ރާއްޖޭގެ ވެރިކަމުގެ ހުވާ ރައީސް އަބްދުﷲ ޔާމީން ކުރެއްވުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ)، އާ 17 ނޮވެމްބަރު 2013 ގައި ސަލާންކުރައްވަނީ

ނަޝީދާއި ޔާމީންގެ 'ބައްދަލުވުން': ގޮތް ދޫކުރުމެއް ނެތް

ކުރީގެ ދެ ރައީސުންނަކީ ސިޔާސީ ގޮތުން ވަރުގަދަ ދެ ވާދަވެރިންނެވެ. އެކަމަކު ހަމައެއާ އެކު އެއްއިރެއްގައި ވަރަށް އެކުގައި ވެސް މަސައްކަތްކުރެއްވި ދެ ބޭފުޅުންނެވެ.
9 ޖުލައި 2023
3

ފެށުމުގެ ގޮތުން ތާރީހުގެ ތެރެއިން ހުލާސާއެކެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އަބްދުﷲ ޔާމީން އުޅުއްވީ ރައީސް މުހައްމަދު ނަޝީދު ސަރުކާރު ކޮށިއެރުވުމާއި އޭގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކުރިމަތިކުރުވި ހުރަސްތަކާ އެކު އެވެ.

އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ނަޝީދު އުޅުއްވީ ޖަލުގަ އާއި އަރުވާލެވިގެން، ރާއްޖެއިން ބޭރުގަ އެވެ.

އެކަމަކު ސިޔާސީ ޕާޓީތައް ހަރަކާތްތެރިވުމާއި އާ ގާނޫނުއަސާސީއަކާ ހަމައަށް ދިއުމުގެ ކުރިން، ބައެއް ފަހަރަށް، މި ދެ ބޭފުޅުންނަކީ ސިޔާސީ ގޮތުން ދެ 'އެކުވެރިންނެ'ވެ. މިސާލެއް ނަގަންޏާ 1999ގައި އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބެވެ.

އާންމުންގެ ތެރޭގައި 'އަންނި'ގެ ނަން ލިއުންތެރިއެއްގެ ގޮތުގައި މަޝްހޫރުވާން ދިމާވި 'ސަންގު' ނެރުނު 1990 ވަނަ އަހަރުގެ އެ ކުރު މުއްދަތަށް ފަހު އެމަނިކުފާނަކީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 'ދުޝްމަނެކެ'ވެ. އެކަމަކު ޔާމީނާއި ނަޝީދު 'އެކައްޗެއް' ވިދާޅުވާން ޖެހޭ ހާލަތު ވެސް، ސިޔާސީ ގޮތުން އަތުވެދާނެތާ އެވެ. އެ ހާލަތަކީ 1999ގެ އާންމު އިންތިހާބަށް އިލްޔާސް އިބްރާހިމް ނުކުންނެވުމެވެ.

އޭރު ރައްޔިތުންގެ މަޖިލިހުގައި މާލެއަށް ވެސް ލިބިފައި އޮންނަނީ ދެ ގޮނޑި އެވެ. ނަޝީދަކީ އެއް ވާދަވެރިޔާ އެވެ. ޔާމީން މަސައްކަތްކުރެއްވީ އިލްޔާސް ބަލިކުރަން ނުވަތަ އެއް ވަނާގައި އިންތިހާބުވިޔަ ނުދޭށެވެ. އެހެންކަމުން ނަޝީދުގެ ފަހަތްޕުޅަށް އަރުއްވައި، ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން، ކެމްޕޭންކުރެއްވި އެވެ.

ސިޔާސީ އެއްގަލަށް އަރައިވަޑައިގަތުމަކީ އަދި ދެ ބޭފުޅުން އަބަދުމެ އެގޮތުގައި ތިއްބެވުމެއް ނޫނެވެ. ޔާމީންގެ ބޭބޭފުޅު މައުމޫން ބަލިކޮށް 2008ގެ ރިޔާސީ އިންތިހާބު ނަޝީދު ކާމިޔާބުކުރެއްވުމާ އެކު، އުފެދުނީ ސިޔާސީ ހަތުރުވެރިކަމެވެ. ސިޔާސީ ގޮތުންނާއި ރަހުމަތްތެރިކަމުގެ ގުޅުމުން ކުރިން ލާމެހިފައި އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން 'ބޭލުމު'ގެ މަސައްކަތަށް ނަޝީދު ނުކުންނެވުމާ ހަމައަށް، ޔާމީނާއި ނަޝީދު ތިއްބެވީ ދެ ފަރާތަށް މޫނުފުޅު ލައްވައިގެންނެވެ.

ނަޝީދު މުޒާހަރާއެއްގައި: މި ދުވަސް އައުމުގެ ކުރިން ޔާމީނާ އެކު ގާތް ގުޅުމެއް ބޭއްވެވި

އެކަމަކު މިހާރު ނަޝީދު ވާހަކަފުޅު އެ ދައްކަވަނީ ޔާމީނާ އެއް ފަޅިއެއްގައި ހުންނަވައިގެން ސިޔާސީ މަޝްވަރާ އާއި ގޮތް ދޫކުރެއްވުމާއި ހައްލު ހޯއްދަވާނެ ކަމަށް ވިދާޅުވަމުންނެވެ. މިހާ ހިސާބުން ސިކުނޑީގައި ސިފަވަނީ ދެ ބޭފުޅުންގެ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ދައްކަވާފާނެ ވާހަކަފުޅުތަކެވެ.

ޔާމީން: ނަޝީދު ނިކަން ބަލާބަލަ، ސިފައިން ލައްވާ އަހަރެން ހައްޔަރުކޮށްފައޭ ތި ހުރީ، ކޮން ކަހަލަ ވިޔާނުދާ ކަމެއް!

ނަޝީދު: އަޅުގަނޑުގެ ސަރުކާރަށް ކަމެއް ވިޔަނުދޭން ކާކުތޯ ފޫގަޅައިގެން އޭރު ހުރީ؟ މަނިކުފާނު ނޫންތޯ މަޖިލިހުގައި އެކުރިހާ ޖެއްސުމެއް ކުރީ؟

ޔާމީން: ނަޝީދަށް އެނގޭނެ ދޯ، ޖީއެމްއާރަށް އެއާޕޯޓް ދޭން އަޅުގަނޑު ދެކޮޅުވާނެކަން ފުރަތަމަ ވެސް.

ނަޝީދު: އިންޑިއާ ދެކެ ހާދަ ރުޅިއެކޭ ދޯ ތި އަންނަނީ.

ޔާމީން: ތިއީތާ މިފަހަރު އަޅުގަނޑު ކެމްޕޭންކުރާނެ މައުލުއަކީ ވެސް. ބޭރު ގައުމެއްގެ ނުފޫޒުގައި ނުވާށޭ، މި ރާއްޖެ ސަލާމަތްކުރާނަމޭ.

ނަޝީދު: ތިއޭ އަޅުގަނޑު ރުޅިއަންނަ ކަމަކީ...އިންޑިއާ...އިންޑިއާ...އިންޑިއާ.....

ޔާމީން: ދެން އެ ނޫން ވާހަކައެއް އެބަ އޮތްތޯ ރައްޔިތުން ލޭ ކައްކުވާލާނެ؟ އަޅުގަނޑަކަށް ނުފެނޭ.

ނަޝީދު: ތިޔަ އިންޑިއާ އައުޓްގެ ސަބަބުން ގެއްލުންވަނީ އާދައިގެ މީހުންނަކަށް އެނގޭނެ. އިންޑިއާއަށް ދިއުމުން ސަމަދުބެ ބޭރުކުރި ދެއްތޯ. އެކަމަކު ހީނާ އެ އައީ މަހެއްހާ ދުވަހު އިންޑިއާގައި ހުރެ ބޭސްކޮށްގެން. ވިސާ ވެސް ހޯދައިދިނިން. ހީނާއަކީ އިންޑިއާ އައުޓް ކެމްޕެއިންގެ ތަރުޖަމާނު ދެއްތޯ.

ޔާމީން: އަބަދުވެސް އެންމެ އާދައިގެ މީހުންނަށްތާ އެކަހަލަ ކަންކަމުގައި މައްސަލަ ދިމާވާނީ. އެކަމަކު ޕީޕީއެމް-ޕީއެންސީން އަޅުގަނޑު ބުނަންދެން އެ ކެމްޕެއިން ކުރިއަށް ގެންދާނެ.

ނަޝީދު: ދެން އަންގަވާ ބައްލަވަ ހުއްޓާލަން. އޭރުންތާ އަޅުގަނޑުމެންގެ މި މަސައްކަތް ވެސް އެއްބާރެއްގައި ކުރިއަށް ގެންދެވޭނީ. އެހެން ނޫނީ އަޅުގަނޑަށް ވަރަށް އުނދަގޫ. އެނގޭ ނޫންތޯ އަޅުގަނޑަށް އިންޑިއާއިން ކުރާނެ ޕްރެޝަރު.

ޔާމީންގެ ސަޕޯޓަރުން އިންޑިއާ އައުޓް މުޒާހަރާއެއްގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޔާމީން: ބަލަ ކުރީ ރޭ ދަ ޑިމޮކްރެޓްސް އުފައްދަން ވާހަކަ ދެއްކި އިރު އަޅުގަނޑު ޖަލުން ދޫކޮށްލާށެކޭ ވިދާޅެއްނުވަމެއް ނޫންތޯ. އެއްވެސް މީހަކު ޖަލުގައި ހުންނާކަށް ތިމަން ނޭދެމޭ، އެހެން ވިދާޅުވީ. ކީއްވެތޯ އަޅުގަނޑު ދޫކޮށްލާށޭ ސީދާ ވިދާޅުނުވީ؟ އަޅުގަނޑު ރިޔާސީ އިންތިހާބަށް ކުރިމަތިލާފާނެތީ ބިރުން އަޅުގަނޑަށް އަނިޔާ ދެނިއްޔޭ ވިދާޅުނުވީ؟

ނަޝީދު: އެހާ ސީދަލަށް އަދި ނުވާނެ ދެއްތޯ. މަނިކުފާނުގެ ވެރިކަން ނިމެންދެން ވެސް އަޅުގަނޑު ހުރީ ހުކުމުގައި. އަޅުގަނޑު ކުރިމަތިލިޔަކަ ނުދިނީމެއް ނޫންތޯ؟

ޔާމީން: އެހެންވީމާ ނަޝީދު ވެސް ބަދަލުނުހިފާނަމޭ ވިދާޅުވެފައި ހަމަ އެއްކަމެއްނު ތި ކުރައްވަނީ.

ނަޝީދު: އާދެ! އާދެ! ހަމަ އެއް ކަމެއް މިކުރަނީ. ދެން އޭގެ ސިއްރު ވެސް މަނިކުފާނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު ބޭނުމެއް ނުވާނެ ދެއްތޯ އަޅުގަނޑު ކުރިމަތިލައިގެން ޔަގީނުން ވެސް ފުރުސަތު ނެތް އިންތިހާބެއްގައި މަނިކުފާނަށް ވެސް ކުރިމަތިލެވޭކަށް. އެހެންވެގެން ބުނީ އަޅުގަނޑު ވެސް، ރައީސް ޔާމީން ވެސް މިފަހަރު ނުލަމާ ހިނގާށޭ.

ޔާމީން: ތިހެންނެއް ނުވާނެ. ޕީޕީއެމް ކޯލިޝަނުން އަޅުގަނޑު ނޫން މީހަކު ނުނެރޭނެ....

ނަޝީދު: ބައްލަވާ ޔާމީން، މަނިކުފާނަށް ފުލުފުލުގައި އެ އަންނަނީ ހުކުމެއް ނޫންތޯ. ދެން ގޮތް ދޫކުރައްވާފައި އެހެން ބޭފުޅަކަށް ފުރުސަތު ދެއްވަން ފެންނަނީ.

ޔާމީން: މިސާލަކަށް ކާކަށް؟

ނަޝީދު: ޝިޔާމް ވެސް އެ ހުންނެވީ ނޫންތޯ.

ޔާމީން: ދައްކާ ވާހަކަ. އަޅުގަނޑުގެ އަތުން ރިޔާސީ ޓިކެޓް އަތެއް ނުލެވޭނެ އަޅުގަނޑު ބޭނުން މީހަކަށް ނޫނީ. އަޅުގަނޑު ދޭނެ މީހެއް އެނގޭނީ އަޅުގަނޑަށް ދެއްތޯ. ނަޝީދަކަށް ނޫން.

'ދަ ޑިމޮކްރެޓްސް' ޕާޓީ އުފައްދަން ބޭއްވި ޖަލްސާގައި ނަޝީދު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްއާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސެން ސުނޭން)

ނަޝީދު: އަޅުގަނޑު ވެސް ވަގުތު އޮއްވާ އިބޫއަށް ޓިކެޓް ދިނީމެއް ނޫންތޯ. ކޮންމެވެސް ހިސާބަކުން އެކަން ޖެހޭނެ ނިންމަން. އަޅުގަނޑަށް ހީވަނީ ޔާމީން މާ ބޮޑަށް ލަސް އެބަ ކުރައްވާހެން.

ޔާމީން: ނޫން، އަޅުގަނޑު ދުލެއް ނުކުރާނަން....

ނަޝީދު: މަނިކުފާނުގެ މައްސަލައަކީ ތިއޭ. އަޅުގަނޑަކީ ވެސް ކުޑައިރުއްސުރެ ގޮތްދޫކުރާ މީހެއް ނޫން. އެކަމަކު ސިޔާސީ ކަންކަމުގައި ދެން ކުޑައިރު އުޅުނު ގޮތަކަށް ނޫޅެވޭނެ. ކޮންމެވެސް އެއްގޮތެއް އަވަހަށް ނިންމަވާފައި، އިއުލާންކުރައްވާ.

ޔާމީން: ތިކަމެއް ނުވާނެ. ހައި ކޯޓުން އަޅުގަނޑުގެ ކޮޅަށް މައްސަލަ ނުނިމިއްޖެއްޔާ ސުޕްރީމް ކޯޓުން ދެން ޖެހޭނީ އަޅުގަނޑަށް ލެވޭނެތޯ ނުލެވޭނެތޯ ނިންމަން. އެވަރަށް އަޅުގަނޑު ހިފާނަން.

ނަޝީދު: ތި ދެން އަޅުގަނޑުމެން ދެ މީހުންގެ ވެސް ދުވަސްދިޔައީ....

ޔާމީން: ދުވަސްދާނީ ނަޝީދުގެ. އަޅުގަނޑަށް އެނގޭ ފަހު ވަގުތު އަޅުގަނޑު ޓިކެޓް ދޭ މީހަކަށް އިންތިހާބު ކާމިޔާބުނުކުރެވޭނެކަން. އެކަމަކު އަޅުގަނޑަށް ޕީޕީއެމް ލިބޭނެ.

ނަޝީދު: އެހެންވީމާ އަޅުގަނޑަށް ތާ ހުރިހާ ގެއްލުމެއް މި އޮތީ.

ޔާމީން: ތިއީ މަނިކުފާނު އަމިއްލައަށް ހޯއްދެވި ގެއްލުމެއް. އަޅުގަނޑަށް މުހިންމީ އަޅުގަނޑު. އަޅުގަނޑުގެ ސަލާމަތް. އަޅުގަނޑަށް ކުރިމަތިނުލެވޭ ނަމަ، އިބޫ ވެރިކަމުގައި ހުއްޓަސް އަޅުގަނޑަށް ހެޔޮ ޕާޓީ އަޅުގަނޑުގެ އަތުން ގެއްލުމަށް ވުރެ.

ނަޝީދު: މީހުން އެބުނަނީ ހަމަ ތެދެއް. ޔާމީން ވާނީ ހަމަ ޔާމީނަށް. ޔާމީން ބަދަލެއް ނުވާނެ.

ކޮމެންޓް (3)

ހަސިއްޓެ

10 ޖުލައި 2023
ހަމަ މަޖަލަކަށް ހަދާފައި ނޫސްވެރިކަމުގެ ނަމުގައި ހިޔާލީ ފޮލަ ވަހަކަތައް ތިބޭފުޅުން ތިޔަ ލިޔުއްވަނީ ކީއްވެގެންތޯ ސުވާލް ކޮށްލަން ބޭނުން އަސްލު ބޭނުމަކީ ކޮބައިތޯ. . . .؟؟ އަޅުގަނޑަށް ލަފާކުރެވެނީ މީގައި ލިޔެފައިވާ ހިޔާލީ ފޮލަ ވާހަކަ އާއި އެއްގޮތަށް ކަންތައްތަކެއް ހިގާގޮސްފިނަމަ މާމޮޅު ނޫސް ވެރިޔަކަށް ވާނެ ކަމަށް ހީކޮށް ލިޔުއްވި އެއްޗެއް ދެއްތޯ. . .؟؟؟
4 1

ބްރޯ

9 ޖުލައި 2023
ބްރޯ ޔޫ އޯކޭ؟
6 2

ހަންޖާރު

9 ޖުލައި 2023
ދޮންކަލޯ ހަމައިގަތަ؟
8 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް