މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން
ބަރިބަރިއަށް ވައުދު ވިޔަސް ހިލޭ ކޮށްދެނީ ކިހިނެއް؟
މި އޮތީ އެ މޫސުން ލައިގެންފަ އެވެ. ފަތިފައްޗަށް ވައުދުތަކެވެ.
ވާނެތޯ، ކުރާނެތޯ، އެއީ އަދި މުޅިން އެހެން ކަމެކެވެ. ތާކުންތާކުޖެހޭ ކަމެއްތޯ، މިވަގުތު ހަމަ އެންމެ މުހިއްމީ މިކަންތޯ، ޒިންމާދާރު ގޮތެއްގައި ދެމެހެއްޓެނެވި ހައްލުތަކެއް ހޯދައިދެވޭތޯ، އެއީ ވެސް މުޅިން އެހެން ވާހަކައެކެވެ. ފައިސާ ހޯދާނެ ގޮތެއް، ނެރޭނެ ތަނެއް އަމުދުން ސާފެއް ނޫނެވެ.
ރިޔާސީ އިންތިހާބަށް މެނިފެސްޓޯތައް ނެރެ، ކެންޑިޑޭޓުންގެ ދޫތަކަށް ވައުދުތައް އަމުނަން ފެށުމުން ކުރީގެ ދެ މިނިސްޓަރަކު ސޯޝަލް މީޑިއާގައި އިއްޔެ ފާހަގަކުރެއްވީ މިކަމެވެ. އަނީސާ އަހުމަދާއި ރާޝިދާ ޔޫސުފް ފޭސްބުކްގައި ފާޑުވިދާޅުވީ، އެތައް ކަމެއް އެންމެންނަށް ހިލޭ ކޮށްދޭނެ ކަމަށް ބުނަމުންދާތީ އާއި ގައުމާއި އާބާދީގެ ހަގީގީ ބޭނުންތަކާއި އަސްލު މައްސަލަތަކަށް އަޅާނުލާ ހުންނާތީ އެވެ.
'ރައްޔިތުން އިތުރަށް ހާލުގައި ޖެހޭނީ'
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމާއި މެމްބަރުކަން ކުރައްވާފައިވާ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ ވަނީ، ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށްދިނުމާއި ރޯދަމަހުގެ އިނާޔާތް އެންމެންނަށް ދިނުމާއި ޕީއެޗްޑީއާ ހަމައަށް އެންމެންނަށް ހިލޭ ކިޔަވައިދިނުމާއި އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކޮށްދިނުން ފަދަ ވައުދުތަކަށް ފާޑުވިދާޅުވެފަ އެވެ.
އަނީސާ ވިދާޅުވީ ރާއްޖޭގެ ދަރަނި ޖީޑީޕީގެ %30 އަށް ވުރެ ބޮޑުވެފައި އޮއްވާ "ފަތުއަޑުކިޔާފައި" އެފަދަ ވައުދުތައް ވުމަކީ "ހިތާމަހުރި" ކަމެއް ކަަމަށެވެ.
"އަޅުގަނޑު ހިތަށްއަރާ މި ހުރިހާ ކަމެއް ކުރަން ފައިސާ ހޯދާނީ ކިހިނެއް ބާއޭ؟ ފައިސާ ޖަހާނީ ބާއޭ ނުވަތަ އިތުރަށް ދަރަނިވެރިވާނީ ބާއޭ؟" އަންނަ މަހު 9 ގައި ބާއްވާ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫންގެ ޕާޓީ އެމްއާރްއެމްގައި އިސް ދައުރެއް އަދާކުރައްވާ އަނީސާ ފޭސްބުކް ޕޯސްޓެއްގައި ލިޔުއްވި އެވެ.
"އަނެއްކާވެސް ރައްޔިތުން އިތުރަށް ހާލުގައި ޖެހޭނީ. ޟަރޫރީ ބޭނުންތައް ފުއްދުމަށް ބާޒާރުން ގަންނަން ޖެހޭ އެތިކޮޅުގެ އަގު އަނެއްކާވެސް އުފުލިގެންދާނީ. ހިތާމަހުރި."
'ނުކުޅެދުންތެރި ބަޔަކަށް ހެދުމުގެ ސިޔާސަތު'
ކުރީގެ ވިމެންސް އެފެއާޒް މިނިސްޓަރު ރާޝިދާގެ ފޭސްބުކް ޕޯސްޓުގައި ލިޔުއްވީ މިހާރު ކުރަން ޖެހިފައި ހުރި ކަންކަމާއި ނުކޮށް ދޫކޮށްލަންވީ ކަންކަމުގެ ލިސްޓެކެވެ.
"ރާއްޖެއަށް މިވަގުތު ބޭނުންވަނީ ކޮންމެ އަތޮޅެއްގައި އިންޓަނޭޝަނަލް އެއާޕޯޓެއް ނޫން. ހުރިހާ މަރުހަލާއެއްގައި ހިލޭ ކިޔަވައިދިނުމެއް ވެސް ނޫން. ބޭސްފަރުވާގެ ހުރިހާ ކަމެއް ހިލޭ ކޮށްދިނުމެއް ނޫން. އަދި ރީތި ޑިޒައިންތަކުގެ، ބޭނުންނުކުރެވޭ ޗާލު އިމާރާތްތަކެއް ވެސް ނޫން. އަދި ރާއްޖޭގެ ހުރިހާ ރަށެއް ބްރިޖަކުން ގުޅުވާލާކަށް ވެސް ނޫން،" ރާޝިދާ ވިދާޅުވެފައިވެ އެވެ.
ރާއްޖެއަށް ބޭނުންވެފައި ހުރި ކަންކަމުގެ ގޮތުގައި ރާޝިދާ ފާހަގަކުރެއްވީ:
-
ގައުމު ބިނާކުރުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން ހުރި، ޒިންމާދާރު މީހުން
-
ރީތި އިމާރާތްތަކުގައި ފުރިހަމައަށް އިހުލާސްތެރިކަމާ އެކު ހިދުމަތް ދޭނެ ބައެއް
-
ތިމާވެށި ސާފުކޮށް ބަލަހައްޓަން ދަންނަ ބައެއް
-
ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއް
-
ގާނޫނުގެ ވެރިކަން ދަމަހައްޓާނެ ބައެއް
-
ދައުލަތުގެ ރިޒާވް މަތިކުރުން
-
ޓޫރިޒަމުން ލިބޭ ފައިސާ ރާއްޖޭގެ އެންމެންނަށް ވެސް ފައިދާވާ ގޮތަށް ބޮލަކަށް ޖެހޭ ނިސްބަތް އޮތުން
-
ރައްޔިތުންގެ އަސާސީ ހިދުމަތްތައް އަތްފޯރާ އަގެއްގައި ލިބުން
-
ނަފްސާނީ ދުޅަހެޔޮކަންމަތީ ދެމިތިބެވޭނެ ގޮތެއް ވުން
ރާޝިދާގެ އެ ވާހަކައަށް ލިޔުއްވި ކޮމެންޓެއްގައި އަނީސާ ފާހަގަކުރެއްވީ އެއީ ރާއްޖޭގެ ސަރުކާރުތަކުން ހާސިލްކުރަން ބޭނުންވާ ކަހަލަ އަމާޒުތަކެއް ނޫން ކަމެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަކީ ހުނަރުވެރި، އަމިއްލަ ފައިމައްޗަށް ތެދުވެ، ޒިންމާދާރުކަމާ އެކު މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
އޭގެ ބަދަލުގައި ކޮންމެ ސަރުކާރަކުން ވެސް ގެންގުޅެނީ، އަނީސާ ވިދާޅުވީ، "ކޮންމެ ކަމަކަށް ސަރުކާރަށް ބަރޯސާވާ، ނުކުޅެދުންތެރި ބަޔަކަށް ހެދުމުގެ ސިޔާސަތު" ކަމަށެވެ.
"އަމިއްލަ ނަފުސާ މެދު ފަހުރުވެރިވާ ފުދުންތެރި ބަޔަކަށް ރައްޔިތުން ހަދައިގެން ނޫނީ ގައުމު ކުރިއަރާނީ ކިހިނަކުންތޯ؟" އަނީސާގެ ކޮމެންޓުގައި ސުވާލު އުފެއްދެވި އެވެ.
މައްސަލައަކީ ރައްޔިތުންތަ؟
އެކަމަކު، އަނެއް ކޮޅުން ފެންނަނީ އާއްމުން ބޭނުންވާ ގޮތް ހެއްޔެވެ؟ ކެންޑިޑޭޓުންގެ ސިޔާސަތުތައް އާއްމުންގެ އިހުސާސްތަކާއި އުއްމީދުތަކާ މާ ބޮޑަށް ގުޅެނީ ހެއްޔެވެ؟
އެއް ވިސްނުމަކީ، ވޯޓު ހޯދެން އޮތް މަގަކީ މިފަދަ ވައުދުތައް ކަމެވެ. ތާކުންތާކުނުޖެހޭ ކަމަކަށް ވިޔަސް، އެންމެންނަށް ލިބޭނެ ލާބައެއް ނެތް، ދިގު މުއްދަތުގައި ގެއްލުން ހުރި ކަމަކަށް ވިޔަސް، ކޮށްދޭން، ނުވަތަ ކޮށްދޭނަމޭ ބުނަން، ސިޔާސީ މީހުންނަށް މަޖުބޫރުވަނީ ހެއްޔެވެ؟
ރާޝިދާގެ ޕޯސްޓަށް ކޮމެންޓްކުރި ބައެއް މީހުންގެ ހިޔާލަކީ އެއީ އެވެ.
"ވަރަށް ރަނގަޅު ވާހަކައެއް،" ރާޝިދާގެ ވާހަކައަށް ތާއީދުކޮށް އެކަކު ކޮމެންޓްކޮށްފައިވެ އެވެ. "އެކަމަކު ތިޔަ ޒާތުގެ ވާހަކަ ދައްކާ ކެންޑިޑޭޓަކަށް ވޯޓެއް ނުލިބޭނެ. ދެނޯ؟"
ޓެކްސްތައް އިތުރުކޮށް ބޮޑުކުރުން ފިޔަވައި ވައުދުތަކަށް ފައިސާ ހޯދޭނެ މާ ގިނަ ގޮތްތަކެއް ނެތެވެ. އެކަމަކު ފައިސާ ޖަހަން ޖެހުނަސް ނުވަތަ ކަރަށް މެހިފައި އޮތް ދަރަނީގެ ދަންމަޅި ހައްތަހާ ވާންކުރަން ޖެހުނަސް ވަރިހަމަވެފައި، ދެން ނުކުމެދާނީ ކޮން ނަތީޖާއެއްތޯ ބަލަން ވެސް ބޭނުންނުވެ، ކަންތައްތަކެއް ލިބިގަންނަން ދިވެހިން އެދެނީ ކަމަށް ވެދާނެ އެވެ. ހަމަ އެގޮތަށް، ފަޅުތަކާއި ރަށްތަކުގެ އަގުހުރި ވަސީލަތް ވިއްކާ ހުސް ވިޔަސް އަދި ތިމާވެށި ހަލާކުވެ ނެތިދިޔަޔަސް ފަރުވާލެއް ނެތް ބަޔަކަށް ދިވެހިން ވަނީ ބާވަ އެވެ؟
"ގިނަ ރައްޔިތުން އެ ހުރިހާ ކަމަކަށް އަދި ބޭނުންވޭ. ހިތް ވެސް ނުފުރޭ. ކިޔާނެ ލައްކަ ގިނަ އެއްޗެހި އޮވޭ. ކުރިޔަސް ކުރާ ކަމަކަށް ނުވޭ. ނުކުރިޔަސް ކިޔާނެ އެއްޗެހި އޮވޭ،" ރާޝިދާގެ ހިޔާލާ މެދު ދެކޭ ގޮތް ހާމަކޮށް މީހަކު ލިޔެފައިވެ އެވެ.
އޭގެ ރައްދުގައި ރާޝިދާ ފާހަގަކުރެއްވީ ޒިންމާ އޮތީ ސިޔާސީ މީހުންނަށް ކަމެވެ.
"ރައްޔިތުންނަށް ހެވާއި ނުބައި، ފައިދާ އާއި ގެއްލުން އަންގައި ވިސްނައިދިނުމަކީ ވެރިންގެ ކަމެއް،" އޭނާ ޖަވާބުދެއްވި އެވެ.
އެކަމަކު ފަހަރުގައި ސިޔާސީ ވައުދުތަކަކީ ކޮންމެހެން މާ ބޮޑަށް އަޅާލާން ޖެހޭ ކަންކަމެއް ނޫނެވެ. މެނިފެސްޓޯތަކުގައި ހުރި ލިޔުންތަކާއި ކެންޑިޑޭޓުންގެ ދުލުން ބުނެލާ ބަސްތައް މުހިއްމު ހެއްޔެވެ؟
ފަހަރުގައި ދިވެހިން މިހާރު ތިބީ މީހަކު ވޯޓު ހޯދަން އައިސް ކަމެއް ކޮށްދޭނަމޭ ބުންޏަސް ފަރުވާލެއް ބެހެއްޓޭ ވަރަށް ވުރެ މާ ބޮޑަށް އެއްގޯސްވެފަ އެވެ. ނުފުއްދޭ ވައުދުތަކުގެ ލިސްޓު ދިގުކަމާއި ވެރިކަމަށް އަންނަ ހިސާބުން ބަހާއި އަމަލު މުޑިއަރައިގެންދާލެއް ބޮޑުކަމުން ފޫހިވެފަ އެވެ.
ކުރީގެ އެކްޓަރު އިސްމާއިލް ވަޖީހު އޭނާގެ ވިސްނުން ރާޝިދާއަށް ކިޔައިދިނީ އެ މަންޒަރުން ކަމަށް ވެދާނެ އެވެ. އޭނާގެ ބަހުން ނަމަ ވަމުން މި ދަނީ "ހުސް" ވައުދެވެ.
"އެއަށް ކިޔަނީ ކެމްޕެއިން ކުރުން ރާއްޖޭގައި. ކޮންމެހެން ފުއްދާކަށް، ނޫނީ ކުރެވޭނެތީކީ ނޫން،" އިސްމާއިލް ވަޖީހު ލިޔެފައިވެ އެވެ.
ކޮމެންޓް (1)
ހުއާންކާލޯސް