ހއ. ހަތިފުށީ މީހުން ހދ. ހަނިމާދުއަށް ބަދަލުވުމުގެ ގޮތުން ރައްޔިތުންގެ ބަޔަކު އުފަން ރަށް ދޫކޮށް 2000ގެ އަހަރުތަކުގެ ކުރީކޮޅު ދަނީ: ރަށްރަށުގެ މީހުންނާއި މާލޭ މީހުންނާ ކުރިންސުރެ ތަފާތުކުރުން ބޮޑު

މާލެ-ރާއްޖެތެރެ ތަފާތުކުރުން: ތާރީހުގެ ތެރެއިންނާއި މިހާރު ވެސް ފެންނަ ހަގީގަތް

މާލެ ސަރަހައްދުން ބިން ދޭން ކަނޑައެޅި އުސޫލަކީ ވަރަށް ބޮޑު ބޭއިންސާފެއް. އެއީ 21 ވަނަ ގަރުނުގައި ވެސް ދިވެހިންގެ ތެރޭގައި ދަރަޖަކުރުން ގެންގުޅޭ ކަމުގެ ހެއްކެއް

މުހިންމު ނުކުތާތައް

އަބަދުވެސް ސިޔާސަތު ދެމެހެއްޓީ ރަށްރަށުގެ މީހުން ކުލި ދައްކައިގެން އުޅޭ ގޮތަށް

ސަރުކާރުން އެންމެ ފަހުން އިއުލާންކުރި ދެ އުސޫލު ގާނޫނުއަސާސީއާ ވެސް ހިލާފު

ވަކި ރަށަކަށް ވެގެން ހައްގުތަކެއް ގެއްލޭ ނަމަ އެކަން ހުއްޓުވަން ޖެހޭނެ

މިއީ 9 އޮގަސްޓްގައި ޖެހި މި ލިއުމުގެ ދެ ވަނަ ބަ އެވެ.

މާލޭގެ އާބާދީ ގިނަވާން މެދުވެރިވި ސަބަބުގެ ތަފްސީލަށް ދިއުމަކީ މި ލިޔުން މާ ދިގުވެދާނެ ކަމަކަށް ވާތީ އެ ތަފުސީލު މި މަޒުމޫނުގައި ހިމެނުމުގެ ގަސްތެއް ނެތެވެ. ނަމަވެސް ކުރު ގޮތަކަށް ދަންނަވާ ނަމަ މާލެ ތޮއްޖެހެނީ، ހަވަނަ ގައުމީ ތަރައްގީގެ މަޝްރޫއު (2001–2005) އިން ފެށިގެން ހުރިހާ މަޝްރޫއެއްގައި، މާލެއެކޭ އެއްގޮތަށް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އާބަން ސެންޓަރުތައް ގާއިމްކުރާނެ ވާހަކަ ލިޔެފައި އޮތަސް އެ އަމާޒަށް ދައުލަތުގެ މިސްރާބު ނުބަހައްޓާ، ތަރައްގީ މާލެއަށް ފުނިޖެއްސުމުންނެވެ. ގަސްތުގައި، މާލެ ތޮއްޖެއްސީ އެވެ. ގައުމީ ތަރައްގީގެ މަޝްރޫއުތަކަށާއި، ގައުމީ އާބާދީގެ ސިޔާސަތު 2004 އާއި، ދިވެހިރާއްޖޭގެ ހިޔާވަހިކަމާ ބެހޭ ގައުމީ ސިޔާސަތު 2008 ވެގެންދިޔައީ ހިލޭ އެހީ ދޭ ޖަމާއަތްތަކަށް ދެއްކުމަށްޓަކައި ނަމެއްގައި އެކުލަވާލި ލިޔުންތަކަކަށެވެ. މާލޭގެ އެކި ތަންތަން ކުއްޔަށް ހިފައިގެން އުޅުނު މީހެއްގެ ހައިސިއްޔަތުން ގަބޫލުކުރެވެނީ މިފަދަ ސިޔާސަތެއް އެއިރު ސަރުކާރުން ހިންގީ މާލޭގެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ދީގެން ބޮޑު ނަފާއެއް ބަޔަކަށް ލިބޭތީ ކަމުގަ އެވެ. ސިޔާސަތަށް ނުފޫޒު ފޯރުވޭ ބަޔަކު އަމިއްލަ ފައިދާއަށް އެކަން ކުރީކަމުގަ އެވެ. ކުލީގެ އަޅުން އުފައްދައިގެން، މެދުނުކެނޑި ދާނުހިއްލާ އާމްދަނީ ހޯދުމަށެވެ!

ދައުލަތުގެ ސިޔާސަތު މި މިސްރާބަށް ފަހިކުރުމުގެ ގޮތުން 28 ނޮވެމްބަރު 1976ގައި، ތަންތަން ކުއްޔަށް ހިފުމުގެ ގަވާއިދެއް އެކުލަވައި، ޒަމާނާ ނުބައްދަލު ބޮޑެތި ކުލިތަކެއް ކަނޑައެޅިގެން ދިޔަ އެވެ. އަދި 8 މާޗް 1977ގައި އެ ގަވާއިދު އިސްލާހުކޮށް، އެ އަގުތައް ކުޑަކުރި އެވެ. ނަމަވެސް އެކަށީގެންވާ ވަރަކަށް ނޫނެވެ. ކުލީގެ އަޅުން އުފެއްދުމުގެ ސިޔާސަތެއް އޮތްކަމަށް ގަބޫލުކުރާ ދެވަނަ ސަބަބަކީ އަބަދުވެސް ކުއްޔަށް ދޭ ފަރާތްތަކުގެ ހައްގު ސަރުކާރުން ހިމާޔަތްކުރާތީ އެވެ. ޖޫނިއ ފުލުހެއްގެ ގޮތުގައި ވަޒީފާ އަދާކުރި ދުވަސްވަރު އެ މަންޒަރު ދުށީމެވެ. އައު ގާނޫނު އަސާސީއަށް ފަހު ފުލުހުންނަށް އެފަދަ މަދަނީ ކަންކަމުގައި އޮންނަ ދައުރު ނެތިގެންދިޔައެވެ. މިއީ ބާރުވެރިން ނުވަތަ މާލޭގެ ގޮދޮރުވެރިން ރުހޭ ކަމަކަށް ނުވެގެން ކުއްޔަށް އުޅޭ ފަރާތްތައް ގޯތިތަކުން ނެރެވޭނެ ބާރު އަނެއްކާވެސް ފުލުހުންނާ ހަވާލުކުރި އެވެ. މިފަހަރު މިކަންކުރީ 3 އޯގަސްޓް 2010 ގައި ވުޖޫދުވި 'އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނު" ގެ ތެރެއިންނެވެ. އެ ގާނޫނުގައި ކުއްޔަށް ހިފާ ފަރާތުގެ ހައްގެއްގެ އެއްވެސް ވާހަކައެއް ނެތެވެ. މިއީ މިހާރުވެސް ދިރިއޮތް ގާނޫނެކެވެ. އެހެނީ، 18 ނޮވެމްބަރު 2021 ގައި ގޯތިގެދޮރު ކުއްޔަށް ދިނުމުގެ އެންމެހާ ކަންކަން ހިމަނައިގެން ؛ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާ ބެހޭ ޤާނޫނު" ތައާރަފްކުރިއިރު ވެސް އާންމު އިޖުތިމާއީ މިންގަނޑުތައް ބަޔާންކުރާ ގާނޫނުގެ އެ މާއްދާތައް އުވާނުލާތީ އެވެ. 

އީދު ބަންދަށް މާލެއިން އެކި ރަށްރަށަށް ދާން ދަތުރަށް އަރަނީ: މާލެއަށް އަންނަން ނުޖެހޭ ގޮތަށް އެހެން ސަރަހައްދުތަކެއް ތަރައްގީ ކުރެވިފައެއް ނުވޭ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މާލޭގެ އާބާދީ ގިނަވުމުން، މިހާތަނަށް އުފެދުނު ހުރިހާ ސަރުކާރަކުން ވެސް މަސައްކަތް ކޮށްފައިވަނީ މާލޭގައި އުސް އިމާރާތްކޮށްގެންނާއި ކައިރި ފަޅުތައް ހިއްކައިގެން މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން މާލެއަށް ހިޖުރަކުރަން ޖެހިފައިވާ ސަބަބުތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމުގެ ރޫހެއް ނެތި އެވެ. މި ބޭނުމުގައި، 1 އޭޕްރީލް 2001 ގައި 'ހުޅުމާލެ ތަރައްޤީކުރުމާ ބެހޭ ޔުނިޓް' ސަރުކާރުން އުފައްދާ، ފަރުކޮޅުފުށި ފަޅު ހިއްކައިގެން ހުޅުމާލެ ތަރައްގީކުރުމާއި ރަށްވެހިކަމުގެ ވަސީލަތްތައް ހަމަޖެއްސުން އެ ޔުނިޓާ ހަވާލުކުރި އެވެ. އެ ޔުނިޓު ހިންގީ ސީދާ ރައީސުލްޖުމްހޫއްރިއްޔާގެ އޮފީހުގެ ދަށުންނެވެ.

ހުޅުމާލޭގައި 2004 ވަނަ އަހަރު މީހުން ވަޒަންވެރިވުމުން، 23 މާޗް 2005 ގައި 'ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް'ގެ ނަމުގައި ކުންފުންޏެއް ސަރުކާރުން ވަނީ އުފައްދައި ހުޅުމާލެ ތަރައްގީކުރުމާ ބެހޭ ޔުނިޓުން ކުރަމުން ދިޔަ މަސައްކަތް އެ ކުންފުންޏަށް ބަދަލުކޮށްފަ އެވެ. އެއަށް ފަހު، 2009 ގައި އެ ކުންފުނީގެ ނަން 'ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް'ގެ ނަމަށް ބަދަލުކުރި އެވެ. ނަމަށް މި ގެނައި ބަދަލާ ގުޅިގެން ކުންފުނީގެ މަސްއޫލިއްޔަތަށް ބަދަލެއް ނާދެ އެވެ. ސަރުކާރުގެ މުއައްސަސާއެކޭ އެއްފަދައިން ހުޅުމާލޭގެ ކަންކަން ރެގިއުލޭޓް ކުރުމުގެ ހުރިހާ ބާރެއް މި ކުންފުންޏަށް ލިބިގެންވެ އެވެ. މާލޭ ސިޓީ ކައުންސިލަށް ހޮވާނެ ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގެ ބޭރުން އެކައުންސިލާއި ހުޅުމާލެއާ އެއްވެސް ގުޅުމެއް ބޭއްވުމަށް ސަރުކާރުގެ ސިޔާސަތު ތަނެއް ނުދެ އެވެ. އަދި، ރާއްޖޭގެ އެހެން އެއްވެސް ރަށެއްގެ ތަރައްގީއަކީ އެކުންފުންޏާ ބެހޭ ކަމެއް ވެސް ނޫނެވެ. މިވެސް އަޖައިބުވާން ޖެހޭ ފަދަ ސިޔާސަތެކެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ހިންގުމަށް ކެނޑިނޭޅި ސިޔާސަތު އެކުލަވާލާއިރު ހުޅުމާލެއަކީ އެއްވެސް ކައުންސިލެއްގެ މަސްއޫލިއްޔަތު ނުހިނގާހެން، ކުންފުންޏެއްގެ ބެލުމުގެ ދަށުން ހިންގާ ރަށެކެވެ. މިއީ ބިރުވެރި ސިޔާސަތެކެވެ! މި ސިޔާސަތު ނަކަލްކޮށް، އޭގެ މައްޗަށް މުޅި ރާއްޖެ ވެސް ކުންފުންޏެއްގެ ބެލުމުގެ ދަށަށް ހިނގައިދާނެތީ އެވެ.

ކުޑަސިޓީގެ ނިޒާމު އުވާލާ، ރީޖަނަލް ޑިވެލޮޕްމަންޓް އޮފީސް ނަމުގައި 2000 ވަނަ އަހަރު ހދ. ކުޅުދުއްފުށީގަ އާއި ސ. ހިތަދޫގައި އޮފީސްތަކެއް ގާއިމްކޮށްގެން ވިލަރެސްވެފައިވާ ނިޒާމެއްގެ ތެރެއިން ރަށްރަށް ތަރައްގީކުރުމުގެ ކަންކަން ފެށިކަން 'ހަވަނަ ޤައުމީ ތަރައްޤީގެ ޕްލޭން 2001–2005" ގައި ބަޔާންކޮށްގެން ސަރުކާރުން މަސައްކަތްތަކެއް ފެށުމުންނާއި، 'އައު އުސްމިންތަކަށް' ގެންދާނެކަމުގެ އަވާމެންދުރެއް ދެއްކުމުންނާއި، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ލިބޭނެ 'އަނެއް ދިވެހިރާއްޖެ' އަކަށް ގެންދާނެ ވަޢުދުތަކާއި، ލާމަރުކަޒީ ގާނޫނެއް ގެތެރެއިން ދިވެހިރާއްޖެ ހިންގަން 2011 ގައި ފެށުމުންނާއި، ހައްގުތަކާއި މިނިވަންކަން 'ޔަޤީން މެނިފެސްޓޯ' އެއްގެ އަހުދުތަކުންނާއި، 'ޖަޒީރާ ރާއްޖެ'އެއްގެ ވައުދުނާމާއެއް ދެއްކުމުން ގިނަ ބަޔަކަށް ހީވީ ރަށްރަށުގެ މީހުންނާއި މާލެ މީހުންގެ ދެމެދު ޒަމާނުއްސުރެން އޮތް ނިޒާމީ ތަފާތުކުރުން ނިމުނީ ކަމުގަ އެވެ. ނަމަވެސް މިއީ އަދި ނިމެން އޮތް ކަމެއް ނޫންކަން ސަރައްހައްދީ ތަރައްގީއަށް ކުރާ ހޭދައިން ސާފުކޮށް އެނގެ އެވެ. މީގެ އިތުރުން، ކުރިން ދެންނެވި 26 ޖޫން 2022 ގެ ދެ އުސޫލުން ވެސް ނުހަނު ބޮޑަށް އެކަން ސާފުވެ އެވެ. އެ އުސޫލުތަކާ ގުޅިގެން މީސްމީޑިއާގައި ހޫނު ބަހުސްތަކެއް ހިނގާތީ އެ އުޞޫލަށް ނަޒަރުކުރަން ޖެހެ އެވެ.

ހުޅުމާލެ: މިހާރު ހަމަޖައްސާފައި އޮތް ގޮތުން ހުޅުމާލެއިން ގޯތި ލިބޭނީ މާލެ ނޫން އެހެން އެއްވެސް ރަށެއްގައި ދުވަހަކު ވެސް ރަޖިސްޓްރީކޮށްފައި ނުވާ މީހުންނަށް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެ ދުވަހު ސަރުކާރުން ގެޒެޓްކުރި ހިޔާވަހިކަމާ ގުޅޭ ދެ އުސޫލަކީ 'ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު' (ނަންބަރު 19-ޖީ/2022) އާއި 'ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލު' (ނަމްބަރު 20-ޖީ/2022 އުޞޫލު) އެވެ. 'ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލު'ގެ ދަށުން ފްލެޓް ހޯދުމަށް އެދޭ މީހަކީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. ރަށްރަށުގެ މީހުންނާއި މާލޭ ރަށްވެއްސަކަށް ވި ފަހުން 15 އަހަރު ނުވާ މީހުންނަކީ ޝަރުތު ހަމަވާ ބައެއް ނޫނެވެ. އެއްރަށެއްގެ ރަށްވެހިންގެ މެދުގައި، ހިޔާވަހިކަން ހަމަޖައްސާދިނުމުގައި، ތަފާތުކުރާއިރު އެތަފާތަކީ ހިޔާވަހިކަމުގެ ޒަރޫރަތު އަމިއްލައަށް ހަމަނުޖެއްސޭނެ ފަރުދެއްތޯ ނޫނީ އެއީ ދައުލަތުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ މީހުންތޯ ބެލުމެއް ނެތެވެ. އެފަދަ ކަމަކާ ކިރިޔާ ވެސް ގުޅޭ ވާހަކައަކަށް އެ އުސޫލުގައި އޮތީ ޖުމްލަ އާމްދަނީ 60،000ރ އަށް ލިބޭ ފަރާތްތަކަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ބުނާ މާއްދާއެކެވެ. މިއީ އެކަށީގެންވާ ގޮތެއްގައި ގެދޮރުގެ ޒަރޫރަތު އަންދާޒާކުރެވޭނެ އަދަދެއް ނޫނެވެ. މިހެން މިދެންނެވީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ރާއްޖޭގައި މިހާރު ކަނޑައަޅާފައިވާ އަދަދަށާއި ރާއްޖޭގެ މުސާރަތައް އެވްރެޖްކޮށް ހުރި ނިސްބަތަށް ރިއާޔަތްކޮށެވެ.

މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު އޮތީ ފްލެޓްގެ އުސޫލަށް ވުރެން ވެސް ބޭއިންސާފުކޮށެވެ. އެހެނީ، މާލެ ސަރަހައްދުން ބިންވެރިޔަކަށް ވުމަށް ފޯމް ހުށަހެޅޭނީ ހަމައެކަނި މާލެ ރައްޔިތުންނަށް ކަމަށް އެ އުސޫލުގެ ތިން ވަނަ މާއްދާގައި ލިޔެފައިވާއިރު ހަމަ އެ އުސޫލުގެ 11 ވަނަ މާއްދާގައި މާލެ ރައްޔިތުން މާނަކޮށްފައިވަނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ ފަރާތްތައް އެކަނި ކަމަށް ބުނާ މާނައެއްގަ އެވެ.އެހެންކަމުން، އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެއްސެއްގެ ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މާލެ ސަރަހައްދުން ބިންވެރިވުމަށް ނޭދެވޭނެ އެވެ. ރަށެއްގެ ރަށްވެހިކަން ދޫކޮށް، މާލެ މުނިސިޕަލްޓީގެ ދަފްތަރުގެ ރަޖިސްޓަރީވުމަށް ފަހު ކިތަންމެ އަހަރެއް ވިޔަސް އެފަދަ މީހުން ވާނީ މާލެއިން ބިންވެރިކަމަށް ޝަރުތު ފުރިހަމަނުވާ މީހުންނަށެވެ.

އެޓޯލްސް މިނިސްޓަރީއިން 23 ސެޕްޓެމްބަރު 1993 ގައި ނެރުނު ނަމްބަރު 45/93-ބީ އިއުލާނުން، ރަޖިސްޓަރީވާނެ ގެއެއް ނެތް ކޮންމެ ކުއްޖަކު ވެސް ރަޖިސްޓަރީކުރާނެ ގެއެއް ވަންދެން އެކުއްޖަކު ވިހެއި ރަށެއްގެ ރަށު އޮފީސްތަކުގެ ދަފްތަރުގައި ރަޖިސްޓަރީ ކުރިކަން އެނގޭ އިރު ވެސް މެ އެވެ. މާލޭ މުނިސިޕަލްޓީގެ ދަތްފަރުގައިވާ ގިނަ މީހުންނަކީ މިފަދަ ކޮންމެވެސް ސަބަބަކާ ހުރެ ކޮންމެވެސް އެހެން ރަށެއްގެ ދަފްތަރުގައި ކޮންމެވެސް އިރެއްގައި ރަޖިސްޓަރީވެފައިވާ ބައެކެވެ. އެހުރިހާ އެންމެންނަކީ މާލެ ރައްޔިތުން ނޫންކަމަށް މިއަދު މި އޮތީ ނިންމާފަ އެވެ. ނަމަވެސް، ގާނޫނީ ހުރިހާ މާނައެއްގައި ވެސް ދަފްތަރުގެ ރަޖިސްޓަރީގައިވާ މީހުންނަކީ މާލޭ ރަށްވެހިންނެވެ. މާލޭ ރައްޔިތުންނެވެ. ވޯޓު ވެސް ލަނީ މާލޭގެ ދާއިރާތަކަށް މަންދޫބުން ހޮވުމަށެވެ. ނަމަވެސް، ގޯތި ދޫކުރާ ހިސާބަށް ދިއުމުން އެފަރާތްތަކަކީ މާލެ ރައްޔިތުން ކަމަށް ސަރުކާރުން ގަބޫލުނުކުރީ އެވެ. އެއް ރަށެއްގެ ރަށްވެހިންގެ މެދުގައި ސަރުކާރުން ފާޅުކަން ބޮޑުގޮތެއްގައި ތަފާތު ކުރަނީ އެވެ.

މާލެ ސަރަހައްދުގެ ބިމުގެ އަގަށް ބަލާއިރު މިއީ ވަކި ބަޔަކަށް މަންފާކޮށްދީ، އެމީހަކު އުފަންވި ރަށުގެ ގޮތުން ތަފާތު ކުރުމެވެ. މިއީ ގާނޫނު އަސާސީގެ 11 ވަނަ މާއްދާއާ ޚިލާފު ޣައިރުގާނޫނީ ނިންމުމެކެވެ. މީގެ އިތުރުން، މި އުޞޫލު، ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ (ށ) އިން އެމީހަކު ބޭނުން ކޮންމެ ރަށެއްގައި ވަޒަންވެރިވުމަށް ލިބިދޭ ހައްގާއި އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަ އެވެ. ކޮންމެ ގޮތެއް ވިޔަސް މި އުސޫލުގެ ދަށުން މިހާރު އެވަނީ 3،000 މާލެ ރައްޔިތުންނަށް ހުޅުމާލެއިންނާއި ގުޅީފަޅުން ބިންދޫކުރުމަށް ސަރުކާރުން ނިންމާ، 26 ޖޫން 2022 ގައި އިއުލާން ކޮށްފަ އެވެ. އެއްވެސް ލަދުވެތި ކަމެއް ނެތި އެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ އިހުސާސަތަކަށާއި ޤާނޫނަށް ބެލުމެއް ނެތިއެވެ.

މިއީ ބޭއިންސާފުން ވަކި ބަޔަކަށް ނާޖާއިޒު މުއްސަނދިކަމެއް ހޯދައިދިނުމަށް ކަނޑައަޅަފައިވާ ސިޔާސަތުތަކެއް ކަމަށް ވާތީ މި ސިޔާސަތުތައް ބާތިލްކުރަން ޖެހެ އެވެ. ރާއްޖޭގެ ރައްޔިތުން ދަރަޖަކޮށް، 21 ވަނަ ގަރުނުގައި ވެސް ދިވެހިންނަކީ ވަކި ރަށެއްގެ ރަށްވެހިކަމުން ދުވަހަކު ވެސް ނުނެއްޓޭނެހެން ބަނދެވިފައިވާ ބަޔަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތު ހުއްޓާލަން ޖެހެ އެވެ. ހުއްޓުވަން ވެސް ޖެހެ އެވެ! މީގެ އިތުރުން، ލާމަރުކަޒީ ގާނޫނުގެ އިހުތިސާސްގެ ދަށަށް ހުޅުމާލެ އާއި މީހުން ދިރިއުޅޭ ރަށްރަށް ގެންނަން ޖެހެ އެވެ. ރާއްޖޭގެ ބޮޑު ބައެއް ނޫނީ މުޅި ރާއްޖެ ޕްރައިވެޓައިޒް ކުރުމުގެ ފުރުސަތު ނުދިނުމަށެވެ.

އެޑިޓަރުގެ ނޯޓު

ޑރ. ފައިރޫޝްއަކީ ކުރިން ފުލުހުންގެ އިސް އެތައް މަގާމެއް އަދާކުރެއްވި ބޭފުޅެކެވެ. ދޭތެރެ ދޭތެރެއިން އިޖުތިމާއީ ބައެއް މައްސަލަތަކާ ބެހޭ ގޮތުން ލިއުއްވަ އެވެ. ފުލުހުންގެ ވަޒީފާއިން ރިޓަޔަކުރެއްވުމަށް ފަހު އޭނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އޮސްޓްރޭލިޔާގަ އެވެ.

ކޮމެންޓް (3)

މާލޭ މީހާ

19 އޯގަސްޓު 2022
މިވާނެތަ ގޯތި ދިނުމަށް ނުވާނެ ދޯ. އަޅުގަޑު ވަރައް ރަގަޅު ތާއީދު ދިޔާނާ ދައްކާ ވާހަކަތައް.
0 0

ރާއްޖެތެރެ

18 އޯގަސްޓު 2022
"މާލޭގެ އެކި ތަންތަން ކުއްޔަށް ހިފައިގެން އުޅުނު މީހެއްގެ ހައިސިއްޔަތުން ގަބޫލުކުރެވެނީ މިފަދަ ސިޔާސަތެއް އެއިރު ސަރުކާރުން ހިންގީ މާލޭގެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ދީގެން ބޮޑު ނަފާއެއް ބަޔަކަށް ލިބޭތީ ކަމުގަ އެވެ." މިއީ ހަމަ ތެދެއް. މާލޭ މީހުންނަށް އާމްދަނީ ދިނީ ރާއްޖެތެރޭމީހުން
0 0

އިބުރޭ

18 އޯގަސްޓު 2022
ވ ރަނގަޅު ވާހަކައެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް