ހުރީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުންގެ ކުންފުންޏަށެވެ. އެ ކުންފުންޏަށް ނުވާ ވަރުން ވެސް އެ މަޝްރޫއުތައް ދިނީ ކޮން އަސާސެއްގެ މަތިންކަން އެނގޭނެ ފަރާތެއް ނެތެވެ. ޖަވާބުދާރީ ވުމެެއް ވެސް ނެތެވެ. 

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އުފަންދުވަހުގެ ކޭކު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެކު އެމްޑީޕީ އޮފީހުގައި އިއްޔެ ފަޅަނީ. (ފޮޓޯ/އެމްޑީޕީ)

އެއީ އެ ތާރީހެވެ. ފަހުގެ ތާރީހަށް ޖެހިލާ އިރު ކޮވިޑްގެ ތެރޭ ސަރުކާރަށް އެންމެ ބޮޑަށް ޖެއްސުން ކުރީ އިދިކޮޅަކުން ނޫނެވެ. ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ހިމެނޭ މެންބަރުންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ނަޝީދުގެ މަދަދުގާރުންނެވެ. ކޮވިޑްގައި ހާލުގައި ޖެހުނު ފަރާތްތަަކަށް ސްޓިމިއުލަސް ޕެކޭޖު ދިނުމަށް ފައިސާ ނެތިގެން، ރުފިޔާ ޗާޕް ކުރުމާ ވެސް އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ އެ ރަމްޒުގެ ބޭފުޅުންނެވެ. ރަނގަޅު ވާހަކަ އެކެވެ. ފައިސާ ޗާޕު ކުރުމުން އިންފްލޭޝަން މައްޗަށް ގޮސް، ތަކެތީގެ އަގުތައް އުފުލޭނެ އެވެ. ނަމަވެސް އެ ހާލަތުގައި ސަރުކާރަށް އިތުރަށް ކުރެވޭނެ ވަކި އޮންނާނީ ވެސް ކޮން ކަމެއްތޯ އެވެ؟ 

ނަޝީދަކީ ގިނަ ފަހަރަށް ނަސީބު ވެސް ގަދަ ބޭފުޅެކެވެ. އެ ނުރައްކާތެރި ބޮމުގެ ހަމަލާއިން މާތްﷲ ނަޝީދު ސަލާމަތް ކުރުވުމަކީ ވެސް ވަރަށް ބޮޑު ނިއުމަތެކެވެ. އެ ހަމަލާއަކީ ސީދާ ނަޝީދު ނެތިކޮށްލުމަށް ދިން ހަމަލާ އެކެވެ. ނަމަވެސް އެ ހަމަލާ ވެސް ނަޝީދު ކަނޑާލީ ސަރުކާރުގެ ބޮލަށެވެ. ޑިފެންސް މިނިސްޓަރު މާރިޔާ ދީދީން ފެށިގެން ގޮސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ބޮލުގައި ވެސް ވަނީ އެ އިލްޒާމު އަޅުއްވައިފަ އެވެ. ސިޔާސީ ގޮތުން މެޑެލް ޖެއްސެވުމަށް ވަކި ހައްދެއް ނޯވެ އެވެ. އެންމެ ފަހުން އެކަން ދިޔަ ވަރަކީ، ބައެއް ބޭފުޅުންގެ އަތްޕުޅުގައި ނަޝީދުގެ ލޭ ހުރި ކަމަށް ވެސް ވިދާޅުވުމެވެ. ދެން ނުދާނީ ކޮން ހިސާބަކަށްތޯ އެވެ؟ 

ކޮންމެ ކަމަކުން ސިޔާސީ ގޮތުން ސްކޯކުރައްވަން މަސައްކަތް ކުރައްވާ ނަމަ އެކަން ކަމަށް ނިމުން އަންނާނެ އެވެ. މިހާރު މި އޮތީ އެ ދުވަހެވެ. މީސްމީހުންނަށް ކަންކަމުގައި އޮޅުވާލައްވައިގެން އުޅެވޭނެ މިންވަރެއް އޮންނާނެ އެވެ. މިއަދު ނަޝީދަށް ކުރިމަތިވެވަޑައިގެންފައި ވަނީ އެ މަނިކުފާނު އޭރު ކަންކަން ކުރެއްވި ގޮތުގެ ނަތީޖާ އެވެ. އޭރުގެ މިތުރުން މިހާރު ވަނީ ހަތުރުންނަށް ވެފަ އެވެ. ނަޝީދުގެ އެންމެ ގާތް ބޭފުޅުންގެ ތެރޭގައި ތިއްބެވި މާރިޔާ ދީދީ އާއި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެ މަނިކުފާނާ ފޭއަށް ޖެހުމަކީ ކުދިކުދި ކަންކަމެއް ނޫނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ކެމްޕޭނުގައި ފައްޔާޒު ތުޅާދުއަށް ވައިގަތުމުން އެ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަރުހަބާ ދަންނަވަނީ: ހިސާން މީގެ ކުރިން ހުންނެވީ ނަޝީދުގެ ފެކްޝަންގައި. (ފޮޓޯ/ ފައްޔާޒު ކެމްޕޭން ޓީމް)

ނަޝީދަށް ވިސްނިވަޑައިގަންނަވާނީ ކޮން އިރަކުންތޯ އެވެ؟ ނަޝީދަށް ވިސްނިވަޑައި ނުގަތަސް ނަޝީދު އެ ދަނީ މަޑުމަޑުން ތާރީހުގެ ތެރެއަށެވެ. މި ފަހަރުގެ އިންތިހާބުގެ ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް ނަޝީދަށް ފިލާވަޅެއް ލިބިވަޑައިގަތްހެނެއް ހިއެއް ނުވެ އެވެ. އެ އިންތިހާބަށް ފަހު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެއް އިރެއްގައި ވެސް ވަކި ބައެއް ކޮންޓްރޯލް ކުރާ ތަނެއް ނޫން ކަމަށެވެ. އެއް އިރެއްގައި ނަޝީދުގެ މުށުތެރޭގައި ގައުމީ މަޖިލީސް އޮތް އިރު ހިތުހުރި ގޮތަކަށް މުގުރު އެނބުރުއްވި ހަނދާނެއް ނަޝީދުގެ ނެތެވެ. މާދަމާ ރިޔާސީ ޕްރައިމަރީއެއް ބޭއްވިއަސް ނުކުންނާނީ އެ ނަތީޖާ އެވެ.

އެމްޑީޕީގެ މެންބަރުން ވެސް ތިއްބެވީ ކުރިއަށް ދާށެވެ. ބާރުވެރިކަމާ އެކު އެވެ. ކަސްތަޅުގައި ތިބޭކަށް ނޫނެވެ. ތިމަންނާއަށް ލިބޭނީ ކޮން އެއްޗެއްތޯ ބެލުމަށް ކެތް މަދުވެފަ އެވެ. އެހެން ތިއްބައި ފައްޔާޒު އެ މީހުންނަށް ފެނުނީ އެ ޕާޓީގެ ކުރިމަގު އުޖާލާކޮށްދޭނެ ބޭފުޅެއްގެ ގޮތުގަ އެވެ. ނަތީޖާއަކީ ހިތްދަތި ވިއަސް، "ހެޕީ ބާތުޑޭ ފަޔާ"އޭ ވިދާޅުވާން ޖެހުމެވެ. ކޭކުކޮޅެއް އަނގަޔަށް ނުލެއްވިކަން ނަސީބެއް ތޯއްޗެކެވެ.

ކޮމެންޓް (1)

ޖުލައި

17 މޭ 2022
ނަޝީދަށް ތިވީ ހަމަ ވާން ވީ ގޮތް، ހުރިހާ އެންމެނަކަށް ނަޝީދު ހިތަށް އެރިހާ ގޮތަކަށް ނެހެދޭނެ
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް