އާސަންދަ ހިދުމަތްދޭ މަރުކަޒެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ފުޅާކުރަން ބަޔަކު ލިިބިއްޖެ: ހީނާ
ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ފުޅާކުރަން ބަޔަކާ އެކި ކުރިއަށްދެވޭ ހިސާބަށް އާދެވިފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔޫއޭއީ އާއި ތައިލެންޑުގެ ހޮސްޕިޓަލުތަކަށް އާސަންދަ ފުޅާކޮށް، އެ ގައުމުތަކުން ވެސް އާސަންދައިގެ ދަށުން ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ޖެނުއަރީގަ އެވެ.
"އަޅުގަނޑުމެން ގަސްތުކުރަނީ އަދި ނިންމާފައިވާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި އަޅުގަނޑުމެންގެ އާސަންދައަކީ ހަމައެކަނި ވަކި ގައުމެއްގައި، ވަކި ދިމާލެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދާ ތައިލެންޑަށާއި ޔޫއޭއީއަށް އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން،" ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގެން އެއާޕޯޓުގައި ދެއްވި ސްޓޭޓްމަންޓުގައި ރައީސް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - މިއަދު މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހުމާން ވަނީ އެކަން މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ ސުވާލުކުރައްވާފަ އެވެ.
އަބްދުއްރަހުމާން ދެ ފަހަރެއްގެ މަތިން އެ ސުވާލު ކުރެއްވުމުން ހީނާ ވިދާޅުވީ ރައީސް ވިދާޅުވި ގޮތަށް ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.
"ރައީސްގެ ވައުދެއް އެއީ. ނުވަތަ އެމަނިކުފާނު ވިދާޅުވެފައިވޭ ދުބާއީ ނުވަތަ ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް. އިރާދަކުރެއްވިއްޔާ ރައީސް އެ ވައުދު ފުއްދަވާނެ،" ހީނާ ވިދާޅުވި އެވެ.
"އާސަންދައިން މިހާރު ޔޫއޭއީ އަދި ތައިލެންޑުގެ ހޮސްޕިޓަލްތަކާ އެކީ މަސައްކަތަކެއް ކުރެވި ބަޔަކާ އެކީ ކުރިއަށްދެވޭނެ ހިސާބަށް ވާސިލުވެފައި އެބަވޭ. އެ ހިދުމަތް ދެވޭނެ ދުވަހަކާއި އެކަމާ ބެހޭ އިތުރު ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރަމުންދާނަން."
އެނގުން މުހިންމު - ދުބާއީ އާއި ތައިލެންޑަށް އާސަންދަ ފުޅާކުރައްވާނެކަން އިއުލާންކުރެއްވި ދުވަހު ރައީސް އިތުރަށް ފާހަގަކުރެއްވި ކަންތައްތަކަކީ:
-
އާސަންދައިގެ ދަށުން އެ ގައުމުތަކުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ހޮސްޕިޓަލްތަކުގައި ބޭސްފަރުވާގެ އިތުރުން އެކޮމެންޑޭޝަން ހަރަދުތައް ވެސް އޭގެތެރޭގައި ހިމާނާނެ
-
އޭރުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ވަންދެން ދިވެހިން ދާނީ ފެންވަރުގެ ސިއްހީ ނިޒާމުތައް ހުންނަ ގައުމުތަކުގެ ހޮސްޕިޓަލު ތަކަށް ކަމަށް ރައީސް ވިދާޅުވި
-
އެފަދަ ގައުމުތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތައް
އާސަންދައިގެ ހިދުމަތް މިހާރު ރާއްޖެއިން ބޭރުން ލިބެނީ އަވައްޓެރި އިންޑިއާ އާއި ލަންކާގެ ބައެއް ހޮސްޕިޓަލުތަކުން ނެވެ. މިތަންތަނުން ބޭސްފަރުވާ ކުރަން ދާ ދިވެހިންގެ އަތުން އެންމެ ބޮޑު ހަރަދެއް ދަނީ އެކޮމަންޑޭޝަން ހަރަދުތަކަށެވެ.
ކޮމެންޓް (2)
އަހުނާ
ސިކުނޑި