
ރައްޔިތުންގެ މަޖިލީހަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކުރި ދުވަހެއްގައި އޭނާ މެމްބަރެއްގެ ސުވާލަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)
އަސްލަމްގެ މިނިސްޓްރީން ބިޔަ މަޝްރޫއުތައް 'ސިއްރިއްޔާތު'ގައި
"އަޅުގަނޑު ބަލައިލާފަ ގުޅާނަން. ޔަގީނުން ވެސް މިއަދު ތި މައުލޫމާތު ދޭނަން،" ޕްލޭނިން މިނިސްޓްރީގެ ބޭފުޅަކަށް މައުލޫމާތެއް ހޯދަން އެންމެ ފަހުން ގުޅި ދުވަހު ލިބުނު ޖަވާބަކީ އެއީ އެވެ. އެކަމަކު އެ ވިދާޅުވި މިއަދު، އިއްޔެއަށް ވެ، ހަފްތާއަކަށް ވުރެ ވެސް ގިނަ ދުވަސްވީ އެވެ. ފަހަރަކު ނަންބަރަކަށް، ބޭފުޅަކަށް ގުޅައި ސުވާލުކޮށްގެން ވެސް މައުލޫމާތު ލިބޭ ފަހަރަށް ވުރެ ގިނައީ ނުލިބޭ ފަހަރުތަކެވެ.
ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުތައް ހިންގަނީ ވެސް ޕްލޭނިން މިނިސްޓްރީންނެވެ. އެކި ޕޯޑިއަމްތަކުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެ ނޫނަސް އެ މިނިސްޓްރީގެ އިސް ބޭފުޅުން، މަޝްރޫއުތަކުގެ ވާހަކަދައްކަވަ އެެވެ. މާ ބޮޑު ތަފްސީލެއް ނުދެއްވިޔަސް، ނިމޭނެކަމުގެ ޔަގީންކަން ދެއްވަ އެވެ.
މި ސަރުކާރަކީ ތަރައްގީ ގެނައުމުގައި ސްޕީޑު ދަށް ސަރުކާރެއް ކަމަށް ބުނާ ވާހަކަތަކަކީ އާ ވާހަކައެއް ނޫނެވެ. މީގެ ކުރިން އައި ސަރުކާރުތަކަށް ވުރެ ތަފާސްހިސާބުތަކަށް ބަލައިފި ނަމަ، މި ވެރިކަމުގައި ނިންމި މަޝްރޫއުތަކުގެ އަދަދު ގިނަ އެވެ. ނަމަވެސް، ފާޑުކިޔާ މީހުން ބުނަނީ އެއީ ކުރީގެ ސަރުކާރުން ހިންގި މަޝްރޫއުތައް ކަމަށެވެ. އަދި މިއީ ހަމައެކަނި "ރިބަން ކަނޑާ" ސަރުކާރެއް ކަމަށެވެ.
މި ސަރުކާރުން ހިންގާ އެންމެ ބޮޑެތި އަދި އާންމުން އެ ކަމަށް އެންމެ އިންތިޒާރުކޮށްގެން ތިބި މަޝްރޫއުތައް، ފެންނަ ފެނުމަށް ހުރީ ޝެޑިއުލްއިން ކައްސާލާފަ އެވެ. އެންމެ ބޮޑެތި މަޝްރޫއުތަކަކީ ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫއުތަކެވެ. ސިޔާސީ ޕޯޑިއަމްތަކުގައި އެ މިނިސްޓްރީ އާއި ސަރުކާރުގެ އިސް ބޭފުޅުން އަނގަބަހުން ދެއްވާ ޔަގީންކަން ފިޔަވައި އެ މަޝްރޫއުތަކުގައި ހަގީގީ ކުލަ ޖެހޭނެކަން ބެލޭނެ އިތުރު އެއްވެސް ގޮތެއް، އާންމުންނާއި ނޫސްވެރިންނަށް ވެސް ނެތެވެ.

ކަންކަން ނިންމާލަނީ ސޯޝަލް މީޑިއާއިން
ޕްލޭނިން މިނިސްޓްރީ އަދި އެހެން މިނިސްޓްރީތަކުން ވެސް ހިންގާ ގިނަ އަދި ވަކިން ހާއްސަކޮށް ކުދި މަޝްރޫއުތަކުގެ މައުލޫމާތު ލިބެން އޮތް ހަމައެކަނި ގޮތަކީ އެ މިނިސްޓްރީއެއްގެ ސޯޝަލް މީޑިއާ އެކައުންޓުތަކެވެ. އެކި މަޝްރޫއުތައް ކުންފުނިތަކަށް ހަވާލުކުރާ ވާހަކަ އާއި މަޝްރޫއުތަކުގެ އަގާއި ނިންމަން ކަނޑައަޅާ މުއްދަތު، ސޯޝަލް މީޑިއާ ޕޯސްޓުތަކުން ބަލައިލެވެ އެވެ. އެއަށް ވުރެ އިތުރު މައުލޫމާތެއް ހޯދަން ޖެހެނީ މިނިސްޓްރީ ފަހަތުން ދުވާށެވެ.
މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުން މަޑުޖައްސައިލި ހިސާބުން އާދައަކަށް ހެދި ކަމެކެވެ. ކުރިން ސޯޝަލް މީޑިއާ ޕޯސްޓުތައް ކުރަނީ ނޫސްވެރިންގެ ބައްދަލުވުން ވެސް ބާއްވައިފަ އެވެ. މިހާރު ޕްރެސް ކޮންފަރެންސްތައް ބާއްވަނީ މަދު ފަހަރެއްގަ އެވެ. ޓުވީޓަކުން ނުވަތަ ޕޯސްޓަކުން މައުލޫމާތު ދިނުމުގެ ބައި، ކަން ފަސޭހަ ގޮތަކަށް ނިންމާލަނީ އެވެ. މިގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުން ސުވާލުކުރުމުގެ ފުރުސަތު ހަނިވެ އެވެ. އެހާ މަދުން ބާއްވާއިރު ވެސް ބައެއް ފަހަރު ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުވެސް ދެ އެވެ.
ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ، އެހެން ނަމަވެސް، އެންމެ އެކަށީގެންވާ ވަރަށް މައުލޫމާތު ނުދޭ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖު، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، އެކި ސަރަހައްދުތަކުގައި އެއާޕޯޓު އަޅާ މަޝްރޫއުތައް އަދި ބިން ހިއްކުމުގެ މަޝްރޫއުތައް ހިމެނެ އެވެ.
ތިލަމާލެ ބްރިޖު
ތިލަމާލެ ބްރިޖު މަޝްރޫއަކީ 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)ގެ ބިޔަ މަޝްރޫއެކެވެ. މަސައްކަތުގެ ތާވަލާއި މަސައްކަތް ކުރާ ތަން އަޅާބަލާއިރު، ފެންނަ ފެނުމަށް އެ މަޝްރޫއު އޮތީ ޝެޑިއުލްއިން ވަރަށް ބޮޑަށް ކައްސާލާފަ އެވެ.

ބްރިޖު މަސައްކަތުގެ ތާވަލު:
-
މާލެ-ވިލިމާލެ ބްރިޖު ނިންމުން - ޖުލައި 2023 ނުވަތަ އެންމެ ލަސްވެގެން އޮގަސްޓް 2023އަށް
-
ވިލިމާލެ-ގުޅިފަޅު - ޑިސެމްބަރު 2023އަށް
-
ތިލަފުށި-ގުޅިފަޅު ގުޅާލައި މުޅި ބްރިޖު ނިންމުން - ނޮވެމްބަރު 2024އަށް
ބްރިޖު މަޝްރޫއާ ގުޅޭ ގޮތުން އެންމެ ފަހުން ލިބުނު މައުލޫމާތަކީ ކަނޑުގައި ތަނބު ޖެހުމުގެ ކުރިން ޓެސްޓު ޕައިލްތައް ޖަހަން ފެށި ކަމެވެ. އޭގެ ފަހުން އޮތީ އެ މަސައްކަތުގައި ކެރޭނެއް ބިނދިގެން ވެއްޓުނު ހަބަރެވެ.
ގުޅީފަޅުގެ ބިން ހިއްކުން
މި މަޝްރޫއުގެ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހި ބޮސްކާލިސްއާ ހަވާލުކުރިކަން ދިވެހި ނޫސްތަކަށް ތިލަވީ، އެ ކުންފުނިން ނެރުނު ނޫސްބަޔާނަކާ ހަވާލާދީ، ވިޔަފާރި އާއި އިގްތިސާދުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން އެ ހަބަރު ޖެހުމުންނެވެ. މިހާތަނަށް ވެސް ޕްލޭނިން މިނިސްޓްރީގެ ބޭފުޅަކު މިކަމާ ބެހޭ ވާހަކައެއް ނުދައްކަވަ އެވެ. މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އަދި މައުލޫމާތެއް ހިއްސާނުކުރެ އެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން އެންމެ ފަހުން މިނިސްޓްރީއަށް ގުޅީ، ހިއްކާ ބިމުގެ ބޮޑުމިނާއި ބިން ހިއްކަން ވެލި ނަގާ ތަންތަނާއި މިންވަރު ބެލުމަށެވެ. އެކި ބޭފުޅުންނަށް، އެކި ފަހަރު މަތިން ގުޅައިގެން ކުރި ސުވާލުތަކަށް ލިބުނު ޖަވާބަކީ "ބަލައިލާފަ ގުޅާނަން، މިއަދު ލިބޭނެ" އެވެ. ނަމަވެސް އަދި އެ މައުލޫމާތު ލިބޭ ވަރެއް ނުވެ އެވެ.

މި ނޫނަސް އެހެން މަޝްރޫއުތަކާ ބެހޭ ގޮޮތުން ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި ދޭ މައުލޫމާތުގެ އިތުރަށް އެހެން މައުލޫމާތެއް ހޯދުމަކީ ދަތިކަމެކެވެ. މަޝްރޫއުތައް ނިމޭނެ ކަމަށް ސަރުކާރުގެ އިސް ބޭފުޅުން، ސިޔާސީ ޕޯޑިއަމްތަކުގައި ދެއްވާ އެކި ސުންގަޑިތަކަށް އިންތިޒާރުކޮށްގެން ތިބުން ނޫން ގޮތެއް މިވަގުތަކު އާންމުންނާއި ނޫސްވެރިންނަށް ވެސް ނެތެވެ.
އެންމެ ފަހުން މި ގޮތަށް އަލަށް އިއުލާނުކުރި ކަމަކީ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް ދޫކުރާ ގޯތީގެ އަދަދު އިތުރުކުރަން ނިންމި ކަމެވެ. އޭގެ އިތުރަށް އެ ކަން އިއުލާންކުރެއްވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އެއީ ކިހާ އަދަދެއްތޯ ބަލަން މިއަދު ޕްލޭނިން މިނިސްޓްރީގެ އިސް ބޭފުޅަކަށް ގުޅުމުން، ފޯނަށް ޖަވާބު ނުދެއްވާތީ ލިބޭ ގޮތެއް ނުވި އެވެ. މައުލޫމާތު ދެވޭ ވަރުގެ ބޭފުޅުން ފޯނަށް ޖަވާބު ނުދޭއިރު، މީޑިއާއަށް މައުލޫމާތު ދޭން ހާއްސަކޮށްފައި ތިބޭ އޮފިޝަލުން އަބަދުވެސް އުޅުއްވަނީ މައުލޫމާތު ހޯއްދެވުމުގަ އެވެ. އެ ދުވަހެއް ނާދެ އެވެ.
ކޮމެންޓް (2)
އާލަމް
އޯނޯ