Majlis 2024

މާލޭގައި ފްލެޓް އަޅަން ޓާޓާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ދިން ކުރިން ނާދީ ހުރި ބޮޑު ބިން: އެއްވެސް މަސައްކަތެއް ނުކޮށް 12 އަހަރު ވީ އިރު ބަދަލު ދޭން ޖެހެނީ ސަރުކާރަށް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

200 މިލިއަން ޑޮލަރު ހޯދަން އުޅުނީ ގާކޮޅެއް ވެސް ނުބާއްވާ

އެންމެ ތާކުންތާކު ނުޖެހޭ ކަމަކީ މި ކުންފުނިތަކުން ބަދަލު ހޯދަން ދަނީ އެއްބަސްވުންތަކާ އެ ކުންފުނިތަކުން ހިލާފުވެފައި އޮންނަ ދަނޑިވަޅުތަކުގައި، އެކަމަކު އަބަދުވެސް ބަލިވަނީ ދިވެހި ދައުލަތް.
16 ޖެނުއަރީ 2022
2

މި ވާ ގޮތެއް އަހަރެމެން ދިވެހިންނަށް އެބަ އެނގޭ ހެއްޔެވެ؟ އެކި ސަރުކާރުތަކުން ހަދާ އެގްރިމެންޓްތަކުގެ ސަބަބުން ދިވެހި ދައުލަތަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކާ މެދު ވިސްނަން ހެއްޔެވެ؟ މިއީ ސިޔާސީ މީހުންގެ އޮޅުވާލުމާއި ގައުމުގެ ފައިދާއަށް ވުރެ ވަކި ބައެއްގެ ފައިދާ އިސްކުރުންކަން ގަބޫލުކުރެވޭ ހެއްޔެވެ؟

ޕާޓީގެ ފިކުރު އެއްކައިރިކޮށްލާށެވެ. ވަކި ލީޑަރުންތަކަކަށް ސަޕޯޓްކުރުމުގެ ލޯތްބަށް ލޯ މަރާލާށެވެ. ހަމައެކަނި ވިސްނާލަންވީ ކަންކަން ވަމުންދާ ގޮތުގެ މައްޗަށެވެ. އޭގެ ރަނގަޅު ނުބައި، ދެނެގަތުން، ދިވެހި ރައްޔިތުންނަށް ހުއްޓެވެ.

އެންމެ ފަހުން މި އެނގުނީ އިންޑިއާގެ ޓާޓާ ކުންފުނީގެ ބޮޑު ހިއްސާއެއް އޮންނަ އެޕެކްސް ރިއަލިޓީން ރާއްޖެއާ ދެކޮޅަށް އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަނަށް ހުށައެޅި މައްސަލައިގެ ސަބަބުން ބަދަލެއްގެ ގޮތުގައި 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ދައްކަން ޖެހުމުގެ ފުރުސަތު ސަރުކާރަށް އޮތް ކަމެވެ. އެހާ ބޮޑު ބަދަލެއް ކޮން ކަމަކަށް ހެއްޔެވެ؟ މާލެއިން ފްލެޓް ހަދަން އެމްޑީޕީގެ ކުރީގެ ސަރުކާރުން ދިން ދެ ބިމެއްގައި އެއްވެސް މަސައްކަތެއް ނުކުރުމުން، އެ އެއްބަސްވުން ބާތިލްކުރުމެވެ.

ސޯސަން މަގުގައި އޮތް ކުރިން ނާދީ ހިންގި ބޮޑު ބިމާއި މާފަންނުގައި ކުރިން އޯޑިއޯން ސިނަމާ ހިންގި ބިން ޓާޓާއަށް ދިނީ އެ މީހުން ބޭނުންވާ އަގަކަށް ހަމައެކަނި ފްލެޓް ހަދައި، ވިއްކާކަށެއް ނޫނެވެ. އެ ތަންތަނުގައި ވިޔަފާރި ހިންގަން ހާއްސަކުރާ ބައިތައް ވެސް 50 އަހަރަށް އެ ކުންފުންޏަށް ލިބޭ ގޮތަށެވެ. އޭގެ އިތުރުން އަޅާ ފްލެޓްތަކަށް ލަގުޒަރީ ވިލާ ހަދަން، ޅ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ޅޮސްއަލަފުށި ވެސް ދިނެވެ.

މި ހުރިހާ ފައިދާތަކެއް ލިބޭ ގޮތަށް ބޭރުގެ ކުންފުންޏަކަށް މަގު ތަނަވަސްކޮށްދިނަސް، އެއިން އެއްވެސް ބިމެއްގައި އިމާރާތެއް ހަދަން ގާކޮޅެއް ހިސާބު ވެސް، މިދިއަ 12 އަހަރުގެ ތެރޭގައި، ބާއްވާލާފައެއް ނުވެ އެވެ. އެކަމާ ހެދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޓާޓާ އެއްބަސްވުން ބާތިލްކުރި އެވެ. އެގޮތަށް ބާތިލްކުރީ ވެސް، އެ ސަރުކާރުން ދެ އަހަރެއްހާ ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ ދެ އަހަރު ވެސް، އެޕެކްސް ރިއަލިޓީ ފެނުނީ، ރާއްޖޭގެ ކޮންސްޓްރަޝަން ކުންފުނިތަކަށް ވުރެ ވެސް ފަގީރުކޮށެވެ. އަމިއްލައަށް ފައިސާ ހޯދައިގެން ކަމެއް ފެށޭވަރުގެ ބައެއް ނޫން ކަން، 12 އަހަރުގެ ތަޖުރިބާއިން އެނގެ އެވެ. ޓާޓާއަކީ ކިތައްމެ ބޮޑު ކުންފުންޏަކަށް ވިޔަސް، ރާއްޖޭގައި ގާތްގަނޑަކަށް 200 އެޕާޓްމަންޓް ހަދަން ހޭދައެއްކުރުމުގެ ހިތްވަރެއް ވެސް ނެތްކަން، މިދިއަ ދުވަސްތަކުގައި އޮތީ ފެންނާށެވެ.

އިންޑިއާގެ ޓާޓާގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީން ގާކޮށީގައި ހެދި މާލޭ ސްކެއާ: ރައްޔިތުންނަށް ފްލެޓް ލިބުނީ ކަނޑައެޅި އަގަށް ވުރެ 1 މިލިއަން ރުފިޔާ ބޮޑުކޮށް.

ދެން ކޮން 200 މިލިއަން ޑޮލަރެއް ހެއްޔެވެ؟ އެ އަދަދު އެ އަންނަނީ ކޮން ހިސާބެއް ހަދައިގެން ކަމެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ. ހުޅުމާލޭގައި 1،300 އެޕާޓްމަންޓް ހިމެނޭ ވިނަރެސްއަށް ވެސް ހޭދަވީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އެވެ. އެއީ އެ މަޝްރޫއު ހިންގާތީއޭ ކިޔާފައި އެޗުޑީސީއަށް ރިސޯޓް ހަދަން ނުވަތަ އެމްޑީޕީގެ ކުރީގެ ސަރުކާރުން ތައާރަފުކުރި 'ލަގުޒަރީ ވިލާ' އަޅަން ބިންބިމާއި ރަށްރަށް ވެސް ނުދީ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަސްކޮޅު ނޫމަޑި ނަމަކަށް ކިޔާ، ބޮޑެތި އޮޅުވާލުންތަކެއްގެ ތެރެއިން ރާއްޖޭގައި ބައެއް މަޝްރޫއުތައް ހިންގި، ކުންފުންޏަކަށް ވެސް ވަރަށް ބޮޑު ބަދަލެއް ވަނީ ދީފަ އެވެ. އެމްޑީޕީގެ ކުރީގެ ސަރުކާރުން ނޫމަޑިއަށް، ލަގުޒަރީ ވިލާ އަޅަން ރަށެއް ދިނީ، މީހުން އުޅޭ ބައެއް ރަށްރަށުގައި ވަކި ވަރަކަށް ހައުސިން ޔުނިޓްތައް އަޅާ ގޮތަށެވެ. އެ ހައުސިން ޔުނިޓްތައް އަޅަން ސަރުކާރުން އެ ކުންފުންޏަށް ކުރި ހޭދަ ފިނޭންސް މިނިސްޓްރީން ރައްޔިތުންނަށް ހާމަކޮށްދިނުން ރަނގަޅެވެ. ފުރަތަމަ ކަނޑައެޅި އަގަށް ވުރެ އެތައް ތަނެއް ބޮޑުކޮށް، ސަރުކާރުން ނޫމަޑިއަށް އެކި ފަހަރު މަތިން ފައިސާ ވެސް ދޭން ޖެހުނު ކަމަށްވެ އެވެ. އެކަމަކު އެގްރިމެންޓްތަކުގައި އޮތް ގޮތަށް އެއްވެސް ކަމެއް ނުކޮށް، އެންމެ ފަހުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (850 މިލިއަން ރުފިޔާ) ދިނީ، އާބިޓްރޭޝަނުން އެއަށް ވުރެ ބޮޑު އަދަދެއް ދޭން ނިންމަފާނެތީ ސަރުކާރު 'ބިރުގަނެގެން' ކަމަށް، ރައްޔިތުންނަށް ހީވެދާނެ އެވެ.

ދިވެހި ރައްޔިތުން ސަރުކާރުތަކާ ހަވާލުކުރި ދައުލަތުގެ މުދަލާއި ފައިސާ ހިމާޔަތްކުރުމުގެ ބަދަލުގައި، ސަރުކާރުތަކުން ހަދާ އެއްބަސްވުންތަކުގެ ފައިދާ ނަގަމުން އެ ދަނީ، އެ އެއްބަސްވުންތަކަށް ސީދާ އެ ކުންފުނިތަކުން ހިލާފުވެފައި އޮންނަ ދަނޑިވަޅުތަކުގަ އެވެ. އެކަމަކު އަބަދު ވެސް މޮޅު މިވަނީ އެ ކުންފުނިތަކެވެ. މިއީ ގައުމީ ވަރަށް ބޮޑު މައްސަލައެކެވެ. މިއިން ކަމެއް ރައްޔިތުންނަށް ސާފުކޮށްދިނުމުގެ ބަދަލުގައި، މިނިސްޓްރީތަކާއި އެޓާނީ ޖެނެރަލް އޮފީހުން ނެރެނީ ކުރު ބަޔާންތަކެވެ. އެ ބަޔާންތަކުން ވާއެއް ނުވާއެއް ނޭނގެ އެވެ. އޮންނަނީ ސަރުކާރުން ބުނަން ބޭނުން ވާހަކަ އެކަންޏެވެ. އުފެދޭ ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ. އެ ބަޔާންތަކުގައި ޖަހާފައި އޮންނަ ހިސާބުގެ ބޮޑެތި އަދަދުތަކުން ރައްޔިތުން ގަންނަނީ ބިރެވެ. ދެން ބައެއް މީހުންނަށް ބުނެވެނީ ދޭން ޖެހިދާނެ އަގު ދެއްކުމަށް ވުރެ ލުއި ގޮތެއް ހޯދުން ރަނގަޅު ކަމަށެވެ.

ކުރިން އޯޑިއޯން ސިނަމާ ހިންގި އެކަމަކު މިހާރު ޓާޓާގެ ހިއްސާ އޮންނަ ކުންފުންޏަށް ދިން ބިން: އެއްވެސް ކަމެއް ނުކޮށް ބަދަލު ހޯދަން ދަނީ ބޭނުން އަގެއް ޖަހައިގެން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނަމަވެސް ގޯސްވެގެން މި އުޅެނީ ފުރަތަމަ ވެސް އަޅާ ފިޔަވަޅެވެ؛ އެހާ ނާޒުކު އެއްބަސްވުންތަކެއް ހެދުމެވެ. ދައުލަތަށް ގެއްލުން ލިބޭ ގޮތަށް، ފައިސާ ނެތް ބަޔަކާ ނުވަތަ އަމިއްލަ ފައިސާއިން އިންވެސްޓްނުކޮށް ދިވެހި ދައުލަތުން ފައިސާ ހޯދައިގެން މަސައްކަތްކޮށްގެން ފައިދާ ނަގަން ބޭނުން ކުންފުނިތަކާ އެކު 'ނުރައްކާތެރި' އެއްބަސްވުންތަކެއް އެކުލަވާލުމެވެ. 

ޓާޓާ ހިއްސާވާ އެޕެކްސް ރިއަލިޓީއާ އެކު ސަރުކާރުން ހެދި އެއްބަސްވުމަކީ "އާދަޔާ ހިލާފު އެއްބަސްވުމެއް" ކަމަށް، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މިހާރު ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް ސިފަކުރެއްވީ ސަބަބުތަކެއް އޮވެގެންނެވެ. ހަމަ އާދަޔާ ހިލާފީ އެވެ. އެންމެ ގަލެއް ވެސް ބިންމަތީގައި ނުބާއްވައި 200 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން، އަމިއްލަ ގައުމުގެ އާބިޓްރޭޝަނަށް ދެވޭ ގޮތަށް އެއްބަސްވުން ހަދާފައި އޮންނާނީ، ހަމަ އާދަޔާ ހިލާފުވެގެންނެވެ.

"އެއީ އާންމު އުސޫލުގެ ތެރެއިން ހިނގާފައި އޮތް ކަމެއް ނޫން. މިވަރަށް ދައުލަތަށް ގެއްލުން ވާ ގޮތަށް ސޮއިކޮށްފައި އޮތް އެގްރިމެންޓެއް ނުދެކެން،" މި ފަހުން މި ނޫހާ ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވި އެވެ.

އަމިއްލަ ޕާޓީން ކޮންމެ ކަމެއް ކުރިޔަސް ހެޔޮ ދިވެހިން މިފަދަ ކަންކަމާ ވިސްނާކަށް ނުވޭ ހެއްޔެވެ؟ ސަޕޯޓްކުރާ ލީޑަރުން ކޮންމެ ފަދަ ފައިދާއެއް ހޯދިޔަސް، ޕާޓީތަކުގެ މެމްބަރުންގެ ވިސްނުން ބަދަލުވާކަށް ނުވޭ ހެއްޔެވެ؟ އަމިއްލަ ދައުލަތުގެ މުއްސަނދިކަން ގޯސް އެއްބަސްވުންތަކުން ގެއްލިގެން ދާދިއުމާ މެދު، ސަޕޯޓަރުން ސުވާލުކުރާކަށް ބޭނުމެއް ނުވޭ ހެއްޔެވެ؟ މިއީ ހަމައެކަނި ނޫސްވެރިން ވިސްނަން ޖެހޭ، ސުވާލު އުފައްދަން ޖެހޭ ކަންކަން ހެއްޔެވެ؟

އިތުރަށް ކިޔާލަން -

ކޮމެންޓް (2)

ސިކުނޑި

18 ޖެނުއަރީ 2022
ސިޔާސީ ވާދަވެރި ކަމުގައި އެއްފިކުރުން އަނެއް ފިކުރަށްކުރާ ޖެއްސުމުގައި ގައުމެއް ހަފުސްވާއިރު ރައްޔިތަކަށް ކުރެވޭނެ ހަމައެއްކަމެއް ވެސްނެތީތާ އެވެ. ބަހުރުވައިގައި ހުރީ ސިޔާސީ ޖަޒުބާތެކެވެ. އިތުރަށް ނޯޓްކޮށްލައްވާށެވެ. ޓާޓާ ފްލެޓްތައް ކުރީ ސަރުކާރުން ރައްޔިތުންނަށް ވިއްކީ ބޮޑު އަގުގައެވެ. މިސަރުކާރުން އަދިވެސް ބުނަނީ އެއީ ސޯޝަލް ސްކީމެއްކަމަށެވެ. ޖެއްސުން މިކުރެވެނީ ހަމައެމީހުން އެމީހުންނަށެވ.
0 1

މުޙައްމަދު ސަޢީދު

17 ޖެނުއަރީ 2022
ކޮނެކޮނެފައި ލިޔަންވީ. ޖީއެމްއާރު މައްސަލައަކީ ވެސް ޓާޓާ އެގްރިމެންޓުތަކާ ވައްތަރު މައްސަލައެއް. ނަސީބަކުން އައިޖީއެމްއެޗު ހިންގަން އިންޑިއާގެ އެޕޯލޯއަށް ރަށަކާއި ބިން ހިބައިން ނުދެވުނު. ބޮޑު މުސީބާތެއް. އަދިކޮބާ ދިރާގާއި ފެންކުންފުނީގެ ހިއްސާ ވިއްކާލި ގޮތުގެ ބޮޑު ވާހަކަ. އެއީ ގައުމަށް ރައްޔިތުންނަށް ކޮންފަދަ ގެއްލުމެއް ހުރި "ވިޔަފާރިއެއް". ޑިމޮކްރަސީއޭ ފްލެޓް ދޮންބެއޭ ކިޔައިގެން ގައުމު ވިއްކައި ކައި ދިރުވާލައިފި. ރާއްޖޭގައި ޓެރަރިޒަމަށްވުރެ ޑިމޮކްރަސީގެ ނުރައްކަލާއި ގެއްލުން ބޮޑު. ބަލަން ތިބޭ. މޯލްޑިވިއަންއާއި އެހެން ކުންފުނިތައް ވިއްކާލައި ބަދަލު ދޭންޖެހޭތަން އަދި އޮތީ ކުރިއަށް. ދެރައީ ވިއްކާލަން ސަފާރީ ޓްއާސްވެސް ނެތްކަން. ހަމަ ކޮނެކޮނެފައި ލިޔަންވީ! ލިޔޭ ލިޔޭ! ތިލަކޮށް ލިޔޭ! ތިޔައީ ކޮންބަޔަކު ކުރިކަމެއްތަ؟ ކާކުގެ ވެރިކަމެއްގައި ކުރިކަމެއްތަ؟ ޔާމީނު ކުރެއްވި ކަމެއްނަމަ އޭނާ އޮރިޔާން ކުރީމުސް ދޯ ...! ދެރައީ ޓާޓާ ފްލެޓުގެ ބޮޑު ޖަރީމާ ހިންގި މުރައިދޫ ގަނޑުވަރު ރަސްގެފާނުގެ ނަން ވެސް ނުގެނެވުނީތީ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް