ރައީސް ސޯލިހާއި ނަޝީދު.

1 އުރައެއްގައި 2 ކަނޑިއަކަށް ނޯވެވޭނެ އެވެ.

ޑީއާރުޕީގެ އެ ބައިބައިވުމަށް ފަހު މައުމޫން އިސްވެ އުފެއްދެވި ދެ ވަނަ ޕާޓީ، ޕީޕީއެމް ވެސް ދަތުރުކުރީ އެ މަގުންނެވެ. އަޅުގަނޑު ހީކޮށްގެން ހުރީ އެ ދަތުރު ނުކުރާނެ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އެކަމަކު އެހެންނެއް ނުވި އެވެ. ވެރިކަމާ ޖެހުނީމާ މައެއް، ދަރިއެއް އަދި ރައްޓެއްސެއް، ތިމާގެ މީހަކު ނެތެވެ.

ރާއްޖެއަށް ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރަސީ ތައާރަފުވި އިރު، އޭރު ވެރިއަކަށް ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޑީއާރުޕީގެ ތެރޭގައި 'ނިއު މޯލްޑިވްސް' ކިޔާ ފެކްޝަނެއް އުފެދުނެވެ. އެ ފެކްޝަންގައި ތިއްބެވި ތަންކޮޅެއް ޒުވާން ބޭފުޅުން؛ އޭރުގެ ބަންޑާރަނައިބު ޑރ. ހަސަން ސައީދާއި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި އޭރުގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލު އަހުމަދު ފަދަ ބޭފުޅުން ބޭނުންވީ މައުމޫންގެ 30 އަހަރުގެ ވެރިކަމަށް ފަހު އެ ބޭފުޅުންގެ އަތްމައްޗަށް ވެރިކަމުގެ ބާރުތައް ފުރޮޅުމެވެ. ނަމަވެސް، މައުމޫން އެ ޖާގައެއް ނުދެއްވި އެވެ. މައުމޫން ބޭނުންފުޅުވީ އިތުރު ދައުރަކަށް ވާދަކުރައްވާށެވެ. ނަތީޖާއަކީ 'ނިއު މޯލްޑިވްސް'ގެ ފެކްޝަން މައުމޫނާ ފޭއަށް ޖެހި، ޕާޓީ ދޫކޮށްލުމެވެ.

ޑީއާރުޕީގެ އެ ބައިބައިވުމަށް ފަހު މައުމޫން އިސްވެ އުފެއްދެވި ދެ ވަނަ ޕާޓީ، ޕީޕީއެމް ވެސް ދަތުރުކުރީ އެ މަގުންނެވެ. ޕާޓީގެ ރައީސް މައުމޫނާއި އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނާ ހިޔާލު ތަފާތުވި ހިސާބުން އޮތީ ޕާޓީ ދެ ފަޅި ވެފަ އެވެ. ބާރުގަދަވީ ވެރިއަކަށް ހުންނެވި ޔާމީންގެ ފަޅި އެވެ.

އަޅުގަނޑު ހީކޮށްގެން ހުރީ އެ ދަތުރު ނުކުރާނެ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އެކަމަކު އެހެންނެއް ނުވި އެވެ. ވެރިކަމާ ޖެހުނީމާ މައެއް، ދަރިއެއް އަދި ރައްޓެއްސެއް، ތިމާގެ މީހަކު ނެތެވެ. ނުގޮވާކަށް އެއްޗެއް ނެތެވެ. ޖެހުނީ އެއް ތާކު އެވެ. ތެދެކެވެ. އެމްޑީޕީ ފަޅާލާފައި ވަކި ދެ ޕާޓީއެއް އަދި ނޫފައްދަ އެވެ. ނަމަވެސް، ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ފެކްޝަނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ތިއްބެވީ ރިޔާސީ ޕްރައިމަރީއަށް ފަހު އެއް ޕްލެޓްފޯމެއްގައި މަސައްކަތް ކުރެވޭ ވަރަށް ވުރެ ދުރުގަ އެވެ. އެ ވަރަށް އެއްޗެހި ގޮވައިފި އެވެ. ޒާތީ ގޮތުން ވެސް ނުގޮވާކަށް އެއްޗެއް ނެތެވެ. ރައީސް ސޯލިހަކީ "ސްލޯ"، "ރިއެކްޓް ނުކުރައްވާ" ބޭފުޅެއް ކަމަށް ވިދާޅުވެ، ކެމްޕޭން ހަރުގެތައް ގުގުމާލުމަށް އެ ދެއްކެވި ވާހަކަފުޅަކީ ނަޝީދާ އެއްކޮށް އުޅެ ބޮޑުވި، އޭނާގެ ދެބެންގެދެދަރި ކޮއްކޮ، ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދަށް ދިން ހަމަލާއެކެވެ. އެ ލައްގަނޑު އެ ބޭފުޅުންގެ ހިތަކުން ނުފިލާނެ އެވެ. އެއީ ޒާތީ ގޮތުން ދިން ހަމަލާ އެކެވެ.

އޮލިމްޕަސް އަލުން ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ރައީސް ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު. (ފޮޓޯ/ރައީސް އޮފީސް)

ކޮންމެ ދެ މީހަކު ތަފާތު މީހަކަށްވާނެތީ، ތާވަޅުގަނޑެއްގެ ތެރެއަށް ބޮލަށް ފިތާލާފައި ދޫކޮށްލާ ތާވަޅެއް ގޮތަށް ނޫޅޭ މީހަކީ ތިމާއަށް ވުރެ އުނި މީހެއް ކަމަށް ދުށުމަކީ ކުށްހީއެކެވެ. އެކަން ވަނީ ނިމިދިޔަ އެމްޑީޕީ ޕްރައިމަރީން ރައީސް ސޯލިހު ސާބިތުކޮށްދީފަ އެވެ. ސޯލިހު ވިދާޅުވި ގޮތަށް، އެ މަނިކުފާނަކީ އިންތިހާބުތަކަށް ފަރިތަ ބޭފުޅެވެ. އެއީ ގޯސް ވާހަކައެއް ވެސް ނޫނެވެ. އެހެން ނޫން ނަމަ، ހިންނަވަރު ގޮނޑީގައި އެ މަނިކުފާނު 25 އަހަރު ވަންދެން ނީންނެވީހެވެ.

ތެދެކެވެ؛ ނިމި ދިޔަ އިންތިހާބުގައި ދައުލަތުގެ ވަސީލަތްތަކާއި ކުންފުނިތައް ހެސްކިޔާފައި ބޭނުންކުރި އެވެ. އެއީ ގޯހެކެވެ. އަދި ނަޝީދު ފަޅީގެ ބައެއް ޓުވިޓާ އެކައުންޓްތަކުން ބުނި ގޮތަށް، މި އިންތިހާބުން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ވެސް އެއީ އެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ އިދިކޮޅަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ލިބިވައިގަންނަވަންވީ ފިލާވަޅަކީ ވެސް އެއީ އެވެ.

އެކަމަކު އަޅުގަނޑުގެ ހިތަށް އަރަ އެވެ. ނަޝީދު އެ ވާހަކަ ދައްކަވާ އިރު، އެ މަނިކުފާނު ކަންތައް ކުރެއްވީ ކިހިނެއްތޯ އެވެ؟ ނަޝީދުގެ ލީޑަޝިޕްގައި ބޭއްވި އެމްޑީޕީގެ އެތެރޭގެ ކޮންމެ އިންތިހާބަކަށް އޮތީ "އަތްބާނައިފަ" އެވެ. ކިތަންމެ ގާބިލު މީހަކު ވާދަ ކުރިއަސް އެ ލީޑަޝިޕްގައި ޖާގަ ލިބުނީ ނަޝީދުގެ "ގޮނޑިކޮށްކޮ" އަކަށެވެ. ދެން ތިބި މީހުން ތިބީ ބާކީކޮށްލައިފަ އެވެ. ތަފާތު އިލްޒާމުތަކާއި އެކިއެކި 'ބުލީ'ތައް ކުރުމުގެ އިތުރަށް، އިންތިހާބުތައް ބޭއްވީ ވެސް ވޯޓާސް ރަޖިސްޓްރީ އެ ބޭފުޅުންގެ ފުރިހަމަ "ކޮންޓްރޯލް"ގައި ބާއްވައިގެންނެވެ. ވޯޓު ލެވޭ މީހުންގެ އަދަދާއި ނުލެވޭ މީހުން ވެސް އެނގެނީ އެ ބޭފުޅުންނަށް އެކަންޏެވެ. ގައުމީ ފެންވަރަށް ޖެހިލާ އިރު، ލާމަރުކަޒީ ނިޒާމު ތައާރަފުކުރުމުގެ މަރުހަލާގައި، އެ ނިޒާމު ތައާރަފުކުރުމުގެ ކުރިން، ކަތީބުންގެ މައްޗަށް އައްޔަންކުރީ އެ މަނިކުފާނުގެ ގޮނޑިކޮށްކޮ ބޭފުޅުންކޮޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވީ އެ ގޮތުގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ސޯލިހާއި ނަޝީދު އެކުގައި ފުރަތަމަ ފަހަރަށް ބައްދަލުވެ ސަލާމް ކުރައްވަނީ: އެ ބޭފުޅުން ބައްދަލުވީ އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަން މިދިޔަ ހަފްތާގައި ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/ރައީސް އޮފިސް)

ކޮރަޕްޝަންގެ ވާހަކައަކީ އެފަދަ ވާހަކައެކެވެ. އަޅުގަނޑު އަބަދުވެސް ބުނާހެން ބުނަން އޮތީ ކޮރަޕްޝަނަކީ މިހާރު ގިނަ މީހުންނަށް ފެކްޝަނަކަށް ވެއްޖެ ވާހަކަ އެވެ. މި ސަރުކާރުގައި ކޮރަޕްޝަން ފުކެއް ވެސް މަދެއް ނޫނެވެ. އިންޑިކޭޝަންތައް ވެސް ހުރީ އެހެންނެވެ. ނަމަވެސް، އެއާ ބެހޭ ގޮތުން ވެސް އަޅުގަނޑު ހިތަށް އަރާ އެއްޗެއް އޮވެ އެވެ. ކޮވިޑްގެ ތެރޭގައި ގެންނަން އުޅުނު ވެންޓިލޭޓަރުން ވައްކަންކުރި ވާހަކަ ނަޝީދު އަޑަށް ބާރު ލައްވާފައި ވިދާޅުވާ އިރު، ބައެއްގެ ބޮލުގައި އަނދުން އަޅުވާފައި ފްލޯޓިން ރަށްތަކެއް ހަދަނީއޭ ކިޔާފައި މާލެ އަތޮޅުން ފަޅުތަކެއް ބަޔަކު ވިއްކަމުން ދާއިރު އެ ވާހަކަ ނަޝީދު ނުދެއްކެވީ ކީއްވެގެން ބާވަ އެވެ. އަދި އެމްއެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ އެއްވަރު ނުވިއަސް، އެ އަދަދާ ގާތްކުރާ ނޫމަޑިއަށް ދިން 55 މިލިއަން ޑޮލަރުގެ ބަދަލުގެ ވާހަކަ ނުދައްކަވަނީ ކީއްވެގެން ބާވަ އެވެ. ހަމަ ޔަގީނުން ވެސް ތިޔަ ވިދާޅުވާ ވެންޓިލޭޓަރުގެ 30 މިލިއަން ރުފިޔާގެ ކަރޮޕްޝަނާ ވަރުން އަޅުވާ ނަމަ، ވެންޓިލޭޓަރު ކޮރަޕްޝަނަކީ ހައްޕުނޑު ނޫންތޯ އެވެ. ލިސްޓް ދިގު ކުރެވިދާނެ އެވެ. ނަޝީދުގެ ވެރިކަމުގައި އޭނާގެ ގާތް މީހުންނަށް ބަހާލި ފަޅުރަށްތަކަކީ ވެސް އެއް ހައިސިއްޔަތަކުން ބަލާ އިރު ކޮރަޕްޝަން ނޫން ދެވަނަ އެއްޗަކަށް ނުވާނެ އެވެ.

އެކަންކަން އެ މަގުގައި ހުއްޓަސް، ނަޝީދުއަކީ ރާއްޖޭގެ ތާރީހުގައި ނުދެކޭ ފަދަ ކެރުންތެރި، ހިތްވަރު ގަދަ ބޭފުޅެކެވެ. އެއީ ހަގީގަތެކެވެ. މައުމޫން 30 އަހަރުވީ ދިގު ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ބުރަކޮށް އަދި  ޖެހިލުމެއް ނެތި މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ވެސް ނަޝީދެވެ. އެކަމުގެ ވަރަށް ބޮޑެތި އަގު ވެސް އެ މަނިކުފާނު ވަނީ ދައްކަވައިފަ އެވެ. އެއަކު ސުވާލެއް ނެތެވެ. ނަޝީދު އެ މަސައްކަތް  ނުކުރެއްވި ނަމަ ރައީސް މައުމޫން އަދި ވެސް ހުރީހީ ވެރިކަމުގައިތޯޗެކެވެ. ތިރީސް އަހަރަށް ފަހު ވެސް އިތުރު ދައުރަކަށް ކުރިމަތިލެއްވީ ވިއްޔާ އެވެ. އޭގެ އިތުރަށް ރާއްޖެއަށް ޓެކްސް ތައާރަފު ކުރުމާއި ބޭސް ފަރުވާއަށް ސަލާމް ޖަހަން ނުޖެހޭ ގޮތަށް އާސަންދަ ނިޒާމު ތައާރަފު ކުރެއްވުމާއި އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސެއް ދެއްވުމާއި ގެސްޓްހައުސް ރަށްރަށް ތައާރަފު ކުރެއްވުމުގެ މޭސްތިރިއަކީ ނަޝީދެވެ. 

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު، އެމްޑީޕީގެ މައި ހަރުގޭގެ ދޮރުމަތީގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތެއް އެބަ އޮތެވެ. އެއީ މި ފަހުން ބޭއްވި އެމްޑީޕީގެ އެތެރޭގެ ތިން އިންތިހާބު، ގައުމީ މަޖިލީހުގެ އިންތިހާބު، ޗެއާޕާސަންގެ އިންތިހާބު، ރިޔާސީ ޕްރައިމަރީގެ އިންތިހާބުން ވަނީ ނަޝީދުގެ ފަޅި ބަލިވެފަ އެވެ. އެ ހަގީގަތް ގަބޫލުނުކުރެވެނީ ކީއްވެގެންބާވައޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ. އެކަންކަން ގަބޫލުނުކުރެވި، ތިމަން މަނިކުފާނު އަބަދު 'ގޮނޑި ދުއްވަން' އިންނަވަން ޖެހޭނެ ކަމަށް ގަބޫލުކުރެވޭ ނަމަ، އަޅުގަނޑު ދަންނަވާނީ ކުޑަކޮށް "ބަލި" ދެއްތޯ އެވެ. ހަމަ އެހެންމެ، މައުމޫންގެ ވެރިކަން ނިންމަން ކުރި މަސައްކަތުން އިބުރަތެއް ނުލިބުނު ނޫންތޯއޭ ވެސް ހިތަށް އަރަ އެވެ.

ނަޝީދު މި ޖައްސަވަނީ ކޮން ހިސާބެއް؟

އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ވާދަކުރެއްވި އިރު ވެސް ނަޝީދަށް އިންތިހާބު ކާމިޔާބު ނުވާނެކަން އެ މަނިކުފާނުގެ އަމަލުތަކުން އެނގެ އެވެ. އަދި އިންތިހާބަށް ފުރިހަމަ ގޮތުގައި ތައްޔާރެއް ވެސް ނުވެ އެވެ. ވޯޓާސް ލިސްޓުން 39،000 މީހުން ކަނޑާލި ވާހަކަ ދައްކަވާ އިރު، އެމްޑީޕީން ދުރާލައި ބުނެ އާންމުކޮށްގެން އިއުލާންކޮށްގެން އެކަން ކުރި އިރު، އެ މީހުން ޕާޓީއަށް ވައްދާކަށް ވެސް ނޫޅެ އެވެ. ވޯޓުލަމުން ދިޔަ ދުވަހު ރޭވިގެން އިންތިޒާމުވެގެން ވޯޓުލާ މީހުން ފޮށިތައް ދޮށަށް ނެރުމަށް ވެސް މާނަ ހުރި ގޮތެއްގައި މަސައްކަތެއް ނުކުރައްވަ އެވެ. ނަޝީދު ކުރެއްވީ ބޭރަށް މަންޒަރު ދެއްކުމުގެ ޕޮޕިއުލާ ކެމްޕޭނެކެވެ. އެ ކެމްޕޭން އެ ގޮތުގައި ގޯހެއް ވެސް ނޫނެވެ. 

ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ބޮޑު ހިނގާލުން. (ފޮޓޯ/އަބްދުﷲ އިޔާން)

ދެން ސުވާލަކީ ނަޝީދު އެކަން ކުރެއްވީ ކޮން ބޭނުމެއްގައިތޯ އެވެ؟ އޭގައި ދެ ބޭނުމެއް އެބަ އޮތެވެ. އެއް ބޭނުމަކީ "ވަކަރަށް ޖަހާލުމެ"ވެ. ދެން އޮތީ އެންމެ ބޮޑު ބޭނުމެވެ. އެއީ ޕާޓީގެ ކޮންޓްރޯލް ގެއްލުނަ ނުދިނުމަށް ރައީސް ސޯލިހު ފޭލުކޮށްލުމުގެ އެދުންފުޅެވެ. އަންނަ ރިޔާސީ އިންތިހާބަށް ފަހު ނަޝީދަށް ޕާޓީގެ ކޮންޓްރޯލް ލިބޭނެ އޮންނާނީ އެ ގޮތުގަ އެވެ. ނޫނީ އަނެއްކާވެސް ޒަމާންގަނޑަކަށް ނަޝީދުގެ ބާރު ޕާޓީން ގެއްލޭނެ ކަމަށް ބެލެވެ އެވެ. އެއީ ނަޝީދު ދެކެން ބޭނުންވާނެ ކަމެއް ނޫނެވެ. ހަގީގަތުގައި 2018ގައި ވެސް ސޯލިހަކީ ނަޝީދުގެ އިހުތިޔާރެއް ނޫނެވެ. އެ ކިޔާ "އުކުޅަހު ބަގާވާތަ"ކީ އެއީ އެވެ. ނަޝީދު ބޭނުންފުޅުވީ އެ މަނިކުފާނަށް ވާދަނުކުރެއްވޭ އިންތިހާބެއްގައި ޕާޓީން ކެންޑިޑޭޓަކު ނުނެރުމެވެ. ނަމަވެސް، އެ ފުރުސަތު އެ ޕާޓީގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން ނުދެއްވީ އެވެ. އަދިވެސް ނަޝީދު ބޭނުންފުޅުވާނީ އެއް ގޮތުން ނުވިއްޔާ އަނެއް ގޮތަކުން ސޯލިހު ފޭލުކޮށްލުމެވެ. އެކަމުގައި އިދިކޮޅު ޕީޕީއެމް ވެރިކަމަށް އަޔަސް ނަޝީދަށް ވަރިހަމަވާނެ ކަމަށް ބެލެވެ އެވެ. އާއިލާ ހާންދާނުގައި ޕާޓީގެ ބާރުތައް ބޭއްވޭނީ އެ ގޮތުގައި ކަމަށް ނަޝީދާ އެކު ކައިރިން މަސައްކަތް ކުރައްވާ، ހާއްސަކޮށް އާއިލީ ބޭފުޅުން ގަބޫލުކޮށް، ބޭނުންވާނެ ކަމީ ހަގީގަތެކެވެ. މަންޒަރުތައް ފެންނަނީ އެ ގޮތަށެވެ.

މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލަމުން ދަނިކޮށް މި ސަރުކާރުގެ އިސް ބޭފުޅަކާ އަޅުގަނޑާ ދިމާވި އެވެ. އޭނާ އަޅުގަނޑާ ސުވާލެއް ކުރެއްވި އެވެ؛ ނަޝީދު 7 ފެބުރުއަރީ 2012ގައި އިސްތިއުފާ ދެއްވުމާ ދޭތެރޭ އޭނާ މިހާރު ހިތާމަ ކުރައްވާނެ ދެއްތޯ އެވެ. އަޅުގަނޑު ދެންނެވީމެވެ. އާދޭހެވެ؛ ބޮޑުކޮށް ހިތާމަ ކުރައްވާނެ އެވެ. ގިތެޔޮ އެޅި ގުޅިން ވަސް ނުފިލާނެޔޭ ބުނާ އުސޫލުން އެ އުޅުއްވަނީ އެކަމުން އަރައިނުގަނެވިގެންވިއްޔާ އެވެ. އެކަމަކު ވަގުތު ފާއިތުވެއްޖެ ދެއްތޯ އެވެ. ކުރީގެ ރައީސް އިބްރާހީމް ނާސިރު ވިދާޅުވި ގޮތަށް، އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެ އެވެ. އެ ހަގީގަތް ގަބޫލުކުރައްވާށެވެ.

ކޮމެންޓް (2)

ހަމަ ބުނެލީ

5 ފެބްރުއަރީ 2023
2008 ގެ ކުރީގެ މައުމޫނު ހުންނެވީ ރައީސްކަމުގެ މަގާމުގައި ދެމިހުރުމަށް ހުވާކުރަށްވައިގެނެވެ. 2008 ގައި ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމުން މައުމޫނު ވެރިކަމުގައި ދެމިހުރުމަށް ކުރައްވައިގެން ހުންނެވި ހުވާވެސް ނިމުމަކަށް އައީއެވެ. 7 ފެބްރުއަރިގައި 2012 ގައި ނަޝީދު އަމިއްލައަށް އިސްތިޢުފާ ދެއްވުމުން އޭނާ ކުރައްވައިގެން ހުންެނެވި ހުވާވެސް ނިމުމަކަށް އައީއެވެ. ހަމަ އެތާރީޚުގައި ނައިބުރައީސް އަކަށް ހުންނެވި ޑރ. ވަހީދު ރައީސުލް ޖުމްހޫރިއްޔޭގެ ހުވާ ކުރެއްވުމުން ނައިބުރައީސްގެ މަގާމު ހުސްވިއެވެ. ވަހީދު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް 2013 ގެ އިންތިޚާބު ޔާމީނު އަބުދުލް ގައްޔޫމު 17 ނޮވެމްބަރު 2013 ގައި ރައީސުލް ޖުމްހޫރިއްޔާގެ ހުވާކުރެއްވުމުން ޑރ. ވަހީދުގެ ރައިސުލް ޖުމްހޫރިއްޔާކަން ނިމުނީއެވެ. ދެންފަހެ، 2018ގެ ރިޔާސީ އިންތިޚާބު އިބްުރާހިމް ކާމިޔާބުކޮށް 17 ނޮވެމްބަރު 2018ވަނަ ދުވަހު ގަލޮޅުބޯޅަ ދަނޑުގައި ރައިސުލް ޖުމްހޫރިއްޔާގެ ހުވާކުރެއްވިއެވެ. މިހުވާގައި ހުންނަވައިގެން 24 ފެބްރުއަރީ 2022 ދުވަހުގެ ރޭ އެ އެންގެވި އެއްޗެއް ސިޓީއަކުން ރައްޔަތުން މަޖިލީސްގެ ރައީސްއަށް އެންގެވުމުން ނައިބުރައީސް އަކަށް ހުންނެވި ފައިސަލް ނަސީމް ރައްޔަތުންގެ މަޖިލީސްގެ އިދާރާއަށް 25 ފެބްރުއަރީ ދުވަހުގެ ފަތިސްނަމާދަށްފަހު އުއްތަމަ ފަނޑިޔާރާއިއެކު ޙާޒިރުކުރައްވައި މަޖިލީސްގެ އިދާރާރައި ރައީސުލް ޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވާ ކުރުވިއެވެ. ދެންފަހެ، މިހަމަޔާއި އުސޫލްގެ މަތިން ކަންހިނގައިފާވާއިރު ރައިސުލް ޖުމްހޫރިއްޔާއަކީ ފައިސަލް ނަސީމުއެވެ. އިބުރާހިމްގެ ރައީސްކަމުގެ ހުވާ ނިމުމަކަށް އައީއެވެ. މިފަދަ އެއް ހުވަކޮށްގެން ރިބޭ ދެމީހަކު ރާއްޖޭގެ ރައީސުލްޖުމްހޫރިޔާގެ މަގާމުގައި ނުތިބޭނެއެވެ. އެމަގާމަކީ އެއް އުރަޔަކަށް ދެކަނޑި ކޮއްޕާން އޮންނަކަހަލަ އުރައެއް ނޫނެވެ. މިކަން ވަރަށްސާފު!
1 0

ޢަސްލު ސޫރަ

5 ފެބްރުއަރީ 2023
ޙައްދަވައިގެން އެއްވެސް ޒިންމާއެއް ނެތް މީހެން ހިތްވަރުގަދަ ވާނެނު. މައެއް ބަޕައެއް އަންބެން ދަރިއެއް ބަލަން ޖެހޭމީހެއްނޫން. ޜާއްޖެ ހަލަބޮލިކޮށްލާފަ ޖަލަށް ވަދެ ބޭރުގެ އެހީގައި ރާއްޖޭން ފުރައިގެން ދާންވީ. ކޮންވެސްމީހަކު ޚަރަދާ ހަވާލުވާނެ. ޢިގިރޭސިވިލާތުން ދީފައޮންނަ އިންޑެނިޓް ސްޓޭ ވިސާ ބޭނުންކުރެވޭނެ. ރާއްޖޭ ދޫކޮށްގޮސް ދަރިން ރެފިއުޖީންނަށް ހަދައިގެން އެތިބީ އިގިރޭސިވިލާތުގަ. ޢެކަމާވެސް ވިސްނަން ނުޖެހުނީ. ހިތްވަރުގަދަ މީހާ ގެ ޢަސްލު ސޫރަ މަޑުމަޑުން މީހުނަށް ފެންނާނެ. ޢިންޝާ ﷲ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް