ބަޖެޓް ފޮތް މެންބަރުން ބައްލަވަނީ: މިއަދު އެ ބަޖެޓް ފާސްކުރިއިރު އެމްޑީޕީގެ މެންބަރުން ބަޖެޓަށް ވޯޓެއް ނުދެއްވާ (ފޮޓޯ/މަޖިލިސް)
މަޝްރޫއުތަކުގެ ތަފްސީލު ދޭން ނުޖެހޭ ގޮތަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ބަރާބަރަށް ހިއްސާކުރުމަށާއި ބައެއް އިތުރު ޝަރުތުތައް ހިމެނުމަށް ފަހު ބަޖެޓު ދިރާސާކުރި ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ހިމެނި ކަންކަން އުނިކުރުމަށް ފަހު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލުތަކެއް ނުގެނެސް ހަމަ އެގޮތަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާ ކުރުމަށް ފަހު ފޮނުވި ރިޕޯޓަށް މެންބަރުން މި ހަފްތާގައި ވަނީ ބަހުސް ކުރައްވައިފަ އެވެ. އެ ބަހުސަށް ފަހު މިއަދު މެންދުރު ފަހު ނެގި ވޯޓްގައި އަންނަ އަހަރުގެ ބަޖެޓް ފާސްވީ:
-
70 މެންބަރުންގެ ވޯޓާ އެކު
-
ބަޖެޓް ފާސްކުރުމާ ދެކޮޅަށް ވޯޓް ދެއްވީ އެމްޑީޕީގެ 11 މެންބަރުން
ތަފްސީލް - ބަޖެޓު ކޮމެޓީން ފާސްކުރީ މަޝްރޫއުތަކާ ގުޅޭ ތަފްސީލް އަންނަ ފެބްރުއަރީގެ ނިޔަލަށް މަޖިލީހަށް ހުށަހެޅުމަށް ޝަރުތުކޮށެވެ. ނަމަވެސް މިއަދު ބަޖެޓު ފާސްކުރީ އެ ބައި އުނިކުރުމަށް ފަހު އެވެ. އެ ބައި އުނިކުރަން:
-
ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް
-
އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
އެ އިސްލާހު ފާސްވީ:
-
68 މެންބަރުންގެ ވޯޓުން
-
އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި؛ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީ މެންބަރުން
އެނގުން މުހިންމު - ބަޖެޓުން އުނިކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ:
ޕީއެސްއައިޕީ މަޝްރޫއުތައް ހަމައަށް އަގުކޮށް، ތަރުތީބުކޮށް ވަކި ގޮތަކަށް އަމަލުކުރަން ހިމެނުމަށެވެ. އޭގެ ތެރޭގައި ހިމެނޭ ކަންކަމަކީ:
-
އަމަލީ މަސައްކަތް ފަށާ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ބެހިފައިވާ ގޮތް އެނގޭނެ ގޮތުގެ ލިސްޓެއް ފެބްރުއަރީގެ ނިޔަލަށް މަޖިލީހަށް ހުށަހަޅަން
-
މިހާރު ސޮއިކޮށްފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ހިންގާނެ އަދި ނުހިންގޭނެ މަޝްރޫއުތައް އެނގޭނެ ގޮތަށް މާޗުގެ ކުރިން މަޖިލީހަށް ހުށަހަޅަން
-
ކުރިއަށްދާ މަޝްރޫއުތަކުގެ ސްޓޭޓަސް ރިޕޯޓެއް ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހެޅުން
-
ސަރުކާރު ކުންފުނިތަކުން ބަޖެޓަށް ބަރޯސާވުން ކުޑަކުރަން އެސްއޯއީ ރީފޯމުކުރަން ހިމަނާފައިވާ ކަންކަން ތަންފީޒުކުރާނެ ގޮތުގެ ތާވަލަކާއި އަޅާ ފިޔަވަޅުތައް އެނގޭނެ ގޮތަށް މަޖިލީހަށް ކުއާޓަލީ ރިޕޯޓެއް ހުށަހެޅުން
-
ޓެކްސް ކޮމްޕްލަޔަންސް ހަރުދަނާކުރަން ޓެކްސް ނުދައްކާ ފަރާތްތަކާ މެދު މީރާއިން އަޅާ ފިޔަވަޅުތައް މުރާޖައާކުރުން؛ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އިސްލާހުކުރުން އަވަސްކުރަން ދެންނެވުން
ވޯޓުގެ ކުރިން ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ބޭއްވި ބަހުސްގެ މަރުހަލާގައި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވަނީ ބަޖެޓް ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އެ ބޭފުޅުން ވިދާޅުވީ މިއީ މިހާތަނަށް އެއްވެސް ސަރުކާރަކުން ހުށަނާޅާ ވަރުގެ ފުރިހަމަ ބަޖެޓެއް ކަމަށެވެ. އެ ބޭފުޅުންގެ ވާހަކަތަކުގައި ފާހަގަކުރެއްވި ގޮތުގައި:
-
އަންނަ އަހަރުގެ ބަޖެޓަކީ ހަގީގަތާ އެއްގޮތަށް ހުށަހަޅާފައިވާ މަގުސަދުތައް ހާސިލްވާނޭ ބަޖެޓެއް
-
އަންނަ އަހަރުގެ ބަޖެޓުގައި ވަކިވަކި ރަށްރަށުގެ މަޝްރޫއުތަކުގެ ތަފްސީލްތައް ނެތް ނަމަވެސް ކޮންމެ ރަށަކަށް ވެސް މަޝްރޫއުތައް ހިންގޭ ވަރަށް ޕީއެސްއައިޕީއަށް ބަޖެޓްކޮށްފައިވޭ
-
ސަރުކާރުގެ ފަރާތުން ރަށްރަށުގެ މަޝްރޫއުތަކުގެ ތަފްސީލް ފަހުން މަޖިލީހާ ހިއްސާކުރަން ބަޖެޓް ކޮމިޓީން ޝަރުތުކޮށްފައި ވާތީ އެކަމުގެ ތަފްސީލްތައް މެންބަރުންނަށް ފަހުން އެނގޭނެ
-
މިއީ ދަރަނި ކުޑަކުރެވޭނެ އަދި ރާއްޖެއަށް ކެޕިޓަލް މަޝްރޫއުތައް އިތުރުކުރެވޭނެ މާލީ މައްސަލަތަކުން ރާއްޖެއަށް އަރައި ގަނެވޭނެ ބަޖެޓެއް
"ވަރަށް އުފާވޭ މި ބަޖެޓާ މެދު. ހާއްސަކޮށް އައްޑޫއަށް ތަރައްގީ ގެންނާނެ ބަޖެޓެއް މިއީ. ރާއްޖޭގެ ތާރީހުގައި މިހާތަނަށް މާލެ ފިޔަވާ ރަށެއްގައި އަތޮޅެއްގައި އެންމެ ބޮޑު ބިޔަ މަޝްރޫއުތައް ހިންގަން ހުށަހަޅާފައި ހިމަނާފައި އޮތް ބަޖެޓަކީ މި ބަޖެޓް. އަޅުގަނޑު މަރުހަބާ ދަންނަވަން،" ޕީއެންސީގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރެއް ކަމަށްވާ އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ.
'ބަޖެޓަކުން ދާއިރާއަކަށް ލިބޭނޭ އެއްޗެއް ނެތް'
ސަރުކާރު މެންބަރުންގެ ތައުރީފް ބަޖެޓަށް އޮތް ނަމަވެސް އެމްޑީޕީގެ ފަރާތުން ވަނީ ބަޖެޓާ ދެކޮޅު ހަދައިފަ އެވެ. އެގޮތުން، އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި އެ ޕާޓީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ އިބްރާހިމް ނާޒިލް ވިދާޅުވީ:
-
ބަޖެޓުގައި އެއްވެސް އެއްޗެއް ނެތް ހުރިހާ މަޝްރޫއުތަކުގެ މައުލޫމާތު އޮތީ ރައީސް ގެންގުޅުއްވާ ނޯޓް ފޮތުގައި
-
މިއަހަރު އިތުރު 22 ބިލިއަން ރުފިޔާއިން ރާއްޖެ ދަރުވާލައިފި އަންނަ އަހަރު ދަރަންޏަށް އިތުރު 20 ބިލިއަން ރުފިޔާ އިތުރުވާނެ
-
11 ބިލިއަން ރުފިޔާ ހުސްކޮށްލިއިރު އެއްވެސް މަޝްރޫއެއް ނުހިންގޭ؛ އެންމެ ކުޑަމިނުން ސްކޫލެއްގެ ހޯލެއް ވެސް ހަދާ ނުލެވޭ
"އެއީ ރެކޮމެންޑޭޝަނެއް އެއަކަށް އަމަލުކުރަން ޖެހޭ އެއްޗެއް ނޫން އެއީ. މިއީ މެންބަރުންނަށް އޮޅުވާލަން ރައްޔިތުންނަށް އޮޅުވާލަން، ދެން ތިބި ބަޔަކަށް އޮޅުވާލަން ރެކޮމެންޑޭޝަނޭކޭ ކިޔާފައި އެއްޗެއް ހުށަހެޅުމަކުން ލިބޭނެ އެއްޗެއް އެއަކު ނޯންނާނެ. ކުރެވޭނެ ކަމެއް ވެސް ނޯންނާނެ. ލިބޭނެ އެއްޗެއް ވެސް ނޯންނާނެ. ޖަވާބުދާރީ ވެސް ނުކުރެވޭނެ. އެއްކަމެއް ވެސް ނުކުރެވޭނެ. ބަޖެޓް ހަމަ އޮޅާލާނީ،" ބަޖެޓާ ދެކޮޅު ހައްދަވާ ނާޒިލް ވިދާޅުވި އެވެ.
ބަޖެޓް ކުރުކޮށް
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާކޮށްފައި ވަނީ 39.8 ބިލިއަން ރުފިޔާ އެވެ. އެެހެންކަމުން:
-
މިއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް؛ މިއީ ޖީޑީޕީގެ %7.8އާ އެއްވަރުގެ އަދަދެއް
-
ބަޖެޓް ފައިނޭންސިން ނުވަތަ ބަޖެޓް ހިންގުމަށް އެކި ފަރާތްތަކުން އަންނަ އަހަރު 18.10 ބިލިއަން ރުފިޔާ ހޯދަން ޖެހޭ
-
ބޭރުގެ ފަރާތްތަކުން އަންނަ އަހަރުގެ ބަޖެޓަށް ލޯނުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ނަގަން ޖެހޭ
-
ބޭރުގެ ގައުމުތަކުން ބަޖެޓް ސަޕޯޓަށް 6.6 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށް ލަފާކޮށްފައިވޭ
-
އެތެރޭގެ ބާޒާރުން ނަގާ ދަރަނި 5 ބިލިއަން ރުފިޔާ
-
ސޮވަރިން ފަންޑުން 2 ބިލިއަން ރުފިޔާ ހަރަދުތައް ހަމަޖައްސަން ނަގާނެ
އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާނޭ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެއީ ޖީޑީޕީގެ %124.8 އެވެ.
ކޮމެންޓް (2)
ރިނަަބް
ސިކުނޑި