ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވާހަކަދައްކަވަނީ. (ފޮޓޯ/ސްޓެލްކޯ)

ސްޓެލްކޯ

މައްސަލަ މުޅިން ހައްލުކުރަން 2 ދުވަސް ނަގާނެ؛ ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މައްސަލަ ޖެހުނު ކޭބަލްގެ ބަދަލުގައި އެހެން ކޭބަލެއް އަޅަން ވަނީ ނިންމާފައި

މުޅި މާލޭން މިއަދު ކަރަންޓު ކެނޑުނީ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި، ދާއިމީ ހައްލެއް ގެނައުމަށް ދެ ދުވަސް ނަގާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފަތިހު 4 ޖެހި ފަހުން މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުމަށް ފަހު، މުޅި މާލެ އިން ކަރަންޓު ކެނޑުނީ ހެނދުނު 7:10 ހާއިރު އެވެ. އޭގެ ގަޑިއެއްހާ އިރު ފަހުން ވަނީ އަލުން ކަރަންޓު ދީފަ އެވެ.

ސްޓެލްކޯ އިން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ކަރަންޓު ކެނޑެން ދިމާވި ސަބަބާއި މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތް ތަފްސީލުކޮށްދެއްވައިފަ އެވެ.

ކަރަންޓު ކެނޑުނީ ކީއްވެ؟

ބުނީ ކީކޭ؟ - ޝަރީފް ވިދާޅުވީ ފަތިހު ފުރަތަމަ ކަރަންޓު ދިޔައީ މާލޭގެ 11 ކިލޯވޮޓްގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ. ޝަރީފް ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގަތީ އޭގެ ނަމޫނާ ކޭބަލެއް ހިއްޕަވައިގެންނެވެ.

ކަރަންޓު ދިއުމާ ގުޅިގެން، ހުރިހާ ފީޑަރުތަކަށް ކަރަންޓު ދޭން ފެށި އިރު، މައްސަލަ އުޅެނީ ކޮން ސަރަހައްދެއްގައި އޮތް ކޭބަލެއްގައިކަން ނޭނގޭ ކަމަށާއި، މުޅި މާލޭން ކަރަންޓު ކެނޑުނީ މައްސަލަ ޖެހިފައި ހުރި އަށް ވަނަ ފީޑަރަށް ލޯޑު ދެވުމުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ފަހަރެއްގައި ހަމަ އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ނެޓްވޯކަށް ލިބިދާނެތީ ކޮންމެ ފީޑަރެއް ޗެކް ކުރަމުން، އައިޑެންޓިފައި ކުރަމުން، ފޯލްޓެއް އުޅޭތޯ ބަލަމުން ދިޔައީ. އެހެންވެ އެހާ ގިނަ ވަގުތު ނެގީ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވާހަކަދައްކަވަނީ. (ފޮޓޯ/ސްޓެލްކޯ)

ޝަރީފް ވިދާޅުވީ މާލޭގައި ސްޓެލްކޯ އިން ހިންގާ ދެ އިންޖީނުގެ އިން ޖުމްލަ 16 ފީޑަރު ނުކުންނާނެ ކަމަށެވެ. އޭގެ ތެރެއިން ހަތް ފީޑަރު ނުކުންނާނީ މައި އިންޖީނުގެ އިން ކަމަށާއި، ރޭގައި މައްސަލަ ޖެހުނީ އެ ތަނުން ނުކުންނަ ފީޑަރެއްގައި ކަމަށެވެ. އެގޮތުން:

  • ކަރަންޓު ކެނޑުނީ އަށް ވަނަ ފީޑަރުގެ ކޭބަލަކަށް ޖެހުނު މައްސަލައަކުން

  • އެއީ އަމީނީމަގުން ލާފައި ގާކޮށި ފްލެޓު ކައިރީ ހުންނަ ސަބްސްޓޭޝަނަށް ދާ ކޭބަލް

  • އެ ފީޑަރުން މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ދޭ

  • އެއީ ކޮނުމުގެ ތެރޭގައި މީގެ ދުވަސްތަކެއް ކުރިން ލިބިފައި ހުރި ގެއްލުމެއް ކަމަށް ލަފާކުރޭ

ތަފްސީލް - ޝަރީފް ވިދާޅުވީ ވަގުތީ ހައްލެއްގެ ގޮތުން، މައްސަލަ ޖެހުނު ފީޑަރު އަށެއްގައި ހުރި 10 ސަބްސްޓޭޝަނަށް އިތުރު ހަތަރު ފީޑަރަކަށް ބަހާލައިގެން ކަރަންޓު ދެމުން އަންނަ ކަމަށެވެ.

އެ ސަބްސްޓޭޝަންތައް އިތުރު ފީޑަރުތަކަށް ބަހާލުމުން، އެ ފީޑަރުތަކުގެ ލޯޑު ބޮޑުވަމުން ދާތީ، އެކި ސަރަހައްދުތަކުން ބައި ގަޑިން ބައި ގަޑިން ދިޔައީ ކަރަންޓު ކަނޑަމުންނެވެ. ޝަރީފް ވިދާޅުވީ، މެންދުރު ލޯޑު އެންމެ މަތިވާ ގަޑިތަކުގައި ބައެއް ސަބްސްޓޭޝަންތަކުން އަދިވެސް ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ.

"އޭގެން ފީޑަރަކުން ލޯޑު ކެޕޭސިޓީއަށް ވުރެ މައްޗަށް ގޮއްސިއްޔާ ޖެހޭނެ ކޮންމެވެސް އެއް ސަބްސްޓޭޝަނަކުން ކަރަންޓު ކަނޑާލަން،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ ކުރިމަތި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ދާއިމީ ހައްލެއް ލިބޭނީ އާ ކޭބަލެއް އަޅައިގެން

ވަގުތީ ހައްލު ދާއިމީ ހައްލަކަށް ބަދަލުކުރެވޭނީ، ޝަރީފް ވިދާޅުވި ގޮތުގައި، މައި އިންޖީނުގެ އިން ނުކުންނަ ކޭބަލް ގާކޮށި ކައިރީ އިންނަ ސަބްސްޓޭޝަނާ ގުޅާލުމަށް އިތުރު ކޭބަލެއް އަޅައިގެންނެވެ. ގެއްލުން ލިބުނު ކޭބަލް ހޯދައިގެން އެ ކޭބަލް މަރާމާތު ކުރުމަކީ ވެސް ކުރެވިދާނެ ކަމަކަށް ވިޔަސް، އެއީ "ރިސްކީ" ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެހެންކަމުން، އިތުރު ކޭބަލެއް އަޅަން ކޮނުމުގެ ހުއްދަ މިހާރު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ކޭބަލް އަޅަން ދެ ދުވަސް ވަރު ނަގާނެ ކަމަށް [ބެލެވޭ]. އެހެންވީމަ، އެ ދެ ދުވަސް ވަންދެން ހުންނާނީ ވަގުތީ ހައްލެއް ގޮތަށް މިހާރު ގެނެސް މި ހުރި ހައްލު،" ޝަރީފް ވިދާޅުވި އެވެ.

މައްސަލަ ޖެހުނު ކޭބަލްގައި ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި އިންނަ ފީޑަރު ވެސް ހިމެނެ އެވެ. އެހެންކަމުން، މައްސަލަ ހައްލުވެ، ލޯޑު ދަށަށް ދަންދެން އައިޖީއެމްއެޗުގެ އިމަޖެންސީ ކަރަންޓު ވިއުގަ ބޭނުންކުރަން އެދިފައިވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"މުޅި މާލެ ބްލެކްއައުޓަކަށް ދިއުމުގެ، ނޫނީ މުޅި ފީޑަރު އެކީގައި ބްލެކްއައުޓަކަށް ދިއުމުގެ ރިސްކް އެ ދިޔައީ. މިހާރު ފޯލްޓް ދެނެގަނެވިއްޖެ. ފޯލްޓް ރަނގަޅުކޮށްގެން ދެ ދުވަހެއްގެ ތެރޭގައި ދާއިމީ ހައްލެއް ހޯދޭނެ،" ޝަރީފް ވިދާޅުވި އެވެ.

'ކޮނުމުގައި އިތުރަށް ފަރުވާތެރިވެދީ'

ޝަރީފް ވިދާޅުވީ ފީޑަރު އަށެއްގައި ދިމާވި މައްސަލަ އާންމުކޮށް ދިމާވަނީ، މަގު ކޮނުމުގައި ބަލަން ޖެހޭ ވަރަށް ނުބަލާ ކޮންނާތީ ކަމަށެވެ. ކޭބަލަކަށް ގެއްލުންވީ ނަމަވެސް ބައެއް ކޮންޓްރެކްޓަރުން އެކަން ނާނގާ، އޭގެ މައްޗަށް ފަސް އަޅާލާފައި ދޫކޮށްލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޭބަލަކަށް ގެއްލުމެއް ވުމުން، އެ ވަގުތު "ފޯލްޓެއް" ނައި ނަމަވެސް، ދުވަސް ވާ ވަރަކުން އޭގެ ގެއްލުން ބޮޑުވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވާހަކަދައްކަވަނީ. (ފޮޓޯ/ސްޓެލްކޯ)

ޝަރީފް ގެންގުޅުއްވި ކޭބަލަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ސްޓެލްކޯގެ ކޭބަލްތަކަކީ ނާޒުކު ކޭބަލްތަކެއް ނޫން ކަމަށެވެ. މިއަދު މައްސަލަ ޖެހުނު ކޭބަލް:

  • ވަޅުލާފައި ހުންނަނީ 1 މީޓަރު އަޑީގައި

  • އޭގެ މައްޗަށް ފަސް އަޅައި ޕީވީސީ ޕްރޮޓެކްޝަން ޝީޓެއް އަޅާ

  • އެއަށް ފަހު އޭގެ މަތީގައި ވޯނިން ޓޭޕް ވެސް އަޅާ

ސްޓެލްކޯ އިން ބުނީ ކަމެއް ދިމާވުމުން، ވަގުތުން ހައްލު ކުރެވޭނީ ސްޓެލްކޯގެ ސަމާލުކަމަށް އެކަން ގެނައުމުން ކަމަށެވެ. ފަހުން އެކަން އެނގޭ އިރު، މާ ބޮޑު ގެއްލުމެއް ލިބިފައި ހުންނަކަން ސްޓެލްކޯ އިން ފާހަގަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް