ޔާމީން އޭނާގެ ވަކީލު މުހައްމަދު ޖަމީލު އަހުމަދާއެކު ކޯޓުން ނިކުންނަވަނީ (ފައިލް ފޮޓޯ/ދައުރު އަޒްމީ)
ޔާމީންއާ ދެކޮޅު އާ ހެކިތަކާ ގުޅޭ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން އެންގިއިރު، ޔާމީންއާ ދެކޮޅަށް އާ ހެކި ބަލައިނުގަންނަން ހައި ކޯޓުން އަންގާފައިވާ އެންގުން ބަދަލުކުރަން ދައުލަތުން ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ މައްސަލާގައި ޔާމީންއަށް އިއްވި 11 އަހަރުގެ ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ހައި ކޯޓުން އެންގީ މިދިޔަ 18 އެޕްރީލްގަ އެވެ.
ދަށު ކޯޓުން މި މައްސަލަ އަލުން ބަލާއިރު ރިއާޔަތްކުރަން ޖެހޭ ކަންތައްތަކެއް ހައި ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވެ އެެވެ. އޭގެ ތެރެއިން އެއް ކަމަކީ:
-
ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގެންފައި ވަނީ އިޖުރާއަތާ ހިލާފަށް ކަމުން އެ ހެކި އެއްފަރާތްކޮށް މައްސަލާގައި ގޮތެއް ނިންމުމަށް
އާ ހެކިތައް އެއްފަރާތްކުރުމަށް ހައި ކޯޓުން އަންގާފައިވާ އެންގުމުގެ ބައި ބާތިލުކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ 24 ޖުލައިގަ އެވެ.
އިތުރަށް ކިޔާލަން
ތަފްސީލް - މި މައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ސްޕްރީމް ކޯޓުގައި މިއަދު ހެނދުނު 9 ޖެހިއިރު ކުރިއަށް ގެންގޮސްފައިވެ އެެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމާއި އެ ނުކުތާތަކަށް ރައްދު ދިނުމެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލާގައި ދައުލަތުގެ ދިފާއަކީ އާ ހެކިތައް އެއްފަރާތްކުރުމަށް ހައި ކޯޓުން އެންގި އެންގުން، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އަރައިރުންވާ ކަމެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތެއް ކަމަށެވެ.
ދައުލަތުން ކޯޓުގައި އެދުނީ:
-
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތް ނަމަ ހުށަހެޅުމުގެ ފުރުސަތު ދިނުން
-
އެ ހެކިތަކާ ގުޅިގެން ދެ ފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތު ދިނުން
-
އެ ހެކިތައް ބަލައިގަތުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުން
ބުނީ ކީކޭ؟ - ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާ ދެކޮޅަށް ވާހަކަދައްކަވަމުން ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ ހެއްކަކު ދައްކާ ވާހަކައަކަށް ރައްދުދޭން ރައްދު ހެކި ހުށަހެޅުމުގެ އިޖުރާއަތެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނެތް ކަމަށެވެ.
"ނެތުމުގެ ނަތީޖާއަކީ ރައްޔިތުންގެ މަޖިލީހަށް ދާން ޖެހުން. ނެތުމުގެ ނަތީޖާއަކީ ފަނޑިޔާރު ގެއިން ގާނޫނުގައި ނެތް ދޮރެއް ހުޅުވައިދެއްވުން ކަމަކަށް ނުދެކެން،" ހަމްޒާ ވިދާޅުވި އެވެ.
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނީ:
-
ހައި ކޯޓުގެ ނިންމުމާ މެދު ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ހުށަހަޅާފައިވާ ނުކުތާއަކަށް ވުމުން އެ ނުކުތާ ބަލައި ނުގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް
-
ހައި ކޯޓުގެ ނިންމުން ބިނާކޮށްފައިވާ ސަބަބު ދައުލަތުން އިސްތިއުނާފް ކޮށްފައި ނުވާތީ ދައުލަތުން ހުށަހެޅި އެ ކޯޓުގެ ނިންމުމުގެ އިސްތިއުނާފް އޮޅިގަނޑު ގިރާނުކުރާ ކަމަށް ކަނޑައަޅައިދިނުމަށް
-
މައްސަލަ މައުލޫއީ ގޮތުން ބަލަން ނިންމާ ނަމަ ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް
ފަސް މަންޒަރު - ހައި ކޯޓުން އެއްފަރާތްކުރަން އަންގާފައިވާ އާ ހެކިތަކަކީ ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއްކަން ސާބިތުކުރަން ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި ހެކިތަކެކެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުވެފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ހުކުމް ހައި ކޯޓުން ބާތިލުކުރީ، ހެކިތައް ޖުމްލަކޮށް ވަޒަންކުރުމުގައި ދަށު ކޯޓުން ގޯސްތަކެއް ހަދާފައިވާ ކަމަށް ގަބޫލުކުރެވޭތީ އެވެ. މި މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގާފައިވާތީ ކްރިމިނަލް ކޯޓުގައި މިދިޔަ އޮގަސްޓު މަސްތެރޭ އެ މައްސަލައިގެ ޝަރީއަތް ފެށި އެވެ.
ނަމަވެސް އާ ހެކިތަކާ ގުޅޭ އިސްތިއުނާފް ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތުމުން އެ މައްސަލައިގެ އަޑުއެހުުން މިހާރު އޮތީ މަޑުޖައްސާލައިފަ އެވެ.
ކޮމެންޓް