ޕްލާސްޓިކް ކޮތަޅުތަކެއްގައި މުދާ އުފުލަނީ
ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރަން 1 ލައްކައާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ގަވާއިދެއް
ރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކް ބާވަތްތަކުގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް 2030 ވަނަ އަހަރުގެ ނިޔަލަށް މަދުކުރުމަށް 100،000ރ.އާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވާލައި އާންމުކޮށްފި އެވެ.
ވީކިހިނެއް؟ - ރައީސްގެ ގަރާރަކުން މަނާކުރާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ބާޒާރަށް ނެރުމާއި ރާއްޖޭގައި އުފެއްދުމުން އަމަލުކުރާނެ ގޮތްތަކާއި ފިޔަވަޅު އަޅާނެ ގޮތްތައް ބަޔާންކުރާ ގަވާއިދެއް ގެޒެޓްކޮށްފައިވެ އެވެ.
ތަފްސީލް - އެންވަޔަރަމެންޓް މިިނިސްޓްރީން މިއަދު ނެރުނު 'ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ ގަވާއިދު'ގައިވާ ގޮތުން، މަނާކޮށްފައިވާ ޕްލާސްޓިކް ބާވަތެއް އުފެއްދުމާއި އެތެރެކުރުމުގެ އިތުރުން ވެސް އެ ގަވާއިދާ ހިލާފު ކަމެއް ކުރުމުން އަޅާނެ ފިޔަވަޅަކީ:
-
ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު، އެ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވުން
-
ދެވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު، އުފެއްދި ތަކެތި ނުވަތަ އެތެރެކުރި ތަކެތީގެ އަދަދަށް ބަލާފައި ކޮންމެ އެއްޗެއް 150ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން
-
މި ގޮތަށް ކުރާ ޖޫރިމަނާގެ ޖުމްލަ އަދަދު 100،000ރ.އަށް ވުރެ ގިނަވެގެން ނުވާނެ
ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް އުފައްދާ ތަންތަނާއި އެތެރެކޮށް ބާޒާރަށް ނެރޭ ތަންތަން ބަލައި ފާސްކުރުމާއި ގަވާއިދާ އެއް ގޮތަށް މޮނިޓާކުރުމުގެ ބާރު ދީފައިވަނީ އެންވަޔަރަމެންޓް ރެގިއުލޭޝަން އޮތޯރިޓީއަށެވެ.
ސިންގަލް ޕްލާސްޓިކް މަދުކުރާނެ ގޮތް ގަވާއިދުން ދޫކޮށްލާފައި ވަނީ މިނިސްޓްރީން އެކުލާވާ ފޭސްއައުޓް ޕްލޭނަކަށެވެ. ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެ ޕްލޭނެއް އެކުލަވާލަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
އެ ޕްލޭނުގައި ރިއާޔަތްކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވާ ކަންކަމަކީ:
-
އެ ޕްލޭނުގައި ހިމެނޭ ޕްލާސްޓިކް ބާވަތްތައް މަދުކުރުމުގެ ސަބަބުން ތިމާވެއްޓާއި އިގުތިސޯދަށް ކުރާނެ ނޭދެވޭ އަސަރު
-
އެ ޕްލޭނުގައި ހިމެނޭ ޕްލާސްޓިކް ބާވަތްތައް މަދުކުރުމުގެ ސަބަބުން، އޭގެ ބަދަލުގައި އެ ބޭނުމަށް ބޭނުންކުރެވޭނެ އެހެނިހެން ބާވަތްތަކުގެ ތަކެތި ލިބެން ހުރި މިންވަރު
-
މި ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަން ޖެހޭ
މި ގަވާއިދު އިސްތިސްނާވާނެ ދެ ހާލަތެއް ވެސް ބަޔާންކޮށްފައިވެ އެވެ. އެއީ:
-
ބައިނަލްއަގުވާމީ އެއާލައިންތަކުގައި ޝިޕްސްޓޯގެ ގޮތުގައި ބޭނުންކުރުމަށް ގެންނަ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް
-
ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުން ޑިއުޓީ ހިލޭ ފިހާރައިގެ ސަރަހައްދުގައި ބޭނުންކުރުމަށް ގެންނަ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް
ރައީސްގެ ގަރާރުގެ ދަށުން މަނާކުރާ ޕްލާސްޓިިކް ބާވަތްތައް، ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ލައިސެންސް ދޫކޮށްފައިވާ ފަރާތެއް މެދުވެރިކޮށް އެ ތަކެތި ނައްތާލަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
ކޮމެންޓް