އޮޅުވާލައިގެން އެކި ގޮތްގޮތަށް، އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވޭ.
'ރާޔާ މާލެ' ސްކޭމް: ހުސްކުރާ ސޭލް އަޅުވައިގެން ހުސްކޮށްލަނީ އެކައުންޓު
'ރާޔާ މާލެ'ގެ ނަމުގައި އޮންލައިންކޮށް ހިންގާ ޖުވެލަރީ ފިހާރައަކުން ހިންގާ ސްކޭމަކާ މެދު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން އިއްޔެ ބުނީ ރާޔާ މާލެ ވެބްސައިޓަކީ އިންޓަނެޓް ބޭންކިން އާއި ކާޑުގެ މައުލޫމާތު ވަގަށް ނަގަން ހިންގަމުންދާ ސްކޭމެއް ކަމަށެވެ.
ތަފްސީލު - މި ސްކޭމް ހިންގާ ގޮތުގެ ތަފްސީލު ދެމުން ފުލުހުން ބުނީ:
-
ކަސްޓަމަރުން ހޯދަނީ ކްލޯޝާ ސޭލް (ހުސްކުރާ ސޭލް)ގެ ނަމުގައި %80އާ ހަމައަށް ޑިސްކައުންޓެއް ދީގެން
-
ކަސްޓަމަރުންގެ ޔޫސާނޭމް އާއި ޕާސްވޯޑު ހޯދަނީ ކަސްޓަމަރުން ޕޭމަންޓު ހަދާ ވަގުތު ބޭންކުގެ ފޭކު ލޮގިން ޕޭޖެއް ދައްކައިގެން
-
މި މައުލޫމާތު ބޭނުންކޮށްގެން ސްކޭމަރުން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންއަށް ވަދެ، އެކައުންޓުގައި ހުރި ފައިސާ ފޭރެން މަސައްކަތްކުރޭ
އެ ވެބްސައިޓުން ވިޔަފާރި ކުރުމުގައި މައުލޫމާތު ޖަހާފައިވާ ނަމަ، ލަސްނުކޮށް ބޭންކަށް އެކަން އަންގައި، ކާޑު ބްލޮކްކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން، އިންޓަނެޓް ބޭންކިންއަށް ވަންނަން އެއްވެސް ވެބްސައިޓެއްގައި ދީފައިވާ ލިންކަކަށް ނުފިއްތުމަށާއި އެއްވެސް ލިންކެއްގައި އެކައުންޓުން ފައިސާ ފޮނުވަން ބޭނުންކުރާ އޯޓީޕީ ނުޖެހުމަށް ވެސް ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.