ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 'އުފާވެރި އަމާން ރާއްޖެ' ކެމްޕޭން ފައްޓަން ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ފައްޓަވަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. (ފޮޓޯ/ކެމްޕޭން ޓީމް)

ރައީސްއާ އެއް ފްލައިޓެއްގައި: ހިތުގެ އާދޭހަކީ ރާއްޖޭގެ މި ރީތިކަން ދަމަހައްޓައިދިނުން

ދަތުރުމަތީގައި އެ ފެނުނު ރީތި މަންޒަރުތަކުގެ ތެރެއަށް ކުއްލިއަކަށް ވަނީ ރީތި ފަޅެއް ހިއްކަމުން ދާ ތަން

ގަޑިން ހެނދުނު 7:30 އެވެ. މަންޒިލަކީ ރ. އިފުރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަޅުގަނޑު މި ހެނދުނު މިތިބީ އެއް ފްލައިޓެއްގަ އެވެ. ހުޅަނގުގެ ފުނޯސް ނަކަތުގެ މި ރީތި ދުވަހު ފްލައިޓްގެ ކުރީ ޝީޓްގައި އިންނެވި އެމަނިކުފާނު ދަތުރު އެ ފައްޓަވަނީ ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށެވެ.  ބޯޓްގެ އެންމެ ފަހަތު ޝީޓްގައި ބިއްލޫރި ކުޑަދޮރާ ދިމާލުގައި އަހަރެން މި އިނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން މި ދަތުރުން ފެންނަ މަންޒަރާއި އިވޭ އަޑުތައް އެގޮތަށް ގެނެސްދެވޭތޯ އެވެ. 

ކެޕްޓަނާއި ކުރޫން ރައީސްއަށް ކީ މަރުހަބާއަށް ފަހު ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލުމާ އެކު އެ ފެންނަން ފެށީ ދުނިޔެ މަތިން ފެންނާނޭ އެންމެ ރީތި މަންޒަރުތަކެވެ. ހުޅަނގުން ޖެހޭ ވަޔާ އެކު ވިލާ މަދު، މޫސުން އަލި މި ދުވަހު ވިލު ނޫ ކުލަޔާއި ގޮނޑުދޮށްތަކުގެ ސާފުކަމެވެ. އެކި ބައްޓަމަށް އުފެދިފައިވާ ދޮންވެލިގަނޑާއި ފެހިކަން ގަދަ ރަށްތަކެވެ. އަވީގެ ދޯދިތަކުން ނޫ މޫދު ވިދާ ބަބުޅަނީ އެވެ.

ހާދަހާވާ ހިތްގައިމު ރީތި މަންޒަރެކެވެ.

ރައީސް ސޯލިހާ އެކު އެއް ފްލައިޓްގައި އިންއިރު ފެނުނު މަންޒަރުތައް

މި ގައުމަށް އުފަންވެ، ބޮޑުވެ އެތައް ފަހަރަކު މި މަންޒަރު ފެނިފައި ވިޔަސް ބަލައި ފޫހިނުވެ އެވެ. ހިތަށްއެރި އެވެ؛ މިފަދަ ރީތި ގައުމަކަށް އުފަންވުމަކީ ހާދަހާ ބޮޑު ނަސީބަކާއި ފަހުރެކެވެ. މި ނަސީބަށް އެދޭ ކިތައް މީހުން ދުނިޔޭގައި އުޅޭނެ ބާވަ އެވެ؟ ރީތި ރާއްޖޭގެ އަޖައިބުތަކުގެ ތެރެއަށް ހިޔާލުތައް ގެބިިފައި ވަނިކޮށް، އެއްލުނު ކަޅި އެ އަޅައިގަތީ ކޮންނަ ބޯޓެއްގެ ހަރަކާތްތަކަށެވެ؛ ރީތި ފަޅަކަށް ފަސް އަޅާ ފޮރުވާލަނީ އެވެ. ހިތަށްއެރި އެވެ. މި ރީތިކަމުގެ އަގު ހަގީގަތުގައި ވަޒަން ކުރެވޭނެ ނަމަ އަހަރެމެންގެ އަތްތަކުން އެ ރީތިކަން އެގޮތަށް ސުންނާފައްޗެއް ނުކުރާނެ އެވެ. ދުނިޔޭގެ އެކި ބައްރުތަކުން މިލިއަނަކަށް ވުރެ ގިނަ މީހުން ކޮންމެ އަހަރަކު މިި ގައުމަށް ޖަމާވަނީ މި ރީތިކަން ބަަލައިލާށެވެ. އަހަރެމެން ކައިގެން މި އުޅެނީ އެ ރީތިކަން ވިއްކައިގެން ހޯދާ ފައިސާއިންނެވެ.

މިއަދު ފްލައިޓްގައި އިންއިރު ފެނުނު ރީތި މަންޒަރެއް

ދެން ހިތަށްއެރި އެވެ؛ ކުރީ ސީޓްގައި އިންނެވި ރައީސް ސޯލިހަށް ވެސް ހަމަ މި ޗާލު މަންޒަރުތައް، އަހަންނެކޭ އެއްގޮތަށް، ފެނިވަޑައިގަންނަވާނެ އެވެ. ކޮންނަ ބޯޓުތަކުން ރީތި ރާއްޖެ ހަލާކުކޮށްލާ މަންޒަރު ވެސް މެ އެވެ. ކަންކަން އިސްލާހު ކުރުމުގެ އާރާއި ބާރު އޮތް އެމަނިކުފާނަށް ރާއްޖެ ނޫ ވިލުތަކާއި ހުދު ގޮނޑުދޮށްތަކާއި ފެހިކަން، އަންނަން އޮތް ޖީލުތަކާ ހަމައަށް ގެންގޮސް ދިނުމުގެ ބޮޑު ޒިންމާ ކޮނޑުގައި އެޅިފައިވެ އެވެ. ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް ވިޔަފާރިވެރިންނާއި ރައްޔިތުންގެ އެދުންތައް އައްސަވަން ޖެހޭނެކަން ވެސް ދެނެހުރީމެވެ. އެކަމަކު އެއީ މި ރީތި ރާއްޖެ ސުންނާފަތި ނުކޮށް ރައީސް އައްސަވާ އަޑަކަށް ވާންވާނެ އެވެ. 

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން ފަށަން ށ. އަތޮޅަށް ފައްޓަވާ ދަތުރުފުޅުގައި ފްލައިޓަށް އަރައިވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

އަހަރެން ހިތުން ރައީސް ސޯލިހު ދެ ވަނަ ދައުރެއް ކަށަވަރުކުރައްވަން ނުކުމެވަޑައިގެން އެ ހުންނެވީ ރައްޔިތުންނަށް ހިދުމަތް ކުރައްވާށެވެ. އެހެންވީއިރު، މި ރީތި ރާއްޖެ ހިމާޔަތްކުރުމުގައި އެމަނިކުފާނުގެ އޮތީ ކޮން ތަސައްވުރެއް ހެއްޔެވެ؟ ނުވަތަ އެކަން ހަގީގަތުގައި ވެސް ތަސައްވުރު ކުރެއްވޭ ހެއްޔެވެ؟ އެމަނިކުފާނު މި ފައްޓަވާ ދަތުރުގައި މިއީ ވިސްނަވަން ރަނގަޅު ދުވަހެކެވެ. މިއީ ރާއްޖޭގެ ރީތިކަން އަންނަން އޮތް ޖީލުތަކަށް ގެންގޮސް ދެއްވުމުގެ ބައި މެނިފެސްޓޯގައި ލިޔުއްވަން ވެސް ރަނގަޅު ދުވަހެކެވެ. ގައުމުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން މި ނާޒުކު ތިމާވެއްޓާއި ރީތި ރާއްޖެ ހިމާޔަތް ކުރުމަކީ އެމަނިކުފާނުގެ ޒިންމާއެކެވެ. 

އެ ހުރިހާ ހިޔާލުތަކާ އެކު 20 މިނެޓްގެ މި ދަތުރަށް ނިމުން މި އައީ އެވެ. އެކަމަކު ރައީސް ސޯލިހު ދެވަނަ ދައުރެއް ހޯއްދަވަން ފެއްޓެވި ދަތުރު އަދި މި ފެށުނީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް