Majlis 2024

އަމީނިއްޔާގައި ބޭއްވި ރަސްމިއްޔާތެއްގައި ކުމާރު ވާހަކަ ދައްކަނީ. (ފޮޓޯ/އަމީނިއްޔާ)

އެތައް ހާސް ދަރިވަރުންނަކަށް ކިޔަވައިދިން އަމީނިއްޔާގެ ޓީޗަރު ކުމާރު މަރުވެއްޖެ

'ކުމާރު ސާ'ގެ ނަމުން ދަރިވަރުންގެ ތެރޭގައި މަޝްހޫރު އިކޮނޮމިކްސް ޓީޗަރު ވަނީ 2020ގައި ރިޓަޔާކޮށް، އެނބުރި އޭނާގެ ގައުމަށް ގޮސްފައި

މީގެ 20 އަހަރު ކުރިން ފެށިގެން އަމީނިއްޔާގައި އިކޮނޮމިކްސް ކިޔަވައިދެމުން އައި ޓީޗަރު މީނާކްޝީ ސުންދަރަމް ކުމާރު (އެމްއެސް ކުމާރު) މިއަދު މަރުވެއްޖެ އެވެ.

އެނގުން މުހިއްމު - ދަރިވަރުންގެ މެދުގައި 'ކުމާރު ސާ'ގެ ނަމުން މަޝްހޫރުވެފައިވާ އެ ޓީޗަރު، އަމީނިއްޔާގައި ކިޔަވައިދޭން ފެށީ 2000 ވަނަ އަހަރު އެވެ. އުމުރުން 70 އަހަރަށް ވުރެ މައްޗަށް ދިއުމުން، ކުމާރު ވަނީ 2020ގައި ރިޓަޔާކޮށް، އެނބުރި އޭނާގެ އުފަން ގައުމު ކަމަށްވާ އިންޑިއާއަށް ގޮސްފަ އެވެ.

ވީ ކިހިނެއް؟ - އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ކުމާރު މަރުވިކަން އެނގުނީ މިއަދު އޭނާގެ އާއިލާއިން ގުޅާފައި އެންގުމުންނެވެ. އޭނާ މަރުވީ ބަލިވެ އުޅެފައިކަން އެނގިފައިވެ އެވެ.

"މިކޮޅުން ދިޔައިރު ވެސް ކުޑަކޮށް ބަލިކޮށް އުޅުނީ. ފަހުން ސާ ބޭނުންވީ އާއިލާ ކައިރިއަށް އިންޑިއާއަށް ބަދަލުވާން،" ނާޒްލީން ވިދާޅުވި އެވެ.

އަމީނިއްޔާގައި ބޭއްވި ކްލާސް ޕާޓީއެއްގައި އިކޮނޮމިކްސް ޓީޗަރު ކުމާރު ދަރިވަރުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން. (ފޮޓޯ/އަމީނިއްޔާ)

އަމީނިއްޔާއިން ކިޔެވި އެތައް ހާސް ކުދިންގެ ހަނދާނާ ގުޅިފައިވާ ޓީޗަރަކީ، ޕްރިންސިޕަލް ސިފަކުރެއްވި ގޮތުގައި، ވަރަށް ތަޖުރިބާކާރު، ވިސްނުން ތޫނު މީހެކެވެ. އިކޮނޮމިކްސްގައި އޭނާއަށް ލިބިފައިވާ ތަޖުރިބާ، ދަރިވަރުންނާއި ޓީޗަރުންނާ ހިއްސާކޮށް، ޝައުގުވެރި ވާހަކަތަކެއް ދެއްކި ކަމަށް ނާޒްލީން ވިދާޅުވި އެވެ.

"ވަރަށް މޮޅެތި ބަސްތަކުން، މީހުން އިންސްޕަޔާވާ ގޮތަށް ވާހަކަ ދައްކަވާނީ ވެސް. ދަރިވަރުންނާއި ޓީޗަރުން މޯޓިވޭޓް ކުރައްވާނެ،" ކުމާރުގެ ހަނދާންތައް އާ ކުރައްވަމުން ޕްރިންސިޕަލް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންނަށް ގެއްލިގެން ދިޔަ ބޮޑު އެސެޓެއް."

އަމީނިއްޔާގެ އިކޮނޮމިކްސް ޓީޗަރު އެމްއެސް ކުމާރު: އޭނާ ވަނީ 20 އަހަރު އެ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި ހިދުމަތް ކޮށްފައި. (ފޮޓޯ/އަމީނިއްޔާ)

ކުމާރުގެ މަރުގެ ހަބަރާ އެކު، އޭނާގެ ދަރިވަރުން އަންނަނީ ސޯޝަލް މީޑިއާގައި އޭނާގެ ހަނދާންތައް އާކުރަމުންނެވެ. ކްލާސްތެރެއިންނާއި މަގުމަތިން ފެނުމުން، ދަރިވަރުންނާ ދިމާއަށް ބުނާ މަޖާ ބަސްތަކާއި ޝައުގުވެރި ވާހަކަތައް ކިޔައިދެމުންނެވެ.

އަމީނިއްޔާގައި ބޭއްވި ކްލާސް ޕާޓީއެއްގައި އިކޮނޮމިކްސް ޓީޗަރު ކުމާރު (ކ) އާއި އިތުރު ޓީޗަރެއް ދަރިވަރުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން. (ފޮޓޯ/އަމީނިއްޔާ)

"ވަރަށް ހަނދާންވޭ. ސާ މަގުމަތިން ފެނުނަސް އަތް ހޫރާލާނެ، ކޮންމެވެސް މަޖާ އެއްޗެއް ބުނެލާނެ،" އަމީނިއްޔާ ސްކޫލުން ކިޔެވި އައިޝަތު ޝަމްހާ ފޭސްބުކްގައި ލިޔުނެވެ.

 "ހަޔާތުގައި ދިމާވި އެންމެ ސަޅި އެއް ޓީޗަރު އެއީ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް