ސަލްމާން މިސްކިތަށް އިއްޔެ ހުކުރަށް ދިޔަ ބަޔަކު އެ މިސްކިތުގެ ތެރޭގައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ފަތިސް ނަމާދުގައި ސަލްމާން މިސްކިތުގައި ކަރަންޓު ނެތީ މުވައްޒަފަށް ނުދެވިގެން: މިނިސްޓްރީ

މިނިސްޓްރީން ބުނީ މިފަދަ ކަންކަން ތަކުރާރު ނުވާނެހެން ކަންކަން ރާވާނެ ކަމަށް

އިއްޔެ ނުރަސްމީކޮށް ހުޅުވި ސަލްމާން މިސްކިތުގައި މިއަދު ފަތިހު ކުރި ފުރަތަމަ ފަތިސް ނަމާދު ކަނު އަނދިރީގައި ކުރަން ޖެހުނީ އެ މިސްކިތުގެ ކޮންޓްރޯލް ރޫމް ބަލަހައްޓާ މުވައްޒަފަށް ގަޑިއަށް ނުދެވިގެން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިއަދުގެ ފަތިސް ނަމާދު ސަލްމާން މިސްކިތުގައި ކުރިއިރު އެ ތަނުގައި ކަރަންޓެއް ނެތެވެ. އެކަމާ ގުޅިގެން، އެ މިސްކިތުގެ އިންތިޒާމްތައް ދޯދިޔާ ކަމަށް ބުނެ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔާފަ އެވެ.

ސަލްމާން  މިސްކިތުގައި ފަތިސް ނަމާދު ކަނު އަނދިރީގައި ކުރަން ޖެހުން

ތަފްސީލު - މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު 'ދައުރު'އަށް ވިދާޅުވީ ކަރަންޓު ނެތި ނަމާދު ކުރަން ޖެހުނީ އެ ތަނުގެ ސިސްޓަމަށް މައްސަލައެއް ދިމާވެގެން ނުވަތަ ކަރަންޓް ލޯޑް ބޮޑުވެގެން ނޫން ކަމަށެވެ.

"ކޮންޕިއުޓަރުން ހިންގާ ތަނެއްވީމާ ކޮންޓްރޯލް ރޫމް ސްޓާފަށް އެ ގަޑިއަށް ނާދެވިގެން ލައިޓުތައް ނުޖެއްސުނީ،" އޭނާ ވިދާޅުވި އެވެ.

"ކަރަންޓް ދެވުނީ ހެނދުނު."

އަފްރާހު ވިދާޅުވީ މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވާނެ ކަމަށެވެ.

ސަލްމާން މިސްކިތަށް އިއްޔެ ހުކުރަށް ދިޔަ ބަޔަކު ގުރުއާން ކިޔަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެނގުން މުހިންމު - ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ސަލްމާން މިސްކިތް އަދި ރަސްމީކޮށް ނުހުޅުވިޔަސް، އިއްޔެގެ ހުކުރު ނަމަދުން ފެށިގެން އެ މިސްކިތުގައި ނަމާދު ކުރަން ވަނީ ފަށާފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ނިމިފައި ހުރި އެ މިސްކިތް ހުޅުވުމުން ގިނަ ބަޔަކު އިއްޔެގެ ހުުކުރަށް ޖަމާވި އެވެ. 

ޖުމްލަ 25 މިލިއަން ޑޮލަރު (386.5 މިލިއަން ރުފިޔާ) ހަރަދުވި އެ މިސްކިތަށް ސައުދީން ހިލޭ އެހީގެ ގޮތުގައި ދީފައިވަނީ 14.5 މިލިއަން ޑޮލަރު (224.2 މިލިއަން ރުފިޔާ) އެވެ. ބާކީ ހަރަދު ކުރީ ދިވެހި ސަރުކާރުންނެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ރޭމްޒަލް

2 އޭޕްރީލު 2022
ތިހެން ހަބަރު ފެތުރުމަށް ވުރެ ކެތްތެރި ވީނަމަ އެބަޔަކަށް ފައިދާ ބޮޑު ވީސް ދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް