އިޝްތިހާރު

މަހްލޫފް: އޭނާއަށް މަރުގެ އިންޒާރު ދިން ކަމަށް މަހްލޫފް ބުނޭ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މަހްލޫފަށް މަރުގެ އިންޒާރު ދީފި

މަހްލޫފް ވިދާޅުވީ ބިރުދެއްކިޔަސް ނަތީޖާއެއް ހާސިލް ނުވާނެ ކަމަށް

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް އިންތިޒާމްކުރުމުގައި ބައިވެރިވެވަޑައިގެންނެވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ "ދުވަސް ދުއްވާލާނަން" ކަމަށް ބުނެ އޭނާއަށް ރޭ މަރުގެ އިންޒާރު ދީފި އެވެ.

ވީ ކިހިނެއް؟ - ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން އިއްޔެ އިތުރު ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށް، މަހްލޫފަށް މަރުގެ އިންޒާރު ދީފައިވަނީ ރޭ ދަންވަރު އެވެ. މަހްލޫފް ވަނީ އޭނާގެ ކުރީގެ ނަންބަރަށް މީހަކު ފޮނުވި އެ މެސެޖް ޓުވިޓާގައި ވެސް ހިއްސާކުރައްވާފަ އެވެ.

ތަފްސީލު - އެ މެސެޖްގައި ލިޔެފައިވަނީ، މަހްލޫފް "އިންޑިއާގެ ޕަޕެޓަކަށް ވެގެން" ޔޯގާ ހަލާލް ކުރަމުންދާ ކަމަށެވެ. އަދި އެއީ ބާތިލް ފިކުރެއް ކަމަށާއި މިއީ އޭނާއަށް ދޭ ގަދަ ފަދަ އިންޒާރެއް ކަމަށް އެ މެސެޖުގައި ލިޔެފައިވެ އެވެ.

އެ މެސެޖުގެ ފޮޓޯއަކާ އެކު މަހްލޫފް ކުރެއްވި ޓުވީޓްގައި ވިދާޅުވީ، މިނިސްޓަރު ކަމަކީ މާ ގަދަ ކަމެއް ކަމަށް މެސެޖް ފޮނުވި މީހާއަށް ގަބޫލުކުރެވުނަސް، އެ މަގާމަކީ އޭނާއަށް އެއްވެސް މުހިއްމު ކަމެއް ނޫން ކަމަށެވެ.

"ތިޔަ ކަހަލަ ކޮހެއްގެ އަތުން މަރުވެއްޖެއްޔާ ޔަގީނުން ވެސް އަޅުގަނޑު ވާނީ ޝަހީދަކަށް،" މަހްލޫފް ވިދާޅުވި އެވެ.

"ބިރުދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލް ނުވާނެ."

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން. (ފޮޓޯ/އަލްހާރިޔަ)

އެނގުން މުހިންމު - ޔޯގާ ހަރަކާތައް ހުރަސް އަޅައި ހަމަނުޖެހުން ހިންގީ ޕީޕީއެމް އާއި ސަލަފް ޖަމިއްޔާ އިން ކަމަށް މަހްލޫފް އެ ދުވަހު ތުހުމަތު ކުރެއްވި އެވެ. އަދި އޭނާ ވަނީ ސަލަފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެ ދުވަހު ވާހަކަ ދައްކަވާފަ އެވެ. ސަލަފާއި ޕީޕީއެމް އިން މަހްލޫފް ކުރި ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.

ފަސް މަންޒަރު - ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޖުމްލަ 10 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުން ހައްޔަރު ކުރީ ރޭގަ އެވެ. ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ދެ ދީނީ އިލްމްވެރިން ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް